ހޮސްޕިޓަލާއި ދިމާއަށް މިސްރާބު ޖެހީއްސުރެ ސުނޭހާ މަސައްކަތްކުރަމުން ދިޔައީ ނިފާރާއި ގުޅާށެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބި އެތައް ކޯލެއް މިސްވެގެން ދިޔަ އެވެ. ކުރިމަތިވަމުންދިޔަ ނާކާމިޔާބާއިއެކު މާޔޫސްކަން ލިބެމުންދިޔަ ނަމަވެސް ސުނޭހާ ހުއްޓައެއް ނުލަ އެވެ.
ފޯނު ރިންގުވާ އަޑު ނިފާރަށް އިވުނީ ފެންވަރައިގެން އައިސް މޭޒު ކައިރިއަށް ހުއްޓުނު ވަގުތު އެވެ. އަވަސްއަވަހަށް އެނދު ކައިރިއަށް ޖެހިލަމުން ބަލާލިއިރު ފޯނު ކެނޑެނީ އެވެ. ޖަވާބު ނުދެވުނު ނަންބަރުތަކަށް ބަލާލިއިރު ހައެއްކަ ފަހަރު ސުނޭހާ ގުޅާފައި އޮތެވެ.
ސުނޭހާއަށް ގުޅުމަށް ނިފާރު އަވަސްވެގަތެވެ.
“ކޮންތާކު؟ މިވަރަށް ގުޅާއިރު ވެސް ފޯނު ނަގާކަށް ނޭނގޭތަ؟” ސުނޭހާގެ ކިބައިން ފާޅުވީ ހިތްހަމަނުޖެހުމެވެ.
“ހަމަޖެހިބަލަ. ދަތުރުގެ ތައްޔާރީތައް ނިންމާލާފަ އާދެވުނީ ދެންމެ. ފެންވަރައިގެން މި ނުކުތީ. ކޮންތާކު ތިހުރީ؟” ނިފާރު މަސައްކަތްކުރީ ސުނޭހާ ހަމައަކަށް އަޅުވާށެވެ.
“ވަރަށް އަވަހަށް އެބަދަން.” ވަގުތާއި ހާލަތަށް ބަލާއިރު އެންމެ ރަނގަޅުވާނީ އެގޮތްކަން ވިސްނުމާއިއެކު އެގޮތަށް ޢަމަލުކުރުމަށް ނިފާރު އަވަސްވެގަތެވެ.
ހޮސްޕިޓަލް ކައިރިއަށް ނިފާރަށް އާދެވުނުއިރު ސުނޭހާ ހުރީ ދޮރޯށި ކައިރިއަށް ބޭރަށް ނުކުމެ އެވެ. ހިތްހަމަނުޖެހުމުގެ އަސަރުތައް މޫނުމަތިން ފެންނަން ހުރި ނަމަވެސް ނިފާރު އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ. ނިފާރު އައިސް ސައިކަލު މަޑުކޮށްލުމާއެކު ސުނޭހާ ފަހަތަށް އެރި އެވެ.
ސުނޭހާ ގޮވައިގެން ސައިކަލް ދުއްވަމުން ވާހަކަދައްކަމުންދިޔަ ނިފާރު ސައިކަލު މަޑުކޮށްލީ ހެދިގޮނޑުދޮށް ސަރަހައްދުގައި ހުރި އޯޕަންއެއަރ ހޮޓާތަކުން ހޮޓަލެއްގެ ކައިރިއަށެވެ. ވަށައިގެން ހޯދާލަމުން ނިފާރު ހިނގައިގަތުމާއެކު އޭނާގެ ފަހަތުން ސުނޭހާ ވެސް ހިނގައިގަތެވެ. ހޮޓާތަކުން ޚިދުމަތް ހޯދަން އައިސް ތިބި މީހުން ގިނަ ނަމަވެސް ތަނުގައި ރަސްކަން ކުރަމުންދިޔަ އަލިތަކުގެ ފަނޑުކަމުގެ ސަބަބުން މާ ރަނގަޅަށް މީހުންގެ ގޮތް އެނގޭވަރެއް ނުވެ އެވެ.
