އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ދުވާލަކު އެތައް ފަހަރަކު އަތުކުރީގައި އޮންނަ ގަޑިއަށް ބަލައިލާ މީހުންނެވެ. އަދި ޚާއްޞަ ވިސްނުމަކާ ނުލައި، އާދައެއްގެ ގޮތުން ރޭގަނޑު ނިދާއިރު ވެސް ގަޑި ނުބާލައި ނިދާ މީހުން މަދެއް ނޫނެވެ. ނަމަވެސް، ތިބާގެ އަތުކުރީގައި އެ އޮންނަ އާދައިގެ ސްމާޓްވޮޗަކީ ތިބާ ނިދާފައި އޮންނަ ވަގުތު، ޞިއްޙީ ބޮޑު ނުރައްކަލަކުން ސަލާމަތްވުމަށް އިންޒާރު ދޭ އެއްޗަކަށް ވެދާނެ ކަމަށް ދުވަހަކު ވެސް ހިތަށް އެރި ހެއްޔެވެ؟
އެމެރިކާގެ މަޝްހޫރު ސްޓެންފޯޑް ޔުނިވަރސިޓީން ދާދިފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޑޮކްޓަރުންނަށް ވެސް ގިނަ ފަހަރަށް ފާހަގަނުކުރެވި ދޫވާ ނިދީގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ “ސްލީޕް އެޕްނިއާ” ދެނެގަތުމުގެ ޤާބިލުކަން މި ޒަމާނުގެ ސްމާޓްވޮޗްތަކަށް ލިބިގެންވެއެވެ. ‘ޖާނަލް އޮފް ކްލިނިކަލް ސްލީޕް މެޑިސިން’ ގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި، ސެމްސަންގް ގެލެކްސީ ވޮޗް 6 ބޭނުންކޮށްގެން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި، މެދުމިންވަރަކުން ފެށިގެން ބޮޑުވަރު ވެފައިވާ ސްލީޕް އެޕްނިއާ ދެނެގަތުމުގައި އެ ގަޑީގެ ޞައްޙަކަން 94 އިންސައްތައަށް އަރައެވެ.
ސްލީޕް އެޕްނިއާ އަކީ ކޮބާ؟
ސްލީޕް އެޕްނިއާ އަކީ ނިދީގައި ތަކުރާރުކޮށް ނޭވާލުން ހުއްޓޭ އަދި އަލުން ނޭވާލެވެން ފަށާ ޞިއްޙީ މައްސަލައެކެވެ. ނޭވާ ހުއްޓޭ ކޮންމެ ފަހަރަކު ލޭގައި ހުންނަ އޮކްސިޖަންގެ މިންވަރު ދަށްވެ، މީހާއަށް ރޭކާނުލައި ފުން ނިދިން ހޭލައްވާލައެވެ. މިއީ ވަރަށް ނުރައްކާތެރި ހާލަތަކަށް ވީނަމަވެސް، މި ބަލި ތަޙައްމަލުކުރާ ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަށް މިކަން ދެނެގަނެވިފައެއް ނުހުރެއެވެ. ‘ދަ ލެންސެޓް ރެސްޕިރޭޓަރީ މެޑިސިން’ ގެ 2019 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 936 މިލިއަން ބޮޑެތި މީހުން މި ބައްޔާ ހަނގުރާމަކުރަމުންދެއެވެ. މިއީ މީގެ ކުރިން އަންދާޒާކުރެވުނު ޢަދަދަށްވުރެ ގާތްގަނޑަކަށް ދިހަ ގުނަ އިތުރު ޢަދަދެކެވެ.
ސްޓެންފޯޑުން މި ދިރާސާ ކުރިއަށްގެންދިޔަ ގޮތް
މި ދިރާސާގައި ބައިވެރިކޮށްފައިވަނީ އެވަރެޖް އުމުރުން 54 އަހަރުގެ 147 މީހުންނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ މީގެ ކުރިން ސްލީޕް އެޕްނިއާ ހުރިކަން އެނގިފައިވާ ނުވަތަ އެ ބަލީގެ ސާފު ޢަލާމާތްތައް ފެންނަން ހުރި މީހުންނެވެ. މި ބައިވެރިން ސްޓެންފޯޑް ހެލްތު ކެއާ ސްލީޕް މެޑިސިން ސެންޓަރުގައި ދެ ރޭ ވަންދެން، އަދި ގޭގައި ތިން ރޭ ވަންދެން ގެލެކްސީ ވޮޗް 6 އަޅައިގެން ނިދިއެވެ.
