ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަހަރެމެން ކާބޯތަކެތީގެ ބޮޑު ބަޔަކީ “އަލްޓްރާ-ޕްރޮސެސްޑް” ތަކެތި: މީގެ ހުރިހާ ބާވަތަކީ ސިއްހަތަށް ނުރައްކާތެރި ތަކެތިތަ؟

އާންމުކޮށް އެމެރިކާގެ ބޮޑެތި މީހުން ބޭނުންކުރާ ކެލޮރީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަލްޓްރާ-ޕްރޮސެސްޑް (ނުވަތަ އިންތިހާއަށް ސިނާއީ ބަދަލުތައް ގެނެސްފައިވާ) ކާބޯތަކެތިންނެވެ.

ކާބޯތަކެތި ގަންނަ ފިހާރައެއްގެ ކިއޫގައި ދެމީހަކު އެބަތިއްބެވެ. އެކަކުގެ ކާޓުގައި ހުރީ އިންސްޓަންޓް ނޫޑްލްސް، ހޮޓްޑޯގް، އައިސްކްރީމް އަދި ފޮނި ބުއިންތަކެވެ. އަނެއް މީހާގެ ކާޓުގައި ހުރީ ހޯލް-ގްރެއިން ޕާން، ބްރެކްފަސްޓް ސީރިއަލް، ފެޓް މަދު ޕީނަޓް ބަޓަރު އަދި ސްޓްރޯބެރީ ޔޯގަޓެވެ. މީގެ ތެރެއިން އަލްޓްރާ-ޕްރޮސެސްޑް ފުޑްސް (ޔޫ،ޕީ،އެފް) ގަންނަނީ ކާކު ހެއްޔެވެ؟

މިއީ އޮޅުން އަރާފާނެ ސުވާލެކެވެ. އޭގެ ޖަވާބަކީ: ދެމީހުންވެސްމެއެވެ.

ޔޫ.ޕީ.އެފް އަކީ މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް ދެކެވޭ އަދި އާންމު ސިއްހަތާ މެދު ކަންބޮޑުވުން އިތުރުވަމުންދާ މައުޟޫއެކެވެ. މިފަދަ ކާބޯތަކެއްޗަކީ ކެއުމުގެ ފެންވަރު ދަށްކޮށްދޭ އަދި ސިއްހީ ގިނަ މައްސަލަތަކަކާ ގުޅިފައިވާ އެއްޗެހިތަކެކެވެ. ނަމަވެސް އަލްޓްރާ-ޕްރޮސެސްޑް ކާބޯތަކެއްޗަކީ ކޮބައި ހެއްޔެވެ؟

އިންޓަނޭޝަނަލް ހެލްތުގެ އެސޯސިއޭޓް ޕްރޮފެސަރ ޖޫލިއާ ވޯލްފްސަން ވިދާޅުވާ ގޮތުގައި، އެމެރިކާގައި އަހަރެމެން ކާބޯތަކެތީގެ ބޮޑު ބަޔަކީ މިފަދަ ތަކެތި ކަމަށާއި، ކާބޯތަކެތީގެ ނިޒާމުގައި އެންމެ ބޮޑު ހިއްސާއެއް ވަނީ މިތަކެއްޗެވެ. އާންމު ފިހާރައެއްގެ ހަރުތަކުގައި ހުންނަ ގިނަ ކާބޯތަކެއްޗާއި ބުއިންތަކަކީ އަލްޓްރާ-ޕްރޮސެސްޑް ތަކެތި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަންދާޒާ ކުރެވޭ ގޮތުގައި އެމެރިކާގެ ކާބޯތަކެތީގެ 75 އިންސައްތައަކީ އަލްޓްރާ-ޕްރޮސެސްޑް ތަކެތި ކަމަށާއި، ބޮޑެތި މީހުން ބޭނުންކުރާ ކެލޮރީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދި ކުޑަކުދިން ބޭނުންކުރާ ކެލޮރީގެ 60 އިންސައްތައަށްވުރެ ގިނަ ބަޔަކީ މިފަދަ ތަކެއްޗެވެ.

ނަމަވެސް، ހުރިހާ އަލްޓްރާ-ޕްރޮސެސްޑް ކާބޯތަކެއްޗަކީ އެއްވަރަކަށް ނުރައްކާތެރި ތަކެއްޗެއް ނޫނެވެ. މީގެ ތެރެއިން “ޖަންކް ފުޑް” އާއި ސިއްހަތަށް ފައިދާހުރި ބައެއް ބާވަތްތައް ވަކިކުރުމަކީ ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. އަދި މިތަކެތި ބޭނުންކުރުން މަދުކުރުމަކީ އެއަށްވުރެ ވެސް އުނދަގޫ ކަމެކެވެ.

