އެ ސިއްރު
“ކޮން ކަމެއް؟”
“ބުނީ ގެއަށް އައުމުގެ ކުރިން ނިންމާލަން ޖެހޭ ކަމެއް އެބައޮތޭ.”
“ކޮން ކަހަލަ ކަމެއް؟”
“އަހަރެން އެހިން، އެކަމަކު އޭނާ އެވާހަކައެއް ނުބުނި.”
އާޝިޔާ ސަމާލުވެލިއެވެ. “އޭނާ ބުނީ ކީކޭ؟”
ނަޖުމީ ފަސްޖެހިފައި އިނދެ ބުންޏެވެ. “އޭނާ ބުނީ، ކަލެއަށް މަދުން އެނގުނުވަރަކަށް ސަލާމަތްތެރިކަން ބޮޑުވާނެއޭ.”
އާޝިޔާގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. “އޭނާ ހަމަ އެހެން ބުނިތަ؟”
“އާނ.”
“އޭނާ ހުރީ ސީރިއަސްކޮށްތަ؟”
“އަހަރެން ހީކުރީ އޭނާ ސަމާސާ ކުރަނީ ކަމަށް. ހަމްދާން އެނގޭނެއްނު. ބައެއް ފަހަރު އާދައިގެ ކަންތައްތައްވެސް ވަރަށް ބޮޑުކޮށްލާފައި ކިޔައިދޭނެ.”
“އެކަމަކު އޭނާ އެކަހަލަ ވާހަކައެއް ދައްކަންވީ ކީއްވެ؟”
“އަހަންނަކަށް ނޭނގެ.” ނަޖުމީގެ އަޑުންވެސް ނުތަނަވަސްކަން ފާހަގަވެއެވެ. “ފަހަރުގައި އުނދަގޫ ކްލައިންޓެއް އުޅެނީ ކަމަށް ވެދާނެ. ނޫނީ މީހަކު އޭނާގެ ވިޔަފާރިއަށް ބިރުދައްކަނީ ކަމަށް ވެދާނެ. އޭރު އަހަރެން އެކަމާ މާ ބޮޑަކަށް ނުވިސްނަން.”
އާޝިޔާ ކޮޓަރީގެ ލައްޕާފައިވާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭނާ އަހަން ބޭނުންވެފައިވާ، އެކަމަކު ބިރުގަންނަ އިތުރު ސުވާލެއް އޮތެވެ.
“ޒޯޔާ އެއްވެސް އާދަޔާ ޚިލާފު ވާހަކައެއް ދެއްކިތަ؟”
ނަޖުމީ އަނެއްކާވެސް ހިމޭންވިއެވެ. “ފަހަކަށް އައިސް އޭނާ ހުންނަނީ ބަދަލުވެފައި.”
“ކޮން ގޮތަކަށް؟”
“ކަންތައްތައް ސިއްރުކުރާ ގޮތެއް ހުރޭ.”
އާޝިޔާ އޭނާގެ ފޯނުގައި ބާރަށް ހިފަހައްޓާލިއެވެ. “ކޮން ކަމެއް؟”
“އަހަންނަކަށް ނޭނގެ. ބޭރަށް ނުކުމެ ފޯނުން ވާހަކަދައްކަން ފެށި. ބައެއް ފަހަރު ފޯނު އައުމުން ކޮޓަރިން ނުކުމެގެންދާނެ. އަހަރެން އެހީމާ ބުނަނީ އެއީ މަސައްކަތުގެ ކަމެކޭ.”
“އޭނާ ދެއްކި ވާހަކަ ޤަބޫލުކުރިންތަ؟”
“ޤަބޫލުނުކުރަންވީ ސަބަބެއް ނެތް.” އޭނާގެ އަޑު މަޑުވިއެވެ. “އެއީ މަގޭ އަނބިމީހާ.”
އާޝިޔާ ލޯ މަރާލިއެވެ. “އަދި އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ.”
އިރުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެއަށްފަހު އާޝިޔާ އޭނާ އެންމެ ބިރުގަންނަ ސުވާލުކޮށްލިއެވެ. “އެމީހުންގެ މެދުގައި ނަހަމަ ގުޅުމެއް އޮތް ކަމަށް ޤަބޫލުކުރަންތަ؟”
ނަޖުމީ ޖަވާބު ދިނީ ވަރަށް ލަހުންނެވެ. “ނޫން.” އޭނާ މަޑުޖެހިލިއެވެ. “އަހަރެން ހަމްދާން ދަންނާތާ ކިތަންމެ ދުވަހެއް. ޒޯޔާއާ ކައިވެނިކުރުމުގެ ކުރިންވެސް އޭނާ ދަންނަން. އެމީހުންނާމެދު އެކަހަލަ ގޮތަކަށް ދެކޭކަށް އަހަރެން ބޭނުމެއް ނޫން.”
“އެކަމަކު އެމީހުން ތިބީ އެކުގައި.”
“އެނގޭ.”
“ގެސްޓްހައުސްއެއްގައި.”
“އެނގޭ.”
“އެހެންވީމާ އެމީހުން އެތާ ކުރީ ކީއް؟”
ނަޖުމީއަކަށް ޖަވާބެއް ނުދެވުނެވެ. މައްސަލައަކީ އެއީއެވެ. އެއިން އެކަކަށްވެސް އޭގެ ޖަވާބެއް ނޭނގެއެވެ.
މެންދުރު އިންސްޕެކްޓަރ އިސްމާއީލް އެ ގެއަށް އައެވެ. ހޮސްޕިޓަލުން ފެނުނު ހަނދާން ހުރުމުން އާޝިޔާއަށް އޭނާ ވަގުތުން އެނގުނެވެ. އޭނާ އާޝިޔާގެ މައިންބަފައިންނާއި ބޭބެއަށް ސަލާމްކުރުމަށްފަހު ސިޓިންގ ރޫމުގައި އިށީނެވެ. އޭނާ ހުރީ ވަރުބަލިވެފައި ނަމަވެސް، އޭނާގެ އަމަލުތައް ހުރީ ވަރަށް ޕްރޮފެޝަނަލްކޮށެވެ.
“ހަމްދާނާ ބެހޭ ބައެއް އިތުރު މަޢުލޫމާތު އަޅުގަނޑުމެން ބޭނުންވޭ.” އޭނާ ކިޔައިދިނެވެ.
އާޝިޔާ އޭނާގެ ކުރިމަތީގައި އިށީނެވެ. “ކޮން ކަހަލަ މަޢުލޫމާތެއް؟”
“އޭނާ ފަހަކަށް އައިސް ދަތުރުކުރި ގޮތްތަކާއި، ވިޔަފާރީގެ ގުޅުންތައް. އޭނާ ބައްދަލުކުރި ކްލައިންޓުން. އަދި އޭނާއާ މައްސަލައެއް ޖެހިފައިވާ މީހަކު ހުރިތޯ.”
އާޝިޔާ އެނގިހުރި މިންވަރުން ތެދުވެރިކަމާއެކު ޖަވާބު ދިނެވެ. ބައެއް ނަންތަކަކީ އޭނާއަށް ދަންނަ ނަންތަކެވެ. އަނެއްބައި ނަންތަކެއް އޭނާއަކަށް ނޭނގެއެވެ. ހަމްދާން އަބަދުވެސް އޭނާގެ މަސައްކަތާއި އާއިލީ ދިރިއުޅުން ވަކިކޮށްގެން ގެންގުޅެއެވެ. އެއީ އެއްވެސް ކަމެއް ސިއްރުކުރުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް އޭނާގެ މަސައްކަތުގެ މައްސަލަތަކުގެ ސަބަބުން އާއިލާއަށް ދަތިތަކެއް ވާން ބޭނުން ނުވާތީއެވެ.
އޭރު އާޝިޔާ ދެކުނީ އެއީ ރަނގަޅު ސިފައެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު އޭނާގެ ހިތަށް އަރަނީ، އޭނާއަށް އޭނާގެ ފިރިމީހާއާ ބެހޭގޮތުން އެނގެނީ ހީކުރި ވަރަށްވުރެ މާ މަދު މިންވަރަކަށް ބާވައެވެ.
ސުވާލުތައް ނިމުމުން އާޝިޔާ ފުން ނޭވާއެއްލިއެވެ. “އިންސްޕެކްޓަރ..”
