ލާމު އަތޮޅުގައި ބޭއްވޭ ކަނޑުގެ މާހައުލު ރައްކާތެރިކުރުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ “ލާމަފަރު ފެސްޓިވަލް” ގެ 7 ވަނަ އެޑިޝަން ސިކްސް ސެންސަސް ލާމު އާއި މޯލްޑިވްސް އަންޑަރވޯޓަރ އިނީޝިއޭޓިވް (އެމް.ޔޫ.އައި) ގުޅިގެން ބޭއްވުމަށް ވަނީ ނިންމާފައެވެ.
ސިކްސް ސެންސަސް ލާމު އާއި މޯލްޑިވްސް އަންޑަރވޯޓަރ އިނީޝިއޭޓިވް (އެމް.ޔޫ.އައި) ގުޅިގެން ބާއްވާ ލާމަފަރު ފެސްޓިވަލް، ސެޕްޓެމްބަރު 5، 2026 ވާ ހޮނިހިރު ދުވަހު ލ. ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، ލާމު އަތޮޅުގެ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ބޭއްވޭ މި ބޮޑު ފެސްޓިވަލްގެ މިއަހަރުގެ ޝިއާރަކީ “އެންމެން އެކުވެގެން ކަނޑުތައް ރައްކާތެރިކުރަމާ” މިއެވެ. މި ހަރަކާތަކީ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ހަރަކާތެކެވެ.
ލާމު އަތޮޅުގެ ކަނޑުގެ މާހައުލަކީ ރާއްޖޭގެ ނިސްބަތުން ދިރުންތަކުން މުއްސަނދި މާހައުލެކެވެ. މި އަތޮޅުގެ ފަރުތަކާއި، މޫދުވިނައިގެ ސަރަހައްދުތަކާއި، ކަނޑޫފާތަކަކީ ހަމައެކަނި ރީތި މަންޒަރެއް ނޫނެވެ. އެއީ ރަށުގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި، ރަށްތައް ހިމާޔަތްކޮށްދޭ ގުދުރަތީ ވަސީލަތްތަކެވެ. ލާމަފަރު ފެސްޓިވަލްގެ މަގުސަދަކީ މި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ ޒިންމާ އެންމެން ގުޅިގެން އުފުލައި، ކަންކަން ދަސްކޮށް، އޭގެ އުފާ ފާޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އަމަލީ މަސައްކަތްތަކެއް ކުރުމަށް ބާރުއެޅުމެވެ.
2016 ވަނަ އަހަރު “ލާމު ޓާޓަލް ފެސްޓިވަލް”ގެ ނަމުގައި ފެށި މި ހަރަކާތް އަހަރުން އަހަރަށް ކުރިއަރައި، ވެލާގެ އިތުރުން މުރަކައިގެ ފަރުތަކާއި، މޫދުވިނަ އަދި ކަނޑޫފާތައް ހިމާޔަތްކުރުމަށް މިހާރު ވަނީ ފުޅާކުރެވިފައެވެ. މިހާތަނަށް މި ފެސްޓިވަލްގެ އެކި ހަރަކާތްތަކުގައި 43,900 އަށްވުރެ ގިނަ މީހުން އަމަލީގޮތުންނާއި ޑިޖިޓަލްކޮށް ބައިވެރިވެފައިވާއިރު، ލާމު އަތޮޅުގެ 12 ސްކޫލަކަށް މި ހަރަކާތުގެ މައުލޫމާތު ވަނީ ފޯރުކޮށްދެވިފައެވެ. މިއަހަރުގެ ފެސްޓިވަލްގައި ލާމު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ބައިވެރިން އެއްވެ، ތިމާވެށި ރައްކާތެރިކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

2023 ވަނަ އަހަރު ބޭއްވި ލާމާފަރު ފެސްޓިވަލްގެ ތެރެއިން / ސިކްސް ސެންސަސް ލާމު
ފެސްޓިވަލްގެ ޕްރޮގްރާމްތައް ބައްޓަންކޮށްފައިވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ފަދަ ގޮތަކަށެވެ. އެގޮތުން އެމް.ޔޫ.އައި ގެ ރިސާޗް ޓީމުން ތައްޔާރުކޮށްފައިވާ ތައުލީމީ މައުލޫމާތުތައް ފޯރުކޮށްދޭ މައުރަޒުތަކާއި، ކުޅިވަރުތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ދޭ މައުލޫމާތުތައް ހިމެނެއެވެ. މީގެއިތުރުން، ސައިންސްވެރިންނާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ސީދާ ބައްދަލުކޮށް މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ފެސްޓިވަލްގައި ހިމެނޭ މުބާރާތްތަކަކީވެސް ފާހަގަކޮށްލެވޭ ހަރަކާތްތަކެކެވެ. އޭގެ ތެރޭގައި “މޫދުގެ ވާހަކަ” ޕޯސްޓަރު ކުރެހުމުގެ މުބާރާތާއި، އުކާލާ ތަކެތި ބޭނުންކޮށްގެން ތަކެތި އުފެއްދުމުގެ މުބާރާތް ހިމެނެއެވެ. އަދި ދިވެހިންގެ ދިރިއުޅުން ދައްކުވައިދޭ ފޮޓޯގްރަފީ މުބާރާތެއްވެސް ކުރިއަށްދާނެއެވެ.
