އިންޑިއާގެ ވެސްޓަން ގާތުސްގެ ވަލުތެރޭގެ ފުން ހިސާބުތަކުގައި، މުޅި ހަށިގަނޑުގައި ކާއިނާތުގެ ތަރިތައް ބަބުޅާ ފަދަ ސިފައެއް ލިބިފައިވާ ތަފާތު ބޮކެއް ދިރިއުޅެއެވެ. “ގެލެކްސީ ފްރޮގް” ގެ ނަމުން މަޝްހޫރުވެފައިވާ މި ބޮކަކީ އޭގެ ފުރިހަމަ ސިފައާއި އާދަޔާ ޚިލާފު އުޅުމުގެ ސަބަބުން ސައިންސްވެރިންގެ ސަމާލުކަން އަތުލާފައިވާ ދިރުމެކެވެ.
އިންޑިއާގެ ދެކުނު ވެސްޓަން ގާތުސް، ޚާއްސަކޮށް ކެރެލާ އަދި ޓެމިލްނާޑޫގެ ބައެއް ސަރަހައްދުތަކަށް ނިސްބަތްވާ މި ބޮކުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 2 އާއި 3.5 ސެންޓިމީޓަރެވެ. މީގެ ގަދަ ކުލައިގެ ހަށިގަނޑުގައި ހުންނަ ނޫކުލައަކަށް ދާ ހުދު ކުލައިގެ ތިިކިތައް ތަރިތަކާ ވައްތަރެވެ. އަދި ހަށިގަނޑުގެ ދަށުގައި ހުންނަ އޮރެންޖް-ރަތް ކުލައިގެ ފާހަގަތަކުގެ ސަބަބުން މި ސޫފި އިތުރަށް ޚާއްސަވެގެންދެއެވެ.
މި ބޮކާ ބެހޭ ސައިންޓިފިކް މަޢުލޫމާތު ފުރަތަމަ ލިޔެވިފައިވަނީ 1878 ވަނަ އަހަރު އެވެ. އޭގެ ފަހުން 1997 ވަނަ އަހަރު އަލުން ފެނިފައިވާ މި ބޮކަކީ ފިލައިގެން އުޅޭ އެއްޗެކެވެ. މިއީ ގިނަ ވަގުތު ކުނިވެފައިވާ ގަސްގަހާއި، ހިލަތަކުގެ ދަށުގައި އަދި ތެތް ފަތްތަކުގެ ތެރޭގައި ފިލައިގެން އުޅޭ އެއްޗެއް ކަމުން، މީގެ ދިރިއުޅުން ދިރާސާކުރުމަށް ސައިންސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ.
މި ބޮކާ ގުޅޭ އެންމެ ބޮޑު އެއް ސިއްރަކީ މުއާމަލާތް ކުރުމުގެ ނިޒާމެވެ. އާންމުކޮށް ފެންނަ ބޮއްތަކާ ޚިލާފަށް، ގެލެކްސީ ފްރޮގްގެ ބޭރުފުށުން ފެންނަން ހުންނަ ކަންފަތުގެ ތާރައެއް ނުހުރެއެވެ. އަދި ފިރިހެން ބޮއްތަކުގެ އަޑު ގަދަކުރުމަށް ބޭނުންކުރާ “ވޯކަލް ސެކް” ނުވަތަ އަޑު ކޮތަޅުވެސް ނުހުންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ތަކެތި އަޑު އިވުމުގެ ހިއްސު ބޭނުންކުރާ ގޮތާއި، ބައިވެރިންނާ މުއާމަލާތްކުރާ ގޮތް ދެނެގަތުމަށް ސައިންސްވެރިން އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ.
މި ބާވަތުގެ ބޮކަށް ދިރިއުޅޭ މާހައުލު ހަލާކުވުމާއި، ވަލުތެރެ މަދުވުމުގެ އިތުރުން ޒިންމާދާރުކަން ކުޑަ ވައިލްޑްލައިފް ފޮޓޯގްރަފީގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ. ޒޫލޮޖިކަލް ސޮސައިޓީ އޮފް ލަންޑަން އިން 17 ޑިސެމްބަރު 2025 ގައި ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ކެރެލާގެ ވަކި ސަރަހައްދެއްގައި ބަލަހައްޓަމުންދިޔަ ހަތް ގެލެކްސީ ފްރޮގް ވަނީ ގެއްލިފައެވެ. ދިރާސާވެރިން ޤަބޫލުކުރާ ގޮތުގައި މިއީ ފޮޓޯ ނެގުމަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ މީހުން ހިލަތަކާއި ގަސްގަނޑުތައް ފުރޮޅައި، އެ ސަރަހައްދުގެ ޤުދުރަތީ މާހައުލަށް ދޭ ގެއްލުންތަކުގެ ސަބަބުން ދިމާވި ކަމެކެވެ.
އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރގެ ރެޑް ލިސްޓުގައި މި ބޮކުގެ ހާލަތު “އެންޑޭންޖަރޑް” (ނެތިދިއުމުގެ ބިރު އޮތް) އިން “ވަލްނަރަބަލް” (ނުރައްކަލަށް ހުށަހެޅިފައިވާ) އަށް ބަދަލުކޮށްފައިވީ ނަމަވެސް، މިއީ އަދިވެސް ވަރަށް މަދުން ފެންނަ، އަދި އެއާ ބެހޭ މަޢުލޫމާތު އެންމެ ފުރިހަމައަށް އެނގިފައިނުވާ ދިރުމެކެވެ.
މި ބޮކުގެ ހިތްގައިމު ސިފައަކީ، ޤުދުރަތުގެ އެންމެ ފުރިހަމަ މަޚުލޫޤުތަކަކީ އެންމެ ނާޒުކު މަޚުލޫޤުތައްކަން ހަނދާންކޮށްދޭ ކަމެކެވެ. ތަރިތަކުން ފުރިފައިވާ މި ކުޑަކުޑަ ބޮއް ދިިރިހުރުން ކަށަވަރުކުރުމަށްޓަކައި، އެ ތަކެތި ދިރިއުޅޭ ވަލުތެރޭގެ މާހައުލު ރައްކާތެރިކުރުމާއި އިންސާނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތައް މަދުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
