އަލަށް ދޮވެފައިވާ، ސާފު ހުދު ބާލީސްއުރައެއްގައި ނިދާލުމަކީ ތިބާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ނަމަ، ތިބާއީ އެކަނި މިފަދައިން އިހުސާސްކުރާ މީހެއް ނޫނެވެ. އަދި ގަވާއިދުން ބާލީސްއުރަ ދޮވުނު ކަމުގައި ވިޔަސް، ދުވަސްކޮޅަކުން އޭގައި ފެންނަން ބޭނުންނުވާ ރީނދޫ ކުލައިގެ ލައްތަކެއް ޖަހަން ފަށާފާނެކަން ތިބާއަށް އެނގިދާނެއެވެ.
މިއީ ބާލީސްއުރަ ރަނގަޅަށް ސާފުނުވަނީ ކަމަށް ހީވެދާނެއެވެ. ނަމަވެސް، އެއީ ސަބަބަކަށް ނުވެދާނެއެވެ. އެހެންވީމާ، މި އުނދަގޫ ލައްތަކުގެ އަސްލަކީ ކޮބައި ހެއްޔެވެ؟ އަދި އަލުން އެ ބާލީސްއުރަތައް ކުރިން ހުރި ފަދައިން ހުދުކޮށް، ބަބުޅުވާލެވިދާނެ ހެއްޔެވެ؟ ފޭރާމާއި ނިދާ އެނދުގެ ސާމާނާ ބެހޭ މާހިރުން މިވަނީ ބާލީސްއުރަ ރީނދޫވާ ސަބަބުތަކާއި، އެކަން ހައްލުކުރާނެ ގޮތާއި، އަދި މިފަދަ ލައްތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދީފައެވެ.
ހުދު ބާލީސްއުރައިގައި ރީނދޫ ލައްޖަހަން މެދުވެރިވާ އާންމު ސަބަބުތައް
ގިނަ ފަހަރަށް ބާލީސްއުރައިގެ ކުލަ ބަދަލުވަނީ ނިދާފައި އޮންނައިރު ހަށިގަނޑުން ބޭރުވާ ތަކެތި ފޭރާމުގައި ހަރުލުމުގެ ސަބަބުންނެވެ. ފޭރާމާ ބެހޭ މާހިރު ފަރީމާ އިޖާޒް ކިޔައިދޭ ގޮތުގައި، “ރީނދޫ ކުލަ އާންމުކޮށް އަންނަނީ ހަށިގަނޑުން ބޭރުވާ ތެލާއި، ދަލާއި، އަދި ހަންގަނޑުގައި އުނގުޅާ ތަކެތި ބާލީސްއުރައިގައި ޖަމާވުމުގެ ސަބަބުންނެވެ.”
ހަންގަނޑުން ގުދުރަތީ ގޮތުން އުފައްދާ ތެޔޮ (ސީބަމް) ފޭރާމަށް ދަމައިގަތުމުގެ ފުރުސަތު ބޮޑެވެ. އަދި ދުވަސްވުމުން މިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ރީނދޫ ކުލަ ޖެހެއެވެ. މީގެ އިތުރުން ދަލާއި، ރޭގަނޑު އުނގުޅާ ކްރީމްތަކާއި، ރެޓިނޮއިޑްސް، އިރުގެ އަވިން ރައްކާތެރިވުމަށް އުނގުޅާ ކްރީމް އަދި އިސްތަށިގަނޑުގައި ލާ ތަކެތީގެ ސަބަބުން ވެސް މި މައްސަލަ ދިމާވެއެވެ.