ނާއިމް އިންތިޒާރުކުރަމުން ދިޔައީ ސުނޭހާ ގެއަށް އަންނާނެ ވަގުތަކަށެވެ. ފަތިހު ފުރަން ހަމަޖެހިފައިވާތީ ފިހާރަތައް ބަންދުކުރުމުގެ ކުރިން ބާޒާރުކޮށްލަން ނާއިމް ވިސްނި އެވެ.
ސުނޭހާ އާއި ނިފާރު ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލީ ސުނޭހާގެ ފޯނު ރިންގްވާން ފެށުމުން ނެވެ. އަވަސްއަވަހަށް ދަބަހުން ފޯނު ނަގަމުން ބަލާލިއިރު ފޯނުކުރަނީ ނާއިމް އެވެ. ސުނޭހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ނިފާރަށް ފެނުނު ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެ އެވެ.
“ކޮބާ؟ އަދިވެސް ނުނިމޭތަ؟ ފިހާރައަށް ވެސް ޖައްސާލަން ޖެހޭނެއެއްނު.” ފޯނު ކުރީ ކީއްކުރަންކަން އަންގައިދޭ ފަދައަކުން ނާއިމް ވާހަކަ ދެއްކި އެވެ.
“އިރުކޮޅަކުން އާދޭ. އަހަރެން ނުކުންނަމުން ގުޅާނަން.” ޖަވާބު ދެމުން ސުނޭހާ ބަލާލީ ނިފާރަށެވެ. އޭނާ ދޭންވާ މެސެޖް ނިފާރަށް ލިބުނެވެ. ހިތް ނޭދުނު ނަމަވެސް އެހެން ގޮތެއް ނެތެވެ.
ސުނޭހާ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށް ނިފާރު އަވަސްވެގަތެވެ. އޭނާ އާއި ސުނޭހާގެ މެދުގައިވާ ސިއްރު ލޯބީގެ ގުޅުމުގެ އެއްވެސް މަޢުލޫމާތެއް އެހެން މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެ އެވެ. ކޮންމެ ކަމެއް ވެސް އޭނާ ކުރަމުން ދިޔައީ އެވަރު ވިސްނައިގެން ނެވެ.
ސުނޭހާ ގޮވައިގެން އައި ނިފާރު ސައިކަލު މަޑުކޮށްލީ ހޮސްޕިޓަލާއި ތަންކޮޅެއް ދުރުގައެވެ.
“ކެތްތެރިވެ ހަމަޖެހޭތި. އަހަރެން ދެއްކި ވާހަކަ ހަނދާން ބަހައްޓައި ސަމާލުކަން ދޭތި.” ސައިކަލުން ފައިބަމުން މަޑުމަޑުން ސުނޭހާ ބުނެލި އެވެ. އަޑާއި ހަރަކާތުން ފާޅުވި މާޔޫސްކަމާއި ހިތްދަތިކަން ސިއްރުކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ސުނޭހާއަކަށް އެކަން ކާމިޔާބެއް ނުވި އެވެ.
“އޯކޭ. ގުޑްނައިޓް.” އަވަސްއަވަހަށް ސައިކަލް ދުއްވާލަމުން ނިފާރު ވާހަކަ ދެއްކި އެވެ.
ނިފާރު ގޮސް ލޯ ކުރިމަތިން ގެއްލެންދެން ބަލަހައްޓައިގެން ހުރި ސުނޭހާ މަޑުމަޑުން ހޮސްޕިޓަލާއި ދިމާއަށް ހިނގައިގަތެވެ. މަގުމަތީގައި މީހުން ކިތަންމެ ގިނަ ނަމަވެސް އޭނާއަށް ނުރައްކަލެއް ނެތްކަން ސުނޭހާ ޔަގީންކުރި އެވެ.
ހޮސްޕިޓަލާއި ދިމާއަށް ސައިކަލް ދުއްވަމުންދިޔަ ނާއިމް ސައިކަލު މަޑުކޮށްލީ ފޯނު ރިންގްވާން ފެށުމުން ނެވެ.
