ދީނީ ސުވާލެއް އޮތީތަ؟
އިންޓަވިއު
ތަރިން: ހިނިތުންވުން، ލެވެލް 47 އަދި ފަޔާގެ ޚާއްޞަ އަވިއައިނު!

އަޅުގަނޑުމެންނަށް އަބަދުވެސް ސްކްރީނުން ފެންނަ މީހުންގެ ހަގީގީ ދިރިއުޅުން އެނގުމަކީ ހާއްސަ ކަމެކެވެ. އެއީ ދޭތެރެ ޖެއްސުމާއި، މައްސަލަތަކާއި ނުވަތަ އެމީހުންގެ އަމިއްލަ ކަންކަމާ ސުވާލުކުރުމުގެ ބަދަލުގައި، އެ މަޝްހޫރުކަމުގެ ފަހަތުގައިވާ ބުރަ މަސައްކަތާއި، ހިތްވަރާއި، ޝަޚްސިއްޔަތު ދެނެގަތުމެވެ.

މި މަގްސަދުގައި، “މުނިއަވަސް” އިން މިވަނީ އާ އިންޓަވިއު ސެގްމަންޓެއް ތައާރަފުކޮށްފައެވެ. “ތަރި” – މިއީ ދިވެހި މުޖުތަމައުގައި މަގްބޫލު އަދި އެންމެނަށް އެނގޭ ބައެއް ފަރާތްތަކާ ބައްދަލުކޮށް، އެމީހުންގެ ދިރިއުޅުމުގެ ތަޖުރިބާތަކާއި، އެމީހުންގެ ކާމިޔާބީގެ ފަހަތުގައިވާ ސިފަތައް ދެނެގަތުމަށް ލިބޭ ފުރުސަތެކެވެ.

އަޅުގަނޑަށް މި ފުރަތަމަ އިންޓަވިއު ހާއްސަވާ ސަބަބަކީ، އަޅުގަނޑު ހޮވައިލި ސުވާލުތަކަށް ޖަވާބުދޭން މި އިނީ ހަމައެކަނި ދިވެހިންގެ މެދުގައި މަގްބޫލު ޓިކްޓޮކް ޝަޚްސިއްޔަތެއް ނޫން ކަމަށްވާތީއެވެ. އޭނާއަކީ އަޅުގަނޑުގެ ގާތް ރަހުމަތްތެރިއެއް ކަމަށް ބުނުމުގެ ނަސީބުވެސް އަޅުގަނޑަށް ލިބިފައިވެއެވެ.

ފަޔާ، މި ފުރުސަތު ދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. “ޓިކްޓޮކް ފަޔާ“ގެ ނަމުން ގިނަ ބަޔަކު ދަންނަ މި ޝަޚްސިއްޔަތުގެ ފަހަތުގައިވާ އޭނާގެ ވިސްނުމާއި އަގުކުރުންތައް އެނގުމަކީ އޭނާގެ ފޮލޯވަރުންނާއި ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެކަން އަޅުގަނޑު ޔަޤީންކުރަމެވެ.

@fayaa1987

ހިންނަވަރަށް އުފަން ޙުސައިން ފަޔާޒު ,39 އަހަރު, އަކީ މިއަދު ރާއްޖޭގެ ޓިކްޓޮކް މުޖުތަމައުގައި ނުދަންނަ މީހަކު ނެތް ނަމެކެވެ.

ވިސްނުންތޫނު، ހުޝިޔާރު، މީހުންނާ ސަކަ މަޖާކޮށް ދިމާކޮށްލާ، ހަކަތައިން ފުރިގެންވާ އަދި މިހާރު އޭނާގެ އަމިއްލަ “ސިގްނޭޗާ” އެއްގެ ގޮތުގައި ބެލެވޭ އަވިއައިނު އަޅައިގެން ހުންނަ ފަޔާ، ގިނަފަހަރަށް ފެންނާނީ އެ އަވިއައިނާއެކުގައެވެ.

