ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ލޯތްބާއެކު ތައްޔާރުކުރި ކެއުން – 8
މުނިއަވަސް ގްރެފިކްސް

އަމީންގެ އަޑު ތުރުތުރުލާން ފެށިއެވެ. އޭނާގެ ލޮލުން ފޭބި ކަރުނައިގެ ސަބަބުން ލަދުގަނެ، ވާހަކަ ދެއްކުން ހުއްޓާލިއެވެ. ފާތުން އޭނާގެ ކައިރިއަށް ޖެހިލައި، އޭނާގެ ގައިގައި ބައްދާލިއެވެ.

ވަރަށް ގިނައިރު ވަންދެން، އޭނާގެ ބޯ ފާތުންގެ ކޮނޑުގައި އަޅައިގެން އިނެވެ. އެއީ ގިނަ އަހަރުތަކެއް ވަންދެން ހިތްވަރުގަދަކަން ދައްކައިގެން ފޮރުވައިގެން ހުރި ވަރުބަލިކަން ބޭރުކޮށްލި ވަގުތެކެވެ. ފާތުން އޭނާއަށް ހިތްވަރުގަދަވާކަށް ނުބުނެއެވެ. ކޮންމެ ކަމެއްވެސް ވަނީ ސަބަބަކާ ހުރެ ކަމަކަށް ނުވަތަ ކަންބޮޑުނުވާކަށްވެސް ނުބުނެއެވެ.

އޭނާ ހަމައެކަނި އަމީންގެ ގައިގައި ހިފަހައްޓައިގެން އިނީއެވެ.

ފަހުން، އަމީން މަޑުމަޑުން ބުންޏެވެ. “އަހަރެން ބިރުގަނޭ.”

ފާތުން އޭނާގެ ބޮލުގައި ކޯތާފަތް ޖައްސާލިއެވެ. “އެނގޭ.”

“އަހަރެންނަށް މި އާއިލާ ނުބެލިއްޖެއްޔާ ދެން ވާނީ ކިހިނެއް؟”

ފާތުން އޭނާގެ މޫނަށް ބަލާލުމަށްޓަކައި ދުރަށް ޖެހިލިއެވެ. “އަމީން، އަހަރެންނަށް ބަލާބަލަ.”

އޭނާ އިސްއުފުލާ ބަލާލިއެވެ.

“ކަލޭ ތިހިރީ ފަނަރަ އަހަރު ވަންދެން އަހަރެމެން ބަލާފައި. ބަލިވެ ހުރެވެސް، ނިދި ނަގާލައިގެން، ކުދިންނަށް ނުދައްކާ ކަންބޮޑުވުންތަކާއެކު މަސައްކަތް ކޮށްފައި. އެކަމަކު އަހަރެން ބޭނުން ކަލެއަށް ކަމެއް ވިސްނައިދޭން. އަހަރެމެން ކައިވެނިކުރީ ކަލޭ ކޮންމެ މަހަކު ވަކިވަރަކަށް ފައިސާ ހޯދާނެކަމަށް ވީ ވަޢުދަކަށް ނޫން. އަހަރެމެން ކައިވެނިކުރީ އެކުގައި ދިރިއުޅުމެއް ބިނާކުރަން ބޭނުންވާތީ.”

ފާތުން އޭނާގެ އަތުގައި ހިފިއެވެ.

“ވަޒީފާ ގެއްލުނަސް، ކަލެއަކީ ހަމަ އެކުދިންގެ ބައްޕަ. އަހަރެންގެ ފިރިމީހާ. އަހަރެން ރުޅިއައިސް ހުންނަ ވަގުތު ހެއްވާލާ މީހާ، އަދި އަހަރެން ސައި ބޯން ބޭނުންވާ ގޮތް ދަންނަ މީހާ. އަހަރެން މުސްކުޅިވެ، ކަކުލުގައި ރިއްސާތީ ޝަކުވާކުރާ ދުވަހުވެސް އަހަރެންގެ ކައިރީގައި ހުންނަން ބޭނުންވާ މީހަކީ ހަމަ ކަލޭ.”

އަމީން ކުޑަކޮށް ހީނލިއެވެ. “ކަލޭ މިހާރުވެސް ކަކުލުގެ ޝަކުވާ ކުރަމެއްނު.”

“ދެން ހިތަށް އަރުވާލަބަލަ އޭރުން އަދި މާ ބޮޑުވާނެވަރު.”

އަމީން އަނެއްކާވެސް ހީނލިއެވެ. މިފަހަރު އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ފާތުން އޭނާގެ މޫނުމަތީގައި ހުރި ކަރުނަތައް ފޮހެލިއެވެ.

