ގުޅުމެއް ކެނޑުމުން، އެކަން އެގޮތަށް ދިމާވި ސަބަބާމެދު މީހުން ސުވާލު އުފައްދައެވެ. “ކުރިން ހުރިހާ ކަމެއް ރަނގަޅުހެން ހީވި. އެކަމާ ވާހަކަ ނުދެއްކީ ކީއްވެ؟ އިތުރަށް މަސައްކަތް ނުކުރީ ކީއްވެ؟” މިއީ އާންމުކޮށް ކުރެވޭ ސުވާލުތަކެވެ.
ނަމަވެސް، އެހެން މީހުންނަށް ނުފެންނަ ކަންތައްތަކެއް ހުރެދާނެއެވެ. ސިއްރުގައި ކުރެވުނު އާދޭސްތަކާއި، ތަކުރާރުކޮށް ބަލައިނުގަނެ ދޫކޮށްލެވުނު އިޙުސާސްތަކާއި، އަމަލުން ނުފެންނަ ދޮގު މާފުތަކާއި، އުންމީދުތައް ފަނޑުވެ ހިތަށް ލިބުނު ވަރުބަލިކަމެވެ. ބައެއް ފަހަރު އެ މީހަކު ވަކިވާން ބޭނުންނުވެދާނެއެވެ. އެކަމަކު، އިހުމާލުވުމާއި، ބަދުނާމުކުރުމާއި، އޮޅުންއެރުވުމާއި، ނަފްސާނީ ގޮތުން ބަލިކަށިކޮށްލުމުގެ ސަބަބުން އެމީހާ ހަށިފޮޅާލަނީއެވެ.
ދުރަށް ދިއުމަކީ ކުއްލިއަކަށް ނިންމާ ނިންމުމެއް ނޫނެވެ. އެއީ ތަކުރާރުކޮށް ލިބޭ ކުދިކުދި އަނިޔާތަކަށްފަހު، ތިމާއަށް ލިބޭ ތަދު އިތުރަށް ބަޔާންކޮށްދޭނެ ހަކަތަ ހުސްވުމުން ނިންމާ ނިންމުމެކެވެ. އަޖައިބަކީ، އަނިޔާ ދިން މީހާ އެ ގުޅުމުގެ ދުރުމިނާމެދު އެންމެ ބޮޑަށް ހައިރާންވާ ކަމެވެ. “ކުއްލިއަކަށް ތި ބަދަލުވީ ކީއްވެ؟” އޭނާ ސުވާލުކޮށްފާނެއެވެ. ސަބަބަކީ، ކޮންމެ ކެތްތެރިކަމަކަށް ވެސް ނިމުމެއް އޮންނާތީއެވެ.
މީގެ މާނައަކީ ކޮންމެ ދެބަސްވުމެއް ނުވަތަ ކޮންމެ ކުށަކީ ވަކިވާންޖެހޭ ސަބަބެކޭ ނޫނެވެ. ދެމެހެއްޓެނިވި ގުޅުމަކަށް ބޭނުންވަނީ މުއާމަލާތް ކުރުމާއި، ކެތްތެރިކަމާއި، ޒިންމާދާރުވުމާއި، މާފުކުރުމުގެ އިތުރުން އިސްލާހުވުމުގެ ރޫހެވެ. ގަސްދުގައި ނޫނަސް މީހުންނަށް އަނިޔާ ކުރެވިދާނެއެވެ. އަދި ތެދުވެރިކަމާއެކު އިސްލާހުވާން މަސައްކަތްކުރާ މީހާއަށް އެ ފުރުސަތު ދޭންޖެހޭނެއެވެ.
ނަމަވެސް، ގުޅުމެއްގައި ދިމާވާ އާދައިގެ ދަތިތަކާއި، ތަކުރާރުކޮށް ލިބޭ އަނިޔާތަކާ ދެމެދު ބޮޑު ތަފާތެއްވެއެވެ. ބިރުދެއްކުމާއި، އޮޅުވާލުމާއި، ލަދުގަންނަވާލުމާއި، އިތުބާރު ނަގާލުމާއި، އަމިއްލަ ނަފްސުގެ ސަލާމަތާއި ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތައް ތަކުރާރުވާނަމަ، ދުރަށް ދިއުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވެދާނެއެވެ. އަނިޔާވެރިކަމެއް ނުވަތަ ފުރާނައަށް ނުރައްކަލެއް އޮތްނަމަ، ވަގުތުން އެހީތެރިކަން ހޯދައި ރައްކާތެރި ހިސާބަކަށް ދިއުމަކީ ލާޒިމު ކަމެކެވެ.
