ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ފޫޅުދަނޑި ކެނޑުން ލަސްކުރުން
ވިމަންސް ހެލްތު

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ފޫޅުދަނޑި ކެނޑުމުގެ ކުރިން މަދުވެގެން 60 ސިކުންތު މަޑުކުރުމަކީ އެކުދިންގެ ސިއްޙީ ހާލަތު ރަނގަޅުވުމަށް މަގުފަހިވާ ކަމެކެވެ. މިއީ ކްލިނިކަލް ގޮތުން އެކަން ކުރެވެން އޮތް ހާލަތްތަކުގައި ފޫޅުދަނޑި ކެނޑުން ލަސްކުރުމަށް ބާރުއަޅާ ހޯދުންތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

މިގޮތަށް އަމަލުކުރުމުން، ދަރިފުޅު އުފަންވުމަށްފަހު މަހުން ކުއްޖާގެ ހަށިގަނޑަށް ލޭ ދައުރުވުމުގެ ފުރުސަތު ލިބިގެންދެއެވެ. މީގެ ސަބަބުން ކުއްޖާގެ ހަށިގަނޑުގައި ލޭގެ މިންވަރާއި ހީމޮގްލޯބިން އިތުރުވެ، އަމިއްލައަށް ނޭވާލާން ފަށާ ނާޒުކު ވަގުތުގައި ލޭގެ ދައުރުވުން ހަމައަކަށް އެޅުމަށް އެހީތެރިވެދެއެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ ނިއޯނޭޓަލް ރިސަސިޓޭޝަން ގައިޑްލައިންގައި ހިމަނާފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ދުވަސް ނުފުރާ އުފަންވާ ކުދިންގެ ފޫޅުދަނޑި ކެނޑުން ލަސްކުރުމަކީ އެކުދިން މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. މި ދިރާސާ ބިނާކޮށްފައިވަނީ އެވްރެޖްކޮށް ބަނޑަށް 29 ހަފުތާގައި އުފަންވި 3,292 ކުދިން ހިމެނޭ 21 ދިރާސާއެއްގެ މައްޗަށެވެ.

2017 ވަނަ އަހަރު ނިއު އިންގްލަންޑް ޖަރނަލް އޮފް މެޑިސިންގައި ޝާއިއުކުރި އޮސްޓްރޭލިއަން ޕްލަސެންޓަލް ޓްރާންސްފިއުޝަން ސްޓަޑީގައި، ބަނޑަށް 30 ހަފުތާ ނުވަނީސް އުފަންވި 1,500 އަށްވުރެ ގިނަ ކުދިން ހިމެނުނެވެ. މި ދިރާސާގައި 10 ސިކުންތު ތެރޭގައި ފޫޅުދަނޑި ކެނޑުމާއި 60 ސިކުންތު މަޑުކުރުމާ ދެމެދު ހުރި ތަފާތުތައް ބެލިއިރު، ފޫޅުދަނޑި ކެނޑުން ލަސްކުރި ކުދިންގެ ތެރެއިން 36 ހަފުތާވީއިރު މަރުވި ކުދިންގެ އަދަދު މަދުކަން ފާހަގަކުރެވުނެވެ.

މީގެ އިތުރުން، 2025 ސެޕްޓެމްބަރުގައި ޖޭ.އޭ.އެމް.އޭ ޕީޑިއަޓްރިކްސްގައި އަނޫޕް ސީ. ކަތޭރިއާ އާއި އޭނާގެ ޓީމުން ޝާއިއުކުރި ދިރާސާ ހިމެނޭހެން، ފަހުގެ ހޯދުންތަކުން ދަނީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ފޫޅުދަނޑި ކެނޑުން ލަސްކުރުމުން ލިބޭ ފައިދާތައް އިތުރަށް ކަށަވަރުކޮށްދެމުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ލަފާދެނީ، އާންމު ހާލަތްތަކުގައި ކުއްޖާ އުފަންވާތާ މަދުވެގެން އެއް މިނެޓް ފަހުން ނޫނީ ފޫޅުދަނޑި ނުކެނޑުމަށެވެ. މީގެ ސަބަބުން ކުއްޖާގެ ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވުން ފަދަ ސިއްޙީ ފައިދާތައް ލިބޭކަން އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. ނަމަވެސް، މައިމީހާ ނުވަތަ ކުއްޖާގެ ފުރާނައަށް ނުރައްކާވެ، އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެކަމަށް އިސްކަންދޭންޖެހޭނެ ކަމަށްވެސް ޑަބްލިއު.އެޗް.އޯ އިން ބުނެއެވެ.

މި ހޯދުންތަކަކީ ހުރިހާ ކުދިންގެ މަރުގެ ނިސްބަތް 30 އިންސައްތަ ދަށްވާނެކަމުގެ ހެއްކެއް ނޫނެވެ. އެއީ ވަކި ޚާއްސަ ހާލަތްތަކެއްގައި، ޚާއްސަކޮށް ދުވަސް ނުފުރާ އުފަންވާ ކުދިންނަށް އަމާޒުކޮށްފައިވާ ހޯދުންތަކެކެވެ. އެހެންނަމަވެސް، ދުވަސް ނުފުރާ އުފަންވާ ކުއްޖާގެ ހާލަތު އިތުރު މިނެޓަކު މަޑުކުރެވޭ ފަދަ ގޮތަކަށް އޮތްނަމަ، އެ ކުޑަ ވަގުތުކޮޅަކީ ކުއްޖާގެ ހަށިގަނޑަށް ބޭނުންވާ ލެޔާއި، އޮކްސިޖަން އަދި ލޭގެ ދައުރުވުމަށް ލިބޭ ވަރަށް މުހިންމު އެހީތެރިކަމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top