މަސްތުގެ ހިތި އިންޒާރު
މުޅި ސިޓީގެ އެކި ހިސާބުތަކަށް މިރުޒާގެ ހަރަކާތްތައް ފެތުރިފައިވީ ނަމަވެސް، އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލް ކެނޑެން ފަށައިފިއެވެ.
މިރުޒާ ތަކުރާރުކޮށް ވަޝިއްޔާއަށް ގުޅަމުން ދިޔައެވެ. ނަމަވެސް އެއްވެސް ކޯލަކަށް ޖަވާބެއް ނުލިބުމުން، މިރުޒާގެ ހިތުގައި އުފެދެމުންދިޔަ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ފުރަތަމަ އޭނާ ހިތަށް އެރީ ވަޝިއްޔާއަށް ނިދިފައި އޮތީ ކަމަށެވެ. ވަގުތަކީ ލަސް، ދަންވަރުގެ ވަގުތަކަށް ވެފައި، އޭނާ ހުރީ ވަރުބަލިވެފައި ކަމުން، ފޯނު ބާއްވާފައި ނިދީ ކަމަށް ނިންމައި އޭނާގެ ހިތް ހަމަޖައްސަން މަސައްކަތް ކުރިއެވެ.
ނަމަވެސް ކަމަކުދާކަށް ނެތެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގެ އިޙުސާސް މިރުޒާއަށް ކުރެވެން ފެށިއެވެ. މީހަކު ގަސްދުގައި ފޯނަށް ޖަވާބު ނުދިނުމާއި، ޖަވާބު ދިނުމަށް ހުރަސްތަކެއް ކުރިމަތިވުމުގެ ތަފާތު އޭނާއަށް ރަނގަޅަށް އެނގެއެވެ.
އޭނާ އަނެއްކާވެސް ފޯނަށް ބަލާލިއެވެ. މެސެޖެއް ނެތެވެ. މިސްޑް ކޯލެއް ނެތެވެ. އެއްވެސް ޚަބަރެއް ނެތެވެ.
އޭނާ ކާރު އަނބުރާލިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާގެ ބައިވެރިޔާ ދިން އިންޒާރުގެ ހަނދާންތައް އާވިއެވެ. އަދި ވަޝިއްޔާ އޭނާގެ އެޕާޓްމަންޓް ކުރިމަތީގައި ހުރެ، އެ ހިމޭން މޫނުމަތިން އޭނާއަށް ބަލަހައްޓައިގެން ހުރި މަންޒަރު ހިތަށް ސިފަވިއެވެ. އެއީ އޭނާއަށް ހަނދާނުން ފޮހެލަން އުނދަގޫވި ބެލުމެކެވެ.
“މިރޭ އޭނާ އިނީ ކަލެއާއެކުކަން އޭނާއަށް އެނގޭ.”
މިރުޒާ ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ.
ހާސްނުވެ ކަންކަމާ ކުރިމަތިލާން ދަސްކުރުމަށް އޭނާ އެތައް އަހަރެއް ހޭދަކުރިއެވެ. ހާސްވުމަކީ މީހާ ފަރުވާކުޑަކޮށްލާ ކަމެއް ކަމާއި، ފަރުވާކުޑަވުމަކީ ގޯސްތައް ހެދުމަށް މަގުފަހިވާ ކަމެއްކަން އޭނާ ދަނެއެވެ. ނަމަވެސް ވަޝިއްޔާ ދިރިއުޅޭ އިމާރާތާ ގާތްވަމުން ދިޔަވަރަކަށް، އޭނާގެ މޭތެރޭގައި ބަޔާންކުރަން ނޭނގޭ ފިއްތުންތަކެއް އިޙުސާސްކުރެވެން ފެށިއެވެ.
އޭނާ ކާރު ޕާކުކުރީ ވަރަށް ވަރަށް އަވަސްއަރުވާލާފައި ފަރުވާކުޑަ ގޮތަކަށެވެ. އިންޖީނު ނިވުމުގެ ކުރިން އޭނާ ކާރުން ފޭބިއެވެ.
