“އުމުރަކީ ހަމައެކަނި ނަންބަރެކެވެ.” މިއީ މަސްއޫލިއްޔަތުތަކާއި، އިންތަކާއި، އަދި ބުއްދީގެ މިންގަނޑުތަކަށް ބޯނުލަނބާ އުޅޭ މީހުން އާންމުކޮށް ބޭނުންކުރާ ބަހަނާއެކެވެ.
ޒިންމާދާރުކަމެއް ނެތި އުޅޭ އުޅުމާއި، ނުރަނގަޅު ގުޅުންތަކާއި، އަދި އަމިއްލަ އުމުރަށްވުރެ މާ ހަގު މީހުންގެ ތެރޭގައި އުޅެން މަސައްކަތްކުރާ ބޮޑެތި މީހުންނާ ސުވާލުކުރެވޭ ކޮންމެ ފަހަރަކު މި ބަސްތައް އިވެއެވެ. ކުއްލިއަކަށް، މިނިވަންކަމަކީ ކޮންމެފަދަ ކަމެއް ދިފާއުކުރުމަށްވެސް ބޭނުންކުރާ ހަތިޔާރަކަށް ވެދެއެވެ. ނަމަވެސް، އުމުރަކީ ހަމައެކަނި ނަންބަރެއްނަމަ، އިންސާނާގެ ތަސައްރަފު ފުދުމަށް އަހަންމިއްޔަތުކަން ދެނީ ކީއްވެގެން ހެއްޔެވެ؟
އުމުރުން ދުވަސްވުމަކީ އޭގެ ޒާތުގައި މީހަކު ހޭލުންތެރިވާނެ ކަމެއް ނޫނެވެ. އަދި ޒުވާންވުމަކީ އެއީ ޒިންމާދާރުކަން ކުޑަވާންޖެހޭ ސަބަބެއްވެސް ނޫނެވެ. އެހެންނަމަވެސް، އުމުރުގެ އެކި މަރުހަލާތަކަކީ އެ މަރުހަލާއަކާ ގުޅޭ ޒިންމާތަކެއް އުފުލަންޖެހޭ އަދި އަމިއްލަ އަމަލުތަކުން އެހެން މީހުންނަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މަޖުބޫރުކުރާ ކަންކަމެވެ.
އުމުރާ ގުޅޭގޮތަށް އުޅުމަކީ މަޖާކުރުން ހުއްޓާލުމެއް ނޫނެވެ. ބޮޑެތި މީހުންނަށްވެސް ނަށައި، ހީނ، ރައްޓެހިން ހޯދައި، ދިރިއުޅުމުގެ އުފާ ހާސިލުކުރެވިދާނެއެވެ. މައްސަލައަކީ، ރައްޓެހިންގެ ތެރޭގައި އުޅޭ ގޮތާއި، އާއިލާއާއި ކުޑަކުދިން ނުވަތަ ތިމާއަށްވުރެ ހަގު އަދި ނާޒުކު މީހުންގެ ކުރިމަތީގައި އުޅެންޖެހޭ ގޮތް ތަފާތުވާނެކަން ނޭނގުމެވެ.
ބައެއް މީހުން ތަސައްރަފު ފުދުމަކީ ފޫހި ކަމެއްގެ ގޮތުގައި ދެކެއެވެ. އަދި ޒިންމާދާރުކަން ކުޑަވުމަކީ ޒުވާންކަން ކަމުގައި ހީކުރެއެވެ. އެފަދަ މީހުން ހަގު އުމުރުގެ މީހުންގެ ތެރޭގައި މަޤުބޫލުކަން ހޯދަން މަސައްކަތްކޮށް، އިންތަކުން ބޭރުވެ، އެމީހުންގެ ޒިންމާތަކާ ނުގުޅޭ އުޅުންތައް ދައްކައެވެ. ހަޤީޤަތުގައި، މާ ބޮޑަށް ޒުވާންވާން މަސައްކަތްކުރުމުން ހާމަވަނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކަމެވެ.
މިއަށްވުރެ ސީރިއަސް ކަމަކީ، ކުޑަކުދިންނާއި މައިނަރުންނާމެދު ބޮޑެތި މީހުން އުފުލަންޖެހޭ ޒިންމާއެވެ. ހަގު ކުދިންގެ ވިސްނުމާ ކުޅުމާއި، އެކުދިންގެ އިތުބާރު ނަހަމަ ގޮތުގައި ހިފުމާއި، މަސްތުވާތަކެއްޗާއި ނުރައްކާތެރި އަމަލުތަކަށް އެކުދިން ހުށަހެޅުމާއި، ނުވަތަ ޖިންސީ ގޯނާގެ މަގަށް އެކުދިން ގެންދިއުމަކީ އެއީ ރަހުމަތްތެރިކަމެއް ނުވަތަ އުފަލެއް ނޫނެވެ. އެއީ އިސްތިޣުލާލު ކުރުމެވެ ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.
ބޮޑެތި މީހުންގެ ތަޖުރިބާ ބޭނުންކުރަންވާނީ ހަގު ކުދިންނަށް މަގުދައްކައިދިނުމަށެވެ. އެކުދިންނަށް އޮޅުވާލައި ނަހަމަ ފައިދާ ނެގުމަކަށް ނޫނެވެ.
