ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހިތުގެ އާދޭސް – ކުރު ވާހަކަ
މުނިއަވަސް ގްރެފިކްސް

މެންދަމުގެ ހަމަހިމޭންކަން މުޅި މާލެއަށް ވެރިވެފައި އޮތް ވަގުތެކެވެ. މަގުމަތިން ދުއްވާ އެއްޗެއްގެ އަޑު އިވެނީ ވެސް ވަރަށް މަދުންނެވެ. ކުޑަދޮރުން ފުރޭނިގެން އަންނަ ފިނި ވައިރޯޅިތައް ޔާނާގެ ކޮޓަރީގެ ފަރުދާތައް މަޑުމަޑުން ހަރަކާތްކުރުވަމުން ދިޔައެވެ. ޔާނާ އޮތީ އެނދުގެ އެއްފަރާތަކަށް ޖެހި، ކަކޫ މޭގައި ޖައްސައިގެންނެވެ. އޭނާގެ ހިމޭން ދުނިޔެއަކީ އަބަދުވެސް އަމިއްލަ ވިސްނުންތަކާއި ފޮތްތަކުގެ ތެރޭގައި ހޭދަވާ ދުނިޔެއެކެވެ. މީހުންނާ ގުޅުން ބަދަހިކުރުމަކީ އޭނާ މާ ގަޔާވާ ކަމެއް ނޫނެވެ. ޚާއްސަކޮށް ފިރިހެނުންގެ ދަޅަތަކާއި ދޮގު ވާހަކަތަކަށް އޭނާގެ ހިތުގައި އޮންނަނީ ވަރުގަދަ ބިރަކާއި ނަފުރަތެކެވެ.

އަތުގައި އޮތް ފޯނުގެ ސްކްރީން ދިއްލިގެން ދިޔައީ ކުއްލިއަކަށެވެ. އަޑެއް ނެތް ނަމަވެސް، އެ ފަނޑު އަލިކަމުގެ ތެރެއިން ސްނެޕްޗެޓްގެ ރީނދޫ ކުލައިގެ އަލި ފެނިގެން ދިޔައެވެ.

“ޒައިން އެޑެޑް ޔޫ ބައި ޔޫޒަރނޭމް.”

ޔާނާ ދެބުމަ ގޮށްޖަހައިލިއެވެ. “ޒައިން؟ މީ ކާކު؟” ހިތާހިތުން ކިޔައިލެވުނެވެ. އާންމުކޮށް އޭނާއަކީ ނުދަންނަ މީހުން އެޑްކުރާ ކުއްޖެއް ނޫނެވެ. އެހެން ނަމަވެސް، އެ ނަމުގައިވާ ތަފާތު ގޮތަކާއި، ޕްރޮފައިލް ފޮޓޯއިން ފެންނަ ފިރިހެންވަންތަ، ތޫނު ދެލޮލުގެ ސަބަބުން އިނގިލި ހުއްޓުނެވެ. ފޮޓޯގައި ހުރި ޒުވާނާގެ މޫނުމަތިން ފެންނަނީ ސީރިއަސް، އެހެނަސް ކޮންމެވެސް ކަހަލަ ޖާދޫވީ އަސަރެކެވެ. އިސާހިތަކު އެކްސެޕްޓް ފިތަށް އޮބައިލެވުނު ގޮތް ޔާނާއަކަށް ވެސް ނޭނގުނެވެ.

އެކްސެޕްޓް ކުރިތާ ސިކުންތުކޮޅެއް ނުވަނީސް ޗެޓް ހުޅުވިގެން ދިޔައެވެ.

“ހޭއި، ކިހިނެއް؟ ވަރަށް ލޯބި ބިޓްމޯޖީއެއް، އަދި ޕްރޮފައިލްވެސް ވަރަށް ޔުނީކް.” ޒައިންގެ ފުރަތަމަ މެސެޖު އައެވެ.

ޔާނާގެ ތުންފަތް މައްޗަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ފިރިހެނުން އަންހެން ކުދިން ގާތަށް އަންނަ އާންމު އުކުޅެކެވެ. ފޮނި ބަސްތަކުން ހިތް އަތުލުމުގެ ފުރަތަމަ ފިޔަވަޅެވެ. ޔާނާ ނިންމީ އޭނާގެ އަސްލު މިޒާޖު ދައްކާލާށެވެ.

