ގާތްވި ރޭ
އެރޭ އާޝިޔާއަށް މާ ބޮޑު ނިންޖެއް ނައެވެ. ނަޖުމީ ފޮނުވި މެސެޖުތައް އޭނާގެ ފޯނުގައި ހުއްޓެވެ. ނަމަވެސް ފުރަތަމަ ކޮޅު އެ މެސެޖުތައް ކިޔައިލުމަށްފަހު ފަހުން އޭނާ އެއަށް ބެލުން ހުއްޓާލިއެވެ. ސަބަބަކީ ކޮންމެ ފަހަރަކު އެ ކިޔައިލުމުން، އޭނާ އެތައް އަހަރެއް ވަންދެން ރައްކާތެރިކަމާއެކު ބިނާކޮށްފައިވާ މާޒީގެ ސަފުހާތަކުން ފަށަލައެއް ނެއްޓިގެންދާހެން ހީވާތީއެވެ. އަމިއްލަ ނަފްސަށް ދެމުންދިޔަ އާދައިގެ އުޒުރުތަކުގެ ފަހަތުގައި، ނަޖުމީގެ ހިތުގައި އޭނާއަށްޓަކައި ޚާއްސަ އިޙުސާސްތަކެއްވާކަން އޭނާއަށް އަބަދުވެސް ކޮންމެވެސް މިންވަރަކަށް އެނގެއެވެ. ނަޖުމީގެ ބެލުންތައް އޭނާއަށް އަމާޒުވެފައި ހުންނަ ގޮތާއި، ކޮޓަރިއަކަށް އޭނާ ވަންނަ ކޮންމެ ފަހަރަކު ނަޖުމީގެ ސަމާލުކަން އޭނާއަށް ހުއްޓޭ ގޮތާއި، އޭނާގެ މިޒާޖަށް އަންނަ ބަދަލުތައް ނަޖުމީއަށް ދެނެގަނެވޭ ގޮތުން އެކަން ފާހަގަވެއެވެ. އަދި ދެމީހުންގެ މެދުގައި ކުރެވޭ ސަމާސާތަކުގެ ފަހަތުގައި ފޮރުވިފައިވާ ފުން މާނައެއް ވާކަންވެސް އޭނާއަށް އިޙުސާސް ކުރެވުނެވެ. ނަމަވެސް އޭނާ އިޚްތިޔާރުކުރީ އެކަމަށް ނަމެއް ނުދީ ހަނު ހުރުމަށެވެ. ފަހަރުގައި އެއީ އެންމެންނަށްވެސް އެންމެ ފަސޭހަ ގޮތް ކަމަށް ވެދާނެއެވެ. އެހެނަސް، އެތައް އަހަރެއް ވަންދެން ހިންދާލައިގެން ހުރި ހުރިހާ ވާހަކައެއް ނަޖުމީ ލިޔެ ބަޔާންކުރުމުން، ދެން އެއީ ނުވާ ކަމަކަށް ހަދައިގެން އުޅުމަކީ މުސްތަހީލު ކަމަކަށް ވެއްޖެއެވެ.
ހެނދުނުވިއިރު އާޝިޔާ ގޮތެއް ނިންމައިފިއެވެ. އޭނާ ނަޖުމީއާ ބައްދަލުކުރާނެއެވެ. އެއީ އޭނާގެ ގޭގައެއް ނޫނެވެ. އެ ގޭގައި ހަމްދާނާއި ޒޯޔާގެ ހަނދާންތައް އާވުމުން، ދެކެވޭ ކޮންމެ ވާހަކައަކީ އެމީހުންގެ ދިރިއުޅުމަށް އަތްބޭނުން ފަދަ ކަމަކަށް ވެދާނެތީއެވެ. އަދި މީހުން ގިނަ ކެފޭއެއްގައިވެސް ނޫނެވެ. އެހާ ބޮޑު މާޒީއެއް އޮތް ދެމީހަކު ދައްކަންޖެހޭ ސީރިއަސް ވާހަކަތައް ފޮރުވަން ޖެހިދާނެތީއެވެ. އޭނާ ނަޖުމީ ގާތު އެދުނީ އިރުއޮއްސެން އުޅެނިކޮށް ބާޒާރުމަތީގެ ބަނދަރު ކައިރިން، މީހުން މަދު ހިމޭން ތަނެއްގައި ބައްދަލުކުރުމަށެވެ.
