ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކުދިންނާ ދިމާލަށް ހަޅޭއްލެވުން: ބޮޑެތި ނަފްސާނީ ގެއްލުންތަކެއް ލިބިދާނެ
މުނިއަވަސް ގްރެފިކްސް

ކޮންމެ ގެއެއްގައިވެސް ބައެއް ފަހަރު ބާރަށް ވާހަކަދެކެވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް، ތަކުރާރުކޮށް ހަޅޭއްލެވުމާއި، ދަށްކޮށްލުމާއި، އަދި ހަރުކަށި ބަސްތަކުން އަދަބުދިނުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި، ހާސްކަމަށް ހަށިގަނޑު އިޖާބަދޭ ގޮތަށާއި، ސިކުނޑީގެ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން އިންޒާރުދެއެވެ.

ކޮންމެ މަންމައަކަށް ނުވަތަ ބައްޕައަކަށްވެސް ކޮންމެވެސް ދަނޑިވަޅެއްގައި ކޮންޓްރޯލުން ނެއްޓި ރުޅި އިސްކުރެވިދާނެއެވެ. ވަރުބަލިކަމާއި، ދިރިއުޅުމުގެ ޒިންމާތަކާއި، ކުދިން ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ކެތްތެރި މީހުންނަށްވެސް އިމްތިހާނުތަކާ ކުރިމަތިވެއެވެ. ނަމަވެސް، މަދު ފަހަރަކު ބާރަށް ވާހަކަދެއްކުމާއި، ކުދިން މަރުކަޒުކުރުމަށް ނުވަތަ ޑިސިޕްލިން ކުރުމަށް އާދައެއްގެ ގޮތުގައި ހަޅޭއްލެވުމާ ދެމެދު ބޮޑު ތަފާތެއް ހުންނަކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ތަކުރާރުކޮށް ހަރުކަށި ބަސްތަކުން އަދަބުދިނުމުގެ ސަބަބުން ކުދިން އަބަދުވެސް ހުންނަނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މީގެ ސަބަބުން ކުއްޖާގެ ހިތުގެ ވިންދު އަވަސްވެ، “ކޯޓިޒޯލް” ފަދަ ސްޓްރެސް ހޯރމޯންތައް ހަށިގަނޑުން ބޭރުވާން ފަށައެވެ. އެކަށީގެންވާ ނަފްސާނީ އެހީތެރިކަމެއް ނުލިބި، ދިގު މުއްދަތަކަށް މިފަދަ ހާސްކަމެއްގެ ތެރޭގައި އުޅެންޖެހުމުން، ސިކުނޑީގެ ކުރިއެރުމަށް ހުރަސްއެޅި، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، އުނގެނުމުގެ ޤާބިލިއްޔަތާއި، އަދި އިޙުސާސްތައް ކޮންޓްރޯލްކުރުމަށް ދަތިތަކާ ކުރިމަތިވެއެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް އިން 2018 ވަނަ އަހަރު ޝާއިޢުކޮށް، 2024 ވަނަ އަހަރު އަލުން ކަށަވަރުކޮށްދީފައިވާ “ދުޅަހެޔޮ ކުދިން ބިނާކުރުމަށް ފައިދާހުރި އަދަބުދިނުން” މި ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުން، ކުދިންނަށް ހަޅޭއްލެވުމާއި، ލަދުގަންނަވާލުމާއި، އަދި ދަށްކޮށްލުމަކީ އަދަބުދިނުމުގެ ގޮތުން ކޮށްގެންވާނެ ކަންކަމެއް ނޫނެވެ.

މިވެސް ކިޔާލަން:  ޒިންމާތަކުން އެކަހެރިކޮށް ހަމައެކަނި ކިޔެވުމާ ކުޅިވަރަށް!

ހާވަޑް ޔުނިވަރސިޓީގެ ސެންޓަރ އޮން ދަ ޑިވެލޮޕިންގ ޗައިލްޑްއިން ހާމަކުރާ ގޮތުގައި، ގާތް ގުޅުމެއް ނެތި ދިގު މުއްދަތަކަށް ކުރިމަތިވާ ބޮޑެތި ހާސްކަންތަކުގެ ސަބަބުން، ހެދިބޮޑުވަމުން އަންނަ ސިކުނޑީގެ އޮނިގަނޑަށް ބަދަލުތަކެއް އާދެއެވެ.

2023 ވަނަ އަހަރު “ބީ.އެމް.ޖޭ ޕީޑިއަޓްރިކްސް އޯޕަން” ގައި ޝާއިޢުކުރި ދިރާސާއެއްގައި، 60 ޤައުމެއްގެ މައިންބަފައިން ކުދިންނަށް އަދަބުދޭ ގޮތް ބެލުމަށްފަހު ހާމަވިގޮތުގައި، ބަހުގެ ހަމަލާދިނުމާއި ކުދިންގެ އިޖުތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމާ ދެމެދު ނޭދެވޭ ގުޅުމެއްވެއެވެ. އަދި 2011 ވަނަ އަހަރު “ނިއުރޯ އިމޭޖް” ގައި ޝާއިޢުކުރި އެހެން ދިރާސާއަކުން ދައްކާގޮތުގައި، މައިންބަފައިންގެ ފަރާތުން ބަހުގެ ހަރުކަށިކަން ތަހައްމަލުކުރި ޒުވާނުންގެ ސިކުނޑީގެ އޮނިގަނޑުގައި ތަފާތުތަކެއް ހުރެއެވެ.