“އަހަރެމެން އެހެން ވަޒީފާއެއް ހޯދާނަން. ކާނާ ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން. ޚަރަދުތައް ކުޑަކުރަން ޖެހޭ ތަންތަނުން ކުޑަކުރާނަން. އެހީއަކަށް އެދެން ޖެހިއްޖެނަމަ އެކަންވެސް ކުރާނަން. އަދި އަހަރެމެންނަށް އަލުން ފަށަން ޖެހިއްޖެނަމަ، އަހަރެމެން އަލުން ފަށާނީ.”

މިވެސް ކިޔާލަން:  މަނާކުރެވިގެންވާ ރޭ – ބާބު 01

އޭނާ ކުޑަކޮށް މަޑުކޮށްލިއެވެ.

“ނަމަވެސް އާދޭސްކޮށްފައި ބުނަން، ދިރިއުޅުމުގެ ރޭވުންތައް ބަދަލުވުމަކީ ކަލޭ ނާކާމިޔާބުވުން ކަމުގައި ނުނިންމާ.”

އަމީން ފާތުންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލިއެވެ. އެވަގުތު އޭނާއަށް ވިސްނުނު ގޮތުގައި، އެއްދުވަހަކު ބޭންކު ބަންދުކޮށްފައި ހުއްޓާ އޭނާއަށް ރޭގަނޑުގެ ކެއުން ގެނެސްދިން އަންހެނާ އެ ދިއްކޮށްލީ ހަމައެކަނި ކެއުމެއް ނޫނެވެ. އޭނާ އެ ދިއްކޮށްލީ، އަމީންގެ އަބުރަށް އުނިކަމެއް ނައިސް، އޭނާގެ ހިތުގެ ބުރަކަން ބާލާނެ އަމާން މަންޒިލެކެވެ. އަދި އެއީ އިންސާނަކަށް އަނެކަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާ ކަމުގައި ވެދާނެއެވެ. އިންސާނަކަށް ވީތީ އިޙުސާސްވާ ބަލިކަށިކަމާއި ބިރުވެރިކަން ހިއްސާކުރާނެ އަމާން ތަނެއް ލިބުމެވެ.

*****

އަމީންގެ ވަޒީފާގެ ފަހު ހަފުތާ އައިއިރު ހުރީ ނުތަނަވަސްކަމާއި ބައެއް ކަހަލަ އުންމީދުތަކެވެ. އާ ކޮންޓްރެކްޓަރުގެ ދަށުން ވަޒީފާއަށް އެދި އޭނާ ހުށަހެޅި ފޯމު ބަލައިގަނެ، އިންޓަވިއުއަށް ދަޢުވަތު ލިބުނެވެ. ނަމަވެސް ވަޒީފާ ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

އެއާ އެކުއެކީގައި ކަހަލަ ގޮތަކަށް ފާތުންގެ ކޭޓަރިން މަސައްކަތް ކުރިއަރަން ފެށިއެވެ. ކުޑަ ދެ އޮފީހަކުން އޭނާއަށް ޤަވާއިދުން އޯޑަރު ލިބެން ފެށިއެވެ. އަދި މަސައްކަތް ބުރަވާ ވަގުތުތަކުގައި އެހީތެރިވެދޭނެ އެހެން އަންހެނަކާ ޝިފާ އޭނާ ބައްދަލުކުރުވިއެވެ. އޭނާއަށް ނުއުފުލޭވަރުގެ ބުރަ މަސައްކަތެއް ފާތުން ބޮލަކު ނާޅައެވެ. ނަމަވެސް އެ މަސައްކަތުން ލިބޭ އިތުރު އާމްދަނީގެ ސަބަބުން ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ.

ކަރަންޓު ބިލު ގަޑިއަށް ދެއްކުނެވެ. މަރިޔަމަށް އާ ސުކޫލް ބޫޓު ގަނެދެވުނެވެ. ރިލްވާންގެ އެޑިއުކޭޝަނަލް ދަތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަކީ އަދިވެސް އުނދަގޫ ކަމަކަށް ވިޔަސް، ކޮންމެ ހަފުތާއަކު ކުޑަ މިންވަރެއް ރައްކާކުރަން އޭނާގެ މައިންބަފައިން ފެށިއެވެ. އެމީހުންގެ ހާލަތު ކުއްލިއަކަށް މުޅިން ބަދަލެއް ނުވެއެވެ. އަދިވެސް މުސްތަޤުބަލާމެދު ވިސްނަން އަމީން ނުނިދާ އޮންނަ ރޭތައް އާދެއެވެ. ނަމަވެސް ކުރިން އިޙުސާސްވި ފަދަ މާޔޫސްކަމެއް މިހާރު އެ އާއިލާއަކު ނެތެވެ.