އަނެއް ސަބަބަކީ ބާލީސްއުރަ ދޮވުމުގައި ގެންގުޅޭ އާދަތައް ކަމަށް ޒިލްކް ސްލީޕްގެ ބާނީ އެލިޒަބަތު ކުކް ފާހަގަކުރެއެވެ. އޭނާ ބުނާ ގޮތުގައި ފޭރާމަށް ބޭނުންކުރާ ސޮފްޓްނާ އާއި، ދޮންނަ ކުނޑި ރަނގަޅަށް ސާފުނުވުމުގެ ސަބަބުން ފޭރާމުގައި ތެޔޮ ހިފަހައްޓާ ފަށަލައެއް އުފެދެއެވެ. އަދި ދޮންނަ ކުނޑީގައި ހުންނަ ކުލަ ރީތިކުރާ މާއްދާތައް ޖަމާވުމުން، އެއީ ރީނދޫވުން ކަމަށް މީހުންނަށް ހީވެއެވެ.
ހުދު ބާލީސްއުރައިން ރީނދޫ ލައް ފިލުވާނެ ގޮތް
ލައް ފިލުވުމުގައި އެންމެ ރަނގަޅު ގޮތެއް ބިނާވެފައިވަނީ ބާލީސްއުރަ ތައްޔާރުކޮށްފައިވާ ފޭރާމުގެ ބާވަތުގެ މައްޗަށެވެ. އެހެންކަމުން މަސައްކަތް ފެށުމުގެ ކުރިން އޭގައިވާ އިރުޝާދު ކާޑު ބަލާލުމަކީ މުހިންމު ކަމެކެވެ. ކަފަ (ކޮޓަން) ފޭރާމުން ފަސޭހައިން ލައް ފިލުވުނު ނަމަވެސް، ފަށުވި (ސިލްކް) ފޭރާމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.
ކަފަ ނުވަތަ ޕާކޭލް ބާލީސްއުރަ
ކުކް ލަފާދޭ ގޮތުގައި ކަފަ ބާލީސްއުރަ ކޮންމެ ތިން ދުވަހަކުން ނުވަތަ ހަތަރު ދުވަހަކުން ދޮންނަން ޖެހެއެވެ. މިއީ ތެޔޮ ޖަމާވެ ރީނދޫވުމުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގެވެ. ދޮންނައިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދޭށެވެ:
– ކުޑަ ތަށްޓަކަށް ނުވަތަ ސިންކަކަށް ތާފަނާ ފެން އެޅުމަށްފަހު، އެންޒައިމް ހިމެނޭ ދޮންނަ ކުނޑި އަޅާށެވެ. (އާންމުކޮށް ބޭނުންކުރާނީ ކުޑަ މިންވަރެކެވެ، ނަމަވެސް ޕެކެޓުގައިވާ އިރުޝާދަށް ބަލާށެވެ.)
– ބާލީސްއުރަ ފެނުގެ ތެރެއަށް ގަންބާލުމަށްފަހު 30 މިނެޓާއި އެއް ގަޑިއިރާ ދެމެދުގެ ވަގުތަކަށް ބާއްވާށެވެ.
– އެއަށްފަހު ފެންގަނޑު އޮއްސާލައި، ސާފު ފެނުން ބާލީސްއުރަ ރަނގަޅަށް ދޮވެލާށެވެ.
– އަދިވެސް ރީނދޫކަން ހުރިނަމަ، ތާފަނާ ފެނުގެ ތެރެއަށް ‘އޮކްސިޖަން ބްލީޗް’ އެޅުމަށްފަހު، އެއް ގަޑިއިރާއި ހަތަރު ގަޑިއިރާ ދެމެދުގެ ވަގުތަކަށް ފޯކުރަން ބާއްވާށެވެ.
– ދެން ފެންގަނޑު އޮއްސާލައި ބާލީސްއުރަ ދޮވެލާށެވެ. މީގެ ފަހުން އާންމުކޮށްވެސް ދޮންނަ ގޮތަށް ތާފަނާ ފެނާއި ދޮންނަ ކުނޑި ބޭނުންކޮށްގެން ދޮވެލާށެވެ. ދޮންނަ މެޝިނަށް މާ ގިނަ އެއްޗެހި ނޭޅުމަށް އިޖާޒް ލަފާދެއެވެ. އޭރުން ފޭރާމުގައި ހުންނަ ކުނޑިތައް ސާފުވާން ފަސޭހަވާނެއެވެ.