“މަށަކީ ތިހާ ފަސޭހައިން ތަރައްގީވާނެ ކުއްޖެއް ނޫން. ކާކުކަން ނޭނގި މިގޮތަށް ވާހަކަ ނުދެއްކިޔަސް މައްސަލައެއް ނެތް. އެޑް ކުރެވުނީ އޮޅުމަކުން.” ޔާނާ ޓައިޕްކޮށް ފޮނުވާލިއެވެ. އޭނާ ހީކުރީ ޒައިން ލަދުން ނުވަތަ ރުޅިއައިސްގެން ބްލޮކް ކުރާނެ ކަމަށެވެ.

އެކަމަކު ކަންތައް ވީ މުޅިން އިދިކޮޅަށެވެ. ޒައިންގެ ފަރާތުން އައީ ހިނިގަނޑެއްގެ އިމޯޖީއެކެވެ.

“ވަރަށް ރުޅިގަދަ ކުއްޖެއް ދޯ؟ އެކަމަކު ތި ބުނި ބަސްތަކުން މަށަށް މާ ބޮޑަށް ކަމުގޮސްފި. މި ޒަމާނުގައި ހުރިހާ ކުދިން އުޅެނީ ފިރިހެނުންގެ ސަމާލުކަން ނުލިބިގެން. ތިހާ ހިތްވަރުގަދަ، ތެދުވެރި އަދި ރޫޑް ކުދިންނަކީ މަގޭ ވީކްނެސް.” ޒައިން ލިޔެފައި އޮތެވެ.

ޔާނާގެ ހިތުގެ ވިންދު އަވަސްވެލިއެވެ. މި ފިރިހެނާގެ ތަފާތުކަން ފުރަތަމަ ސިކުންތުގައިވެސް އިޙުސާސްވިއެވެ. އެހެން މީހުން ފަދައިން ފަހަތަށް ޖެހުމުގެ ބަދަލުގައި، އޭނާ ކުރިއަށް ފިޔަވަޅު އެޅީ ޔާނާގެ ހަރުކަށިކަން ގޮންޖެހުމެއްގެ ގޮތުގައި ދެކިގެންނެވެ. އެރޭގެ އެ ވަގުތަކީ ދެމީހުންގެ ދެމެދުގައި ފެށުނު ދިގު، ވޭނީ އަދި ނުރައްކާތެރި ކުޅިވަރެއްގެ ފެށުމެވެ.

ދުވަސްތައް ހަފުތާތަކަށް ބަދަލުވަމުން ދިޔައެވެ. ޔާނާ ކިތަންމެ ވަރަކަށް ދުރުވާން އުޅުނަސް، ޒައިންގެ މެސެޖުތަކުން ސަލާމަތްވާނެ ގޮތެއް ނުވިއެވެ. ޒައިންއަކީ އަންހެނެއްގެ ސިކުނޑިއާ ކުޅެން ދަންނަ މޮޅު “މާސްޓަރެކެވެ.” ހެނދުނު ހޭލާއިރު ޔާނާއަށް ޚާއްސަކޮށް ފޮނުވާފައި އޮންނަ ހެޔޮއެދުމުގެ މެސެޖާއި، ދުވާލުގެ ވަގުތުތަކުގައި ކެއިންބުއިމާ ބެހޭގޮތުން އަހާލާ އަޅާލުމުގެ ބަސްތަކަކީ މަޑުމަޑުން ޔާނާގެ ހިތުގެ ހުރިހާ ދިފާއީ އައްޑަނަތަކެއް ފުނޑުފުނޑުކޮށްލި ކަންކަމެވެ.

ޒައިންގެ ދިރިއުޅުމުގެ ވާހަކަތައް އޭނާ ހިއްސާކުރަން ފެށިއެވެ. އޭނާ މަސައްކަތް ކުރަނީ ރާއްޖޭގެ މަޝްހޫރު ލަގްޒަރީ ރިސޯޓެއްގައެވެ. ކުޑަކުދިންނަށް ޚާއްސަ “ކިޑްސް ކްލަބް” ގައެވެ.

“ޔާނާ ޤަބޫލެއް ނުކުރާނެ، އަހަރެން މިއުޅެނީ ކުޑަކުދިންނާއެކު ދުވެ، ކުރެހުން ކުރަހަން. އެކުދިންނަށް އަހަރެން ވަރަށް ކަމުދޭ. އެކަމަކު މަގޭ ހިތް އެދެނީ ކޮންމެ ދުވަހަކު ޔާނާއާ ވާހަކަދައްކަން.” ޒައިން ފޯނުން ބުންޏެވެ.