މިވެސް ކިޔާލަން:  ލޯތްބާ ނުލައި – ފުރަތަމަ ބައި

އެއަށްފަހު، އެއްވެސް ބަޔަކު އުންމީދުނުކޮށް އޮއްވައި ވަރަށް ތަފާތު ދައުވަތެއް ލިބުނެވެ. ރަށުގެ އަންހެނުންގެ ޖަމިއްޔާއަކުން އިންތިޒާމުކުރި ކުޑަ ޖަލްސާއަކަށް ކާތަކެތި ތައްޔާރުކޮށްދިނުމުގެ ފުރުސަތު ޝިފާ، ފާތުންއަށް ހުށަހެޅިއެވެ. މި ބައްދަލުވުމަކީ ގޭގައި ތިބެގެން މަސައްކަތްކުރާ އަންހެނުންގެ އަގު ވަޒަންކުރުމަށާއި، އާއިލީ ޒިންމާތަކާއެކު އާމްދަނީ ހޯދޭނެ އަމަލީ ގޮތްތައް އަންހެނުންނަށް ދަސްކޮށްދިނުމަށް ބޭއްވި ހަރަކާތެކެވެ.

ފާތުން ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. މީގެ ކުރިން ދުވަހަކުވެސް އާންމު ހަފުލާއަކަށް އޭނާ ކާތަކެތި ތައްޔާރުކޮށްފައެއް ނުވެއެވެ. ނުދަންނަ ބަޔަކު އޭނާގެ ކެއްކުމުގެ ރަހަ ބަލާނެތީ ހާސްވެގެން އޭނާގެ އަތްފައި ފިނިވަމުން ދިޔައެވެ. ތިންވަނަ ފަހަރަށް ތަކެތީގެ ލިސްޓު ޗެކްކުރަން ހުއްޓާ އަމީނަށް އޭނާގެ ހާސްކަން ފާހަގަކުރެވުނެވެ.

“ކަންބޮޑުނުވޭ، ހުރިހާ ކަމެއްވެސް ދާނީ ވަރަށް ރަނގަޅަށް.” އަމީން ބުންޏެވެ.

“ކާތަކެތި މަދުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟”

“އެހެންވެއްޖެނަމަ، ދެން ފަހަރަކުން ތައްޔާރުކުރަންވީ މިންވަރު އަހަރެމެންނަށް އެނގޭނެ.”

“މީހުންނަށް ރަހަ ކަމުނުގޮސްފިއްޔާޔޯ؟”

“އެހެންވެއްޖެނަމަ، މީހުން ބޭނުންވަނީ ކޮންކަހަލަ ރަހަތަކެއްކަން އަހަރެމެންނަށް އެނގޭނެ.”

ފާތުން އޭނާއަށް ބަލާލިއެވެ. “ކުއްލިއަކަށް ވިޔަފާރީގެ މާހިރަކަށް ވީތަ؟”

“ނޫން. އެކަމަކު ބަނޑުހައި ނޫންކަމަށް ބުނެފައި، ކައި ނިމިގެން އިތުރު ތަށްޓެއް އަޅައިދޭން އެދޭ މީހުންނަށް ތިބާ ކާންދޭތަން އަހަރެން ދެކޭތާ ކިތަންމެ އަހަރެއް ވެއްޖެ.”

ފާތުންގެ ގާތަށް ހިނި އައެވެ.

ޖަލްސާ އޮތް ދުވަހުގެ ހެނދުނު، އަމީން އޭނާއާއެކު އެ ތަނަށް ދިޔައެވެ. ފާތުން ކާތަކެތި އަތުރައި ލޭބަލްތައް ހަރުކުރަމުން ދިޔައިރު، އަމީން ދިޔައީ ފޮށިތައް އުފުލައިދީ އެހީތެރިވަމުންނެވެ. އަމީން އެ ދުވަހު ވަޒީފާއަށް ނުގޮސް މަޑުކުރީ ފާތުންއަށް އެހީވުމަށެވެ. ވަޒީފާގެ އިންޓަވިއުގެ ނަތީޖާއެއް އަދި ނުލިބުނު ނަމަވެސް، ފާއިތުވި ހަފުތާތަކާ އަޅާބަލާއިރު އޭނާ ހުރީ ވަރަށް ހަމަޖެހިފައެވެ.

މީހުން އަންނަން ފެށުމުން، ފާތުން މޭޒު ކައިރީގައި ހުރީ ވަރަށް ބޮޑަށް ހާސްވެފައި ހިނިތުންވެލައިގެންނެވެ. އެންމެ ފުރަތަމަ ހުސްވީ ކަޓްލެޓްސްއެވެ. އޭގެ ފަހުން މަސްބޯކިބަލެވެ.