– ދޮވެ ނިމުމުން ލައް ފިލާފައި ހުރިތޯ ބަލާށެވެ. ލައް ނުފިލާ ހުއްޓާ ހިއްކާ މެޝިނަށް ނުލާށެވެ. އެހެންވެއްޖެނަމަ ލައް ފިލުވަން އުނދަގޫވާނެއެވެ. ބޭނުންނަމަ އަލުން ފެނަށް އަޅާފައި ބާއްވާށެވެ. ގަދަ ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި މިގޮތަށް އަމަލުކުރާށެވެ.
– އެންމެ ފަހުން، ހިއްކާ މެޝިނަށް ލުމުގެ ބަދަލުގައި ބޭރުގައި އަވީގައި ހިއްކަން އަޅާށެވެ. އިރުގެ ދޯދިތަކުގެ ސަބަބުން ފޭރާމުގެ ހުދުކަން އިތުރުވެގެންދާނެ ކަމަށް ކުކް ބުނެއެވެ. ބޭރުގައި ހިއްކޭ ގޮތް ނެތް ނަމަ، މެޝިނުން ހިއްކާއިރު ހޫނުމިން މަޑުކޮށް ބަހައްޓާށެވެ.
ފަށުވި (ސިލްކް) ބާލީސްއުރަ
ސިލްކް ބާލީސްއުރަ ސާފުކުރަން ޖެހޭނީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އެހެންކަމުން، ލައް ޖެހުމުން ފިލުވުމަށްވުރެ، ލައް ޖެހުނަނުދީ ރައްކާތެރިވުން މާ ފަސޭހަވާނެއެވެ.
– ސާފު ތަށްޓަކަށް ފިނި ފެން އަޅާށެވެ. ކުކް ލަފާދެނީ 86 ޑިގްރީ ފެރަންހައިޓަށްވުރެ ފިނި ފެން ބޭނުންކުރުމަށެވެ. މީގެ ތެރެއަށް ޕީ.އެޗް ނިއުޓްރަލް، އެންޒައިމް ނުހިމެނޭ ދޮންނަ އެއްޗެއް ކުޑަ މިންވަރަކަށް އަޅާށެވެ.
– ދެން މަޑުމަޑުން ބާލީސްއުރަ ފެނުގެ ތެރޭގައި 10 ނުވަތަ 15 މިނެޓު ވަންދެން ހަރަކާތްކޮށްލާށެވެ. ބާލީސްއުރަ ބާރަށް މޮޑެ، އޮޅާ ނުހަދާށެވެ.
– ފިނި ފެނުން ބާލީސްއުރަ ރަނގަޅަށް ދޮވެލާށެވެ.
– ދޮންނަ މެޝިނުން ދޮންނަން ބޭނުންނަމަ، ‘ލޯންޑްރީ ބޭގެއްގެ’ ތެރެއަށް ލުމަށްފަހު ‘ޑެލިކޭޓް’ ސެޓިންގްގައި ދޮންނާށެވެ. ހަނދާން ބަހައްޓަންވީ ކަމަކީ ފިނި ފެން ބޭނުންކުރުމަށާއި މެޝިން އަނބުރާ ބާރުމިން އެންމެ މަޑުކޮށް ބެހެއްޓުމަށެވެ.
– ސިލްކް ބާލީސްއުރަ ހިއްކަން އަޅާއިރު ސީދާ އަވީގައި ނުވަތަ ހޫނުވާ ތަންތަނުގައި ނުބަހައްޓާށެވެ. އެއްވަރަކަށް ފަތުރާލައިގެން ހިއްކާށެވެ.
