ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވިހެއުމަށްފަހު ވަގުތުން ޚިތާނުކުރުމާއި އޯޓިޒަމާ އެއްވެސް ގުޅުމެއް ނެތް – ދިރާސާ

– އާ ދިރާސާއަކުން ދައްކާގޮތުގައި ޚިތާނުކުރުމާއި އޯޓިޒަމާ ދެމެދު އެއްވެސް ގުޅުމެއް ނެތެވެ.

ޖޯންސް ހޮޕްކިންސް ބްލޫމްބާގް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ދިރާސާވެރިން އިސްވެ ތިބެ ކުރިއަށް ގެންދިޔަ ދިރާސާއެއްގައި، އުފަންވީއްސުރެ ބޮޑުވަމުން އައި ގާތްގަނޑަކަށް 3,000 ކުދިންގެ މަޢުލޫމާތު ދިރާސާކުރިއިރު، ވިހެއުމާ އެކު ޚިތާނުކުރި ފިރިހެން ކުދިންގެ ކިބައިން އޯޓިޒަމް ފެނުމުގެ ނުރައްކާ އިތުރުވެފައި ނުވާކަން ވަނީ ހާމަވެފައެވެ.

މީގެ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ކުރިން، ނުވަތަ 2013 އަދި 2015 ވަނަ އަހަރު ޝާއިޢުކުރި ދެ ދިރާސާއެއްގައި، ޚިތާނުކުރުމާއި އޯޓިޒަމާ ދެމެދު ގުޅުމެއް އޮވެދާނެ ކަމަށް އިޝާރާތްކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު އެމެރިކާ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން މީޑިއާތަކުގައި މި މައުޟޫޢަށް އަލުން ބަހުސްކުރެވެން ފެށިއެވެ.

އޯގަސްޓް 3 ވަނަ ދުވަހު “ޖޭ.އޭ.އެމް.އޭ ޕީޑިއޭޓްރިކްސް” މަޖައްލާގައި ޝާއިޢުކުރި މި އާ ދިރާސާ ބިނާކޮށްފައިވަނީ، އެމެރިކާގައި ކުރިއަށްދާ ކުޑަކުދިންގެ ޞިއްޙަތާ ބެހޭ ބޮޑު ދިރާސާއެއް ކަމަށްވާ “އީ.ސީ.އެޗް.އޯ” ކޯހޯޓް ސްޓަޑީގެ މަޢުލޫމާތުގެ މައްޗަށެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ޚިތާނުކުރުމާއި އޯޓިޒަމާ ދެމެދު އެއްވެސް ގުޅުމެއް ނެތެވެ. ވިހެއުމާ އެކު ޚިތާނުކުރި ކުދިންނާއި ޚިތާނުނުކުރާ ކުދިންނާ އަޅާކިޔާއިރު، ޚިތާނުކުރި ކުދިންނަށް އޯޓިޒަމް ޖެހުމުގެ ފުރުޞަތު ބޮޑުވެފައެއް ނުވެއެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ބްލޫމްބާގް ސްކޫލްގެ އެޕިޑެމިއޮލޮޖީ ޑިޕާޓްމަންޓުގެ ރިސާޗް ޕްރޮފެސަރ މޮނިކާ މެކްގްރާތު ވިދާޅުވި ގޮތުގައި، ޚިތާނުކުރުމާއި އޯޓިޒަމާ ގުޅުމެއް އޮވެދާނެ ކަމަށް ބެލެވޭތީ ބެލެނިވެރިން ތިބީ ކަންބޮޑުވެފައެވެ. ނަމަވެސް މި ހޯދުންތަކުގެ ސަބަބުން ބެލެނިވެރިންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަން ކުޑަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވެސް ކިޔާލަން:  މުރަކަ އިއާދަކުރުމަށް އޮސްޓްރޭލިއާއިން 3ޑީ ޕްރިންޓިންގް

އެމެރިކާގައި ޚިތާނުކުރާ މިންވަރު ދަށްވަމުންދާއިރު، ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އޯޓިޒަމް ހުންނަ ކަމަށް ދެނެގަނެވޭ ކުދިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) ގެ ރިޕޯޓްތަކަށް ބަލާއިރު، 2000 ވަނަ އަހަރު ކޮންމެ 150 ކުއްޖަކުން އެކަކަށް އޯޓިޒަމް ޖެހިފައިވާއިރު، 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 8 އަހަރުގެ ކުދިންގެ ތެރެއިން ކޮންމެ 31 ކުއްޖަކުން އެކަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ. މިއީ ހަޤީޤަތުގައި އޯޓިޒަމް ޖެހޭ މިންވަރު އިތުރުވުމެއް ކަމެއް ނުވަތަ މިއީ ހޭލުންތެރިކަން އިތުރުވެ، ގިނައިން ޓެސްޓުކޮށް ބަލި ދެނެގަނެވޭ މިންވަރު އިތުރުވުމުގެ ނަތީޖާއެއް ކަމެއް ސާފެއް ނޫނެވެ.

