ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިދާ ކޮޓަރީގައި ހުންނަންޖެހޭ ކަންކަން ސިޓިންގް ރޫމާ ހަމައަށް ފޯރައިގެން ނުވާނެ: ސަލްމާން ޚާން
ގޫގްލް

ނިދާ ކޮޓަރީގައި ހުންނަންޖެހޭ ކަންކަން ގޭގެ ސިޓިން ރޫމާ ހަމައަށް ފޯރައިގެން ނުވާނެ ކަމަށް ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ޚާން ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ “ކޮފީ ވިތު ކަރަން” ގެ ނުވަވަނަ ސީޒަން ފެށުމުގެ ގޮތުން ގެނެސްދިން ފުރަތަމަ އެޕިސޯޑުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެއެވެ.

ސަލްމާންގެ މަޖާ މިޒާޖާއި ޝައުޤުވެރި ވާހަކަތަކުން މި އެޕިސޯޑު ވަރަށް ބޮޑަށް ފަޅުފިލުވައިދިންއިރު، އޭނާއާއެކު މި ޝޯވގެ ކައުޗުން މަޝްހޫރު ބަތަލާ ކަރިސްމާ ކަޕޫރުވެސް ވަނީ ފެނިގެން ގޮސްފައެވެ. އަދި ޝޯވގެ މަޝްހޫރު “ރެޕިޑް ފަޔަރ” ބުރު ހުށަހަޅައިދިނީވެސް ކަރިސްމާއެވެ.

މި އެޕިސޯޑުގައި ސަލްމާން ޚާން ހާމަކުރި އެންމެ ފާހަގަކޮށްލެވޭ 7 ވާހަކަ

1 – ކަރިސްމާ ކަޕޫރާއެކު އޮތް ގުޅުން

ސަލްމާނާއެކު އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެއް ކަމަށް ކަރިސްމާ ބުނެފައިވާ ވާހަކަ ކަރަން ފާހަގަކުރުމުން ސަލްމާން ސަމާސާ ރާގަކަށް ބުނީ، ކަރިސްމާ އެ ހަދަނީ ދޮގެއް ކަމަށާއި އެއީ އޭނާގެ ހަޔާތުގައި އެންމެ ގިނަ ދުވަސްވީ ލޯބީގެ ގުޅުން ކަމަށެވެ. އަދި އޭނާ ދޫކޮށްލުމަށްފަހު ކަރިސްމާ ކައިވެނި ކުރުމުން ވަރަށް ބޮޑަށް ހިތްހަލާކުވި ކަމަށް ސަލްމާން ހެމުން ބުންޏެވެ. މި ވާހަކައާ ގުޅިގެން ހައިރާންވެފައި އިނދެ ކަރިސްމާ ބުނީ ސަލްމާން އެ ދައްކަނީ މީޑިއާތަކަށް މާ ބޮޑު ސުރުޚީތަކެއް ލިބޭނެ ފަދަ ވާހަކަތަކެއް ކަމަށެވެ.

2 – ހުސްހަށިބައި ދިރިއުޅުމާއި ދަރިން ހޯދުމުގެ ޝައުޤު

ކައިވެނި ނުކޮށް ހުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން ސަލްމާން ބުނީ، އޭނާ ކައިވެނި ނުކޮށް ހުރީ އެއްވެސް މީހަކު ހުއްޓުވައިގެން ނޫން ކަމަށާއި އެއީ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމާމެދު އުފާކުރާ ކަމަށްވެސް ބުންޏެވެ. ނަމަވެސް، ކޮންމެވެސް ދުވަހަކުން ދަރިން ހޯދަން ބޭނުންވާ ކަމަށާއި، ކުދިން ލިބުމަކީ ދުނިޔޭގައި ވާނެ އެންމެ އަޖައިބުކުރުވަނިވި ކަންތައް ކަމަށް އޭނާ ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  ޕްރަބޫ ދޭވާ ސިއްރުން ކައިވެނިކުރީތަ؟

3 – ސަލްމާންގެ ބަޔޮޕިކް

އޭނާގެ ޙަޔާތުގެ މައްޗަށް ފިލްމެއް (ބަޔޮޕިކް) ހެދުމާ ގުޅޭގޮތުން ސަލްމާން ބުނީ، އޭނާގެ ދިރިއުޅުމުގެ މައްޗަށް ދުވަހަކުވެސް ފިލްމެއް ނުއުފައްދާނެ ކަމަށެވެ. އަދި އޭނާގެ ޙަޔާތުގެ ހުރިހާ ސިއްރުތަކެއް ގެންދާނީ ކަށްވަޅަށް ކަމަށް ބުންޏެވެ.