ސްލީޕް ސެންޓަރުގައި ހެދި ޓެސްޓުތަކުގައި ގަޑިން ދެއްކި ނަތީޖާތައް އަޅާކިޔާފައިވަނީ، މި ބަލި ދެނެގަތުމަށް ބޭނުންކުރާ އެންމެ ފުރިހަމަ ޓެސްޓު ކަމަށްވާ “ޕޮލިސޮމްނޮގްރަފީ” އާއެވެ. މިއީ ލެބޯޓްރީއެއްގައި މީހާގެ ނޭވާލުމާއި، ވިންދާއި، ސިކުނޑީގެ ހަރަކާތްތައް ސެންސަރުތަކުގެ އެހީގައި ބަލާ ބެލުމެކެވެ. މި އަޅާކިޔުމުން ދެއްކި ގޮތުގައި، މެދުމިންވަރަކުން ފެށިގެން މައްޗަށް ސްލީޕް އެޕްނިއާ ހުރި މީހުން ދެނެގަތުމުގައި ގަޑީގެ ޞައްޙަކަން 94 އިންސައްތައަށް އެރިއެވެ. އަދި ވަކިން ޚާއްޞަކޮށް، ރޭގަނޑު ނިދީގައި ލޭގެ އޮކްސިޖަން އެންމެ ބޮޑަށް ދަށްވާ މީހުންގެ ކޮންމެ ކޭހެއް މި ގަޑިން ވަނީ ސައްޙަކަމާއެކު ދެނެގަނެފައެވެ.
ސްޓެންފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ އަދި މި ދިރާސާގެ އިސް ފަރާތެއް ކަމަށްވާ ރޮބްސަން ކަޕާސޯ ވިދާޅުވި ގޮތުގައި، އާންމުކޮށް ބޭނުންކުރާ މިފަދަ ސްމާޓްވޮޗްތަކުގެ ސަބަބުން، ނިދީގެ މައްސަލަތައް ދެނެގަތުމުގެ ފުރުޞަތު އާންމުންނަށް ފަސޭހައިން ލިބިގެންދާނެއެވެ. ނަމަވެސް، މިފަދަ ވަސީލަތްތަކަކީ ބަލި ޔަޤީންކޮށްދޭ (ޑައިގްނޮސްޓިކް) ވަސީލަތްތަކެއް ނޫން ކަމަށާއި، މިއީ އަވަހަށް ޑޮކްޓަރަށް ދެއްކުމަށާއި، ފުރިހަމަ ސްލީޕް ސްޓަޑީއެއް ހެދުމަށް މަގުފަހިކޮށްދޭ “ސްކްރީނިންގ” އެހީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަލި އަވަހަށް ދެނެގަތުން މުހިންމުވަނީ ކީއްވެ؟
ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ސްލީޕް އެޕްނިއާގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ އެތައް ޞިއްޙީ މައްސަލަތަކެއް ކުރިމަތިވެއެވެ. އޭގެ ތެރޭގައި ހާޓް އެޓޭކް، ސްޓްރޯކް، ޑިޕްރެޝަން އަދި ދުވާލު ގަޑީގައި ނިދިޖެހުމުގެ ސަބަބުން ހިނގާ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިމެނެއެވެ.
މީގެއިތުރުން، މިއީ ސިކުނޑީގެ މަސައްކަތްތައް ދަށްވުމަށް ވެސް މެދުވެރިވާ ސަބަބެކެވެ. ‘އަލްޒައިމާސް އެންޑް ޑިމެންޝިއާ’ މަޖައްލާގައި ޝާއިޢުކުރެވުނު ދިގު މުއްދަތުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ސްލީޕް އެޕްނިއާއަށް ފަރުވާ ނުކޮށް ގިނަ ދުވަސްވުމަކީ، ވިސްނުމާއި ހަނދާން ނެތުމުގެ ބަލިތައް އަވަހަށް ޖެހުމަށް މަގުފަހިވާ ކަމެކެވެ.
އެހެންކަމުން، ސްމާޓްވޮޗް ފަދަ ޒަމާނީ ވަސީލަތްތަކުގެ ބޭނުމަކީ މިފަދަ ނުރައްކާތައް ކުރިން ދެނެގަނެ އިންޒާރު ދިނުމެވެ. ތިބާގެ އަތުކުރީ ގަޑިން ނުރައްކަލުގެ އިންޒާރެއް ދީފިނަމަ، ނުވަތަ ގަދައަށް ގުގުރިދެމުމާއި ނިދީގައި ނޭވާ ކުރުވުން ފަދަ ޢަލާމާތެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. އެހެނީ، ބަލި މުޅިން ޔަޤީންކޮށް، ފުރިހަމަ ފަރުވާއެއް ފެށެން އޮތީ ހަސްފަތާލެއްގައި ހަދާ ފުރިހަމަ ޓެސްޓަކަށް ފަހުގައެވެ.