އެ އަޑުގައި ހުންނަ ފިރިހެންވަންތަ މަޑުމައިތިރިކަމަކީ ޔާނާގެ ދުވަހުގެ ހުރިހާ ވަރުބަލިކަމެއް ފިލުވައިދޭ ފަރުވާއަކަށް ވިއެވެ. ޔާނާ އޭނާގެ ހަޔާތުގެ ހުރިހާ ސިއްރެއް، އޭނާގެ ހުވަފެންތަކާއި ބިރުތައް ޒައިންއާ ހިއްސާކުރަން ފެށިއެވެ. އޭނާއަށް ނޭނގި ނަމަވެސް، ޒައިންއަކީ އޭނާގެ ދިރިއުޅުމުގެ ނޭވާ ކަމުގައި ވެއްޖެއެވެ. ޒައިން ނެތް ދުނިޔެއެއް ތަސައްވުރު ކުރަންވެސް ޔާނާއަށް ދަތިވާ ހިސާބަށް ކަންކަން ދިޔައެވެ.

މިވެސް ކިޔާލަން:  ޒޯޔާސް ކޮފީ - ކުރު ވާހަކަ

އެހެން ނަމަވެސް، މި ގުޅުމުގެ ފުންމިނަށް ފީނައިގަނެވުނު އިރުވެސް، ޔާނާގެ ހިތުގައި ބިރުވެރި ވަސްވާހެއް އަބަދުވެސް އޮވެއެވެ. ޒައިން އޭނާގެ އަމިއްލަ ދިރިއުޅުމުގެ މާ ބޮޑު ތަފްސީލެއް ނުދެއެވެ. އޭނާ އުޅޭ ރަށެއް، އާއިލާގެ މީހުންގެ ވާހަކައެއް ދުވަހަކުވެސް ނުދައްކައެވެ.

އެއްރެއަކު، ދެމީހުން ދަންވަރުގެ ގިނަ ވަގުތުތަކެއް ވަންދެން ފޯނުގައި ތިއްބެވެ. ވާހަކަ ދައްކަމުން ގޮސް، ޔާނާގެ ހިތުގައި އޮތް ބޮޑު ސުވާލު ދުލާ ހަމައަށް އައެވެ. އެއީ ކޮންމެ އަންހެން ކުއްޖަކުވެސް އެމީހަކު ލޯބިވާ މީހެއްގެ ކިބައިން އަޑުއަހަން ބޭނުންވާނެ ވާހަކައެވެ.

“ޒައިން.. އަހަރެމެން މިހެން އުޅޭތާ މިހާރު ހަތަރު މަސް ވެއްޖެ. އަހަންނަށް ޒައިންދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އަހަރެން ބޭނުން އަހަރެމެންގެ މުސްތަޤުބަލެއް އޮތްތޯ ބަލަން. ޒައިން އަހަންނާމެދު ކީކޭ ވިސްނަނީ؟ އަހަރެމެންނަށް ދުވަހަކުވެސް އެކުގައި އުޅެވިދާނެތަ؟” ޔާނާގެ އަޑުގައި ހުރީ އުއްމީދާއި ބިރުވެރިކަމުގެ މަސްހުނި އަސަރެކެވެ.

ފޯނުގެ އަނެއްކޮޅުން އިވުނީ މަރުފަދަ ހިމޭންކަމެކެވެ. އެ ހިމޭންކަން ޔާނާގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ. ސިކުންތުތައް މިނެޓުތަކަށް ދެމިގެން ދިޔަ ފަދައެވެ.

“ޔާނާ..” ޒައިންގެ އަޑު އިވުނެވެ. އެ އަޑުގައި ކުރިން ހުންނަ ލޯބިވެތި ގޮތެއް ނެތެވެ. އޮތީ ސީރިއަސް އަދި ފިނި އަސަރެކެވެ. “އަހަރެން ހީކުރީ ޔާނާއަށް ވިސްނޭނެ ކަމަށް. އަހަރެން މިވާހަކަ ކުރިން ނުބުނީ ޔާނާ ގެއްލިދާނެތީ. އެކަމަކު މިހާރު ހަޤީޤަތް ހާމަކުރަން މަޖުބޫރުވެއްޖެ.”