“ކީކޭ؟”
“އޭނާގެ ލެޕްޓޮޕަށްވީ ކިހިނެއް؟”
އިންސްޕެކްޓަރުގެ ގަލަން ހުއްޓުނެވެ. އެ ގެއަށް އައި ފަހުން ފުރަތަމަ ފަހަރަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ލެޕްޓޮޕޭ؟”
“އޭނާގެ ތަކެތީގެ ތެރެއަކު އެއެއް ނެތް.”
“އޭނާގެ އަތުގައި ލެޕްޓޮޕެއް އޮތްކަން ޔަގީންތަ؟”
“އަބަދުވެސް އޮންނާނެ.”
އިންސްޕެކްޓަރ އިސްމާއީލް ޖަވާބު ދިނުމުގެ ކުރިން އޭނާގެ ނޯޓުތަކަށް ބަލާލިއެވެ.
“އެ ގެސްޓްހައުސްއަކުން ލެޕްޓޮޕެއް ފެނިފައެއް ނުވޭ.”
“އެ އަނދައި ހަލާކުވީތަ؟”
“އަދި އެއެއް ނޭނގޭ.”
“އެހެންވީމާ އެ ކޮބާ؟”
“އެކަމެއްވެސް އަދި ނޭނގޭ.”
އާޝިޔާ އޭނާއަށް ބަލަން ހުއްޓެވެ. “މީހަކު އެ ގެންދިޔައީ ކަމަށް ވެދާނެތަ؟”
އޭނާ މަޑުޖެހިލިއެވެ. “އެއީވެސް ވެދާނެ ގޮތެއް.”
އާޝިޔާގެ ބޭބެ ކުރިއަށް ޖެހިލިއެވެ. “އިތުރު އެއްޗެއް މަދުވޭތަ؟”
އިންސްޕެކްޓަރ އެ ސުވާލާމެދު ވިސްނާލިއެވެ. “އަޅުގަނޑުމެން އަދިވެސް އެކަންކަން ބަލަމުން މިދަނީ.”
“ކޮޓަރިން އެއްޗެއް ބޭރުކޮށްފައިވާކަމަށް ބެލެވޭތަ؟”
“ބައެއް ތަކެތި މަދުވާ ކަމަށް ބެލެވޭ.”
“ކޮން އެއްޗެއް؟”
އޭނާ ޖަވާބެއް ނުދިނެވެ. އޭގެ ބަދަލުގައި ނޯޓު ފޮތް ލައްޕާލިއެވެ. “ފޮރެންސިކް ޓީމުގެ މަސައްކަތް ނިމުމުގެ ކުރިން ވަކި ގޮތަކަށް ބުނާކަށް ބޭނުމެއް ނޫން.”
ހިތާމައިގެ ތެރެއިން އާޝިޔާގެ ހިތުގައި ރުޅިވެރިކަން އުފެދެން ފެށިއެވެ. “އަހަރެންގެ ފިރިމީހާ މަރުވެއްޖެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މަރުވެއްޖެ. މީހުން އެމީހުންނާ ބެހޭގޮތުން ހުތުރު ވާހަކަ ދައްކަމުންދާއިރު، ތިޔަ ބުނަނީ ކޮޓަރިން އެއްޗެއް މަދުވާ ވާހަކަ.”
“އަޅުގަނޑު މި ބުނަނީ ތަހުޤީޤު އަދިވެސް ކުރިއަށްދާ ވާހަކަ.”
“އެހެންވީމާ ރަނގަޅަށް ތަހުޤީޤު ކޮށްދީ.” އޭނާގެ އަޑު ކުރެހުނެވެ. “އެހެނީ މިހާރު ދެކެވޭ ހުރިހާ ވާހަކައެއް އަހަރެން ޤަބޫލެއް ނުކުރަން.”
އިންސްޕެކްޓަރ އާޝިޔާއަށް ބަލަން ހުއްޓެވެ. “އަޅުގަނޑުމެންވެސް ޤަބޫލެއް ނުކުރަން.”
އޭނާ ދިޔަ ފަހުންވެސް އެ ހަތަރު ބަސް އާޝިޔާގެ ހަނދާނުގައި ހުއްޓެވެ. “އަޅުގަނޑުމެންވެސް ޤަބޫލެއް ނުކުރަން.”