އޭނާގެ އުފެއްދުންތެރި ވީޑިއޯތަކާއި، ކުއްލިއަކަށް ތައްޔާރުކުރާ ކެއުންތަކާއި، ނެށުމާއި، ލަވަކިޔުމާއި، މަޖާ ކަންކަމުގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭނާގެ ޓިކްޓޮކް ލައިވް ސެޝަންތަކެވެ. އޭނާ ވަނީ ހަމައެކަނި ކޮންޓެންޓަށް ބަލައިގެން އަންނަ ބައެއްގެ ބަދަލުގައި، އޭނާގެ ޝަޚްސިއްޔަތަށް ލޯބިކުރާ ވަރުގަދަ އޯޑިއަންސެއް ބިނާކޮށްފައެވެ.

އަޅުގަނޑަށް ފަޔާ އެންމެ ފުރަތަމަ އެނގުނީ އޭނާގެ ލައިވްތަކުންނެވެ. ވަގުތާއެކު އެ ގުޅުން ވަނީ ހަގީގީ އެކުވެރިކަމަކަށް ބަދަލުވެފައެވެ. އެންމެ ފުރަތަމަ ދުވަހުވެސް ފަޔާގެ ކިބައިން ތަފާތު ސިފަތަކެއް އަޅުގަނޑަށް ފާހަގަކުރެވުނެވެ. އެއީ އޭނާ އެހެން މީހުންނާ ތަފާތުކޮށްދޭ ހާއްސަ ހަކަތައަކާއި ގާބިލިއްޔަތުކަމެވެ. އެ ގާބިލުކަން ބޭނުންކޮށްގެން، މިއަދު އޭނާ ބިނާކޮށްފައިވާ ބޮޑު އާއިލާއާއި ސަޕޯޓަރުން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ގާތްގަނޑަކަށް 98.1ހާސް ފޮލޯވަރުންނާއެކު، ފަޔާ ވަނީ ދިވެހި ޓިކްޓޮކްގެ އެންމެ މަޝްހޫރު އެއް މޫނަށް ވެފައެވެ. ހާއްސަކޮށް، ޓިކްޓޮކް ލައިވް ގޭމިންގްގައި އޭނާ ހޯދާފައިވާ ލެވެލް 47 އަކީ ގިނަ ބަޔަކު ހައިރާންކުރުވާ ކާމިޔާބީއެކެވެ.

އެކަމަކު ފަޔާއަށް ލެވެލް 47 އަކީ ކޮބައިހެއްޔެވެ؟

ފަޔާ ދެކޭގޮތުގައި އެއީ ހަމައެކަނި ނަންބަރެއް ނޫނެވެ.

“އެއްވެސް ބިރެއް ނެތި ކޮންމެ ކަމަކާ ކުރިމަތިލުމާއި، ސާބިތުކަމާއި، ކެތްތެރިކަމާއި އުންމީދާއެކު މަސައްކަތްކޮށްފިނަމަ، ކޮންމެ ކަމެއްވެސް ހާސިލުކުރެވޭނެ.”

އެ ލެވެލްގެ ފަހަތުގައިވަނީ އެތައް ގަޑިއިރެއްގެ ރޭވުންތެރިކަމާއި، ސާބިތުކަމާއެކު ކުރި ބުރަ މަސައްކަތެވެ. އޭނާ ބުނާ ގޮތުގައި، މި ހިސާބަށް އާދެވުނީ “ވަރަށް ބޮޑު މަސައްކަތަކާއި، ރޭވުންތެރިކަމާއި އަދި ވަގުތު ހޭދަކޮށްގެންނެވެ.”

މިއީ ފަހަރެއްގައި ބަލަން ތިބޭ މީހުންނަށް ނުފެނިދާނެ ކަންކަމެވެ.