ނަޖުމީ އައީ ގަޑިއަށްވުރެ ކުރިންނެވެ. ބަނދަރުގެ ތޮށިގަނޑު ކައިރީގައި، ޖީބަށް އަތްޖަހާލައިގެން ނަޖުމީ ހުއްޓާ ފެނުމުން، އާޝިޔާއަށް ހަނދާންވީ މީގެ އެތައް އަހަރެއް ކުރިން އޭނާ ދަންނަ ކުއްޖާއެވެ. އެއީ އެއްވެސް ކަމަކަށް އިޢުތިރާފުނުވެ، އަބަދުވެސް ކޮންމެވެސް ކަމަކަށް އިންތިޒާރުކުރާ ފަދަ ގޮތަކަށް ހުންނަ ކުއްޖާއެވެ.
“ތިއައީ ދޯ؟” ނަޖުމީ ބުންޏެވެ.
“ވާހަކަ ދައްކަން ބޭނުންވީމައެއްނު.”
“ތިހެން އަންނާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން.”
“އަހަރެން އަންނަން ބޭނުންވި ކަމެއްވެސް ނޭނގެ.” އާޝިޔާ ތެދުވެރިކަމާއެކު ބުންޏެވެ. “އެކަމަކު އަހަރެން ޤަބޫލުކުރަނީ އަހަރެމެން ވާހަކަ ދައްކަން ޖެހޭ ކަމަށް.”
އެމީހުން ކަނޑާވީ ފަރާތަށް ބަލަހައްޓައިގެން އިށީނެވެ. އިރުކޮޅެއް ވަންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
އެންމެ ފަހުން އާޝިޔާ ނަޖުމީއާ ދިމާލަށް އެނބުރުނެވެ. “ރޭގައި ފޮނުވި މެސެޖުތައް..”
ނަޖުމީ އިސްޖަހާލިއެވެ. “އެއީ ހަމަހޭގައި ހުރެގެން ކުރި ކަމެއް ނޫން.”
“އަހަރެން ދަންނަން.”
“އަހަރެން ހުރީ ބޮއެގެން.”
“އެކަންވެސް އަހަރެން ދަންނަން.”
“އަހަރެން އެ މެސެޖުތައް ނުފޮނުވިނަމަ މާ ރަނގަޅުވީސް.”
“އާނ. ފަހަރުގައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވެދާނެ.”
ނަޖުމީ ބޯޖަހާލިއެވެ.
“އެކަމަކު އޭގައި އެ ބުނި ވާހަކަތަކަކީ ދޮގެއް ކަމަށް ހަދައިގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން.”
ނަޖުމީ އާޝިޔާއަށް ބަލާލިއެވެ. “އެއީ ހަޤީޤަތް.”
އާޝިޔާ ފުން ނޭވާއެއްލިއެވެ. “އަހަރެންނަށް އަބަދުވެސް އެނގޭ.”
ނަޖުމީގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “އެނގޭތަ؟”
“ތި ހިތުގައި އަހަރެންނަށްޓަކައި އޮތް އިޙުސާސްތައް އަހަރެންނަށް އެނގޭ.”
“ކިހާ ދުވަހެއްގެ ކުރިން؟”
“ފަހަރުގައި ކަލެއަށް ހީވާ ވަރަށްވުރެ މާ ކުރިން.”
ނަޖުމީ މަޑުމަޑުން ހީނލިއެވެ. އެއީ ކޮންމެވެސް ވަރެއްގެ ލަދުވެތިކަމެއް އެކުލެވިގެންވި ހިނިތުންވުމެކެވެ. “ދެން އެހެންވީމާ އެއްވެސް އެއްޗެކޭ ނުބުނީ ކީއްވެ؟”
“ސަބަބަކީ ބުނާނެ އެއްވެސް އެއްޗެއް ނެތީމާ.”
އޭނާ ކަނޑާ ދިމާލަށް ބަލާލިއެވެ.
“ކަލޭ ދުވަހަކުވެސް ބުނެފައެއް ނެތް. އަހަރެން ދުވަހަކުވެސް އެކަމަށް ހިތްވަރެއް ނުދެން. އަހަރެން ލޯބިވީ ހަމްދާންދެކެ. ކަލޭ އިނީ ޒޯޔާއާ. އަހަރެމެން އެންމެންވެސް ދިރިއުޅުމައިގެން ކުރިއަށް ދިޔައީ.”
“އަހަރެން ދަންނަން.”
“އެކަމަކު ކަމެއް އޮތްކަން އެނގުމާއި، އެކަމާ ގުޅިގެން ފިޔަވަޅެއް އެޅުމަކީ މުޅިން ތަފާތު ދެ ކަމެއް.”
ނަޖުމީ ބޯޖަހާލިއެވެ. “އަހަރެން އެކަމަށް އިހުތިރާމް ކުރިން.”
