ގިނަ ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ އަލުން އެކްޓިންގ ދާއިރާއަށް އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ. އޭނާ ފެނިގެންދާނީ ކުޅަދާނަ ޑައިރެކްޓަރު ހަންސަލް މެހެތާ އުފައްދާ އާ ކްރައިމް ތުރިލާ ސީރީޒް “ބަރާބަންކީ” އިންނެވެ.
މި ސީރީޒްގެ ޝޫޓިންގ މުމްބާއީގައި މިހާރު ފަށާފައިވާއިރު، މިއީ ފާއިތުވި އަހަރުތަކުގައި ބިޕާޝާ މަސައްކަތްކުރާ ފުރަތަމަ ބޮޑު ޕްރޮޖެކްޓެވެ. ޚަބަރުތައް ބުނާގޮތުން މިދިޔަ މަހު އޭނާ ވަނީ މި ސީރީޒްގެ ޝޫޓިންގގައި ބައިވެރިވާން ފަށާފައެވެ.
“ބަރާބަންކީ” ބިނާކޮށްފައިވަނީ އިންޑިއާގެ ރިޓަޔަރޑް އައިޕީއެސް އޮފިސަރު އަލޯކް ލާލް ލިޔުއްވާފައިވާ ފޮތް “ދަ ބަރާބަންކީ ނާކޯސް: ބަސްޓިންގ އިންޑިއާސް މޯސްޓް ނޮޓޯރިއަސް ޑްރަގް ކާޓެލް” ގެ މައްޗަށެވެ. މިއީ 1984 ވަނަ އަހަރު އުއްތަރަ ޕްރަދޭޝްގެ ބަރާބަންކީ ޑިސްޓްރިކްޓުގައި ހަރަކާތްތެރިވި މަސްތުވާތަކެތީގެ ނުރައްކާތެރި ނެޓްވޯކެއް ހުއްޓުވުމަށް ފުލުހުން ހިންގި ވަރުގަދަ އަސްލު އޮޕަރޭޝަނެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒެކެވެ.
މި ސީރީޒްގައި ބިޕާޝާ ކުޅޭ ރޯލުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ވާހަކައިގެ މައިގަނޑު ކެރެކްޓާއާ ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު ރޯލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ސީރީޒުން އޭނާ ފެންނާނީ ކުރީގެ ފިލްމުތަކާ ވަރަށް ތަފާތު ލުކެއްގައެވެ. މިއީ ބިޕާޝާ ޑައިރެކްޓަރު ހަންސަލް މެހެތާއާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
މި ސީރީޒްގެ މުހިންމު ރޯލުތަކުން ސަނީ ކޯޝަލް އާއި ވިޝާލް ޖެތުވާ ވެސް ފެނިގެންދާނެއެވެ. މި ސީރީޒްގައި އަލޯކް ލާލް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުގެ އިތުރުން، އޭނާއަށް އެހީތެރިވެދިން އެކި ފަރާތްތަކުގެ ދައުރު ވެސް ފެނިގެންދާނެއެވެ. 37 އަހަރު ދުވަހު ފުލުހުންގެ ޚިދުމަތުގައި އުޅުއްވުމަށްފަހު އަލޯކް ލާލް ރިޓަޔަރ ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް (ޑީޖީޕީ) ގެ މަޤާމުންނެވެ.
ބިޕާޝާ އެންމެ ފަހުން ސްކްރީނަކުން ފެނިފައިވަނީ 2020 ވަނަ އަހަރު ނުކުތް އޭނާގެ ފުރަތަމަ ވެބް ސީރީޒް “ޑޭންޖަރަސް” އިންނެވެ. އަދި އޭނާގެ އެންމެ ފަހު ފީޗާ ފިލްމަކީ 2015 ގެ “އެލޯން” އެވެ. ބިޕާޝާ އެކްޓިންގ ދާއިރާއާ ދުރުގައި ދުވަސްތަކެއް ހޭދަކުރީ 2022 ވަނަ އަހަރު އޭނާގެ އަންހެން ދަރިފުޅު ދޭވީ ވިހެއުމާ ގުޅިގެންނެވެ.