ބޭރުފުށުން ބަލާއިރު ލައިވް ސެޝަނެއް ހިންގުމަކީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ފެނިދާނެއެވެ. ސްކްރީން ފަހަތުގައި ހަމަޖެހިލައިގެން އިނދެ ހީނ, ސަމާސާކޮށް މީހުން މުނިފޫހިފިލުވައިދިނުމެވެ. ނަމަވެސް، އަބަދު އޮންލައިންކޮށް މީހުންގެ ކުރިމަތީގައި ހުރުމަކީ އޭގެ އަނެއް ފަރާތެއްވެސް އޮންނަ ކަމެކެވެ.

މިވެސް ކިޔާލަން:  ޢަލީ ރަޝީދު – ހަފުތާގެ ތަރި

ލައިވް ހޯސްޓްކުރުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ އަސަރުތަކާއި އިހުސާސްތަކަކީ ބަލަން ތިބޭ މީހުންނަށް އަބަދު އިހުސާސް ނުކުރެވިދާނެ ކަންކަން ކަމުގައި ފަޔާ ސިފަކުރެއެވެ. ބައެއް ފަހަރު މި މަސައްކަތަކީ އުނދަގޫ ކަމަކަށް ވެސް ވެއެވެ.

އެހެންނަމަވެސް، އޭނާ އަބަދުވެސް ލައިވްއަށް އެނބުރި އަންނަނީ ވަރަށް އާދައިގެ ސަބަބަކާ ހުރެއެވެ. އެއީ އޭނާގެ އިންތިޒާރުގައި ބަޔަކު ތިބޭކަން އެނގޭތީއެވެ.

“އެކަނިވެރިކަމާއި، އަދި އަޅުގަނޑުގެ އިންތިޒާރުގައި ތިބޭ ސަޕޯޓަރުންގެ އަދަދު އިތުރުވަމުންދާކަން އެނގުން،” އޭނާ ބުންޏެވެ.

އޭނާގެ ދަތުރުގައި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑެވެ. ފަޔާ އަށް މިއީ ހަމައެކަނި އަދަދުތަކެއް ނޫނެވެ. މިއީ މީހުން އުފަލުގައި ތިބިކަން އެނގުމާއި، އޭނާގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނުވަތަ އުފާވެރިކަމެއް ލިބޭކަން އެނގުމެވެ. ވަރަށް ބުރަ ދުވަހަކަށް ފަހުވެސް، އޭނާގެ އިންތިޒާރުގައި ބަޔަކު ތިބިކަން އެނގުމުން ލައިވްއަށް އައުމުގެ ހިތްވަރު ލިބެއެވެ. އޭނާ ބިނާކޮށްފައިވާ ވަރުގަދަ މުޖުތަމައުގެ އަސްލަކީ ވެސް އެ ގުޅުމެވެ.

@fayaa1987 Shamveel (Barrow) – Love Mashup 8 #maldivestiktok #fyp #trending ♬ original sound – 𝐅 𝐈 𝐑 𝐄 🔥🇲🇻

ފަޔާގެ ހާއްސަ ސިފަ

ފަޔާގެ ލައިވްތައް ބަލާ މީހަކަށް އެންމެ އަވަހަށް ފާހަގަވާނެ ކަމަކީ އޭނާގެ މަޖާ މިޒާޖެވެ. ނަމަވެސް ފަޔާ ބުނާ ގޮތުގައި، މީހުން މުނިފޫހިފިލުވައިދިނުމުގެ މި ހުނަރަކީ އޭނާ ކުއްލިއަކަށް ހޯދި އެއްޗެއް ނޫނެވެ. އޭނާ ވަނީ އޭނާގެ ބެލުންތެރިންގެ ކިބައިން ވަރަށް ގިނަ ކަންކަން ދަސްކޮށްފައެވެ.

“އަޅުގަނޑުގެ އޯޑިއަންސާއި ބެލުންތެރިންގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވި. އަޅުގަނޑަށް ފެނުނު ގޮތުގައި ލައިވްގައި ދިމާވާ ކަންކަމާ ކުރިމަތިލާން އޮތް އެންމެ ރަނގަޅު ގޮތަކީ ހުޝިޔާރުކަމާއި މީހަކަށް ގެއްލުމެއް ނުވާފަދަ މަޖާ މިޒާޖެއް ގެންގުޅުން.”