ޔާނާގެ ނޭވާ ކަރުތެރޭގައި ތާށިވި ފަދައެވެ. “ކޮން.. ކޮން ހަޤީޤަތެއް؟”

“ޔާނާ، އަހަންނަކީ މީހެއްގެ ފިރިއެއް. އަހަރެން މީހަކާ އިނދެގެން އުޅޭތާ ތިން އަހަރު ވެއްޖެ.” ޒައިންގެ އެ ޖުމުލަ ވެގެންދިޔައީ ޔާނާގެ މޭ ފޫއަޅުވާލާފައި ދިޔަ ތޫނު ޚަންޖަރަކަށެވެ. މުޅި ދުނިޔެ އެނބުރިގަތް ފަދަ އިޙުސާސެއް ޔާނާއަށް ކުރެވުނެވެ. ކަންފަތުގައި އެ ބަސްތައް ގުގުމަމުން ދިޔައެވެ.

“މީހެއްގެ ފިރިއެކޭ؟” ޔާނާގެ އަޑު ނިކުތީ ކިރިޔާއެވެ. ދެލޮލުން ހޫނު ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. “ދެން.. ދެން ކީއްވެ މަގޭ ދިރިއުޅުމުގެ ތެރެއަށް ވަނީ؟ ކީއްވެ އަހަރެންގެ ހިތާ ކުޅުނީ؟ އަހަރެންގެ ހުރިހާ އުފަލެއް ފޭރިގަތީ ކީއްވެ؟”

ޒައިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ އަޑުގައި ކުށްވެރި އިޙުސާސެއް ނެތެވެ. އޮތީ އަމިއްލަ އެދުމުން ފުރިގެންވާ ގޮތެކެވެ.

“ޔާނާ، ޕްލީޒް ދެން އަޑުގަދަ ނުކޮށް އަޑުއަހާބަލަ. އަހަރެން ޔާނާއާމެދު ދޮގެއް ނަހަދަން. އަހަރެން ޔާނާދެކެ ހަޤީޤަތުގައިވެސް ވަރަށް ގަޔާވޭ، ވަރަށް ބޮޑަށް ބޭނުންވޭ. ޔާނާއާ ވާހަކަދެއްކީމަ އަހަންނަށް ލިބޭ ހިތްހަމަޖެހުން އަހަރެންގެ ވައިފްގެ ކިބަޔަކުން ނުލިބޭ. އެކަމަކު.. އަހަންނަށް އެއްވެސް ކޮމިޓްމެންޓެއް ނުދެވޭނެ. އަހަރެން އަނބިމީހާ ވަރިއެއް ނުކުރާނަން. އާއިލާ ދޫކޮށެއް ނުލެވޭނެ. އެކަމަކު އަހަރެން ޔާނާއަށް ވަގުތު ދޭނަން. ޔާނާ ބޭނުންވާ ލޯތްބާއި ސަމާލުކަން އަހަރެން އަބަދުވެސް ދޭނަން. އަހަރެމެންނަށް މިހެން ނޫޅެވޭންވީ ކީއްވެ؟”

“ހުއްޓާލާ!” ޔާނާ ގިސްލަމުން ހަޅޭއްލަވައިގަތެވެ. “ކަލޭ ތި ހީކުރަނީ އަހަންނަކީ ކާކު ކަމަށްތަ؟ މީހެއްގެ ދިރިއުޅުން ހަލާކުކޮށްލާފައި، ވަގަށް ލޯބި ހޯދަން އުޅޭނެ ސިއްރު މީހެއް ކަމަށްތަ؟ އަހަރެން މިއީ ކަލޭގެ ހުސްވަގުތުތައް ފުރާލަން ގެންގުޅޭ ކުޅޭކުޅޭ އެއްޗެއް ނޫން!”

ޔާނާ ވަގުތުން ފޯނު ކަނޑައިލިއެވެ. އެނދުމައްޗަށް ބަންޑުން ވެއްޓިގަނެ، ބާލީހުގައި މޫނު ޖަހައިގެން އޮވެ އޭނާ ގިސްލާ ރޯން ފެށިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ބަޔާންކުރަން ދައްޗެވެ. އެންމެ ބޮޑު ހިތާމައަކީ، ޒައިން ދެއްކި ހަޑިމުޑުދާރު ދޮގުތަކާއި ކެހިވެރިކަން އެނގިހުރެވެސް، އެ ހިތުން ޒައިންގެ ނަން ފޮހެލަން ނުކުޅެދުމެވެ. ލޯތްބަކީ ހިތުގެ މައްޗަށް ބާރު ހިނގާ އެއްޗެއް ނޫންކަން އޭނާއަށް އިޙުސާސްވީ އެވަގުތުއެވެ.