ކުޑަކުދިންނާ ނުރަނގަޅު ގުޅުންތައް ބޭއްވުމަށް މަގުފަހިކުރުން (ގްރޫމިންގް) އެއީ ލޯބީގެ ވާހަކައެއްގެ ގޮތުގައި ސިފަކޮށްގެން ނުވާނެއެވެ. އެއީ އިތުބާރު ހޯދައިގެން މީހަކަށް އަނިޔާވެރިވުމަށް ނުވަތަ ނަހަމަ ފައިދާ ނެގުމަށް ކުރާ ކަމެކެވެ. ދޭ ސަމާލުކަމާއި، ލޯތްބާއި، ހަދިޔާތަކަކީ އޮޅުވާލުމުގެ ތެރެއިން ކުރާ ކަންކަމެވެ. އެހެންކަމުން ބޮޑެތި މީހުން އެމީހުންގެ އިންތައް ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ޒިންމާދާރުކަން ކުޑަވުމުގެ ނަތީޖާ ބޮޑެތި މީހުންގެ މެދުގައިވެސް ހިތްދަތިވެއެވެ. އިންތަކެއް ނެތި އުޅުމާއި، ސިއްރު ގުޅުންތަކާއި، މަސްތުވުމާއި، އަދި އިސްރާފުކުރުމުގެ ސަބަބުން އިތުބާރު ގެއްލި، މާލީ ދަތިތަކާ ކުރިމަތިވެ، ނަފްސާނީ ގޮތުން ފޫނުބެއްދޭވަރުގެ ގެއްލުންތައް ލިބެއެވެ. މިނިވަންކަމަކީ މުހިންމު އެއްޗެއް ނަމަވެސް، ޒިންމާދާރުކަމެއް ނެތް މިނިވަންކަމަކީ އޭގެ އަގު ބޮޑު މުސީބާތެކެވެ.
އަދި ތަސައްރަފު ފުދުމަކީ އަމިއްލަވަންތަކަން ދޫކޮށްލުމެއް ނޫނެވެ. އުމުރުން ސާޅީސް ފަންސާސް އަހަރުތަކުގައި އުޅޭ އަންހެނުންނަށްވެސް އެމީހަކު ބޭނުންވާ ގޮތަކަށް ހެދުން އަޅައި، ރައްޓެހިން ހޯދައި، އާ ހުވަފެންތައް ދެކެވިދާނެއެވެ. ފިރިހެނުންނަށްވެސް މިކަން އޮތީ ހަމަ މިފަދައިންނެވެ. ތަސައްރަފު ފުދުމަކީ ހެދުން އެޅުމަކަށް، ޖިންސަކަށް ނުވަތަ އަޑުއަހާ މިއުޒިކަކަށް ބިނާވާ ކަމެއް ނޫނެވެ. އެއީ ބުއްދިވެރިކަމާއި، އިޙުތިރާމާއި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމާއި، އަދި ޒިންމާދާރުވުމެވެ.
އުމުރުން ދުވަސްވުމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބުއްދިވެރިވުމަކީ އަމިއްލަ އިޚުތިޔާރުގައި އޮތް ކަމެކެވެ.
ވީމާ، ހިތްހަމަޖެހިގެން ހީނސަމާސާކޮށް، އާ ކަންކަން ދަސްކޮށް، ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގެ އުފާ ލިބިގަންނާށެވެ. އެކަމަކު، މިނިވަންކަމަކީ އެހެން މީހުންނަށް އޮޅުވާލައި، ނުރައްކަލަށް ހުށަހަޅައި، ނުވަތަ ނަހަމަ ފައިދާ ނެގުމަށް ލިބޭ ހުއްދައެއް ކަމުގައި ނުދެކޭށެވެ.
އުމުރުން ދުވަސްވުމުން ފޫހި މީހަކަށް ވާކަށް ނުޖެހެއެވެ. އެކަމަކު އެހެން މީހުންނަށް ތިމާގެ ފަރާތުން ކުރާ އަސަރުތަކަށް ޒިންމާދާރުވާން ޖެހެއެވެ.
ހަޤީޤީ ސުވާލަކީ ތިމާ ފެންނަނީ އުމުރާ ގުޅޭގޮތަށްތޯ ކުރާ ސުވާލެއް ނޫނެވެ. އެއީ ޒިންމާދާރުކަމާއެކު ދިރިއުޅުމުގެ ބުއްދިވެރިކަން ތިމާގެ ކިބައިގައި ހުރިތޯ ކުރާ ސުވާލެވެ.
އަދި ނުރަނގަޅު ޢަމަލުތައް ދިފާޢުކުރުމަށް “އުމުރަކީ ހަމައެކަނި ނަންބަރެކޭ” ބުނުމުގެ ކުރިން، އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ. އަހަރެން މިނިވަންކަމުގެ ބޭނުން މި ހިފަނީ ޒިންމާދާރުކަމާއެކު ހެއްޔެވެ؟ ނުވަތަ މިއީ ބޮޑުވަމުން އަންނަ އައުމުން ރެކުމަށް ދައްކާ ބަހަނާއެއް ހެއްޔެވެ؟