އަވަހަށް ޖަވާބުދާރީވުމާއި، ކަންކަން މަޖާލަކަށް ހަދާލުމުގެ މި ހުނަރަކީ މިއަދު އޭނާގެ ސްޓައިލެވެ.

އެހެންވީމާ، ލައިވްއަކީ ‘އެކްޓް’ ކުރުމެއް ނޫން ކަމަށް ދައްކުވައިދީ، މީހުން ފޫހިނުކޮށް ހިފަހައްޓާލުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟

އޭނާގެ ޖަވާބަކީ ހަމަ ފަޔާގެ ސްޓައިލުގެ ޖަވާބެކެވެ:

“އަޅުގަނޑަކީ ހަމަ އަޅުގަނޑު. އަޅުގަނޑު އަމިއްލަ ނަފްސެއް ބަދަލެއް ނުކުރަން. އެކަމަކު އަބަދުވެސް އައު ކަމެއް ގެނެސްދީ މުނިފޫހިފިލުވައިދޭން މަސައްކަތްކުރަން.”

މިއީ ވަރަށް ތަފާތު ފަލްސަފާއެކެވެ. ޓްރެންޑްތަކުގެ ފަހަތުން ދުވުމުގެ ބަދަލުގައި، އޭނާ އިސްކަންދެނީ އަމިއްލަގޮތް ދަމަހައްޓަމުން އައު ކަންކަން ތައާރަފުކުރުމަށެވެ. ލައިވް ތެރޭގައި ކުއްލިއަކަށް ދިމާވާ ކަންކަމުގައިވެސް އޭނާ ގެންގުޅެނީ ވަރަށް ހަމަޖެހޭ އުސޫލެކެވެ. އެކަމަކަށް އަޅާނުލުން ނުވަތަ މަޖަލަކަށް ހަދާލައިފައި ދޫކޮށްލުމެވެ.

ރަނގަޅު ލައިވް ހޯސްޓަކަށް ވުމަށް ބޭނުންވަނީ މަޖާ މިޒާޖާއި، އަވަސް ވިސްނުމާއި، ކެތްތެރިކަމުގެ އިތުރުން އޯގާތެރިކަން ކަމަށް އޭނާ ގަބޫލުކުރެއެވެ. ބައެއް ފަހަރު އެންމެ މަޖާވަނީ އެއްވެސް ރޭވުމެއް ނެތި ހިނގާ ކަންކަމެވެ. އޭނާ ހަނދާންވާ އެއް ކަމަކީ، އޭނާ ލައިވްގައި ހުއްޓާ މީހަކު ކުއްލިއަކަށް “ކީއްކުރަނީހޭ؟” އެހި ހަނދާނެވެ. ލައިވްގައި އޭނާ ކުރާ ކަންތައް ބަލަން އިނދެ އެ ސުވާލު ކުރުމުން، އެ ސުވާލަކީވެސް ވަރަށް ބޮޑު ޖޯކަކަށް ވެގެންދިޔައެވެ.

އަބަދު ހަކަތައިން ފުރިފައި ހުންނަ މި ޓިކްޓޮކް ހޯސްޓް ބައެއް ފަހަރު މައިތިރިވެލާ ހެއްޔެވެ؟

“ބައެއް ފަހަރު.” އޭނާގެ މި ކުރު ޖަވާބުންވެސް އެތައް ވާހަކައެއް ބުނެދެއެވެ.

 

View this post on Instagram

 

A post shared by F I R E 🔥 🇲🇻 (@fayaa.mv)

ޓިކްޓޮކްގެ ބޭރުން ފަޔާ

މިވެސް ކިޔާލަން:  ބިޔަ ތަރިއެއްގެ ނިމުން

ޓިކްޓޮކަކީ ފަޔާގެ ދިރިއުޅުމުގެ އެއްބައެވެ. ސްކްރީނުގެ ބޭރުން އޭނާއަކީ ވޯޓާސްޕޯޓްސްގެ ދާއިރާގައި މަސައްކަތްކުރާ ހީވާގީ މީހެކެވެ.