“ކުރިންތަ؟”
ނަޖުމީ އޭނާއަށް ބަލާލިއެވެ. “އާނ. ކުރިން.”
އާޝިޔާ އެވާހަކަ ޤަބޫލުކުރިއެވެ. ނަމަވެސް އިޙުތިރާމް ކުރުމަކީ ވޭނާއި ތަދު ފޮހެލެވޭނެ ކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ.
“އަހަރެމެން ޒުވާން ދުވަސްވަރުވެސް، ކަލޭ އަހަރެންނަށް ބަލާ ގޮތް އަހަރެން ދުށިން.” އާޝިޔާ ކުރިއަށް ގެންދިޔައެވެ.
ނަޖުމީ ހިތާމަވެރި ގޮތަކަށް ހީނލިއެވެ. “އަހަރެން ހީކުރީ އެކަން ފޮރުވޭ ކަމަށް.”
“ނޫން. އެކަން ފޮރުވުމަކަށް ކަލޭ މާ މޮޅެއް ނޫން.”
“އަހަރެން ހީކުރި ވަރަށްވުރެ މޮޅަށް ފޮރުވިން.”
“ނޫން.” އާޝިޔާ މަޑުމަޑުން ބުންޏެވެ. “ނުފޮރުވޭ.”
އެވަގުތު އޭނާގެ ހަނދާނަށް އައީ މާޒީގެ ތެރެއަށް ވަޅުލާފައިވާ ކަމެކެވެ. އެއީ ދުވަހަކުވެސް ނުވާ ކަމެއް ކަމަށް އޭނާ އަމިއްލަ ނަފްސަށް ވިސްނައިދީފައިވާ ހަނދާނެކެވެ. އެއީ ކޮލެޖު ދުވަސްވަރެވެ. ގްރެޖުއޭޓް ވުމުގެ ކުރިއެވެ. ކައިވެނިތަކުގެ ކުރިއެވެ. އެންމެންގެ ދިރިއުޅުން އަބަދަށްޓަކައި ހަމަޖެހިގެން ދިޔުމުގެ ކުރިއެވެ. އެއީ ވަކި ޚާއްސަ ރެއެކެވެ. ވަކި ޚާއްސަ ރަށެކެވެ. ބަނޑޮސް އައިލެންޑެވެ.
އެ ހަތަރު މީހުން އެ ދަތުރު ރޭވީ އެތައް ހަފުތާއެއް ކުރިންނެވެ. އެރޭ މުޅި ރޭ ނުނިދާ ފަތާށާއި، އަލިފާންގަނޑެއް ޖަހައިގެން ކާއެއްޗެހި ތައްޔާރުކޮށްގެން ކާށާއި، ފަތިސްވަންދެން ވާހަކަ ދައްކަން ތިބެފައި އިރުއަރާތަން ބަލަން އެންމެން އެކުގައި ވަޢުދުވިއެވެ. ނަމަވެސް ޒޯޔާއާއި ހަމްދާން އައުން ލަސްވިއެވެ. އާޝިޔާއާއި ނަޖުމީއަށް ދެވުނީ މާ ކުރިންނެވެ. ފުރަތަމަ އެކަމާ އެކަކުވެސް މާ ބޮޑަކަށް އަޅައެއް ނުލައެވެ.
އެމީހުން އަތިރިމަތީގައި މަޑުކޮށްގެން ތިބީ ދަބަސްތައް ކައިރީގައި ބަހައްޓައިގެންނެވެ. މުޅި ރަށް ނިދާފައިވާއިރު، ކަނޑުގެ ރާޅުތަކުގެ މަޑު އަޑު އިވެމުންދިޔައެވެ. ހަނދުވަރުގެ ރިހި އަލި ކަނޑުގެ މައްޗަށް އެޅިފައިވާއިރު، އުޑުމަތި ސާފުކަމުން ތަރިތައް ހީވަނީ އަތްފޯރާ ފަށުގައި ހުރިހެންނެވެ.
އެމީހުން ދެއްކީ އާދައިގެ ވާހަކަތަކެވެ. ކޮލެޖުގެ ވާހަކައެވެ. ލެކްޗަރާއިންގެ ވާހަކައެވެ. އެމީހުން ހިތްހަމަނުޖެހޭ މީހުންނާއި، ސިއްރުން ގަޔާވާ މީހުންގެ ވާހަކައެވެ. ކިޔަވާ ނިމުމުން ކުރާނެ ކަންތައްތަކާއި، ކައިވެންޏާއި މުސްތަޤުބަލުގެ ވާހަކައެވެ.