މިރުޒާ ދާތަން ފެނުމުން ސެކިއުރިޓީ ގާޑު އިސްއުފުލާ ބަލާލިއެވެ.
“ވަޝިއްޔާ ފެނުނުތަ، ޚަބަރެއް ވިތަ؟”
ގާޑު ނިތްކުރިއަށް ރޫއަރުވާލިއެވެ. “ތިންވަނަ ފަންގިފިލާގެ އަންހެން މީހާތޯ؟”
“އާނ. އޭނާ އެނބުރި އައި ފަހުން އެއްވެސް މީހަކު މައްޗަށް ދިޔަތަ؟”
“އަޅުގަނޑަކަށް ނޭނގެ ސާހިބާ. އަޅުގަނޑު އިނީ ކުރިމަތީ ޑެސްކުގައި.”
“އެންޓްރަންސް ޗެކްކުރޭ.”
މިރުޒާގެ އަޑު ހުރީ މަޑުން ނަމަވެސް، އޭނާގެ މޫނުމަތީގެ ކުލަވަރު ވަނީ މުޅިން ބަދަލުވެފައެވެ.
ގާޑު ސެކިއުރިޓީ މޮނިޓަރަށް ބަލަން ފެށިއެވެ. މިރުޒާ އޭނާގެ ކައިރީގައި ހުރެ، ފޫޓޭޖްތައް ބަލަމުން ދިޔައެވެ. މިރޭ ކުރީކޮޅު އޭނާގެ ކާރު އައި މަންޒަރު ފެނުނެވެ. ވަޝިއްޔާ ކާރުން ފައިބައިގެން އިމާރާތަށް ވަންނަން ދާތަން ފެނުނެވެ. އޭގެ ފަހުން އޭނާގެ ކާރު ނައްޓާލިތަން ފެނުނެވެ. އޭގެ ފަހުން ވަގުތުން އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ.
މިރުޒާ މޮނިޓަރާ ގާތަށް ޖެހިލިއެވެ.
“ފަހަތަށް ޖައްސާބަލަ.”
ގާޑު ފޫޓޭޖް ފަހަތަށް ޖެއްސިއެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން، އިމާރާތުގެ ދޮރުމަތިން މީހަކު ފެނުނެވެ. އެ މީހާ ހުރީ ތޮތްޕެއް އަޅައި، ދޫ ޖެކެޓެއް ލައިގެންނެވެ. އޭނާގެ މޫނު ހުރީ ކެމެރާއަށް ނުފެންނަ ގޮތަށް އަނބުރާލައިގެންނެވެ. އޭނާ ވަގުތުން މައި ދޮރުން އެތެރެއަކަށް ނުވަދެއެވެ. އޭގެ ބަދަލުގައި އޭނާ މަޑުކޮށްލައިގެން ހުރީ އިމާރާތުގެ އެއްފަރާތެއްގައި، މަގުމައްޗަށް ބަލަހައްޓައިގެންނެވެ.
“އެއީ ކާކު؟”
ގާޑު ބޯ ހޫރާލިއެވެ.
“އަޅުގަނޑަކަށް ނޭނގެ.”
“މީހަކު އެތެރެއަށް ވައްދާފައިވާނެތަ؟”
“ނޫން ސާހިބާ. މައި ދޮރުން އެއްވެސް މީހަކު ނުވަދޭ.”
މިރުޒާ އޭނާއަށް ތޫނު ނަޒަރަކުން ބަލާލިއެވެ.
“އެހެންވީމާ އެމީހާ އެތެރެއަށް ވަނީ ކިހިނެއް؟”
ގާޑުގެ އަތަކު ޖަވާބެއް ނެތެވެ.
މިރުޒާ އެތަނުން އެނބުރި ލިފްޓާ ދިމާއަށް މިސްރާބު ޖެހިއެވެ. ވަޝިއްޔާގެ އެޕާޓްމަންޓާ ހަމައަށް ފޯރުނުއިރު، އޭނާގެ ހިތުގައި އޮތް ނުތަނަވަސްކަން ބިރުވެރިކަމަކަށް ބަދަލުވެއްޖެއެވެ.