އެރޭ އިރުއޮއްސުމުން ގޭތެރެ މަޑުމަޑުން ހިމޭންވާން ފެށިއެވެ. އިޝާ ނަމާދަށްފަހު ގިނަ ތިމާގެ މީހުން އަރާމުކޮށްލަން ދިޔައެވެ. އާޝިޔާގެ މައިންބަފައިން ކައިރި ކޮޓަރީގައި ނިދާފައި ތިބިއިރު، އަޒީމް އިނީ ސިޓިންގ ރޫމުގައެވެ.
ސިދުރާ އޮތީ ނިދާފައެވެ. އާޝިޔާ އެކަނި ކޮޓަރީގައި އިނީ ހަމްދާންގެ ބާ ޓެބްލެޓް އުނގަށް ލައިގެންނެވެ. އެއީ މިއަދު ހަވީރު ޓީވީ ދަށުގައި ހުރި ވަތްގަނޑެއްގެ ތެރެއިން އޭނާއަށް ފެނުނު އެއްޗެކެވެ. އެ ޓެބްލެޓް އަދިވެސް މަސައްކަތް ކުރެއެވެ. އެ ހުޅުވާލުމާއެކު އަމަލީ ގޮތުން ގޭގެ ވައިފައިއަށް ގުޅުނެވެ.
ސްކްރީނަށް ނޮޓިފިކޭޝަނެއް އައެވެ. “ކްލައުޑް ސިންކްރޮނައިޒޭޝަން ފުރިހަމަވެއްޖެ.”
އާޝިޔާ އެ ލިޔުމަށް ބަލަން ހުއްޓެވެ. ހަމްދާންގެ މަސައްކަތުގެ އެކައުންޓާ އެ ޓެބްލެޓް ގުޅުވާފައިވާ ކަމެއް އޭނާއަކަށް ނޭނގެއެވެ. ނޭނގޭ ކަންތައްތައް ހޯދުމުގެ ޝައުޤުވެރިކަން ބިރުވެރިކަމަށްވުރެ ބޮޑުވިއެވެ. އޭނާ ފައިލްތައް ހުޅުވާލިއެވެ. އޭގައި އާދައިގެ މަޢުލޫމާތާއި، ކޮންޓްރެކްޓްތަކާއި، ކްލައިންޓުންގެ ލިޔެކިޔުންތައް ހުއްޓެވެ. އޭނާ ވަރަށް ސަމާލުކަމާއެކު އެ ތަކެތި ބަލަމުން ދިޔައެވެ.
ދެން އޭނާގެ ލޮލުގައި އަޅައިގަތީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފޯލްޑަރެކެވެ. އޭގައި ނަމެއް ނެތެވެ. އޮތީ ހަމައެކަނި ތާރީޚެކެވެ. 17-08-2026.
އާޝިޔާ އެ ފޯލްޑަރު ހުޅުވާލިއެވެ. މުޅި ސްކްރީން ފުރުނީ ފޮޓޯތަކުންނެވެ. ފުރަތަމަ ފެނުނީ އާދައިގެ ފޮޓޯތަކެކެވެ. ބަނދަރުތަކާއި، ގެސްޓްހައުސްތަކާއި، ލިޔެކިޔުންތަކާއި، އުޅަނދުފަހަރާއި، ނޭނގޭ ބައެއް މީހުންގެ ފޮޓޯތަކެވެ.
ނަމަވެސް އެއް ފޮޓޯއެއް ފެނުމުން އޭނާ ހުއްޓުން އެރިއެވެ. ޒޯޔާއެވެ. އޭނާ ހުރީ ގެސްޓްހައުސްއެއްގެ ބޭރުގައި ކުޑައެއް ހިފަހައްޓައިގެންނެވެ. އާޝިޔާ އެ ފޮޓޯ ބޮޑުކޮށްލިއެވެ. އެއީ ކޮން ތަނެއްކަން ވަގުތުން އެނގުނެވެ. ވިލިނގިއްޔެވެ. ހަމްދާނާއި ޒޯޔާ މަރުވި ގެސްޓްހައުސްއެވެ.