ކާބޯތަކެތި “އަލްޓްރާ-ޕްރޮސެސްޑް” ވަނީ ކިހިނެއް؟
ވޯލްފްސަން ވިދާޅުވާ ގޮތުގައި، އިންސާނީ ތާރީޚުގައި ކާބޯތަކެތި ތައްޔާރުކުރުމުގެ އެކި މަރުހަލާތައް (ޕްރޮސެސިންގް) އަބަދުވެސް އޮވެއެވެ. އެންމެ ކުރީގައި އަލިފާން ބޭނުންކޮށްގެން ކެއްކުމާއި، އޭގެ ފަހުން ކާބޯތަކެތި ގިނަދުވަހު ބެހެއްޓުމަށްޓަކައި ހިއްކުމާއި، ދުންޖެއްސުމާއި، ލޮނު އެޅުމާއި، ދަޅުގައި ބަންދުކުރުން ފަދަ ގޮތްތައް ބޭނުންކުރަމުން އައިސްފައިވެއެވެ. އާންމުކޮށް ޕްރޮސެސްކޮށްފައި ހުންނަ ތަކެތީގެ ތެރޭގައި ގޭގައި ފިހާ ޕާނާއި، ޗީޒް އަދި ދަޅުގައި ހުންނަ މަސް ހިމެނެއެވެ. ނަމަވެސް “އަލްޓްރާ-ޕްރޮސެސްޑް” ތަކެތި މިއާ މުޅިން ތަފާތެވެ.

މިވެސް ކިޔާލަން:  ސެންޓު ސީރީޒް: ވެލެންޓީނޯގެ "ވެންޑެޓާ ޑޯނާ"

މި ލަފުޒު އުފެދިފައިވަނީ “ނޯވާ” ފުޑް ކްލެސިފިކޭޝަން ސިސްޓަމުންނެވެ. ނޯވާ ކްލެސިފިކޭޝަނަކީ، ކާބޯތަކެތި ސިނާޢީ ގޮތުން ތައްޔާރުކޮށްފައިވާ މިންވަރަށާއި އެ ތަކެތި އުފެއްދި މަޤްޞަދަށް ބަލައި، ހަތަރު ގިންތިއަކަށް ބަހާލުމަށް ބޭނުންކުރާ ނިޒާމެކެވެ. އެއީ:

1- ޕްރޮސެސް ނުކުރާ ނުވަތަ މަދު މިންވަރަކަށް ޕްރޮސެސްކޮށްފައިވާ ތަކެތި: މިސާލަކަށް މޭވާ، ތަރުކާރީ، ކިރު ނުވަތަ މަސް.

2- ކެއްކުމަށް ބޭނުންކުރާ ތަކެތި: މިސާލަކަށް ލޮނު، ހަކުރު، ޒައިތޫނި ތެޔޮ އަދި ބަޓަރު.

3- ޕްރޮސެސްކޮށްފައިވާ ތަކެތި: މިސާލަކަށް ޖޭމް، އަސާރަ ނުވަތަ ދަޅުގައި ހުންނަ މޭވާ.

4- އަލްޓްރާ-ޕްރޮސެސްޑް ތަކެތި: މިސާލަކަށް އެނާޖީ ޑްރިންކްސް، އިންސްޓަންޓް އޯޓްމީލް، ޕެކެޓްކޮށްފައި ހުންނަ ޕާން ނުވަތަ ހޮޓްޑޯގް.

އަލްޓްރާ-ޕްރޮސެސްޑް ކާބޯތަކެތީގައި އާންމު ބަދިގެއަކުން ނުފެންނާނެ އެތައް ބާވަތެއްގެ ކެމިކަލް މާއްދާތައް ހިމެނެއެވެ. މީގެ ތެރޭގައި ޕްރިޒަވޭޓިވްސް، އިމަލްސިފަޔަރސް، ހައި ފްރަކްޓޯސް ކޯން ސިރަޕް ފަދަ ފޮނިކުރާ މާއްދާތަކާއި، އާޓިފިޝަލް ކުލައާއި ރަހަ ހިމެނެއެވެ. މިތަކެތި ތައްޔާރުކުރުމުގައި ބޭނުންކުރާ ސިނާއީ އުކުޅުތަކުގެ ސަބަބުން، ނިމޭއިރު އޭގައި އަސްލު ކާނާގެ ބާވަތްތަކުގެ އެއްވެސް ސިފައެއް ނުހުރެއެވެ.

