ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އެއްޗެހި ގަތުމާއި އެއްކުރުމުގެ އާދަޔަށް ދެވިހިފުން
މުނިއަވަސް ގްރެފިކްސް

އަހަރެމެން އިންސާނުން ތަކެތި އެއްކުރާ ގޮތުގައި މަޖާ ކަންތައްތަކެއް ހުރެއެވެ. ތަކެތި ގަނެ، ރައްކާކޮށް، އަތުރާ އަދި ތަރުތީބު ކުރާއިރު، ބައެއް ފަހަރު އަތުގައި ހުރި އެއްޗެހީގެ މަތިން ހަނދާން ނެތި އިތުރަށް ގަންނަން ދެވެއެވެ. އަލަމާރިތައް ފުރި، ވަތްގަނޑުތައް ނުލެއްޕޭވަރު ވާއިރުވެސް، ލާނެ އެކަށީގެންވާ އެއްޗެއް ނެތްކަމަށް އަހަރެމެން ބުނަމުންދަމެވެ.

މިސާލަކަށް ބޮލުގައި އަޅާ ޝޯލް ނަގަމާ ހިނގާށެވެ. ބައެއް އަންހެނުންގެ އަތުގައި 200 އަށްވުރެ ގިނަ ޝޯލް ނުވަތަ ބުރުގާ ހުންނައިރު، އާންމުކޮށް ބޭނުންކޮށް އުޅެނީ އޭގެ ތެރެއިން ދިހަވަރަކަށް އެތި އެކަންޏެވެ. ބާކީ ހުރި ޝޯލް އާއި ބުރުގާތައް އެއްވެސް ބޭނުމެއް ނުކުރެވި އަލަމާރީގައި ހުންނަނީ ދުވަހަކުވެސް ނާންނާނެ މުނާސަބަތެއްގެ އިންތިޒާރުގައެވެ. އިތުރު ބުރުގާއެއް ގަންނަނީ ކީއްވެތޯ އަހާލައިފިނަމަ، ލިބޭ ޖަވާބަކީ “މިއީ އަހަރެންގެ އަމިއްލަ ފައިސާ، އަހަރެންގެ އުފަލާއި ހިތްހަމަޖެހުން” ކަމަށެވެ. މިއީ ތެދެކެވެ. ނަމަވެސް އަމިއްލަ އުފަލަކީ ނިމުމެއް ނެތް ގޮތުގައި ތަކެތި އެއްކުރުން ކަމަށް ވަނީ ކޮން އިރަކު ހެއްޔެވެ؟

މިކަން ހަމައެކަނި ބުރުގާއަކަށް ނޫނެވެ. ފައިވާނާއި، އަތްދަބަހާއި، ސެންޓާއި، މޭކަޕް ސާމާނާއި، ހެދުމާއި އަދި ބަދިގޭގެ ސާމާނަށް ވެސް އޮތީ ހަމަ މި އުސޫލެވެ. ބައެއް މީހުންގެ އަތުގައި ފައިވާން މައުރަޒެއް ބޭއްވޭހާ ފައިވާން، މުޅި އަވަށަށް ވަސްދުވާހާ ގިނަ ސެންޓް ފުޅިތައް، އަދި ރެސްޓޯރެންޓެއް ހިންގޭހާ ބަދިގެ ސާމާނު ހުންނައިރުވެސް، އާ އެއްޗެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ވިސްނާލަބަލާށެވެ. އެމީހެއްގެ އަތުގައި ހުރި ހުރިހާ އެއްޗެއް އެއްފަހަރާ ބޭނުންކުރަން ޖެހިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ 150 ޖޯޑު ފައިވާން ދަމަމުން، 200 އަތްދަބަސް ކޮނޑުގައި އަޅައިގެން، ސެންޓު ފުޅިތައް ހިފައިގެން މަގުމަތީގައި އުޅޭ މީހެއްގެ މަންޒަރު ސިފަކޮށްލައްވާށެވެ. ބުރުގާތައް އުފުލުމަށް ފުރޮޅުލީ ގާޑިޔާއެއް ބޭނުންވެދާނެއެވެ. އޭރުން އަހަރެމެން މި ފަޚުރުވެރިވާ “ޚަޒާނާ” ތަކަކީ ބޮޑު ތަކުލީފަކަށް ވެދާނެއެވެ.

މި މަޖާ ސިފަކުރުންތަކުގެ ފަހަތުގައި އޮތީ ސީރިއަސް މައްސަލައެކެވެ. އެއީ މިންވަރަށްވުރެ އިތުރަށް ތަކެތި ބޭނުންކުރުމާއި އެއްކުރުމުގެ އާދައެވެ.