“ފެންފުޅިއެއް ގަނެލައިގެން މި ނުކުންނަނީ. އާދޭ.” ނާއިމް ފޯނު ނެގުމާއިއެކު ސުނޭހާ ވާހަކަ ދެއްކި އެވެ.
ސުނޭހާ އާއި ނާއިމަށް ގެއަށް ދެވުނުއިރު އެގާރަ ޖަހައިފި އެވެ.
ނިދާން އޮތްއިރު ވެސް ނިފާރަށް ވިސްނެމުން ދިޔައީ ސުނޭހާއާ މެދުގަ އެވެ. ސުނޭހާގެ ދެމަފިރިންނާއިއެކު ދަތުރުދާން އޭނާ ނިންމި ނިންމުން ރަނގަޅު ނިންމުމަކަށް ވެދާނެބާ އެވެ. އޭނާގެ ކުރިމަތީގައި ސުނޭހާ ގޮވައިގެން ނާއިމް އުޅޭ ލޯބިވެތި އުފާވެރި ގޮތް ބަލަން އޭނާއަށް ކެތްކުރެވޭނެބާ އެވެ. އެފަދަ ހާލަތެއްގައި އޭނާއަށް އޭނާގެ ނަފްސު ކޮންޓްރޯލް ކުރެވޭނެބާ އެވެ.
ފުރަން ތައްޔާރުވެގެން ސުނޭހާމެނަށް އާދެވުނުއިރު ދަތުރުގެ ބައެއް ބައިވެރިން ލާންޗު ކައިރިއަށް އައިސް ތިއްބެވެ. ސައިކަލުން ފައިބަމުން ސުނޭހާ ފުރަތަމަ ވެސް ބަލާލީ ނިފާރު ކޮބައިތޯ އެވެ.
ފުރަން ހަމަޖެއްސި ގަޑި ޖެހެންވީރު ދަތުރުގެ ބައިވެރިންގެ ތެރެއިން އެންމެން ކަހަލަ ގޮތަކަށް އައިސްފި އެވެ. ނިފާރުގެ ޚަބަރެއް ވޭތޯ ވަށައިގެން ހޯދާލަ ހޯދާލާހުރި ސުނޭހާ ހަމައަކަށް އެޅުނީ ސައިކަލުގައި އައިސް މަޑުކޮށްލި ނިފާރު ފެނުނު ހިސާބުން ނެވެ. ހިތާހިތުން ހިނިތުންވެލެވުނުއިރު ސިކުނޑިއަށް ބޮޑަށް ލުޔެއް ލިބުނުހެން ވެސް ހީވި އެވެ.
ސުނޭހާމެނަށް މާލެއިން ފުރުނުއިރު ފަހެއްޖަހާ ބޮޑުވެއްޖެ އެވެ. ދަތުރާއި ގުޅިގެން ކޮންމެހެން ދައްކާލަން ޖެހޭ މުހިންމު ވާހަކަތައް ދައްކާލުމަށްފަހު އެކި މީހުން އެކިތަނުގައި އިށީނދެ ހަމަޖެހިލި އެވެ. އެ ވަގުތުކޮޅު ވެސް ނިދާލެވޭތޯ އެއްބަޔަކު އުޅުނުއިރު އަނެއް ބަޔަކު ތިބީ ފޯނަށް ލޯ ޖަހައިގެން އެއިން ކޮންމެވެސް ކަމެއް ކުރާށެވެ.
ނިފާރާއި ކުރިމަތިވާގޮތަށް ސުނޭހާ އިށީނުމާއިއެކު ނާއިމް އައިސް އޭނާ ކައިރީ އިށީނެވެ. ލޯތްބާއި އޯގާތެރިކަމާއެކު ސުނޭހާގެ ބޮލުގައި ފިރުމާލަމުން މަޑުމަޑުން ގެނެސް ގައިގާ ލައްކޮށްލި އެވެ. ނާއިމްގެ ގައިގާ ލެނގިލަމުން ސުނޭހާ ލޯ މަރާލި އެވެ.