އޭގެ ފަހުން ވޭތުވެދިޔަ ދުވަސްތަކަކީ ޔާނާގެ ހަޔާތުގައި އައި އެންމެ އަނދިރި ދުވަސްތަކެވެ. ކެއުމާއި ބުއިމުން މަޙްރޫމްވެ، ލޮލުގެ ނިދި ގެއްލިގެން ދިޔައެވެ. ޒައިން ދުވާލަކު އެތައް ފަހަރަކު މެސެޖުކޮށް، ގުޅަން މަސައްކަތް ކުރެއެވެ. ޒައިން މާފަށް އެދެއެވެ. ޔާނާ ނެތި ނޫޅެވޭނެކަމަށް ބުނެ އާދޭސްކުރެއެވެ. އެކަމަކު އޭނާ ދުވަހަކުވެސް “އަހަރެން ޔާނާއާ ކައިވެނިކުރާނަން” މި ބަހެއް ނުބުނެއެވެ.

މިވެސް ކިޔާލަން:  އައިޝާގެ މޫނުފޮތް - ކުރު ވާހަކަ

ޔާނާގެ ހިތް އެދެމުން ދިޔައީ ޒައިންގެ ގާތަށް ދުވެފައި ދާށެވެ. ޒައިން ބުނި ކޮންމެ ޝަރުތަކަށް އެއްބަސްވެގެން ނަމަވެސް އެ އަޑު އަހާލަން އޭނާގެ ނަފްސު އެދި ގޮވަމުން ދިޔައެވެ. ނަމަވެސް، ޔާނާގެ ޒަމީރާއި، އޭނާގެ މައިންބަފައިން އޭނާއަށް ދަސްކޮށްދިން ރިވެތި އަޚުލާޤު އެކަމަށް ހުރަސްއެޅިއެވެ.

“އަހަރެން ދުވަހަކުވެސް އޭނާގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން. އޭނާގެ އަންހެނުން ދޫކޮށްލާފައި މަގޭ ގާތަށް އަންނާށޭ ކިޔައި އާދޭހެއް ނުކުރާނަން. އަހަރެންގެ ލޯބި ކިތަންމެ ފުން ނަމަވެސް، އަހަރެންގެ އަގު ވައްޓައެއް ނުލާނަން،” ޔާނާ ކަރުނައިގެ ތެރެއިން އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.

އެހެން ނަމަވެސް، އެކަނިވާ ކޮންމެ ވަގުތަކު އެ ހިތް ރޮއި އާދޭސްކުރެއެވެ. ޒައިންގެ ހަނދާންތަކުން ސަލާމަތް ނުވެވިގެން މޭގައި އަތްއަޅައި ފިއްތައިލެވެއެވެ. ލޯބިވާ މީހާ ހުރެމެ، އޭނާއަކީ ތިމާއަށް ޙައްޤު މީހެއް ނޫންކަން އެނގުމަކީ ދުނިޔެމަތީގައި ދެވޭނެ އެންމެ ބޮޑު އެއް އަޒާބެވެ.

ޒައިންގެ ރިސޯޓް ދިރިއުޅުމަކީ މުޅިން ތަފާތު ދުނިޔެއެކެވެ. ކިޑްސް ކްލަބްގައި ހޭދަކުރާ ވަގުތުތަކަށްފަހު، އޭނާގެ އަތުގައި އަބަދުވެސް އޮންނަނީ އަގުބޮޑު ކެނޮން ކެމެރާއެކެވެ. އޭނާއަކީ ފޮޓޯގްރަފީއަށް ލޯބިކުރާ، އަދި އެ ހުނަރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން ދަންނަ ޒުވާނެކެވެ.

ރިސޯޓުގެ ދޮންވެލި ގޮނޑުދޮށުގައި، އިރުއޮއްސޭ މަންޒަރުގެ ރީތިކަމުގެ ތެރޭގައި ޒައިން އަބަދުވެސް އުޅެނީ އަންހެން ކުދިންގެ ފަހަތުގައެވެ. ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ ބޭރުގެ ޒުވާން އަންހެން ކުދިންނާއި، ރިސޯޓުގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ރީތި އަންހެން ކުދިންނަކީ އޭނާގެ ކެމެރާގެ “މޮޑެލް” އިންނެވެ. އޭނާ އެމީހުންގެ ފޮޓޯ ނަގައިދީ، އެކުދިންނާއެކު ހީނ މަޖާކޮށް، ގާތް ގުޅުންތައް ބާއްވަމުން ދިޔައެވެ.