މީގެއިތުރުން، އަތޮޅުގެ ބައިވެރިން ގުޅިގެން ކުރަހާ ‘މޫރަލް’ ނުވަތަ ބޮޑު ފާރެއްގައި ކުރެހުމަކާއި، އުކާލާ ތަކެތިން ހެދުން އަޅައިގެން ކުރިއަށްގެންދާ “ރީފް ރެލީ” އަކީވެސް ފެސްޓިވަލްގެ މުހިންމު ބައިތަކެކެވެ. ފެސްޓިވަލް ނިންމާލުމުގެ ގޮތުން ބޮޑުބެރާއި ލާމު ސަގާފީ ހުނަރުތައް ދައްކުވައިދޭ ހަރަކާތްތައް ކުރިއަށްދާނެއެވެ.
މިއަހަރުގެ ފެސްޓިވަލްގެ ޝަރަފުވެރި މެހެމާނަކީ ދިވެހި ފެތުންތެރިޔާ އަދި ކަނޑުގެ ދިރުންތަކަށް ވަކާލާތުކުރާ އާމިނަތު ޒުނާއެވެ. މި ފެސްޓިވަލްގައި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް، ޕާލޭ މޯލްޑިވްސް، މޯލްޑިވްސް ވޭލް ޝާކް ރިސާޗް ޕްރޮގްރާމް ފަދަ ގިނަ ޖަމިއްޔާތަކަކުން ބައިވެރިވާނެއެވެ. ފެސްޓިވަލްގެ ތެރޭގައި ކާބޯތަކެއްޗާއި އަތޮޅުގެ އަމިއްލަ އުފެއްދުންތައް ވިއްކާ ސްޓޯލްތައްވެސް ހުންނާނެއެވެ.
ސިކްސް ސެންސަސް ލާމު:
ސިކްސް ސެންސަސް ލާމު އަކީ ލާމު އަތޮޅުގައި ހިންގާ ހަމައެކަނި ފަސްތަރީގެ ރިސޯޓެވެ. އިންޑިއާ ކަނޑުގެ މެދުގައި، ހިތްގައިމު ފަރުތަކެއްގެ މެދުގައި އޮންނަ މި ރިސޯޓުގެ ގިނަ ވިލާތަކާއި ވަސީލަތްތައް ބިނާކޮށްފައިވަނީ މޫދުގައެވެ. ނަމަވެސް، އަތިރިމަތީގައި ހުންނަ ވިލާތަކާއި، އެއްގަމުގައި ހުންނަ ކެއުންބުއިމުގެ ޚިދުމަތްދޭ ތަންތަންވެސް މި ރިސޯޓުގައި ހުރެއެވެ. ކޮންމެ ވިލާއަކީވެސް ކަނޑުގެ ހިތްގައިމު މަންޒަރުތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނޭހެން، ފުރިހަމަ މިނިވަންކަމާއި އެކަހެރިކަން ލިބޭގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ.
މި ރިސޯޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތަކާއި، އައިސްކްރީމް ޕާލާއަކާއި، މޫދުގައި ހުންނަ ވައިން ސެލާއެއްގެ އިތުރުން، އޯގަނިކް ބަގީޗާއަކާއި ޚާއްޞަ ބާރއެއްގެ ޚިދުމަތް ލިބެން ހުރެއެވެ. މީގެއިތުރުން، ސިކްސް ސެންސަސް ސްޕާ އާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ޚާއްޞަ މަރުކަޒެއް ކަމަށްވާ “ޝެލް”ގެ ޚިދުމަތްތަކުގެ އިތުރުން، އެއްގަމާއި ކަނޑު އަދި ކަނޑުއަޑީގެ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު މި ރިސޯޓުގައި އޮވެއެވެ.