އިސްލާމްދީން ބާރުއަޅަނީ އަދުލުވެރިކަމާއި، އިންސާފާއި، އޯގާތެރިކަމާއި، ރީތި އަޚުލާޤަށެވެ. އެކަށީގެންވާ ހާލަތްތަކުގައި ސުލްހަވުމަށާއި މާފުކުރުމަށް ހިތްވަރު ދިން ނަމަވެސް، އަނިޔާވެރިކަމުގެ ތެރޭގައި ދެމިހުރުމަކަށް ދީން އަމުރެއް ނުކުރެއެވެ. ކެތްތެރިކަމަކީ އަނިޔާވެރިކަމާއި ބޭއިންސާފަށް ހަނުހުރެ ބޯލެނބުމެއް ނޫނެވެ.
ގުޅުމެއް އިސްލާހުކުރުމުގެ ފުރުސަތު އޮތްނަމަ، ތެދުވެރިކަމާއެކު ވާހަކަދެއްކުމާއި، އާއިލީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ. އެކަމަކު، ތަކުރާރުކޮށް ކުރާ މަސައްކަތުން އެދެވޭ ބަދަލެއް ނައިސް، ހަމައެކަނި ލިބެނީ ހިތްދަތިކަން ކަމުގައިވާނަމަ، ދުރަށް ދިއުމަކީ ޒިންމާދާރު ނިންމުމެކެވެ. އެ ނިންމުމަކީ ބަދަލުހިފުމުގެ ރޫހުގައި ނިންމާ ނިންމުމަކަށް ވާކަށް ނުޖެހެއެވެ.
ކޮންމެ މީހަކަށް ތިބާގެ ނިންމުން ފަހުމެއް ނުވާނެއެވެ. މީހުން ޤަބޫލުކުރާނީ އެމީހުންނަށް ފަސޭހަ ގޮތަކަށެވެ. އެހެންކަމުން، ކޮންމެ މީހަކަށް ތިބާގެ ހަޔާތުގެ ސަފުހާތައް ކިޔައިދޭކަށް ނުޖެހެއެވެ. ބައެއް ކަންކަން ސިއްރުގެ ގޮތުގައި ބެހެއްޓުން މާ ބުއްދިވެރިއެވެ.
ތިބާއަށް މާފުކުރެވިދާނެއެވެ. އެކަމަކު ހިނގި ކަންތައްތައް ހަނދާން ނައްތާލާކަށް ނުޖެހެއެވެ. އެ މީހަކަށް ހެޔޮ ދުއާ ކުރެވިދާނެއެވެ. އެކަމަކު ކުރިން އޮތް ގާތްކަން ދޭކަށް ނުޖެހެއެވެ. އަދި ރުޅިވެރިކަމަކާ ނުލައި ވެސް ދުރަށް ދެވިދާނެއެވެ. ހަޤީޤީ ހިތްހަމަޖެހުމަކީ، ތިބާގެ ނިންމުން އެހެން މީހުންނަށް ސާފުކޮށްދޭން ނުޖެހޭ މިންވަރަށް ނަފްސާނީ ގޮތުން ވަރުގަދަވުމެވެ.
ބައެއް ފަހަރު ދުރަށް ދިއުމަކީ ލޯބި ދޫކޮށްލުމެއް ނޫނެވެ. އެއީ އަމިއްލަ އިއްޒަތާއި، ރައްކާތެރިކަމާއި، އިޙުތިރާމް ނެތް ތަނެއްގައި ލޯބި އާލާނުވާނެކަން ދެނެގަތުމެވެ. ކަންކަން ރަނގަޅުކުރަން ކުރި ކޮންމެ މަސައްކަތަކަށް އަނިޔާވެރިކަމުން ރައްދު ލިބޭނަމަ، ދުރަށް ދިއުމަކީ ނާކާމިޔާބީއެއް ނޫނެވެ. އެއީ ބުއްދިވެރިކަމެވެ. ތިބާގެ ތަދު އެހެން މީހުންނަށް ސާބިތުކޮށްދޭކަށް ނުޖެހެއެވެ. ބައެއް ފަހަރު އެންމެ ވަރުގަދަ ނިންމުމަކީ، އީމާންތެރިކަމާއި ކަރާމާތާއެކު، ސާފު ހިތަކުން ދުރަށް ފިޔަވަޅު އެޅުމެވެ. އަދި ތިބާގެ މިއަދުގެ ހަމަޖެހުމުން، އެ ނިންމުމުގެ ރަނގަޅުކަން ފެންނަން އޮތުމެވެ.