“މިއީ އަޅުގަނޑުގެ ދާއިރާއަކީ، އަދި އަޅުގަނޑުގެ ފަންނަކީ. މި މަސައްކަތުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ،” އޭނާ ބުންޏެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ޓިކްޓޮކުން ފެންނަ ފަޔާ އާއި އޭނާގެ އަމަލީ މަސައްކަތުގެ މައިދާނުން ފެންނަ ފަޔާއާ ދެމެދު މާބޮޑު ތަފާތެއް ނެތް ކަމަށް އޭނާ ގަބޫލުކުރާ ކަމެވެ. ސްކްރީންގެ ފަހަތުގައި އޮތީ މުޅިން ތަފާތު އެހެން ޝަޚްސިއްޔަތެއް ނޫނެވެ.

ފަޔާގެ ރަސްމީ ވަޒީފާއަކީ ވޯޓާރސްޕޯޓްސް ދާއިރާ / ފޮޓޯ: ފަޔާ

ވޯޓާސްޕޯޓްސްގެ މަސައްކަތުން އޭނާއަށް ދަސްވި ކަންކަމުގެ އަސަރު އޭނާގެ ޓިކްޓޮކް މަސައްކަތަށްވެސް ކުރެއެވެ. އަޚްލާގާއި، ކެތްތެރިކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، ކުއްލިއަކަށް ދިމާވާ ހާލަތްތަކާ ކުރިމަތިލުމުގެ ހުނަރަކީ ކަނޑުމަތީގައާއި އޮންލައިންކޮށްވެސް އޭނާއަށް ބޭނުންތެރި ސިފަތަކެކެވެ.

ގިނަވަގުތު ހޭދަވާ ޓިކްޓޮކް ލައިވްއަކާއި، ބުރަ މަސައްކަތުގެ ދުވަހަކާ ދެމެދު އެންމެ ބޮޑު ހަކަތައެއް ހޭދަވަނީ ކޮން ކަމަކަށްތޯ އެހުމުން، އޭނާގެ ޖަވާބު ވަރަށް އަވަހެވެ. އެއީ އޭނާގެ ވަޒީފާއެވެ. ބުރަ ހަލާލު މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ވޯޓާސްޕޯޓްސްއަށް އޭނާގެ ހިތުގައި އޮތް ލޯތްބަކީ ދިވެއްސަކަށް ވީތީ އުފެދިފައިވާ ގުޅުމެކެވެ.

“އަޅުގަނޑު ގަބޫލުކުރަނީ އެއީ އަޅުގަނޑުމެންގެ ލޭގައި ހުންނަ ކަމެއް ކަމަށް… ދިވެއްސަކަށް ވީތީ އަޅުގަނޑު އެކަމަށް ލޯބިކުރަން.”

އޭނާގެ ވަޒީފާއާއި ޑިޖިޓަލް ދުނިޔެއިން އޭނާ މިއަދު މިހުރި މީހާ ބައްޓަންކުރުމަށް އެހީތެރިވެދިނެވެ. މިއީ ތަފާތު ދެ ދުނިޔެއެއް ކަމަށްވިޔަސް، ދެކަމުގައިވެސް ބޭނުންވަނީ އެއްވަރެއްގެ ސާބިތުކަމެކެވެ.

ފޮލޯވަރުންނަށްވުރެ އާއިލާއަށް އިސްކަން

އޮންލައިންކޮށް މީހުން މުނިއަވަސްފިލުވައިދިނުމުގައި ގިނަ ވަގުތު ހޭދަކުރި ނަމަވެސް، ފަޔާ އިސްކަންދޭ ކަންކަން ވަރަށް ސާފެވެ. އެއީ އާއިލާއެވެ.

“އެއީ އަޅުގަނޑަށް ވަރަށް ވަރަށް މުހިންމު ކަމެއް. އަދި އަޅުގަނޑުގެ އެންމެ ފުރަތަމަ އިސްކަންދޭ ކަންތައް.”

