މޫނުގައި މަޑުމަޑުން މަސާޖުކޮށްލުމަކީ މަސްތަކުގެ ވާންކަން ކުޑަކޮށްދީ، ވަގުތީ ގޮތުން މޫނު ދުޅަވުން ކުޑަކޮށްދޭ ކަމެކެވެ. ނަމަވެސް، މީގެ ސަބަބުން ދާއިމީ ގޮތެއްގައި މޫނު މައްޗަށް ދަމާލައި (ލިފްޓްކޮށް)، މުސްކުޅިވުމުގެ އަލާމާތްތައް ފިލުވައިދޭކަމަށް ކުރެވޭ ދަޢުވާތަކަށް ސައިންޓިފިކް ވަރުގަދަ ހެކިތަކެއް ނެތެވެ.
ޒުވާންކަންމަތީ ހަންގަނޑު ބެހެއްޓުމަށްޓަކައި ގިނަ ބަޔަކު އަގުބޮޑު ސީރަމްތަކާއި އެންޓި-އޭޖިން ފަރުވާތަކަށް ހޭދަކުރާއިރު، މޫނުގެ މަސްތައް ވާންވުމަށް މެދުވެރިވާ ދިރިއުޅުމުގެ އާދަތަކަށް ސަމާލުކަމެއް ނުދެއެވެ. ނިދި މަދުވުމާއި، ގިނަ ވަގުތު ފޯނަށް ބަލަން އިސްޖަހައިގެން އިނުމަކީ ކަތުރުކަށިގަނޑާއި ކަރުގެ މަސްތައް ވަރުބަލިވެ، ވާންވާން މެދުވެރިވާ ކަންކަމެވެ.
ހެނދުނު ހޭލައިގެން ބޯކޮޅާއި، ކަތުރުކަށިގަނޑާއި، ކަނދުރާ ހިމެނޭ ސަރަހައްދުގައި މަސާޖުކުރުމުގެ އާދައަކީ މޫނު ދުޅަވުން ކުޑަކޮށްދީ، ކަތުރުކަށިގަނޑުގެ ބައްޓަން ރީތިކޮށްދޭ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. މީގެން ބައެއް ފައިދާތައް ލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް، ބޮޑެތި ބަދަލުތައް އަންނާނެކަމަށް ކުރާ އުއްމީދުތަކާމެދު ސުވާލު އުފެދެއެވެ.
ސްޓްރެސްގެ ސަބަބުން މޫނަށް ކުރާ އަސަރު
ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން، ޚާއްސަކޮށް ކަތުރުކަށިގަނޑާއި، ކަރާއި، ކޮނޑުގެ މަސްތައް ވާންވެއެވެ. ނޭނގި ހުރެ ބޮލުގައި ރިއްސުމާއި، ކަތުރުކަށިގަނޑަށް އުނދަގޫވުމާއި، މަސްތައް ވަރުބަލިވުން ފަދަ ކަންކަން މެދުވެރިވެއެވެ. ނަމަވެސް، ސްޓްރެސްގެ ސަބަބުން މޫނުގެ މަސްތައް ކުޑަވެ، މޫނު ތިރިއަށް އެލި، ލިމްފެޓިކް ސިސްޓަމް ބްލޮކްވާކަމަށް ކުރެވޭ ދަޢުވާތަކަކީ ސައިންޓިފިކަލީ ސާބިތުވެފައިވާ ކަންކަމެއް ނޫނެވެ.
އުމުރުން ދުވަސްވުމާ ގުޅިގެން ކޮލެޖަން މަދުވުމާއި، ހަންގަނޑުގެ އިލާސްޓިސިޓީ ގެއްލުމާއި، މޫނުގެ މަސްތަކާއި ކަށީގެ އޮނިގަނޑަށް އަންނަ ބަދަލުތަކަކީ މޫނުގެ ބައްޓަމަށް އަސަރުކުރާ މައިގަނޑު ސަބަބުތަކެވެ. ސްޓްރެސްގެ ސަބަބުން އާންމު ސިއްޙަތަށާއި ހަންގަނޑަށް އަސަރުކުރި ނަމަވެސް، ހަމައެކަނި މަސްތަކުގެ ވާންކަމުގެ ސަބަބުން މޫނު އެލޭ ކަމަށް ނިންމޭކަށް ނެތެވެ.