ޔޫ.ޕީ.އެފް ތަކުގެ އާންމުކަމާއި އެއަށް މީހުން ހިތްޖެހޭގޮތް
އަލްޓްރާ-ޕްރޮސެސްޑް ތަކެތީގެ ތެރޭގައި ފޮނި ބުއިންތަކާއި، ޗިޕްސް، ބިސްކޯދު، މިކްސްކޮށްފައި ހުންނަ މެކަރޯނީ، ފްރޯޒަން ކާބޯތަކެތި އަދި ހޮޓްޑޯގް ފަދަ ތަކެތި ހިމެނެއެވެ.

މިތަކެތި ތައްޔާރުކުރާ ގޮތުގެ ސަބަބުން، މިއީ އިންސާނުންގެ ދުލަށް ނުހަނު މީރު، އަދި އެއަށް ދެވިހިފާ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ތަކެތި ކަމަށް ވޯލްފްސަން ވިދާޅުވެއެވެ. މީގައި ހުންނަ ހަކުރާއި، ފެޓް އަދި ލޮނުގެ ސަބަބުން ސިކުނޑީގެ “ރިވޯޑް ސިސްޓަމް” ހޭލައްވާލައި، ކެއުން ހުއްޓާލަން އުނދަގޫ ކުރުވައެވެ.

މިވެސް ކިޔާލަން:  ވެއިޓް ވޮޗާސް ސްމޫތީ - މޭވާގެ ސްމޫތީތައް

މީގެ އިތުރުން، މިތަކެއްޗަކީ ހަށިގަނޑަށް ފަސޭހައިން ހަޖަމުވާ ގޮތަށް ހުންނަ ތަކެތި ކަމަށްވާތީ، ބަނޑުފުރޭކަމުގެ އިހުސާސް ކުޑަކޮށްދެއެވެ. މީގެ ސަބަބުން މީހުންނަށް މާ ގިނައިން ކެވޭ ގޮތްވެއެވެ. އަދި ފައިބަރުގެ މިންވަރު މަދުވުމުގެ ސަބަބުން ބަނޑުފުރިފައި ހުންނަ ވަގުތު ކުރުވެއެވެ.

ބައެއް ޔޫ.ޕީ.އެފް ތަކަކީ އެހެން ތަކެއްޗަށްވުރެ ނުރައްކާ ކުޑަ އެއްޗެހި
ހުރިހާ އަލްޓްރާ-ޕްރޮސެސްޑް ކާބޯތަކެއްޗަކީ ސިއްހަތަށް އެއްވަރަކަށް ގެއްލުންހުރި ތަކެއްޗެއް ނޫނެވެ. ވޯލްފްސަން ވިދާޅުވާ ގޮތުގައި، މީގެ ތެރޭގައި “ޖަންކް ފުޑް” ހިމެނޭ ފަދައިން، އާއިލާތަކުން ކޮންމެ ދުވަހަކު ކެއްކުމަށް ބޭނުންކުރާ ބައެއް ފައިދާހުރި ބާވަތްތައް ވެސް ހިމެނެއެވެ.

މިސާލަކަށް، ބައެއް ކަހަލަ ހޯލް-ގްރެއިން ޕާން، ޔޯގަޓް، އިންސްޓަންޓް އޯޓްމީލް އަދި ޕާސްތާ ސޯސް ފަދަ ތަކެއްޗަކީ ވެސް އަލްޓްރާ-ޕްރޮސެސްޑް ތަކެއްޗެވެ. ނަމަވެސް މީގައި ސެޗުރޭޓެޑް ފެޓާއި ހަކުރު މަދުވެފައި، ބަލިތަކުން ރައްކާތެރިކޮށްދޭ ނިއުޓްރިއެންޓްސް ހިމެނެއެވެ. ހަމައެހެންމެ، ސޯޔާ މިލްކާއި މަހުގެ ބަދަލުގައި ބޭނުންކުރާ ޕްލާންޓް-ބޭސްޑް ތަކެއްޗަކީ ވެސް ޔޫ.ޕީ.އެފް ކަމުގައި ވިޔަސް، އޭގެއިން ފައިދާ ލިބިދެއެވެ.

ސިއްހަތަށް ގެއްލުންވަނީ ކީއްވެ؟
އަލްޓްރާ-ޕްރޮސެސްޑް ކާބޯތަކެތި ގިނައިން ބޭނުންކުރުމަކީ ބޮޑެތި ބަލިތަކަކަށް މަގުފަހިވާ ކަމެއްކަން 2024 ވަނަ އަހަރުގެ ދިރާސާއަކުން ދައްކައެވެ. މީގެ ތެރޭގައި ފަލަވުމާއި، ހަކުރުބަލި، ހިތުގެ ބަލިތައް، ކެންސަރުގެ ބައެއް ބާވަތްތައް، ނޭވާލާ ނިޒާމުގެ މައްސަލަތައް، އަދި ނަފްސާނީ ބަލިތައް ހިމެނެއެވެ.