އެއްވަގުތެއްގައި ނަޖުމީ އެހިއެވެ. “ކަލެއަށް ހީވޭތަ މީގެ ދިހަ އަހަރު ފަހުންވެސް އަހަރެމެން އެންމެންނަކީ އެކުވެރިން ކަމުގައި ތިބޭނެހެން؟”
އާޝިޔާ ހީނލިއެވެ. “އަދި ކޮބާ، އޭގެ ވިހި އަހަރު ފަހުން؟”
“ކީއްވެ ތިކަހަލަ އާދަޔާ ޚިލާފު ސުވާލުތަކެއް ތިކުރަނީ؟”
“ހަމަ ޖަވާބު ދީބަލަ.”
“ވިހި އަހަރު ފަހުންނޭ؟” އޭނާ ކަނޑާ ދިމާލަށް ބަލާލިއެވެ. “އަހަރެން އުންމީދު ކުރަނީ އެހެން ވާނެ ކަމަށް.”
ނަޖުމީ ހިނިތުންވެލިއެވެ. “އަހަރެންވެސް.”
ވައިގަދަވާން ފެށުމުން، އާޝިޔާގެ އިސްތަށިގަނޑުން ބައެއް އޭނާގެ މޫނުމައްޗަށް އެޅުނެވެ. އޭނާ އެ އިސްތަށިތައް އެއްފަރާތްކުރަން އުޅުނެވެ. ނަޖުމީ އެއްވެސް ވިސްނުމަކާ ނުލައި އާޝިޔާގެ މޫނާ ދިމާލަށް އަތް ދިއްކޮށްލިއެވެ. “މަޑުކޮށްލާ.”
އޭނާގެ އިނގިލިތައް އާޝިޔާގެ ކޯތާފަތުގައި ބީހިލީ، މޫނުމަތީގައި ހުރި އިސްތަށިކޮޅު އެއްފަރާތް ކޮށްލުމަށެވެ. އެވަގުތު އާޝިޔާ ހަރަކާތް ހުއްޓިފައި ހުރި ހަނދާންވިއެވެ. އެއީ ބިރުގަތުމެއް ނޫނެވެ. އުނދަގޫވުމެއްވެސް ނޫނެވެ. އެއީ ހަމައެކަނި އިޙުސާސްވުމެކެވެ. ނަޖުމީ އޭނާއާ ކިހާ ގާތުގައި ހުރިކަމުގެ އިޙުސާސެވެ. އޭނާގެ މޫނާ ދިމާލުގައިވާ ނަޖުމީގެ އަތުގެ އިޙުސާސެވެ. ދެމީހުންގެ މެދުގައި އޮތް ހުސްތަނަށް ކުއްލިއަކަށް އައި ބަދަލުގެ އިޙުސާސެވެ.
ނަޖުމީ އަތް ދަމައިގަތެވެ. ނަމަވެސް އެކަކުވެސް ވަގުތުން ނަޒަރު ވަކި ނުކުރެއެވެ. އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ތިއްބެވެ. އެވަގުތު، ކުރިން ކުރަމުންދިޔަ ސަމާސާތައް ގެއްލިއްޖެއެވެ. އަދި އޮތް ގާތްކަންވެސް ބަދަލުވެއްޖެއެވެ. އެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ، ކުރިން އެއްބަސްވާން ބޭނުންނުވި ހަޤީޤަތެއް ޤަބޫލުކުރެވޭ ފަދަ ގޮތަކަށެވެ.
ނަޖުމީގެ ނަޒަރު އާޝިޔާގެ ތުންފަތަށް ހުއްޓިފައި އަނބުރާ ލޮލަށް އަމާޒުވި ހަނދާން އާޝިޔާވެއެވެ. އޭނާ އެކަން ކުރިކަން އާޝިޔާއަށް އެނގުނެވެ. އަދި އެކަން އާޝިޔާއަށް ފާހަގަވިކަން ނަޖުމީއަށްވެސް އެނގޭނެކަން އާޝިޔާއަށް އެނގުނެވެ. އެ ވަގުތުކޮޅު ދެމިގެންދިޔައީ މަދު ސިކުންތުކޮޅަކަށެވެ. އެވަގުތު ފަރުގެ ބޭރުން އުޅަނދެއްގެ އިންޖީނުގެ އަޑު އިވުނެވެ. ނަޖުމީ ދުރަށް ޖެހިލިއެވެ.
“އެއީ ފަހަރުގައި އެމީހުން ކަމަށް ވާނީ.” އާޝިޔާ ކަނޑާ ދިމާލަށް ބަލާލަމުން ބުންޏެވެ.
(ނުނިމޭ)