ޔާނާއަށް މި ހަޤީޤަތްތައް ފެންނަން ފެށީ ޒައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. އެއްދުވަހަކު ޒައިން ސްނެޕްޗެޓަށް ލީ ވީޑިއޯއެއްގައި، ރިސޯޓުގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ވަރަށް ރީތި ދިވެހި އަންހެން ކުއްޖެއްގެ ކޮނޑަށް އަތްވައްޓާލައިގެން، ކެމެރާއިން ނެގި ފޮޓޯތައް ދައްކަމުން ދިޔަ މަންޒަރު ފެނުނެވެ. އެ އަންހެން ކުއްޖާ ޒައިންގެ މޭގައި ލެނގިލައިގެން އިނދެ ހޭ މަންޒަރު ފެނުމުން ޔާނާގެ މޭ ފިސްފިސްވެގެން ދިޔަ ކަހަލައެވެ.

އެ ދުވަހު މެންދުރު ޒައިން ޔާނާއަށް މެސެޖުކޮށްފައި ބުނެފައި އޮތީ “ވަރަށް ބިޒީ، ކިޑްސް ކްލަބްގަ މިއަދު ވަރަށް ގިނަ ކުދިން އެބައުޅޭ، ފަހުން ގުޅާނަން” މިހެންނެވެ.

“ދޮގުވެރިޔާ! މަކަރުވެރިޔާ!” ޔާނާ ފޯނަށް ބަލަހައްޓައިގެން އިނދެ ގިސްލިއެވެ.

އޭނާއަށް ވިސްނުނެވެ. ޒައިންއަކީ ހަމައެކަނި އަނބިމީހާއަށް ކެހިދޭ މީހެއް ނޫނެވެ. އޭނާއަކީ ދިމާވާ ކޮންމެ އަންހެން ކުއްޖެއްގެ އިޙުސާސްތަކާ ކުޅެ، އަމިއްލަ ފިރިހެންވަންތަކަމުގެ ދަޅަ ދައްކައިގެން އުފާ ހޯދާ ނުބައި، ވިހަ އިންސާނެކެވެ. ޔާނާ ފަދައިން އެތައް އަންހެން ކުދިންނެއް އެ ދަލުގައި ޖެހި ހަލާކުވަމުން ދަނީއެވެ.

އެ ރޭ މެންދަމު އެކެއް ޖެހިއިރު ޒައިން ގުޅިއެވެ. ޔާނާ މިފަހަރު ފޯނު ނެގީ ރޯކަށް ނޫނެވެ. އޭނާގެ ހިތުގައި އޮތް ހުރިހާ ލޯތްބެއް ރުޅިވެރިކަމާއި ނަފުރަތަށް ބަދަލުވެފައިވާ ހާލުގައެވެ.

“ޔާނާ، އަހަރެން މިހާރު މި ޑިއުޓީ ނިމުނީ. ވަރަށް މިސްވި އިނގޭ.” ޒައިން ވަރަށް އޯގާތެރި އަޑަކުން ބުންޏެވެ.

ޔާނާ މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ. “ޒައިން، ކަލޭ ތި ދައްކާ ވާހަކަ ޤަބޫލުކުރާނެ މޮޔައަކު މިހާރު މިކޮޅަކު ނެތް. ކިޑްސް ކްލަބްގެ ޑިއުޓީތަ ތި ނިމުނީ؟ ނޫނީ އެހެން އަންހެން ކުދިންގެ ގައިގަ އަތްލައި، ފޮޓޯ ނަގަން ހިންގި ޑިއުޓީތަ ތި ނިމުނީ؟”

ޒައިންގެ އަޑު ކުއްލިއަކަށް ހަރުކަށިވިއެވެ. “ޔާނާ! ކީކޭ ތި ކިޔަނީ؟ އަހަރެން މިތާ މަސައްކަތްކުރަނީ ކިހާ ބުރަކޮށްކަން ނޭނގިތަ ތި ވާހަކަ ދައްކަނީ؟ އަހަރެންގެ ފްރެންޑުންނާއެކު އުޅުމަކީ ކުށެއްތަ؟ އަހަރެން ޔާނާއަށް ބުނީމެއްނު އަހަރެންގެ ލައިފް ޔާނާއަކަށް ކޮންޓްރޯލެއް ނުކުރެވޭނޭ! އަހަރެން މިހުރީ މީހަކާ އިނދެގެން. ޔާނާއަށް އަހަރެން ޓައިމް ދެނީ އަހަރެން ޔާނާދެކެ ލޯބިވާތީ، ޔާނާ ބޭނުންވާތީ. އެވަރުންވެސް ޝުކުރުވެރިވާން ނޭނގިގެން ތި އުޅެނީ ކީއްވެ؟”