އޭނާގެ ލައިވްތައް ބަލާ މީހުންނަށް އޭނާގެ އާއިލީ ދިރިއުޅުމުގެ ބައެއް މަންޒަރުތައް ފެނިފައިވާނެއެވެ. ހާއްސަކޮށް އޭނާގެ މަންމައާއެކު އޮންނަ ގާތް ގުޅުމެވެ. މަންމަގެ އެހީތެރިކަމާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ދިނީ ވަރަށް ލޯބި ޖަވާބެކެވެ:

“އެއީ އަޅުގަނޑުގެ ކާމިޔާބީގެ ސިއްރަކީ. މަންމައަކީ އަޅުގަނޑަށް ހުރި ބަރަކާތެއް.”

މިއީ އާދައިގެ ބަހެއް ނަމަވެސް، އޭނާގެ ދިރިއުޅުމުގައި މަންމަގެ މަގާމު ވަރަށް ރަނގަޅަށް ހާމަކޮށްދޭ ބަހެކެވެ.

ފަޔާ އޭނާގެ ލޮބުވެތި މަންމައާއި ބައްޕައާއެކު / ފޮޓޯ: ފަޔާ

މީގެ އިތުރުން، މިދިޔަ އަހަރު ކެންސަރު ބަލީގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. އެ ހިތްދަތި ތަޖުރިބާގެ ތަފްސީލު ސިއްރުކޮށް ބެހެއްޓުމަށް އޭނާ ބޭނުންވެއެވެ. ނަމަވެސް، ބައްޕަ ނިޔާވުމުގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަން އޭނާ ގަބޫލުކުރެއެވެ. އެކަމުގެ ސަބަބުން ވަގުތާއި، އާއިލާއާއި، ދިރިއުޅުމަށް ބަލާ ގޮތް ބަދަލުވެ، ގާތުގައި ތިބި މީހުންގެ އަގުވަޒަންކުރަން އޭނާއަށް ދަސްވިއެވެ.

އަމިއްލަ ސިއްރުތައް ހިފަހައްޓާ މަޝްހޫރު ޝަޚްސިއްޔަތެއް

މިއަދުގެ ސޯޝަލް މީޑިއާ ސަގާފަތުގައި ބެލުންތެރިން ބޭނުންވަނީ އެމީހުން ފޮލޯކުރާ މީހާގެ ދިރިއުޅުމުގެ ހުރިހާ ތަފްސީލެއް އެނގުމަށެވެ. ނަމަވެސް ފަޔާ ގެންގުޅެނީ ތަފާތު އުސޫލެކެވެ. އޭނާއަށް އަމިއްލަ މިނިވަންކަމާއި ސިއްރުތައް (ޕްރައިވެސީ) ވަރަށް މުހިންމެވެ.

މަޝްހޫރު މީހަކަށް ވުމަކީ ހުރިހާ ކަމެއް ހިއްސާކުރަންޖެހޭ ކަމެއް ހެއްޔެވެ؟ އޭނާގެ ޖަވާބަކީ ސާފު “ނޫނެކެވެ.” އަދި ގިނަ ބަޔަކު ފޮލޯކުރުމަކީ އެމީހެއްގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެނގުމުގެ ހައްގު ލިބޭ ކަމެއް ކަމަށް ގަބޫލުކުރާ މީހުންނަށް އޭނާ ދޭން އޮތް މެސެޖަކީ:

“މައިންޑް ޔޯ އޯން ބިޒްނަސް” މިއީ މަޖާ ގޮތަކަށް ބުނި ބަހެއް ނަމަވެސް، މީގެ ފަހަތުގައި މުހިންމު މެސެޖެއްވެއެވެ.

މީހުންނަށް ފެންނަ ހިސާބުގައި ހުރުމަކީ ހުރިހާ ކަމެއް ހާމަކުރުމެއް ނޫނެވެ. އެތައް ހާސް ބަޔަކު މުނިއަވަސްފިލުވައިދެމުންވެސް، އަމިއްލަ ދިރިއުޅުމުގެ އިންތައް ބެހެއްޓިދާނެއެވެ.