ނިފާރު އިނީ ފޯނާއި ކުޅެން ނަމަވެސް އިރުއިރުކޮޅުން ސިއްރުސިއްރުން ސުނޭހާއަށް ބަލާލަ އެވެ. ފެންނަމުންދިޔަ މަންޒަރުގެ ސަބަބުން ހިތަށް ކުރަމުންދިޔަ އަސަރު ކިތަންމެ ހިތްދަތި ނަމަވެސް ނިފާރު ކެތްތެރިވެ ހަމަޖެހުނެވެ. އެއިން ކަމެއް މީހަކަށް ޝައްކު ވެދާނެތީ ވެސް ވިސްނަން ޖެހޭކަން އޭނާ ހަނދާނެއް ނުނެތެ އެވެ.
ގެސްޓްހައުސްއަށް ދެވުމާއިއެކު ގިނަބަޔަކު ބޭނުންވީ ނިދާލަން ނަމަވެސް ހެނދުނުގެ ސައި ތައްޔާރުކުރުމާއިގެން ދެމީހަކު އުޅުނެވެ. ގެސްޓްހައުސްއާ ދިމާ އަތިރިމަތީ ހުރި ޖޯލިފަތީގައި އިށީނދެލައިގެން ނިފާރު އިނީ ފިލްމެއް ބަލާށެވެ.
ރަށުތެރެއަށް ފެތުރެމުންދިޔަ ހަލަބޮލިކަން އިތުރުވަމުން ދިޔައިރު ރަށަށް އަންނަ މީހުން ވެސް ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔަ އެވެ. މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރަށު މީހުންނާއި އެހެން ވެސް ބައެއް ތަންތަނުގައި ދިރިއުޅެމުންދާ ބައެއް މީހުންނާއި އެމީހުންނާއި ގުޅުންހުރި ބައެއް މީހުން ވެސް ބަންދަށް ރަށަށް އަންނަމުން ދިޔަ އެވެ.
“ގިޔާސް! ކޮބާ؟ މިކޮޅުން ކުރަން އައި ކަންތައް މިހާރު ހަމަޖެހިއްޖެތަ؟” ކޮޓަރިން ނުކުމެގެން އައި ޒުލޭޚާ ގިޔާސަށް ގޮވާލަމުން ކޮށްލި ސުވާލާއިއެކު އެންމެނަށް ލިބުނީ ހައިރާންކަމެވެ.
“ކޮންކަމެއް؟ އެދުންގަނޑެއް އޮވެގެންދޯ އެވަރަކުން މިރަށަށް މިއައީ؟” ސާނިހް ބަލާލީ ޒުލޭޚާ އަށެވެ.
“އާނ. އިންނާނެ މީހަކު ހޯދާށޯ އައީ. ” ގިޔާސަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އަވަސްއަވަހަށް ނިޔާސާ ޖަވާބު ދިނެވެ.
“އަހަރެންނަށް މަލާމާތް ކުރާއިރު މި ދެމީހުން މިތިބީ ހުރިހާކަމެއް ނިމިފަ. މިއިން ކޮންމެ މީހަކު ދެމީހުނާއި އިނދެފި. އަހަރެން އެކަނި ހުސްކޮށް ހުރީ.” ނިޔާސާ އާއި ޒުލޭޚާއަށް ބަލާލަމުން ގިޔާސް ހިނިތުންވެލި އެވެ.
“ޒުލޭޚާގެ ގޮތެއް ނޭނގެ. ޔަގީނުން ވެސް އަހަރެން ގޮތެއް ހޯދައިފިން.” ނިފާރުގެ ގައިގާ ޖެހިގެން ކަހަލަ ގޮތަކަށް އިށީން ނިޔާސާ އަތް ބާއްވާލީ ނިފާރުގެ ކޮނޑުމަތީގަ އެވެ.
ފެނުނު މަންޒަރާއިއެކު ސުނޭހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ނިފާރަށް ފެނުނެވެ. އެ މާޔޫސްކަމާއި ހިތްދަތިކަން އޭނާގެ ހިތާއި ކުޅެލި އެވެ. ނިޔާސާގެ އަމަލާއި ބަސްމަގުގައި އެއްވެސް ހަޤީޤަތެއް ނެތް ނަމަވެސް އެކަމާއި ދެކޮޅަށް އެއްވެސް ކަމެއް ކުރާކަށް ނިފާރަކަށް ނުކެރުނެވެ. ވަގުތާއި ހާލަތުގެ ގޮތުން މިވަގުތަށް އެންމެ ރަނގަޅުވާނީ އެގޮތްކަން އޭނާއަށް ވިސްނުނެވެ.