އޭނާ އެއްފަހަރު ދޮރުގައި ޓަކި ޖެހިއެވެ. “ވަޝިއްޔާ؟”
ޖަވާބެއް ނުލިބުނެވެ. އޭނާ އަނެއްކާވެސް ބާރަށް ޓަކި ޖެހިއެވެ.
“ވަޝިއްޔާ، ދޮރު ހުޅުވާބަލަ.”
ހިމޭންކަމެވެ. މިރުޒާ ވަޝިއްޔާގެ ފޯނަށް ގުޅަން މަސައްކަތް ކުރިއެވެ. އެޕާޓްމަންޓް ތެރެއިން، ހަރު އެއްޗެއްގެ މަތީގައި އޮތް ފޯނެއް ވައިބްރޭޓްވާ އަޑު އިވުނެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
މިރުޒާ ފަހަތަށް ޖެހިލައި، ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރީ ދޮރުގެ އެތެރެ ފެންނާނެނަމައޭ ހިތަށް އަރާ ފަދަ ގޮތަކަށެވެ.
“ވަޝިއްޔާ!”
އަދިވެސް ޚަބަރެއް ނެތެވެ. އޭނާ ބިލްޑިންގ މެނޭޖަރަށް ގުޅައި، އެހީތެރިކަމަށް އެދުނެވެ. އެންމެ ފަހުން ދޮރު ހުޅުވުމާއެކު، އެއްވެސް މީހަކަށް ހުއްޓުވުމުގެ ފުރުސަތު ނުދީ މިރުޒާ އެތެރެއަށް ވަދެގަތެވެ. އެޕާޓްމަންޓް ތެރޭގައި އޮތީ ހިމޭންކަމެވެ. ނަމަވެސް މަޑުމަޑު ތޫނު މީރުވަހެއް ހިފާލާފައި ހުއްޓެވެ. އެއީ ވަޝިއްޔާ ޖަހާ ސެންޓެވެ.
ބިރުވެރި ހިމޭންކަމެކެވެ. ވަޝިއްޔާގެ ފޯނު އޮތީ ކައިރީގައި ހުރި މޭޒެއްގެ މަތީގައެވެ. ފާޚާނާގެ ބޮކި ހުރީ ދިއްލާފައެވެ. ތަޅުންގަނޑު މަތީގައި ތެޅިފައި އޮތް ސެންޓު ފުޅިއެއްގެ ބިއްލޫރިކޮޅުތައް ވިދަމުން ދިޔައެވެ. އަދި ރޭގަނޑުގެ ފިނި ވަޔާއެކު ފަރުދާތައް މަޑުމަޑުން ހެލެމުން ދިޔައެވެ.
މިރުޒާ ދޮރުމަތީގައި ހުރެ، ވަށައިގެންވާ ކަންކަމަށް ފުންކޮށް ބަލާލިއެވެ. ދެން އޭނާއަށް ފެނުނީ އެނދުކައިރިއެވެ. އެއްލާލެވިފައިވާ ތުވާއްޔެވެ. ބިއްލޫރިކޮޅުތަކެވެ. ވަޝިއްޔާގެ އެއްވެސް ނިޝާނެއް ނެތެވެ.
“ވަޝިއްޔާ ކޮބާ؟” އޭނާ މަޑުމަޑުން ބުންޏެވެ.
އެއްވެސް މީހަކު ޖަވާބެއް ނުދިނެވެ.
މިރުޒާ އެހެން ކޮޓަރިތައްވެސް ޗެކްކުރިއެވެ. އަލަމާރި ހުޅުވައި، ފަރުދާތަކުގެ ފަހަތްވެސް ބެލިއެވެ. ނަމަވެސް ވަޝިއްޔާ އެތަނުގައި ނެތްކަން އޭނާއަށް ކުރިންވެސް އެނގެއެވެ. މިރުޒާގެ ނަޒަރު އަނެއްކާވެސް ތެޅިފައިވާ ފުޅިއަށް ހުއްޓުނެވެ. އޭނާގެ ހަނދާނަށް އައީ އޭނާއަށް ލިބުނު މެސެޖުތަކެވެ.
“އޭނާ ވަޝިއްޔާއާ ބެހޭގޮތުން ސުވާލުކުރަމުން ދަނީ.”
