ކާމިޔާބު ޑައިރެކްޓަރު ޕްރަޝާންތު ނީލް، މަޝްހޫރު ތެލުގޫ އެކްޓަރު ޖޫނިއާ އެންޓީއާރް އާއެކު އުފައްދާ ފިލްމު “ޑްރެގަން” ގެ ކާސްޓާ ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި އާލިއާ ބަޓް ގުޅެން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ގުލްޓޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުޅި އިންޑިއާއަށް އަމާޒުކޮށްގެން (ޕޭން-އިންޑިއާ) އުފައްދާ މި ފިލްމުގައި ޝާހިދު އަދި އާލިއާއަށް ވަނީ މުހިންމު ރޯލުތަކެއް ހުށަހަޅާފައެވެ. ނަމަވެސް، ފިލްމު އުފައްދާ ފަރާތުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
މި ޚަބަރު ތެދަކަށް ވެއްޖެނަމަ، މިއީ އެސްއެސް ރާޖަމޯލީގެ ކާމިޔާބު ފިލްމު “އާރްއާރްއާރް” އަށް ފަހު އާލިއާ ބަޓް، ޖޫނިއާ އެންޓީއާރް އާއެކު ފެންނާނެ ދެވަނަ ތެލުގޫ ފިލްމެވެ. އަދި މިއީ ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރު ތެލުގޫ ސިނަމާއަށް ތައާރަފުވާނެ ފަހަރެވެ.
މީގެ ކުރިން ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު އަނިލް ކަޕޫރު ވެސް މުހިންމު ރޯލަކުން ހިމަނާފައިވާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.
ފިލްމުގެ ޓީޒާ މިހާރު އާންމުކޮށްފައިވާއިރު، މި ފިލްމުގައި ޖޫނިއާ އެންޓީއާރް ފެނިގެންދާނީ “ލޫގަރ” ނަމަކަށް ކިޔާ ނުރައްކާތެރި ޤާތިލެއްގެ ރޯލުންނެވެ. ކުށްކުރުމާއި، މަސްތުވާތަކެތީގެ ވަގުފާރި އަދި ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ބެލުންތެރިން ގެންގޮސްދޭ މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ 1967 ވަނަ އަހަރުގެ “ގޯލްޑަން ޓްރައިއެންގަލް” އަދި ބައިނަލްއަޤުވާމީ “އޮޕިއަމް” ވިޔަފާރީގެ މައްޗަށެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން އަނިލް ކަޕޫރުގެ އިތުރުން ރުކްމިނީ ވަސަންތު އަދި އަޝުތޯޝް ރާނާ ފަދަ ހުނަރުވެރި ތަރިން ވެސް ފެނިގެންދާނެއެވެ.
