ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސްްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން 15 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
ލޭޓެސްޓު ނިއުސް އަޕްޑޭޓްސް

21 އެޕްރީލް 2019 ގައި ސްްރީލަންކާއަށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 15 މީހެއްގެ މައްޗަށް އެ ޤައުމުގެ ހައިކޯޓުން ކުށް ސާބިތުވާކަމަށް އިއްޔެ ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދަޢުވާ ލިބުނު އިތުރު 9 މީހަކު ވަނީ ސަލާމަތްވެފައެވެ.

ކުށް ސާބިތުވި މީހުންގެ ތެރޭގައި، މި ހަމަލާތައް ރާވައި އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ނައުފަރު މައުލަވީ ހިމެނެއެވެ. ކޯޓުން މި މައްސަލައިގެ ހުކުމް އިއްވުމަށްފަހު، އަދަބު ކަނޑައެޅުން ފަހުގެ ތާރީޚަކަށް ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލައިގައި ސްްރީލަންކާގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން 23,270 އަށްވުރެ ގިނަ ދަޢުވާ އުފުލާފައިވެއެވެ. ދަޢުވާ ލިބޭ ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި، ހަމަލާ ދިނުމަށް ރޭވުމާއި، އެހީތެރިވެދިނުމާއި، މީހުން މެރުމާއި، ހަތިޔާރާއި ގޮވާތަކެތި ގެންގުޅުން ހިމެނެއެވެ. މި މައްސަލައިގައި ފުރަތަމަ ދަޢުވާ އުފުލި 25 މީހުންގެ ތެރެއިން އެކަކު ބަންދުގައި ހުއްޓާ މަރުވުމާ ގުޅިގެން، ފަހުގެ ހުކުމް އިއްވާފައިވަނީ ބާކީ ތިބި 24 މީހުންގެ މައްޗަށެވެ.

އީސްޓާ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް، އެއްވަގުތެއްގައި ދިން މި ޖާނުން ފިދާވުމުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކޮލަމްބޯ، ނެގޮންބޯ އަދި ބަޓިކަލޯގެ ތިން ފައްޅިއަކަށާއި، ކޮލަމްބޯގެ ތިން ލަގްޒަރީ ހޮޓަލަކަށެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، 500 އަށްވުރެ ގިނަ މީހުން ޒަޚަމްވިއިރު، އޭގެ ތެރޭގައި ބޭރު ޤައުމުތަކަށް ނިސްބަތްވާ 45 މީހަކު ހިމެނެއެވެ.

ހަމަލާދިން ތަންތަނުގެ ތެރޭގައި ކަޓުވަޕިޓިޔާގެ ސެއިންޓް ސެބަސްޓިއަން ޗާޗާއި، ކޮއްޗިކާޑޭގެ ސެއިންޓް އެންތަނީސް ޝްރައިން އާއި، ބަޓިކަލޯގެ ޒަޔަން ޗާޗުގެ އިތުރުން ކޮލަމްބޯގެ ޝަންގްރިއްލާ، ސިނަމަން ގްރޭންޑް އަދި ކިންގްސްބަރީ ހޮޓާ ހިމެނެއެވެ. މި ހަމަލާތައް ދިން ހުރިހާ ޖާނުން ފިދާވުންތެރިން ވަނީ ގޮވުންތަކާއެކު މަރުވެފައެވެ.

މިވެސް ކިޔާލަން:  ފަހަތުން އަރައި ސްރީލަންކާއިން ދިވެހިރާއްޖެ ބަލިކޮށްފި

ތަހުޤީޤީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ އެ ޤައުމުގެ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ދިން ހަމަލާތަކެކެވެ. އަދި އައި.އެސް ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ. މިއީ 2009 ވަނަ އަހަރު ސްްރީލަންކާގެ ދާޚިލީ ހަނގުރާމަ ނިމުނު ފަހުން އެ ޤައުމުގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ.

ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ މި ޝަރީއަތުގައި ދައުލަތުގެ ފަރާތުން 2,309 ހެކިވެރިންގެ ހެކިބަސް ނަގައި، ގިނަ އަދަދެއްގެ ކަރުދާސް ހެކިތަކާއި މާއްދީ ހެކިތައް ހުށަހަޅާފައިވެއެވެ. ހުކުމް އިއްވި ވަގުތު ކޮލަމްބޯގެ ހަލްފްޓްސްޑޯޕް ކޯޓު ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

މި ހުކުމަކީ ހަމަލާތަކަށްފަހު ކުރިއަށްދާ ޤާނޫނީ މަރުހަލާގައި ލިބުނު މުހިންމު ކުރިއެރުމެކެވެ. ނަމަވެސް، އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވީ ނަމަވެސް ސަލާމަތީ ކަންކަން ފެއިލްވި ގޮތާމެދު އަދިވެސް ސުވާލުތައް އެބަހުއްޓެވެ. މީގެ ކުރިން ބޭއްވި ޝަރީއަތްތަކެއްގައި، ހަމަލާގެ ކުރިން ލިބުނު އިންޒާރުތަކަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ ދައުލަތުގެ އިސް ބައެއް އޮފިޝަލުން ޒިންމާދާރުކޮށްފައިވެއެވެ.

ހަމަލާއިން ސަލާމަތްވި މީހުންނާއި މަރުވި މީހުންގެ އާއިލާތަކަށް، ސެޕްޓެމްބަރު 22 ގައި އިއްވި މި ހުކުމަކީ އިންސާފު ހޯދުމަށް ކުރާ ދިގު ދަތުރުގައި އެޅުނު އިތުރު ފިޔަވަޅެކެވެ. ދެން އޮންނާނީ ކުށް ސާބިތުވި މީހުންނަށް އަދަބު ކަނޑައެޅުމުގެ މަރުހަލާއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top