މަސާޖުން ބަދަލެއް އަތުވެދާނެ ހެއްޔެވެ؟
ކަތުރުކަށިގަނޑާއި މޫނުގައި މަޑުމަޑުން މަސާޖުކުރުމުން މަސްތައް ލުއިކޮށްދީ، ވަގުތީ ގޮތުން ދުޅަވުން ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ. ނަމަވެސް، އިންސާނާގެ ހަށިގަނޑުގައިވާ ލިމްފެޓިކް ސިސްޓަމަކީ އަމިއްލައަށް ދުޅަވުން ކުޑަކޮށްދޭ ނިޒާމެކެވެ. އެ ނިޒާމު ހަރަކާތްތެރި ކުރުވުމަށްޓަކައި ބާރަށް އަތް އުނގުޅުމަކީ ނުވަތަ ތަޅައިގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫނެވެ.
“އެސްތެޓިކް ސާޖަރީ ޖާނަލް” ގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، މޫނުގެ މަސާޖުގެ ސަބަބުން ބައެއް ބަދަލުތައް ފެނުނު ކަމުގައި ވިޔަސް، އެއީ އެންމެ އެކަށީގެންވާ ނަތީޖާއެއް ކަމަށް ނިންމޭނެ ފަދަ ހެކިތަކެއް ނެތެވެ. މީގެ އިތުރުން “ކްލީވްލޭންޑް ކްލިނިކް” އިން ހާމަކުރާ ގޮތުގައި، ލިމްފެޓިކް ވެސަލްތައް ހުންނަނީ ހަންގަނޑާ ވަރަށް ކައިރީގައި ކަމުން، މަސާޖު ކުރަންވާނީ ވަރަށް މަޑުމަޑުންނެވެ.
60 ސިކުންތުގެ މަސާޖަކުން 72 ގަޑިއިރު ތެރޭގައި ލޯކައިރި ދުޅަވުން ފިލުވައިދޭނެކަމަށް ނުވަތަ 30 ދުވަސް ތެރޭގައި މޫނުގެ ބައްޓަން ދާއިމީކޮށް ބަދަލުކޮށްދޭނެކަމަށް ބުނާ ބުނުމަކީ ކްލިނިކަލް ހެކި ނެތް ވާހަކަތަކެކެވެ. އަދި މަސާޖުކުރުމުން ހަށިގަނޑުން ވިހަ މާއްދާތައް (ޓޮކްސިންސް) ބޭރުވާކަމަށް ބުނާ ބުނުމަކީވެސް އޮޅުން އަރާ ފަދަ ވާހަކައެކެވެ.
އެހީތެރިވެދޭނީ ކޮން ކަންތައްތަކެއް؟
މަސާޖަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، މޫނުގެ މަސްތައް ވާންވުމަށް މެދުވެރިވާ އާދަތައް އިސްލާހުކުރުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ކަތުރުކަށިގަނޑު ލުއިކޮށް ބެހެއްޓުމާއި، ފޯނާއި ކޮމްޕިއުޓަރު ބޭނުންކުރާއިރު އިށީނދެ އިންނަ ގޮތް ރަނގަޅުކުރުމާއި، ހަމަނިދި ހޯދުމަކީ މުހިންމު ކަންކަމެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސްއިން ބުނާގޮތުގައި، ދަތްކުނޑިވިކާލުމަކީ ނަފްސާނީ އުނދަގޫތަކާއި ހާސްކަމާ ގުޅިފައިވާ ކަމެކެވެ. މީގެ ސަބަބުން ދަތްތަކަށް ގެއްލުންވެ ނުވަތަ ތަދުވާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.
ހެނދުނު ކުރާ މަސާޖަކީ ހިތްހަމަޖެހުން ހޯދައިދީ، ވަގުތީ ގޮތުން މޫނު ދުޅަވުން ކުޑަކޮށްދޭނެ ކަމެކެވެ. ނަމަވެސް، މިއީ މުސްކުޅިވުން ހުއްޓުވައިދޭނެ މުޢުޖިޒާތެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ މަސްތަކަށް ބާރުބޮޑުވާ އާދަތައް ދެނެގަނެ، އެކަންކަން އިސްލާހުކުރުމެވެ.
