ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ޒުވާނުންނަށް ހިންގާ “ފިލްމް ފޯ ޗޭންޖް” ޕްރޮގްރާމްގައި އުފެއްދި ކުރު ފިލްމުތައް ޝްވެކް ސިނަމާގައި އިއްޔެ އާންމުކޮށް ދައްކާލައިފި އެވެ. މިއީ މުޖުތަމައުގައި ހުރި މައްސަލަތައް ދައްކުވައިދިނުމުގެ މަޤުޞަދުގައި ކުރު ފިލްމު އުފެއްދުމަށް ހިންގަން ފަށާފައިވާ ޕްރޮގްރާމެކެވެ.
އިއްޔެ ދެއްކި ފިލްމުތަކުގެ ތެރޭގައި މުޖުތަމައުގައި ހުރި މައްސަލަތަކާއި އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި އިބްރަތް ހާސިލުވާ ފަދަ ފިލްމުތައް ހިމެނެ އެވެ.
މި ޕްރޮގުރާމުގެ ތެރެއިން ޒުވާނުންނަށް އައު ކަންތަކެއް ދަސްވެގެންދިއުމުގެ އިތުރުން މުޖުތަމައުގައި ހުރި މައްސަލަތަކާ މެދު ވާހަކަ ދެކެވި، އެފަދަ މައްސަލަތައް ހައްލުކުރަން، ފިލްމުތަކުގެ ސަބަބުން ބާރު ލިބިގެން ދާނެ އެވެ. “ފިލްމް ފޯ ޗޭންޖް” ފަށާފައިވަނީ 16 އޯގަސްޓް 2017 ގައެވެ. އެގޮތުން މިއީ ނަމުގައި ޒުވާނުންނަށް ޓްރެއިނިންތައް ކުރިއަށް ގެންދިޔަ، މިއީ ދެވަނަ އަހަރެވެ.
މި އަހަރު ތައްޔާރުކޮށްފައިވަނީ ހަތަރު ކުރު ފިލްމެވެ. ނަމަ، ކުޑަ، ބިލާހް އަދި ވިލުނޫ ގެ ނަމުގައި އުފައްދާފައިވާ ފިލްމު ތަކުން މުޖުތަމައުއާ ގުޅުން ހުރި މުހިންމު މެސެޖުތައް ދީފައިވެ އެވެ.
“ކުޑަ” އިން ފެނިގެންދަނީ ތިމާވެށި ހަލާކުވެގެންދަނީ އިންސާނުންގެ އަމަލުތަކަކުން ކަމެވެ.
“ނަމަ” ފިލްމުގައި ފެނިގެންދަނީ އަންހެން ކުއްޖަކަށް އާއިލާގެ އަޅާލުން ނުލިބި ގޯސްމަގު ހިޔާރުކުުރާތަނެވެ. އަދި އަޅާލުން ލިބުނު ނަމަ ކަންތައް ދިމާވެދާނެ ގޮތް ދައްކުވައި ދެއެވެ.
“ވިލުނޫ” ގައި މޫދު އަޑީގެ ރީތި މަންޒަރުތަކާއެކު، އަންނަށް އޮތް ޖީލުތަކަށް ނަމޫނާއަކަށްވެ، އެކުދިންނަށް އެކަން ދަސްކޮށްދޭންޖެހޭ ކަން ދައްކުވައި ދެއެވެ.
“ބިލާހް” ގައި ފެނިގެން ދަނީ މުޖުތަމައުގައި ދިމާވާ މައްސަލަތަކެވެ. އޭގެ ތެރޭގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ތަފާތު ކުރުމާއި އަންހެނުންނަށް އަނިޔާކުރުންފަދަ މައްސަލަތަކާއި އެކަންތައް ބަދަލުކުރެވޭނެ ގޮތުގެ މެސެޖު ދެ އެވެ.
މިއީ ދިވެހި ފިލްމީ ދާއިރާއަށް ފިލްމު އުފެއްދުމުގެ މަސައްކަތް ކުރާނެ އާ ބައެއް ތަޢާރަފުވުމަށާއި އާ އެކްޓަރުން ތަޢާރަފު ވުމަށް ވެސް ބާރުއެޅިގެންދާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.