“އަދި މިރޭ ކަލޭ އޭނާއާއެކު އުޅުނުކަން އޭނާއަށް އެނގޭ.”
ވަގުތުކޮޅަކަށް މިރުޒާގެ ސިކުނޑި މިކަންކަން ގުޅުވައިދޭން އިންކާރު ކުރިއެވެ. ނަމަވެސް ވެދާނެ ގޮތަކާމެދު ވިސްނާލުމުން އޭނާއަށް ބޮޑު ސިހުމެއް ލިބި، ވަގުތުން ފޯނު ނެގިއެވެ.
އޭނާގެ ބައިވެރިޔާއަށް ގުޅިއެވެ. “އޭނާ ހޯދާ.”
“ކާކު؟”
“ކްލަބުން ފެނުނު މީހާ.”
މަޑުޖެހުމެއް އައެވެ. “މިރުޒާ، ކިހިނެއްވީ؟”
“ވަޝިއްޔާ ގެއްލިއްޖެ.. މިތާކު ނެތް.”
ހިމޭންކަމެވެ.
“އޭނާ ފޯނަށް ޖަވާބެއް ނުދޭ. އޭނާގެ ފޯނު އޮތީ މިތަނުގައި. އެޕާޓްމަންޓް ތެރެ އޮތީ ހާވާލާފައި. އެކަމަކު އޭނާއެއް ނެތް.”
“ފުލުހުންނަށް ގުޅައިފިންތަ؟”
މިރުޒާ ފާޚާނާގެ ހުޅުވިފައިވާ ދޮރާ ދިމާއަށް ބަލާލިއެވެ. އޭނާ ކުރަންވީ ކަންތައް އޭނާއަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް، ސުވާލުތައް ކުރަން ފެށުމުން ދެން ވާނެ ގޮތްވެސް އޭނާއަށް އެނގެއެވެ. އޭނާގެ މިލްކިއްޔާތާއި، އޭނާގެ މެހެމާނުންނާއި، އަމިއްލަ ބައްދަލުވުންތަކާއި، އޭނާގެ ދަށުން މަސައްކަތްކުރާ މީހުންނާއި، އަދި އިބްރާހީމަށް ސިއްރުން އޭނާ ހަމަޖައްސާފައިވާ ކަންކަމެވެ. މި ހުރިހާ ކަމެއް ތަހުޤީޤުގެ ތެރެއަށް ވަދެގެން ދާނެއެވެ.
އެކަމަކު ވަޝިއްޔާ ވަނީ ގެއްލިފައެވެ. ގެންގޮސްފައެވެ. އަދި ފުރަތަމަ ފަހަރަށް، އޭނާގެ ވިޔަފާރިއަށް ކުރާނެ އަސަރަށްވުރެ ބޮޑަށް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ކަމެކެވެ.
“އިމާރާތުގެ ފޫޓޭޖްތައް އަހަންނަށް ހޯދައިދީ.” އޭނާ އަމުރުކުރިއެވެ. “ކޮންމެ ކެމެރާއެއް. ކޮންމެ ވަންނަ ދޮރެއް. އަދި މިތަނާ ކައިރިވި ކޮންމެ އުޅަނދެއް.”
“އަހަރެން އެކަން ބަލައިލާނަން.”
“ނޫން. ރަނގަޅަށް އަޑުއަހާ. އަހަރެން ބޭނުމީ މިތަނަށް އައީ ކާކުކަމާއި، ކަމެއް ފެނުނީ ކާކަށްކަމާއި، އަދި އޭނާއާ ބެހޭގޮތުން ސުވާލުކުރީ ކާކުކަން އެނގެން. އެއްވެސް އެއްޗެއްގައި އަތްނުލާތި. އަދި ނުގުޅަންވީ މީހުންނަށް އެއްވެސް މީހަކު ގުޅައިގެން ނުވާނެ.”
“މިރުޒާ..”
“ކީކޭ؟”
“މިއީ ކްލަބުން ފެނުނު މީހާއާ ގުޅުންހުރި ކަމެއްކަން ކަށަވަރުތަ؟”
މިރުޒާ އޭނާގެ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ.