ބާލީސްއުރަ ރީނދޫވުން ހުއްޓުވާނެ ގޮތް
ހުދު ބާލީސްއުރަ ރީނދޫވިޔަ ނުދީ ހިފެހެއްޓޭނެ އެންމެ ފަސޭހަ ގޮތަކީ، ތަކެތި ޖަމާވިޔަނުދީ ކުރިއާލާ ރައްކާތެރިވުން ކަމަށް މާހިރުން ބުނެއެވެ.
– ގަވާއިދުން ބާލީސްއުރަ ބަދަލުކުރުން: ކޮންމެ ރެއަކު އެއް ބާލީސްއުރައެއް ބޭނުންކުރުމުގެ ބަދަލުގައި ބަދަލުކޮށްގެން ބޭނުންކުރުމަށް އިޖާޒް ލަފާދެއެވެ. އޭރުން ބާލީސްއުރަތައް ގިނަ ދުވަހު އާކޮށް ހުންނާނެއެވެ.
– ރޭގަނޑު މޫނު ސާފުކުރުން: ނިދުމުގެ ކުރިން މޫނު ރަނގަޅަށް ދޮވުމަކީ އެންމެ ބޮޑު ފައިދާއެއް ކުރާނެ ކަންތަކެވެ. ބާލީސްއުރަ ރީނދޫވަނީ މޫނުގައި ހުންނަ ތަކެތި އޭގައި އުނގުޅުމުގެ ސަބަބުންނެވެ.
– އުނގުޅާ ތަކެތި ހަންގަނޑަށް ދަމައިގަންނަން ވަގުތު ދިނުން: ހަންގަނޑުގައި އުނގުޅާ ކްރީމް ފަދަ ތަކެތި ނިދުމުގެ ކުރިން ހަންގަނޑަށް ރަނގަޅަށް ދަމައިގަންނަންދެން މަޑުކުރުމަށް މާހިރުން އިރުޝާދު ދެއެވެ. ކުކް ލަފާދޭ ގޮތުގައި، ހާއްސަކޮށް ރެޓިނޮއިޑްސް ނުވަތަ ފޭޝަލް އޮއިލް ބޭނުންކުރާ ނަމަ، އުނގުޅުމަށްފަހު މަދުވެގެން 15 މިނެޓު ވަންދެން މަޑުކުރަންވާނެއެވެ.
– ރައްކާކުރުމުގެ ކުރިން ބާލީސްއުރަ ހިއްކުން: “ތެތްކޮށް ހުންނަ ބާލީސްއުރަ ދޮންނަ މެޝިން ތެރޭގައި ބަހައްޓައިގެން ނުވާނެއެވެ. އަދި ބާލީސްއުރަ ރައްކާކުރަންވާނީ ރަނގަޅަށް ދޮވެ، ފުރިހަމައަށް ހިއްކުމަށްފަހު ވައި ދައުރުވާނެ ފަދަ އެއްޗެއްގައެވެ. ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ކޮތަޅުގައި ރައްކާނުކުރާށެވެ،” ކުކް ބުންޏެވެ.
– ނިދުމުގެ ކުރިން އިސްތަށިގަނޑު ހިއްކުން: ތެތް އިސްތަށިގަނޑާއެކު ނިދުމުން، އިސްތަށިގަނޑުގައި ހުންނަ ތެތްކަމާއި އުނގުޅާފައި ހުންނަ ތަކެތި ބާލީސްއުރައަށް ފަސޭހައިން ދަމައިގަނެއެވެ. މިއީ ހާއްސަކޮށް ސިލްކް ބާލީސްއުރަ ބޭނުންކުރާ ފަރާތްތަކަށް މުހިންމު ކަމެކެވެ. ސަބަބަކީ ތެތްކަމާއި ގޭނުމުގެ ސަބަބުން ސިލްކް ފޭރާމަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވުމެވެ.