މިކަމުގެ އަސަރުތައް ކޮންމެ ކުއްޖެއްގެ ކިބައިން ފެންނަނީ އެއްގޮތަކަށް ނޫނެވެ. ބައެއް ކުދިން މާބޮޑަށް ބިރުގަނެ، އެކަހެރިވެ ނުވަތަ މާބޮޑަށް ހިމޭންވެއެވެ. އަނެއްބައި ކުދިން އަވަހަށް ރުޅިއައިސް، ދެކޮޅުވެރިވެ ނުވަތަ އަނިޔާވެރިކަން ދައްކައެވެ. ބޮޑެތި މީހުންނަށް ކުދިންގެ ފަރާތުން ފެންނަ ބޯހަރުކަމާއި ބަސްނޭހުމަކީ، ހަޤީޤަތުގައި އެކުދިންގެ ހިތުގައިވާ ނުތަނަވަސްކަމުގެ ނިޝާނަކަށް ވެދާނެއެވެ.

ތަކުރާރުކޮށް ހަޅޭއްލެވުމުގެ ސަބަބުން މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ އިތުބާރު ކުޑަވެއެވެ. މައިންބަފައިންގެ ފަރާތުން އޯގާތެރިކަމުގެ ބަދަލުގައި ރުޅިވެރިކަން ފެންނާނެކަމަށް ބަލައި، ކުދިން ކަންކަން ސިއްރުކުރަން ފަށައި، ވާހަކަދެއްކުމުން ދުރުހެލިވެ، އެކުދިންގެ އިޙުސާސްތައް ބަޔާންކުރަން ބިރުގަނެއެވެ.

ބިރުދެއްކުމުގެ ބަދަލުގައި، ވަކި އުސޫލުތަކެއް ކަނޑައަޅައިގެން ކުދިން ބެލެހެއްޓުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ކަމަކާމެދު ފިޔަވަޅެއް އެޅުމުގެ ކުރިން ފުންކޮށް ނޭވާލައި، މަޑުމައިތިރިކަމާއެކު ނަތީޖާ ބުނެދީ، އަދި ކުދިން ކުރާ ރަނގަޅު ކަންކަން ފާހަގަކުރުމަކީ މާ ފައިދާހުރި ގޮތެކެވެ.

މިވެސް ކިޔާލަން:  އަޅުގަނޑުގެ ދަރިފުޅު "ޓޮލަރޭޓް"ކުރާ މުދައްރިސަށް!

މުހިންމު ކަމަކީ، ރުޅި އިސްކުރެވޭ ކޮންމެ ފަހަރަކީ މައިންބަފައިންގެ ނުބައިކަން ދައްކުވައިދޭ ކަމެއް ނޫނެވެ. ކަމެއް ގޯސްކޮށް ކުރެވުމުން މާފަށް އެދުމާއި، ކުށް ޤަބޫލުކުރުމާއި، ކުދިންނަށް ލޯތްބާއި އަޅާލުން ދިނުމަކީ އިތުބާރު އާލާކޮށް، އިޙުސާސްތަކަށް ޒިންމާދާރުވާން ދަސްކޮށްދެވޭނެ ކަމެކެވެ.

ދަރިން ބެލުމަކީ ބުރަ މަސައްކަތެކެވެ. އަދި ބޮޑެތި މީހުންނަށްވެސް އެހީތެރިކަމާއި ހަމްދަރުދީ ބޭނުންވެއެވެ. ނަމަވެސް، ތިމާ ރުޅިއަންނަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، ނޭދެވޭ އާދަތަކުން ދުރުހެލުމަކީ އާއިލީ މާހައުލު ދުޅަހެޔޮކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ކުދިން ބޭނުންވަނީ ދުވަހަކުވެސް ރުޅިނާންނަ މައިންބަފައިންނެއް ނޫނެވެ. އެކުދިން ބޭނުންވަނީ ރުޅިއަކީ އިޙުސާސެއްކަމާއި، އެއީ ބިރުދެއްކުމަށް ނުވަތަ ދަށްކޮށްލުމަށް ލިބޭ ހުއްދައެއް ނޫންކަން ދަންނަ މައިންބަފައިންނެވެ. އަދަބު ދިނުމުގެ މަޤުސަދަކަށް ވާންޖެހޭނީ ރަނގަޅު ގޮތް ދަސްކޮށްދިނުމެވެ. ބަލައިބޮޑުކުރާ މީހުންދެކެ ބިރުގަންނަން ދަސްކޮށްދިނުމެއް ނޫނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top