އާޝިޔާގެ ނޭވާ އަވަސްވިއެވެ. އޭނާ ދެން ހުރި ފޮޓޯއަށް ބަލާލިއެވެ. ހަމްދާނެވެ. އޭނާވެސް ހުރީ ހަމަ އެ އިމާރާތުގެ ބޭރުގައެވެ. ދެން ހުރި ފޮޓޯތަކުންވެސް ފެންނަނީ ޒޯޔާއާއި ހަމްދާނެވެ. އެންމެ ފަހުން ފެނުނު ފޮޓޯއެއްގައި ދެމީހުން އެކުގައި ތިއްބެވެ. އެމީހުން ތިބީ ހިނިތުންވެފައެއް ނޫނެވެ. ލޯބިވެރިން ފަދަ އަމަލުތަކެއްވެސް ނެތެވެ. ބެލެވޭ ގޮތުގައި އެމީހުން ތިބީ މީހަކަށް އިންތިޒާރު ކޮށްގެންނެވެ. އެމީހުންނާ ކުޑަ ދުރުމިނެއްގައި ތިންވަނަ މީހަކު ހުއްޓެވެ. އެއީ އާޝިޔާ ދުވަހަކުވެސް ދުށް މީހެއް ނޫނެވެ.
އާޝިޔާ އެ ފޮޓޯ ބޮޑުކޮށްލިއެވެ. އެ މީހާގެ މޫނު ހުރީ ކެމެރާއަށް ފުރަގަސްވާ ގޮތަށެވެ. އެއީ ކާކު ހެއްޔެވެ؟ ހަމްދާން މި ފޮޓޯތައް ނެގީ ކީއްވެ ހެއްޔެވެ؟ އޭނާ ޒޯޔާއަށް ފާރަލީ ކީއްވެ ހެއްޔެވެ؟ އަދި ބަޔަކު އޭނާއަށް ފާރަލީ ކީއްވެ ހެއްޔެވެ؟
އާޝިޔާއަށް ގުޑިލާންވެސް ނުކެރިފައި އިރުކޮޅަކު އިނދެވުނެވެ. ގޭތެރެއަށް ވެރިވެފައިވާ ހަމހިމޭންކަން މިހާރު އިޙުސާސްވަނީ ބިރުވެރިކަމެއްގެ ގޮތުގައެވެ. މި ފާރުތަކުގެ ބޭރުގައި، އޭނާ ހޯދަމުންދާ ކަންތައްތައް ދަންނަ މީހަކު އެބައުޅެއެވެ. ލެޕްޓޮޕްގެ ވާހަކަ ދަންނަ މީހެކެވެ. ހަމްދާނާއި ޒޯޔާގެ ސިއްރުތައް ދަންނަ މީހެކެވެ. އަދި އެންމެ ބިރުވެރި ކަމަކީ، އެ މީހަކު އޭނާއަށް ފާރަލަމުންދާ ކަމެވެ.
އާޝިޔާ މަޑުމަޑުން ކޮޓަރީގެ ކުޑަދޮރާ ދިމާއަށް ބަލާލިއެވެ. ފަރުދާގެ ފޮތިގަނޑު ރޭގަނޑުގެ ފިނި ރޯޅިއާއެކު ހެލެމުން ދިޔައެވެ. ބޭރުގެ ކަނު އަނދިރިގަނޑުގެ ތެރޭގައި، ގޭގެ ފާރު ކައިރީގައި، އޭނާގެ ހަރަކާތްތަކަށް ބަލަން މީހަކު ހުރެދާނެތީ އޭނާ ބިރުގަތެވެ.
ހަމްދާން މަރުވި ފަހުން، ފުރަތަމަ ފަހަރަށް ހިތާމައިގެ މައްޗަށް ބިރުވެރިކަން ވެރިވިއެވެ. އެ ބިރުވެރިކަމާއެކު އޭނާއަށް ވަރަށް ބިރުވެރި ހަޤީޤަތެއް ވިސްނުނެވެ. އޭނާގެ ފިރިމީހާއާއި އެންމެ ގާތް އެކުވެރިޔާ އެ ގެސްޓްހައުސްއަށް ގެންދިޔަ ސިއްރަކީ، އެމީހުންނާއެކު މަރުވެދިޔަ އެއްޗެއް ނޫނެވެ. އެއީ އަދިވެސް ދިރިހުރި ކަމެކެވެ. އަދި ކޮންމެވެސް ގޮތަކުން އެ ސިއްރު މިހާރު ވަނީ އޭނާއާ ހަމައަށް ފޯރާފައެވެ.
(ނުނިމޭ)