ތަކެތި ގަތުމަކީ ހަމައެކަނި ބޭނުމެއް ފުއްދުމަށް ކުރާ ކަމެއް ނޫނެވެ. ބައެއް ފަހަރު އެއީ ވަގުތީ އުފަލެއް ނުވަތަ ހިތްހަމަޖެހުމެއް ހޯދުމަށް ކުރާ ކަމެކެވެ. ސޯޝަލް މީޑިއާ އާއި، އިޝްތިހާރުތަކާއި، އަދި އަގުހެޔޮ ސޭލްތަކުގެ ސަބަބުން މިކަމަށް އޮންނަ ޝައުޤުވެރިކަން އިތުރުވެ، ނުގަނެ ހުރުމަކީ ދަތި ކަމަކަށް ވެއެވެ.

ނަފްސާނީ ގޮތުން ބަލާއިރު، މިއީ ތަކުރާރުވާ ނުރަނގަޅު އާދައެކެވެ. އެއްޗެއް ފެނުމުން ބޭނުންވުން، އެ ގަތުން، ކުޑަ ވަގުތުކޮޅަކަށް އުފާވުން، އަދި އޭގެ ފަހުން އަނެއްކާވެސް އާ އެއްޗަކަށް އިންތިޒާރުކުރުމެވެ. ހިތްހަމަޖެހުން ފިލައިދިޔަސް، އެއްޗެހި ގަތުމަށް ހުންނަ ފޯރިއެއް ނުކެނޑެއެވެ. ބައެއް މީހުންނަށް މިއީ ދިރިއުޅުމުގެ މައްސަލަތަކުން ދުރުވުމަށް ކުރެވޭ ކަމަކަށް ވެސް އޮންނަނީ ވެފައެވެ.

ރީތި އެއްޗެހި ގެންގުޅުމާއި، ފެޝަނަށް ލޯބިކުރުމަކީ ގޯސް ކަމެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް އިސްކަންދޭ ކަންތައްތަކެއް ހުންނާނެއެވެ. ނަމަވެސް، ގެންގުޅޭ އެއްޗެއްގެ ބޭނުން ހިފުމާއި، އެއްޗެހި ގިނަކުރުމަށްޓަކައި ގަތުމާ ދެމެދު ތަފާތެއް އެބައޮތެވެ.

އެއްޗެއް ގަންނަން އަތުގައި ފައިސާ ހުރުމަކީ، އެ އެއްޗެއް ގަންނަން ޖެހޭ ސަބަބެއް ނޫނެވެ. ބޭނުންނުކޮށް ހުންނަ ތަކެތީގެ ސަބަބުން ގޭގެ ޖާގަ ހަނިވެ، ހިރަފުސް ބޯވެ، އަދި މާ މުހިންމު ކަންކަމަށް ހޭދަކުރެވެން އޮންނަ ފައިސާ ބޭކާރުވެގެންދެއެވެ. މީގެ އިތުރުން، މެދުކެނޑުމެއް ނެތި ތަކެތި ގަނެ އުކާލުމުގެ ސަބަބުން ތިމާވެއްޓަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.

އެހެންކަމުން، އޮންލައިންކޮށް އެއްޗެއް ގަތުމަށް “ޗެކްއައުޓް” އަށް ފިތާލުމުގެ ކުރިން އަމިއްލަ ނަފްސާ ސުވާލުކޮށްލަމާ ހިނގާށެވެ. މިއީ ހަމަ ބޭނުންވާ އެއްޗެއް ހެއްޔެވެ؟ މިކަހަލަ އެހެން އެއްޗެއް އަތުގައި އެބަހުރި ހެއްޔެވެ؟ މިއީ ބޭނުންކުރާނެ އެއްޗެއް ހެއްޔެވެ؟ ނުވަތަ މިއީ ހަމައެކަނި ގަނެލުމުން ލިބޭ ފޯރިއަށްޓަކައި ކުރާ ކަމެއް ހެއްޔެވެ؟

ދިރިއުޅުމަކީ އެންމެ ގިނައިން ތަކެތި އެއްކުރާ މީހަކަށް ވުމަށް ބާއްވާ މުބާރާތެއް ނޫނެވެ. ލޯބިވާ ތަކެތި ގަންނާށެވެ. އަތުގައި ހުރި ތަކެއްޗަށް ޝުކުރުވެރިވާށެވެ. ނަމަވެސް، ތިބާގެ މިލްކިއްޔާތުގައި ހުރި ތަކެތީގެ އަޅަކަށް ތިބާ ނުވާށެވެ. އަދި ތިބާގެ އަތުގައި 200 ބުރުގާ، 50 އަތްދަބަސް ނުވަތަ 100 ޖޯޑު ފައިވާން ހުއްޓަސް، އެއީ މައްސަލައެއް ނޫނެވެ. އެކަމަކު ގޭތެރޭގައި ހިނގާބިނގާވެ އުޅޭނެ ހުސް ޖާގައެއް އޮތްތޯ ޔަގީންކޮށްލައްވާށެވެ!

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top