މި އާ ފީޗާގެ ސަބަބުން، އެހެން މީހުން ތިޔަ ފަރާތް ޓެގްކޮށްފައިވާ ފޮޓޯ ނުވަތަ ވީޑިއޯތައް ސީދާ އަމިއްލަ ޕްރޮފައިލް ގްރިޑަށް އިތުރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޕްރޮފައިލްގައިވާ “ޓެގްޑް” ޓެބް ކުރިއެކޭވެސް އެއްފަދައިން ފެންނަން ހުންނާނެއެވެ. ނަމަވެސް، މިހާރު އެހެން މީހުން ޓެގްކޮށްފައިވާ ޕޯސްޓްތަކުގެ ތެރެއިން ބޭނުންވާ ވަކި ޕޯސްޓްތަކެއް ހޮވާލުމަށްފަހު، އަމިއްލަ ޕޯސްޓްތަކާއެކު ޕްރޮފައިލް ގްރިޑުން ފެންނަ ގޮތަށް ހެދިދާނެއެވެ. އިންސްޓަގްރާމުން ފާހަގަކުރާ ގޮތުގައި މިއީ ރައްޓެހިންނާއެކު ނަގާފައިވާ ފޮޓޯތަކާއި، އެކި ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތަކުގެ އިތުރުން ހަނދާންތައް ފާހަގަކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
މި ފީޗާ ބޭނުންކުރުމަށް އެކި ގޮތްތައް ފަރުމާކޮށްފައިވެއެވެ. އެގޮތުން މީހަކު ޓެގްކުރުމާއެކު ލިބޭ ނޮޓިފިކޭޝަން މެދުވެރިކޮށް ސީދާ “އެޑް ޓު ގްރިޑް” އިޚްތިޔާރު ކުރެވިދާނެއެވެ. މީގެ އިތުރުން، ޓެގްކޮށްފައިވާ ޕޯސްޓްގެ ކަނާތްފަރާތު މަތީގައިވާ ތިން ތިކި ހުންނަ މެނޫ މެދުވެރިކޮށް ނުވަތަ “ޓެގްޑް” ޓެބްގައިވާ ޕޯސްޓަކަށް ފިތާލައިގެން ހިފަހައްޓާލުމުންވެސް މި އޮޕްޝަން ފެންނާނެއެވެ.
މި ފީޗާއާ ގުޅޭގޮތުން ސަމާލުވާންޖެހޭ މުހިންމު ކަމަކީ، އެހެން މީހެއްގެ ޕޯސްޓެއް ޕްރޮފައިލަށް އިތުރުކުރި ނަމަވެސް، އެ ޕޯސްޓް ފެންނާނީ އެ ޕޯސްޓެއް ކުރި ފަރާތާއި ތިޔަ ފަރާތުގެ ޕްރައިވެސީ ސެޓިންގްސް ހުންނަ ގޮތެއްގެ މައްޗަށް ބިނާކޮށެވެ. އެހެންކަމުން، ޕޯސްޓް ކުރި މީހާގެ އެކައުންޓަކީ ޕްރައިވެޓް އެކައުންޓެއްނަމަ، އެ ޕޯސްޓް ފެންނާނީ ހަމައެކަނި އެމީހެއްގެ ފޮލޯވަރުންނަށެވެ.
ޕްރޮފައިލް ގްރިޑަށް އިތުރުކުރާ ޓެގްޑް ޕޯސްޓްތައް، އަސްލު ޕޯސްޓަށް އެއްވެސް ބަދަލެއް ނާންނާނެހެން ކޮންމެ ވަގުތަކުވެސް ޕްރޮފައިލުން އުނިކޮށްލެވޭނެއެވެ. މިއީ އާދައިގެ ރީޕޯސްޓް ކުރުމަށްވުރެ ލުއިފަސޭހަ ގޮތެކެވެ.
އާންމުގޮތެއްގައި މިގޮތަށް އިތުރުކުރާ ޕޯސްޓްތައް އަތުރާލެވިފައި ހުންނާނީ އެ ޕޯސްޓެއް ކުރި ތާރީޚުގެ ތަރުތީބުންނެވެ. ނަމަވެސް، އިންސްޓަގްރާމުން މިހާރު ޕްރޮފައިލްގައިވާ ޕޯސްޓްތައް ބޭނުން ތަރުތީބަކުން އަތުރާލުމުގެ ފުރުސަތު ދޭތީ، މި ޓެގްޑް ޕޯސްޓްތައްވެސް ބޭނުން ތަނަކަށް ބަދަލުކޮށްލެވޭނެއެވެ.
މިދިޔަ ޖޫން މަހު ތައާރަފުކުރި ޕްރޮފައިލް ރިއޯޑަރިންގް ފީޗާއާއެކު، މި އާ އަޕްޑޭޓުގެ ސަބަބުން ޔޫޒަރުންނަށް އެމީހުންގެ ޕްރޮފައިލް ބޭނުންގޮތަކަށް ބަދަލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިވަނީ ލިބިފައެވެ.