ފަޔާއަކީ އޭނާގެ އަމިއްލަ ސިގްނޭޗަރއެއްގެ ގޮތުގައި އަވިއައިނުގައި ފެންނަ ފަންނާނެއް / ފޮޓޯ: މުނިއަވަސް ގްރެފިކްސް

އަމިއްލަ މަގެއް ކޮށުން

މިވެސް ކިޔާލަން:  "ހަނާ" ގެ ދޮންތަ ގަމަރީއާ އެކު ވަގުތުކޮޅެއް

ފަޔާގެ ކުރިއެރުމަކީ ހުރިހާ ތަނެއްގައި އުޅުމެއް ނޫނެވެ. އޭނާ ވަނީ އޭނާގެ އަމިއްލަ ދާއިރާއެއް ބިނާކޮށްފައެވެ. ގޭމް ކުޅުމާއި، ލައިވްތަކާއި، ކެއްކުމާއި، ނެށުމާއި ލަވަކިޔުމާ, އެކްޓް ލިޕްސިންކާ އެކު އޭނާގެ ކޮންޓެންޓް އަބަދުވެސް ބަދަލުވަމުންދެއެވެ. މީގެ އިތުރުން، ކުޑަކުދިންނާ ގުޅޭ ހާއްސަ މުނާސަބަތުތަކުގައި ހަދިޔާ ދިނުން ފަދަ އުފާވެރިކަން ފަތުރާ ކަންކަމުގައިވެސް އޭނާ އުޅެއެވެ.

އޭނާ ބޭނުންވަނީ އޭނާގެ ލައިވްއަށް ވަންނަ މީހުންނަށް “ފަޔާ ސްޓައިލް” ތަޖުރިބާކުރެވުމަށެވެ. އެއީ މަޖާ، ހިތްތިރި، ހަކަތައިން ފުރިފައިވާ އަދި މުނިފޫހިފިލުވައިދޭ މާހައުލެކެވެ. ނަމަވެސް މަޖަލުގެ ތެރެއިންވެސް އޭނާ ބެލުންތެރިންނަށް މުހިންމު މެސެޖުތަކެއް ދެއެވެ. އޯގާތެރިވުމަށާއި، ހިތްތިރިވުމަށާއި، އަދި ބުރަ މަސައްކަތުން ކޮންމެ ކަމެއްވެސް ހާސިލުކުރެވޭނެކަން އޭނާ ހަނދާންކޮށްދެއެވެ.

އަލަށް ލައިވް ކުރަން ފަށާ ކުދިންނަށް އޭނާ ދޭ ނަސޭހަތަކީވެސް މިއެވެ. ހުރިހާ ތަނެއްގައި އުޅެން މަސައްކަތް ނުކުރާށެވެ. އެހެން މީހުން ކުރާ ކަންކަން ބަލަން ހަކަތަ ހުސްނުކުރާށެވެ. އަމިއްލަ ކަމެއް ބިނާކުރާށެވެ. ބުރަ މަސައްކަތްކޮށް، ސާބިތުކަމާއެކު ހުރެ، ކުރިއަށްދެވޭނެ ކަމަށް ގަބޫލުކުރާށެވެ.

ލެވެލް 47 އަށްވުރެ ދުރަށް

މި އިންޓަވިއުގައި އެންމެ ފުން މާނައެއް އެކުލެވިގެންވަނީ، މި ހުރިހާ އަދަދުތަކެއް އުނިކުރުމުން ބާކީ އޮންނާނީ ކޮން އެއްޗެއްތޯ ކުރެވުނު ސުވާލަށެވެ. ފޮލޯވަރުންނެއް ނެތެވެ. ލެވެލް 47 އެއް ނެތެވެ. ލައިވް ބެޓަލްތަކެއް ނެތެވެ. ބަލާނެ މީހުންނެއް އަދި ޓިކްޓޮކްގެ މަޝްހޫރުކަމެއްވެސް ނެތެވެ. މި ހުރިހާ ކަމެއް ނެތް ނަމަ ފަޔާއަކީ ކާކު ހެއްޔެވެ؟

އޭނާގެ ޖަވާބު ވަރަށްވެސް ސާދާއެވެ: އޯގާތެރި، ހިތްތިރި، އަދި އަޚްލާގު ރަނގަޅު މީހެކެވެ.

