ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި އޮޑި ސްޕޯރޓްސް އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗް އެއްވަރު ވެގެން ނިމިއްޖެ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅެވުނު މިމެޗް ނިމުނީ 2-2 އިން އެއްވަރު ވެގެން ނެވެ.
ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ނުހިފިއެވެ. މިހާފުގައި އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ނިއުރޭޑިއަންޓުން ނެވެ. އޮޑީގެ އޭރިޔާ ތެރެއިން ނިއުރޭޑިއަންޓްގެ ޑޮރިއެލްޓަން މެންޓޯޝް ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް އައީ އޮޑީގެ ކީޕަރު އަތުން ޖެއްސި ބޯޅަ ގޯލްގެ މަތީ ދަނޑީގަ ޖެހިފަ އެވެ.
މިމެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އޮޑިން ނެވެ. ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި އޮޑިއަށް މި ލަނޑު ޖަހައި ދިނީ އަހްޒަމް ރަޝީދު އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މުޒްދާން ހަސަން ފަހިކޮށްދިން ފުރުސަތެއްގަ އެވެ.
އޮޑިން ނެގި ލީޑުގައި މާގިނައިރު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. އޮޑީގެ ލަނޑަށް ދެ މިނިޓް ނުވަނީސް ނިއުރޭޑިއަންޓުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އޮޑީގެ އޭރިޔާތެރެއަށް ނިއުރޭޑިއަންޓްގެ މުހައްމަދު ނާއިމް މަތިމަތިން ލައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި ނިއުރޭޑިއަންޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑޮރިއެލްޓަން ނަޝިމެންޓޯސް އެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިކުރި އޮޑިން، ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 56 ވަނަ މިނިޓް އެވެ. އަރިމަތިން ބޯޅަ ހިފައިގެން ނިއުރޭޑިއަންޓްގެ އޭރިޔާތެރެއަށް ވަދެ ތިރިތިރިން ގޯލް ކުރިމައްޗަށް އަހްމަދު އައިހަމް ޖައްސާލި ބޯޅަ ނިއުރޭޑިއަންޓްގެ ދެ ކުޅުންތެރިން ދޭތެރެއިން ކުރިޔަށް ޖެހި ގޯލްގެ ތެރެއަށް ފޮނުވާލައި އޮޑިއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ މުޒްދާން ހަސަން އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނިއުރޭޑިއަންޓުން މެޗްގެ ނަތީޖާ ހަމަހަމަ ކުރީ 88 ވަނަ މިނިޓްގަ އެވެ. އޮޑީގެ އޭރިޔާ ތެރެއަށް މުހައްމަދު ނާއިމް ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައި ނިއުރޭޑިއަންޓަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލަކަށް ކުޅެން ނުކުތް އަމްދާން އަލީ އެވެ.
މާޒިޔާ ކައިރިން ނިއުރޭޑިއަންޓް މޮޅުވި މެޗްގައި ނިއުރޭޑިއަންޓް މޮޅުވި ލަނޑު، މެޗްގެ ފަހު ވަގުތުކޮޅު ޖެހިއިރު، މިމެޗްގެ ކުރިން ދިއްދޫއާ ބައްދަލުކުރި މެޗް އެއްވަރު ކުރީ ވެސް މެޗްގެ ފަހު ވަގުތު އެވެ.
މި ލަނޑަށްފަހު ލަނޑު ޖަހާނެ ފުރުސަތުތައް ވަނީ ދެ ޓީމަށް ލިބި ބޭނުން ނުކުރެވިފަ އެވެ.
މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އޮޑި ސްޕޯރޓްސްގެ މާވިން ލެބްބެއި އެވެ.
މިމެޗުން ލިބުނު ޕޮއިންޓާއިއެކު ނިއުރޭޑިއަންޓް ލީގުގެ ތިންވަނައަށް ޖެހެލިއިރު، އޮޑި ވަނީ ހަތަރު ވަނައަށް ޖެހިލާފަ އެވެ.
ލީގުގެ މެޗެއް މިއަދު ވެސް އޮންނާނެ އެވެ. މިއަދު ހަވީރު ދިއްދޫގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗްގައި ބައްދަލު ކުރާނީ ދިއްދޫ ސްޕޯރޓްސް ކުލަބާއި ކުލަބް އީގަލްސް އެވެ.