“ނޫން.” އޭނާ މަޑުމަޑުން ބުންޏެވެ. “އަހަންނަށް އެއްވެސް ކަމެއް ކަށަވަރެއް ނޫން.”
އޭނާ ފޯނު ކަނޑާލިއެވެ. ދެން މިރުޒާ އަނެއްކާވެސް އެއްލާލެވިފައި އޮތް ވަޝިއްޔާގެ ފޯނަށް ބަލާލިއެވެ. އޭނާ ފޮނުވި އެންމެ ފަހު މެސެޖު އަދިވެސް ފޯނުގެ ސްކްރީނުން ފެންނަން އޮތެވެ.
“މިރޭގެ ކަންތައްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ހުރީ ހަމަ މިފަދަ ވަގުތުކޮޅަކަށް ބޭނުންވެފައި. އުފާވެރި ނިދުމަކަށް އެދެން.”
އޭނާ އެ މެސެޖު ކިޔާފައި، ހިނިތުންވުމަކާއެކު އެތަނުން ދިޔައީއެވެ. އޭނާ ހީކުރީ ވަޝިއްޔާއަށް އަމާން ރޭގަނޑެއް ދެވުނީ ކަމަށެވެ. ނަމަވެސް މިހާރު އެ އެޕާޓްމަންޓް އޮތީ ހުސްކޮށެވެ. އަދި އޭނާ އެތަނުން ދަންދެން މީހަކު ފިލައިގެން ބަލަން ހުރީއޭ ހީވާ ހީވުން އޭނާގެ ސިކުނޑިން ނުފޮހެވުނެވެ.
މިރުޒާގެ ފޯނު ވައިބްރޭޓްވިއެވެ. ނޭނގޭ ނަންބަރެކެވެ. މެސެޖެއް އައެވެ.
“ކަލޭ އޭނާ ގެއަށް ލާންވާނެ، މިރުޒާ.”
މިރުޒާ އެ މެސެޖު ކިޔާލުމަށްފަހު އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ހަރުކަށިވިއެވެ. ދެވަނަ މެސެޖެއް އައެވެ.
“ބައެއް މީހުންނާ ނުބެހި ދޫކޮށްލުން މާ ބުއްދިވެރިވާނެ. އަދި ކަލޭ ހަނދާންކުރޭ ކަލޭގެ ސަބަބުން މަސްތުގެ އަވައިގައި ޖެހި ހަލާކުވީ ކިތައް މީހުންތޯ.”
މިރުޒާ މަޑުމަޑުން ފޯނު ތިރިކޮށްލިއެވެ. ވަޝިއްޔާ ގެންދިޔަ މީހާއަކީ އޭނާ ދަންނަ މީހެކެވެ. އޭނާ ވަޝިއްޔާއާއެކު އުޅުނުކަން އެމީހަކަށް އެނގެއެވެ. އަދި ވަޝިއްޔާ ހޯދާނެ ތަންވެސް އެމީހަކަށް އެނގެއެވެ.
އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް، އޭނާގެ ދުނިޔެ އޭނާ ފަދައިން ދަންނަ މީހަކު އޭނާއަށް ފާރަލަމުންދާކަމުގެ ނުތަނަވަސް އިޙުސާސް މިރުޒާއަށް ކުރެވުނެވެ.
މިރުޒާ އަނދިރި ކުޑަދޮރާ ދިމާއަށް ބަލާލިއެވެ. އެ ރޭ ފެށުނު ކޮންމެ ކުޅިވަރެއްގައިވެސް، ވަޝިއްޔާއަކީ މިހާރު ހަމައެކަނި އޭގެ މެދުގައި ތާށިވެފައިވާ މީހެއް ނޫނެވެ. އޭނާ ވެފައިވަނީ މީހަކު މިރުޒާއަށް އިންޒާރު ދިނުމަށް ބޭނުންކުރި ސަބަބަކަށެވެ. އަދި މިރުޒާ ގަފޫރަކީ ދުވަހަކުވެސް އިންޒާރުތައް ޤަބޫލުކުރާ މީހެއް ނޫނެވެ.
(ނުނިމޭ)