އަދި މިއަދުން ފެށިގެން އެތައް އަހަރެއް ފަހުން މީހުން އޭނާ ހަނދާން ބަހައްޓަން ބޭނުންވަނީ ކޮން ގޮތަކަށްތޯ އެހުމުން، އޭނާގެ ޖަވާބު ބިނާވެފައިވަނީ މަޝްހޫރުކަމުގެ މައްޗަކަށް ނޫނެވެ. އޭނާ ބޭނުންވަނީ އެންމެންނަށް އިހުތިރާމުކުރާ، ހިތްތިރި، އަދި ކޮންމެ ފަންތިއެއްގެ މީހަކާވެސް ގުޅޭ އޯގާތެރި މީހެއްގެ ގޮތުގައި މީހުން އޭނާ ބަލައިގަތުމަށެވެ.

ފަޔާގެ ވާހަކައިން އެނގިގެންދާ އެންމެ ޝައުގުވެރި ކަމަކީ މިއީއެވެ. އެ އަވިއައިނުގެ ފަހަތުގައިވަނީ މުނިފޫހިފިލުވައިދޭ ފަންނާނެކެވެ. އެ މަޖާ މިޒާޖުގެ ފަހަތުގައިވަނީ މަސައްކަތްތެރި ހީވާގީ މީހެކެވެ. ލެވެލް 47ގެ ފަހަތުގައިވަނީ ސާބިތުކަމާއި ކެތްތެރިކަމެވެ. ޓިކްޓޮކް ޝަޚްސިއްޔަތުގެ ފަހަތުގައިވަނީ އާއިލާއަށް އިސްކަންދޭ ބަސްއަހާ ދަރިއެކެވެ.

އަދި އިތުރުވަމުންދާ ފޮލޯވަރުންގެ ފަހަތުގައިވަނީ އޯގާތެރިކަމާއި، ހިތްތިރިކަމާއި، ބުރަ މަސައްކަތާއި އަދި އަމިއްލަ ނަފްސަށް ތެދުވެރިވުމަކީ މުހިންމު ކަންކަން ކަމަށް ގަބޫލުކުރާ އިންސާނެކެވެ.

ޓިކްޓޮކްގެ ސަބަބުން އަޅުގަނޑުމެންނަށް “ޓިކްޓޮކް ފަޔާ” ތައާރަފުވެގެން ހިނގައްޖެއެވެ. ނަމަވެސް، ސްކްރީނުގެ ފުރަގަހުގައިވާ އިންސާނާ ދެނެގަތުމުން އެނގިގެންދަނީ، ލައިވް ވިންޑޯއިން ފެންނަ މަންޒަރަށްވުރެ ބޮޑު، މާ ފުން ޝަޚްސިއްޔަތެއް އޭނާގެ ކިބައިގައިވާ ކަމެވެ.

ފަޔާއަށް ލެވެލް 47 އަކީ ކާމިޔާބީއެކެވެ. ނަމަވެސް އެއީ އޭނާގެ މަންޒިލެއް ނޫނެވެ. އެއީ ބުރަ މަސައްކަތާއި، ސަޕޯޓަރުންގެ އެހީތެރިކަމާއި، އާއިލާގެ ލޯތްބާއި، ކަނޑަށް އޮތް ޝައުގުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ދަތުރެއްގެ އެއް ބާބެވެ. އަދި އެންމެ މުހިންމު ކަމަކީ، ސާބިތުކަމާއި، ކެތްތެރިކަމާއި، އުންމީދާއެކު މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއްވެސް ހާސިލުކުރެވޭނެ ކަމަށް އޭނާ ކުރާ ފުރިހަމަ އިތުބާރެވެ.

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top