މިވެސް ކިޔާލަން:  ދަރިފުޅު - ކުރު ވާހަކަ

ޒައިންގެ އެ ވިހަ ބަސްތައް ވެގެންދިޔައީ ޔާނާގެ ކަންފަތްމައްޗަށް ޖެހި ތޫނު އެތިފަހަރަކަށެވެ. އެ ބަސްތަކުން ހާމަވީ ޒައިންގެ ހިތުގައި އޭނާއަށްޓަކައި އެއްވެސް އިޙުތިރާމެއް، ޤަދަރެއް ނެތް ކަމެވެ. ޒައިން އޭނާ ދެކެނީ ހަމައެކަނި ބޭނުންވުމުން ނަގާފައި އެއްލައިލާ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެވެ.

“ޝުކުރުވެރިވާށޭ؟” ޔާނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުގެ ތެރެއިން އޭނާގެ އަޑު ތުރުތުރު އަޅަމުން ނަމަވެސް ބާރުވެގެން ދިޔައެވެ. “ކަލޭގެ ޖީބުން ވެއްޓޭ ކުނިވަރުގެ ވަގުތުކޮޅަކަށް އަހަރެން ޝުކުރުވެރިވާންވީ ކީއްވެ؟ ކަލޭގެ އަނބިމީހާއަށް ކެހިދީފައި، ދުވާލު ހަތަރުދަމު ރިސޯޓުގެ އަންހެން ކުދިންގެ ފަހަތުން ދުވެފައި، މެންދަމު އަހަންނަށް ދޭ ދޮގު ލޯތްބަކަށް އަހަރެން އަތްޖަހަންވީތަ؟”

“ޔާނާ، އަޑު މަޑުކޮށްބަލަ..” ޒައިން ބުނަން އުޅުނެވެ.

“ނޫން! ދެން އަޑެއް މަޑެއް ނުކުރާނަން!” ޔާނާގެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު އެއްކޮށް ފަޅައިގެން ދިޔައެވެ. “ޒައިން، އަހަރެން ކަލޭދެކެ ލޯބިވިން. ފުރާނައަށްވުރެ ބޮޑަށް ލޯބިވިން. އެކަމަކު ހަނދާން ބަހައްޓާ! އަހަރެން މިއީ ކަލޭގެ ފައިބުޑަށް ވެއްޓި އަނބިމީހާ ވަރިކުރާށޭ، އަހަރެންގެ ގާތަށް އަންނާށޭ ކިޔައި އާދޭސްކުރާނެ އަންހެނެއް ނޫން. އަހަރެންގެ ހިތް ކުދިކުދިވެގެން ހިނގައިދާނެ. އަހަރެން އެކަނި އިނދެ ރޮއެ ހަލާކުވެދާނެ. އެކަމަކު ކަލޭގެ ކުރިމަތީގައި އަހަރެންގެ އަމިއްލަ ނަފްސުގެ އަގު ވައްޓައެއް ނުލާނަން. ކަލޭގެ ތި ހަޑިމުޑުދާރު ދިރިއުޅުމުގެ ތެރޭގައި ތެޅިބޭލޭކަށް އަހަރެން ނެތިން!”

“ޔާނާ، ތިހެން ނަހަދާބަލަ.. އަހަރެން ޔާނާ ގެއްލޭކަށް ބޭނުމެއް ނޫން..” ޒައިންގެ އަޑުގައި ފުރަތަމަ ފަހަރަށް ހާސްކަމެއް ވެރިވިއެވެ.

“ގެއްލޭކަށް ބޭނުމެއް ނޫނޭ؟ ކަލެއަށް އަހަރެން ލިބުނީ ކޮން އިރަކު ގެއްލެން؟” ޔާނާ ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ. “ދެން ދުވަހަކުވެސް މަގޭ ދިރިއުޅުމުގެ ތެރެއަށް ބޯދިއްކޮށްގެން ނުވާނެ. ކަލޭގެ ކެމެރާގެ ލެންސުން އެހެން މީހުން ހެއްލުވިޔަސް، މަށެއް ދެން ނުހެއްލޭނެ. ވަދާއު، ޒައިން!”