ޚިތާނުކުރުމާއި އޯޓިޒަމާ ދެމެދު ގުޅުމެއް އޮވެދާނެ ކަމަށް ބުނެ މިދިޔަ އަހަރު އާންމުންގެ މެދުގައި ދެކެވުނު ވާހަކަތަކާ ގުޅިގެން، މެކްގްރާތު އާއި އޭނާގެ ޓީމުން މިކަން ދިރާސާކުރަން ނިންމީއެވެ. “މިކަން ތަޙުޤީޤު ކުރުމަށް ބޭނުންވާނެ ފުރިހަމަ މަޢުލޫމާތު އަޅުގަނޑުމެންގެ އަތުގައި ހުރިކަން އެނގޭ،” މެކްގްރާތު ވިދާޅުވިއެވެ.

މި ދިރާސާގައި އެމެރިކާގެ 14 ސަރަޙައްދަކުން 2,771 ފިރިހެން ކުދިން ބައިވެރިކުރިއެވެ. މީގެ ތެރެއިން ގާތްގަނޑަކަށް %66 (1,840) ކުދިންނަކީ ވިހެއުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ޚިތާނުކުރި ކުދިންނެވެ. އަދި %7 (192) ކުދިންނަކީ އެވްރެޖްކޮށް 3.8 އަހަރުގައި އޯޓިޒަމް ހުރިކަން ދެނެގަނެވިފައިވާ ކުދިންނެވެ.

ވިހެއުމާ އެކު ޚިތާނުކުރި ކުދިންގެ ތެރެއިން އޯޓިޒަމް ފެނިފައިވަނީ %6 (1,840 އިން 108) ކުދިންގެ ކިބައިންނެވެ. ޚިތާނުނުކުރާ ކުދިންގެ ތެރެއިން އޯޓިޒަމް ފެނުނު ނިސްބަތް %9 (931 އިން 84) އަށް އަރައެވެ. ނަމަވެސް، މައިންބަފައިންގެ އުމުރާއި އާއިލީ ތާރީޚު ފަދަ ނަތީޖާއަށް އަސަރު ފޯރުވަފާނެ ކަންކަމަށް ރިއާޔަތްކޮށް ބެލުމުން، ޚިތާނުކުރުމާއި އޯޓިޒަމާ ދެމެދު އެއްވެސް ސީދާ ގުޅުމެއް ނެތްކަން ސާބިތުވިއެވެ.

މިވެސް ކިޔާލަން:  ލޯތްބާއެކު އޯޓިޒަމް ކުއްޖެއްގެ، މައެއްގެ އާދޭސް!

ދިރާސާވެރިން ވަނީ ވިހެއުމަށްފަހު ވަގުތުން ދެވޭ “އެސިޓަމިނޯފަން” (ޕެރަސެޓަމޯލް) ބޭހުގެ އަސަރުވެސް ބަލާފައެވެ. ނަމަވެސް އެ ބޭނުންކޮށްފައިވާ މިންވަރު މަދުކަމުން (%5 އަށްވުރެ ދަށް)، އޯޓިޒަމާ އެކަމާ ހުރި ގުޅުން ދެނެގަނެވޭ ވަރަށް މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

“ފިރިހެން ކުދިން ޚިތާނުކުރުމާއި އޯޓިޒަމާ ދެމެދު އެއްވެސް ގުޅުމެއް ހުރިކަމަކަށް ނުފެނޭ. އެހެންނަމަވެސް، އާންމުކޮށް ކުރެވޭ މެޑިކަލް އިޖުރާއާތްތަކުގެ ރައްކާތެރިކަން ދިރާސާކުރުމަކީ އަދިވެސް މުހިންމު ކަމެއް،” މެކްގްރާތު ވިދާޅުވިއެވެ.

އޯޓިޒަމް ދެނެގަނެވޭ މިންވަރު އިތުރުވަމުންދާ ސަބަބުތައް ހޯދުމަށް މެކްގްރާތު އާއި އޭނާގެ ޓީމުން ދަނީ އިތުރު ކަންކަން ދިރާސާ ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top