ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ލީގު ފިރިހެން ޑިވިޝަން 1 ގެ ކުޅުން މިއަދު ފަށާގޮތަށް ހަމަޖައްސައި ޝެޑިއުލް އާންމުކޮށްފި އެވެ.
ވީއޭއެމްއިން އާންމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މިއަހަރުގެ މި ލީގުގައި ވާދަ ކުރާނީ ފަސް ޓީމެވެ. އެ ޓީމުތަކަކީ ކުލަބް އެޗްޑީސީ، ޕޮލިސް ކުލަބް، ދިވެހި ސިފައިންގެ ކުލަބް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (ކުލަބް އެމްޓީސީސީ) އަދި ލަޔަންސް ރެކްރިއޭޝަން ކުލަބެވެ.
ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:15 ގައި ދިވެހި ސިފައިންގެ ކުލަބާއި ލަޔަންސް ރެކްރިއޭޝަން ކުލަބް ވާދަކުރާއިރު، މިރޭ 20:30 ގައި ފެށުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ކުލަބް އެމްޓީސީސީ އާއި ޕޮލިސް ކުލަބެވެ.
މި ލީގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގަ އެވެ. މި ލީގުގެ ކުޅުން މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ރެއާ ހަމައަށް ކުރިޔަށް ދާނެ އެވެ.
ވޮލީބޯޅައިގެ ގިނަ ހަރަކާތްތަކެއް މިއަހަރުގެ މިހާތަނަށް ހިންގާފައިވާ، ވޮލީބޯޅަ އެސޯސިއޭޝަނުން ކުރިޔަށް ރާވާފައިވާ ހަރަކާތްތަކަށް ބަލާލާއިރު، ޤައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަން 1 ގެ ކުޅުން ވެސް މިމަހުގެ 17 ވަނަ ދުވަހު ފަށާނެ އެވެ. ހުރާ ކޮމިއުނިޓީ ކުލަބް، ކުލަބް ވެމްކޯ، ޕޮލިސް ކުލަބް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (ކުލަބް އެމްޓީސީސީ) އަދި ސިޓީ ފްރެންޑްސް ކުލަބް ވާދަކުރާ މި ލީގުގެ ކުޅުން ކުރިޔަށް ދާނީ މިމަހުގެ 17 އިން 27 އަށެވެ. މި ލީގުގެ މެޗުތައް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ހަވީރާއި ރޭގަނޑު އެވެ.