ޔާނާ ފޯނު ކަނޑައިލިއެވެ. އަދި އެއްވެސް ޖެހިލުމެއް ނެތި، ސްނެޕްޗެޓް، އިންސްޓަގްރާމް، އަދި އޭނާގެ ފޯނު ނަންބަރުވެސް ހިމެނޭހެން ޒައިންގެ ހުރިހާ އެއްޗެއް ބްލޮކްކޮށްލިއެވެ.

ފޯނު އެނދުމައްޗަށް ވެއްޓުމާއެކު، ޔާނާގެ ދެކަކޫ މައްޗަށް ބިންމައްޗަށް ތިރިވިއެވެ. އޭނާގެ ހަށިގަނޑުން ހުރިހާ ވަރެއް ދޫވި ފަދައެވެ. ދެއަތުން މޭގައި ބާރަށް ހިފަހައްޓައިލެވުނެވެ. އެ ހިތުގައި އަޅަމުން ދިޔަ ވޭން ކެތްކުރެވޭ ވަރަށްވުރެ މާ ބޮޑެވެ.

“ޔާ ﷲ! އަހަރެންގެ ހިތަށް ކެތްތެރިކަން ދެއްވާށި!” ޔާނާ ގިސްލަމުން ދުއާކުރިއެވެ.

ކޮޓަރީގެ ހަތަރުފާރު އެތެރޭގައި އޭނާ ހޭދަކުރި އެ ރެއަކީ މަރުގެ ތުންފަތްމައްޗަށް ދެވުނު ފަދަ ރެއެކެވެ. ޒައިންގެ ހިނިތުންވުމާއި، އޭނާ ދެއްކި ފޮނި ވާހަކަތަކާއި، ކިޑްސް ކްލަބްގެ ކުދިންނާއެކު އުޅޭކަމަށް ބުނެ ހެދި ދޮގުތައް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އަދި އެހެން އަންހެން ކުދިންނާއެކު ހީނ މަޖާކޮށް، ފޮޓޯ ނަގަން އުޅުނު މަންޒަރުތައް ލޯމައްޗަށް ސިފަވާ ކޮންމެ ފަހަރަކު، ހިތް ކުދިކުދިވެގެން ފައިބައެވެ.

އެކަމަކު އެ ހުރިހާ ވޭނެއްގެ ތެރޭގައިވެސް، އޭނާ ޒައިންއަށް އާދޭސް ނުކުރިކަމުގެ ހިތްހަމަޖެހުން ކޮންމެވެސް ވަރަކަށް އޮތެވެ. އޭނާގެ ލޯބި ކިތަންމެ ބޮޑު ނަމަވެސް، ފާފައަކަށް އަރައިގަނެ، މީހެއްގެ އަނތްބެއްގެ ޙައްޤަށް އަރައިގަންނާކަށް އޭނާގެ އީމާންތެރިކަން ތަނެއް ނުދިނެވެ.

ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދިޔައެވެ. ޔާނާ އޭނާގެ ހިތާމަތައް ފޮރުވައިގެން، އާންމު ދިރިއުޅުމަށް އެނބުރި އަންނަން މަސައްކަތް ކުރިއެވެ. ލޮލުން ކަރުނަ ފޮހެލައި، ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނާގެ އަމިއްލަ ނަފްސަށް ހިނިތުންވެލެވޭތޯ ބެލިއެވެ. އެ މޫނުމަތީގައި ވަރުބަލިކަން ހުއްޓެވެ. އެކަމަކު އޭގައި ވަރުގަދަ އަޒުމެއް ވިއެވެ.

ހިތުގެ އެންމެ ފުންމިނުގައި އަދިވެސް ޒައިންއަށްޓަކައި ކުޑަ ވިންދެއް ޖަހައެވެ. އެއީ އިންސާނީ ތަބީއަތެވެ. އެކަމަކު އެއީ ދުވަހަކުވެސް އިޖާބަ ނުދޭނެ، ބީރު ކަންފަތެއް ދީފައިވާ “ހިތުގެ އާދޭހެކެވެ.” ޔާނާ ދަސްކުރީ އަމިއްލަ ނަފްސަށް އިޙުތިރާމް ކުރާށެވެ. އަދި ހަޤީޤީ ލޯތްބަކީ ކެހިވެރިކަމާއި އަމިއްލަ އެދުމުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫންކަން ދަނެ، އޭނާގެ ހަޔާތުގެ އާ ސަފްހާއެއް ހުޅުވައިލިއެވެ.

(ނިމުނީ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Rif10 ގަޑިއިރު ކުރިން

Salhi

Home
Menu
Search
Back to top