ވަރަށް ގިނަ އަންހެނުން އޭނާގެ ނަންބަރު ހޯދިއެވެ. އަދި ކުރިއަށް އޮތް ހަފުލާތަކަށްވެސް ކާތަކެތި ތައްޔާރުކޮށްދިނުމަށް އިންތިޒާމުކުރާ ފަރާތްތަކުން އެދުނެވެ. އެ ދުވަހުގެ ނިޔަލަށް، ކުރިއަށް އޮތް ހަފުތާތަކަށް ފުދޭވަރަށް ފާތުންއަށް އޯޑަރުތައް ލިބުނެވެ. ނަމަވެސް، އެންމެ މުހިންމު ވަގުތުކޮޅަކީ އުމުރުން ދުވަސްވީ އަންހެނަކު އޭނާގެ ގާތަށް އައި ވަގުތެވެ.

މިވެސް ކިޔާލަން:  އައްޑަނަ – ތިންވަނަ ބައި

ފަނޑު ނޫކުލައިގެ ބުރުގާއެއް އަޅައިގެން، ކުޑަ ދަބަހެއް ހިފައިގެން ހުރި އެ އަންހެން މީހާ، ވާހަކަ ދެއްކުމުގެ ކުރިން ވަރަށް ގިނައިރު ފާތުންގެ މޫނަށް ބަލަން ހުއްޓެވެ.

“ތިއީ އެ ވީޑިއޯއިން ފެންނަ އަންހެންމީހާތަ؟”

ފާތުން ލަދުން ހުރެ ހިނިތުންވެލަމުން “އާދެ” އޭ ބުންޏެވެ.

އެ އަންހެންމީހާ ފާތުންގެ އަތުގައި ހިފާލިއެވެ. “އަހަރެން ވާހަކައެއް ބުނެލަން ބޭނުން.”

ފާތުން ކަނުލައި އަޑުއަހަން ހުއްޓެވެ.

“އަހަރެންގެ ފިރިމީހާ ގާތްގަނޑަކަށް ތިރީސް އަހަރު ވަންދެން ރޭގަނޑު ވަޒީފާ އަދާކުރީ. އޭނާއަކީ ބަނދަރު ކައިރީގައި ހުންނަ ގުދަނެއްގެ ފާރަވެރިއެއް. އަހަރެމެންނަކީ މާ މުއްސަނދި ބައެއް ނޫން. އޭނާ މާ ގިނައިރު މަސައްކަތުގައި އުޅޭތީ، އާއިލާއަށް ވަގުތު ނުދެވޭތީ އަހަރެން ވަރަށް ގިނައިން ޝަކުވާކޮށް ރުޅިއައިސް އުޅުނިން.”

އެ މީހާ ކުޑަކޮށް މަޑުޖެހިލިއެވެ.

“އެއްދުވަހެއްގެ ހަވީރު، އޭނާ ކާން ގެންދަން ހަނދާން ނެތުމުން އަހަރެން ކާ އެއްޗެހި ހިފައިގެން ދިޔައިން. އަހަރެމެން ދެމީހުން އޭނާ މަސައްކަތްކުރާ ތަނުގެ ކައިރީގައި އިން ފާރުބުރިއެއްގެ މަތީގައި ތިބެގެން ކެއިން. އަހަރެން ހަނޑުލުގެ އަގު ބޮޑުވާ ވާހަކަ ދެއްކިން، އޭނާ އޭނާގެ ސުޕަވައިޒަރުގެ ޝަކުވާކުރި. އެވަގުތު ބުޅަލެއް އައިސް އޭނާގެ މަސްކޮޅު ޖަހައިގަންނަން އުޅުމުން އަހަރެމެން ދެމީހުންނަށް ވަރަށް ބޮޑަށް ހެވުނު.”

އެ އަންހެންމީހާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއް އައެވެ.

“އޭނާ ނިޔާވިތާ މިހާރު ކިތަންމެ އަހަރެއް ވެއްޖެ. އެންމެ ދިހަ މިނެޓަށް ނަމަވެސް އޭނާގެ ގާތުގައި އިށީނދެލަން އަހަރެން ކޮންމެފަދަ ޤުރުބާނީއެއްވެސް ވީމުސް. އެއީ ހަމައެކަނި ބަތާއި މަހާ، އަދި އަހަރެމެންގެ ކާތަށިން މަސްކޮޅު ޖަހައިގަންނަން އުޅޭ ބުޅަލެއްގެ ހަނދާންތަކާއެކު ކަމަށް ވިޔަސްމެ.”

ފާތުންގެ ލޮލުން ކަރުނަ ހިލުނެވެ. އެ އަންހެންމީހާ ފާތުންގެ އަތަށް ބާރުކޮށްލިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top