ދަތުރުގައި އައި އެންމެންނަކީ އެކަކު އަނެކަކު ދަންނަ މީހުނެއް ނޫނެވެ. ރައްޓެހިންގެ ރައްޓެހިންނާއި އެކުގައި މަސައްކަތްކުރާ މީހުން ތިއްބެވެ. ކައިވެނީގެ ގުޅުމުގެ ސަބަބުން ދަތުރުގައި ބައިވެރިވި މީހުން ތިއްބެވެ. އެކުގައި ހޭދަކުރަމުންދިޔަ ވަގުތުތަކުގެ ސަބަބުން އެތައް ކަމެއް ބަދަލުވެގެން ދިޔަ އެވެ. އެންމެންގެ މެދުގައި ގާތްކަމާއި އެކުވެރިކަން އުފެދޭކަށް މާގިނަ ވަގުތެއް ނުނެގި އެވެ.
“ކިހާއިރަކު މޫދަށް ދަނީ. މަޖާ ރެޑީވެއްޖެތަ؟” މަޢުލޫ ބަދަލުކޮށްލަމުން ނާއިމް އަހާލި އެވެ.
“އާނ. އެކަން ހަމަޖެހިދާނެ. އަވަހަށް ތައްޔާރުވޭ. ޕިކަޕަކަށް ވެސް ގުޅަން ޖެހޭނެއެއްނު.” ނާއިމްގެ ވާހަކައިގައި ބައިވެރިވަމުން ފަރީޒާ ވާހަކަ ދެއްކި އެވެ. ބަދިގެއާ ދިމާއަށް ފަރީޒާ ހިނގައިގަތުމުން ޒުލޭޚާ އާއި ސުނޭހާ އޭނާގެ ފަހަތުން ހިނގައިގަތެވެ.
ލިބުނު ފުރުސަތުގެ ބޭނުން ހިފައި ނިފާރާއި ސުނޭހާ މީހުންގެ ތެރޭގައި ވާހަކަ ދައްކަން ފެށި އެވެ.
ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ދެވަނަ ރަށަށް ނާއިމްމެން ދިޔައީ ހަވީރު ހަތަރެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ކުއްޔަށް ހިފާފައިވާ ގެއަށް ގޮސް އެތަނުގައި ތަކެތި ބެހެއްޓުމަށްފަހު އެންމެން ވެސް ބޭނުންވީ ހަވީރުގެ ސަޔަށް ބޭރަށް ދާށެވެ.
ރަށުގެ އަތިރިމަތީ ހުރީ ރެސްޓޯރެންޓަކުން ހަވީރުގެ ސައި ބޮއިގެން ބޭރަށް ނުކުތްގޮތަށް ގިނަ މީހުން ބޭނުންވީ ރަށުތެރެ ބަލާލަން ދާށެވެ. މުހިންމު ތަންތަނަށް ޒިޔާރަތްކޮށްލައި މުހިންމު މަޢުލޫމާތުތައް ހޯދާށެވެ. ދަތުރުގެ ހަނދާނަކަށްޓަކައި ނަމަވެސް ފަހަށް ރައްކާ ކުރާނެ ފޮޓޯކޮޅެއް ނަގާށެވެ.
ސުނޭހާ ގޮވައިގެން ނާއިމް އުޅެމުންދާ ލޯބިވެތި ގައިގޯޅި އުޅުމުގެ ސަބަބުން ނިފާރުގެ ހިތަށް ވަރަށް އަސަރުކުރި އެވެ. ހިތާމައިގެ މައްޗަށް ހިތްހަމަނުޖެހުން ވެރިވަމުން ދިޔައިރު ބައެއް ފަހަރު ރުޅިވެސް އަންނަން ފެށި އެވެ. އެ މަންޒަރު ނުބަލާންވެގެން އެތައް ފަހަރަކު މޫނު އަނބުރާލި ވެސްމެ އެވެ.
(ނުނިމޭ)