4 – ސަލްމާންގެ އެންމެ ރަނގަޅު އަދި އެންމެ ގޯސް ސިފަ

ސަލްމާން ޚާންގެ ގޮތުގައި ހުރުމުގެ އެންމެ ރަނގަޅު އަދި އެންމެ ގޯސް ކަމަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ، އެ ދެ ކަމަކީ ވެސް ޚުދު ސަލްމާން ކަމަށެވެ. އަދި ފިލްމީ ޑައިލޮގެއް ބޭނުންކުރަމުން ބުނީ “ގައްބަރު މަރާލެވޭނީ ހަމައެކަނި ގައްބަރަށް” ކަމަށެވެ.

5 – ރަންބީރު ކަޕޫރު އަދި ރަންވީރު ސިންގް

“އެނިމަލް” ގައި ރަންބީރު ކަޕޫރު އަދި “ދުރަންދަރު” ގައި ރަންވީރު ސިންގް ދެއްކި އެކްޓިން އަޅާކިޔުމާ ގުޅޭގޮތުން ސަލްމާން ބުނީ އެ ދެ އެކްޓަރުން އަޅާނުކިޔޭނެ ކަމަށެވެ. އެއީ ތަފާތު ދެ ވައްތަރެއްގެ އެކްޓިން ކަމަށާއި ދެ މީހުންނަކީވެސް މޮޅު ދެ ތަރިން ކަމަށެވެ. ވަކިން ޚާއްސަކޮށް، ރަންވީރަކީ އާންމުކޮށް ވަރަށް ހަރަކާތްތެރި މީހަކަށް ވެފައި، “ދުރަންދަރު” ގައި އޭނާގެ އެ ހަކަތަ ކޮންޓްރޯލްކޮށްގެން ދެއްކި މަޑުމައިތިރި އެކްޓިން އަކީ އެކްޓަރެއްގެ ގޮތުގައި އޭނާގެ އިތުބާރު ހުރި މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ބުނެ ސަލްމާން ތަޢުރީފުކުރިއެވެ.

6 – ޒާތީ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުން

އުމުރުން 15 ނުވަތަ 16 އަހަރުން ފެށިގެން އޭނާގެ ބައްޕަ ސަލީމް ޚާންގެ ފަރާތުން ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ ޒާތީ ދިރިއުޅުމުގެ ވާހަކަ އާންމުންގެ ތެރޭގައި ނުދެއްކުން ކަމަށް ސަލްމާން ބުންޏެވެ. “ނިދާ ކޮޓަރިއަކީ ނިދާ ކޮޓަރި. ސިޓިންގް ރޫމަކީ މުޅި ޤައުމު. ނިދާ ކޮޓަރީގައި ހުންނަންޖެހޭ ކަންކަން ސިޓިންގް ރޫމާ ހަމައަށް ފޯރައިގެން ނުވާނެ.” ސަލްމާން ބުންޏެވެ.

މިވެސް ކިޔާލަން:  "ރާދޭ" ޓީވީއިން ޕްރިމިއަރ ކުރުން އާދީއްތަ ދުވަހު

7 – މާޒީގައި ޝޯވގައި ދެއްކުނު ވާހަކަތައް

ކުރީގެ އެޕިސޯޑެއްގައި އޭނާއަކީ އަދިވެސް “ވާޖިން” އެއް ކަމަށް ބުނެފައިވާ ވާހަކައަށް އިޝާރާތްކޮށް ސަލްމާން ބުނީ، މާޒީގައި އޭނާ ދައްކާފައިވާ ބައެއް ވާހަކަތައް މިހާރު ފެނުމުން އަމިއްލައަށްވެސް ލަދުގަންނަ ކަމަށެވެ. ނަމަވެސް އެއީ މާޒީ ކަމަށާއި، މާޒީ ހިފައިގެން އުޅުމުގެ ބަދަލުގައި ނުވަތަ މުސްތަޤުބަލާމެދު މާ ބޮޑަށް ވިސްނުމުގެ ބަދަލުގައި އަދުގައި ދިރިއުޅެން ދަސްކުރަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސަލްމާން ޚާންގެ މި ހާމަކުރުންތަކާއެކު މިފަހަރުގެ ސީޒަން އިތުރަށް ފޯރިގަދަވެގެން ދާނެކަމަށް ވަނީ ބެލެވެން ފަށާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top