މިސާލަކަށް، ޕްރޮސެސްކޮށްފައި ހުންނަ މަހުގެ ބާވަތްތަކަކީ (ސޮސެޖް، ހޮޓްޑޯގް ފަދަ ތަކެތި) ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި ކޮލޮރެކްޓަލް ކެންސަރު ޖެހުމަށް މެދުވެރިވާ ފުރަތަމަ ދަރަޖައިގެ ނުރައްކާތެރި މާއްދާތަކެކެވެ.

މިވެސް ކިޔާލަން:  ބޮޑު މުސާރައަށްވުރެ އާއިލާ މުހިންމު: ޔަޝަސްވީ ސޯނީ

ފޮނި ބުއިންތަކަކީ ސިއްހަތަށް އެންމެ ބޮޑަށް ގެއްލުންދޭ އެއް ބާވަތް ކަމަށް ވޯލްފްސަން ފާހަގަކުރައްވައެވެ. މީގައި ހިމެނޭ މަތީ މިންވަރުގެ ހަކުރާއި އާޓިފިޝަލް މާއްދާތަކަކީ ހަށިގަނޑަށް ބޭނުންވާ އެއްވެސް މުހިންމު ނިއުޓްރިއެންޓެއް އެކުލެވޭ އެއްޗެއް ނޫނެވެ. މީގެ ސަބަބުން ހަކުރުބައްޔާއި، ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ.

މިފަދަ ތަކެތި ޕްރޮސެސްކުރާ ގޮތުގެ ސަބަބުން، އެއީ ހަށިގަނޑަށް ވަނުމުގެ ކުރިން “މާބޮޑަށް ހަޖަމުވެފައިވާ” ތަކެތި ފަދައެވެ. އެހެންކަމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިވެ، ހަށިގަނޑުގެ މެޓަބޮލިޒަމަށް ނޭދެވޭ އަސަރުތައް ކުރެއެވެ. އަދި ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކަށް (މައިކްރޯބަޔޯމް) ގެއްލުންވެ، ދިފާއީ ނިޒާމު ބަލިކަށިވުމަށް މެދުވެރިވެއެވެ.

ޔޫ.ޕީ.އެފް ބޭނުންކުރުން މަދުކުރާނީ ކިހިނެއް؟
އަލްޓްރާ-ޕްރޮސެސްޑް ތަކެތި މަދުކުރުމަށްޓަކައި ސަރުކާރުތަކުން ޓެކްސް އިތުރުކުރުމާއި، ކާބޯތަކެތީގެ ބޭރުގައި ޖަހާފައި ހުންނަ ލޭބަލްތައް އިތުރަށް ސާފުކޮށްދިނުން ފަދަ ސިޔާސަތުތައް އެކުލަވާލެވިދާނެއެވެ. ނަމަވެސް، މިތަކެތި މީހުން ބޭނުންކުރަނީ ހަމައެކަނި މީރުވެގެނެއް ނޫނެވެ. މިއީ ގިނަ ދުވަހު ހަލާކުނުވެ ހުންނަ، ތައްޔާރުކުރަން ފަސޭހަ، އަދި އަގުހެޔޮ ތަކެއްޗެވެ.

ވޯލްފްސަން ވިދާޅުވާ ގޮތުގައި، ޔޫ.ޕީ.އެފް މަދުކުރުމަށް ބާރުއަޅާއިރު، އާންމުންނަށް ސިއްހަތަށް ފައިދާހުރި ކާނާ ގަނެވޭނެ ފަދަ މާލީ ތަނަވަސްކަމާއި ފުރުސަތުތައް ހޯދައިދިނުމަކީ މުހިންމު ކަމެކެވެ.

އަމިއްލަ ފަރުދެއްގެ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް:

– ގޭގައި ތަރުކާރީ އާއި މޭވާ ފަދަ ފައިދާހުރި ތަކެތި އަބަދުވެސް ބެހެއްޓުން.

– ފިހާރައިން ތަކެތި ގަންނައިރު ލޭބަލް ކިޔައި، އޭގައި ހިމެނޭ މާއްދާތައް މަދު ތަކެތި އިޚްތިޔާރުކުރުން.

– ފޮނި ބުއިންތަކުގެ ބަދަލުގައި ފެން ބުއިން.

– ހުދު ޕާނުގެ ބަދަލުގައި ހޯލް-ވީޓް ޕާން ބޭނުންކުރުން.

– ބޭރުން ކާއިރު، ތެލުލި ތަކެތީގެ ބަދަލުގައި ފިހެފައި ނުވަތަ ކައްކާފައި ހުންނަ މަހާއި ތަރުކާރީ ފަދަ ތަކެތި އިޚްތިޔާރުކުރުން.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top