ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހިރާއްޖެ ބަލިކޮށް ޕާކިސްތާން ސެމީ ފައިނަލަށް

ބަނގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ބަލިކޮށް ޕާކިސްތާނު ގުރޫޕް އޭއިން ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފި އެވެ. އިއްޔެ މެންދުރުފަހު ދިވެހިރާއްޖެ ގަޑިން 14:30 ގައި ފެށި މި މެޗަކީ މުބާރާތުގެ ތިންވަނަ މެޗެވެ.

މި މެޗަކީ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗު ނަމަވެސް، ޕާކިސްތާންގެ ދެވަނަ މެޗެވެ. ޕާކިސްތާން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާއާ ބައްދަލުކޮށް 2-3 އިން އެ ޓީމު ވަނީ ބަލިވެފަ އެވެ. ސާފްގެ މުބާރާތެއްގައި މިހާތަނަށް ދިވެހިރާއްޖެ ކައިރިން މޮޅުވެފައިނުވާ ޕާކިސްތާނުން ވަނީ މި މެޗު ފެށީއްސުރެ ނިމެންދެން މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މި މެޗުގައި ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ދިވެހިރާއްޖެއިން ނަމަވެސް، އެ ފުރުސަތުގެ ބޭނުން ދިވެހިރާއްޖެއަށް ކުރެވޭގޮތެއް ނުވި އެވެ. އަވަސް ޕާސްތަކަކާއިއެކު ވަރުގަދަ އެޓޭކިންގް ގޭމެއް ކުޅުނު ޕާކިސްތާނުން މެޗުގެ ކުރީކޮޅު ދެ ލަނޑު ޖެހި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ދިވެހިރާއްޖޭގެ އޭރިޔާތެރެއިން، ދިވެހިރާއްޖޭ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ގޯލުގެތެރެއަށް ފޮނުވާލައި ޕާކިސްތާނަށް މި ލަނޑު ކާމިޔާބުކޮށްދިނީ މިކިއާލް އަރޫން އަބްދުﷲ އެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ދިވެހިރާއްޖެއަށް ލަނޑެއް ނުޖެހި އުޅެނިކޮށް ޕާކިސްތާނުން ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ. ޕާކިސްތާނު ކުޅުންތެރިއަކު، ބޯޅަ ހިފައިގެން އަރިމަތިން ކުރިޔަށް އަރައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައި ޕާކިސްތާނަށް ދެވަނަ ލަނޑު ޖަހައިދިނީ ނަޖީބުﷲ އެވެ.

މިވެސް ކިޔާލަން:  ބޫޓާން ކައިރިން ބަނގްލަދޭޝް ސަލާމަތްވީ ކިރިޔާ

ލަނޑު ޖަހާނެ ފުރުސަތުތައް ދިވެހިރާއްޖެއަށް ވެސް ލިބުނު މި މެޗުގައި ޕާކިސްތާނުން ތިންވަނަ ލަނޑު ޖެހީ މެޗުގެ 25 ވަނަ މިނިޓްގަ އެވެ. މި ލަނޑަކީ ދިވެހިރާއްޖޭގެ ހާފުގެ މެދަކާއި ހިސާބުން ނަޖީބުﷲ އަށް ލިބުނު ބޯޅައެއް ހިފައިގެން އައިސް އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބުނު މި ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި އެވެ.

ބަދަލުތަކަކާއިއެކު ދެވަނަ ހާފަށް ނުކުމެ ދިވެހިރާއްޖެއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ފަހު ހާފުގައި އިސްކަންދިން ޕާކިސްތާން މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު، އެ ޓީމަށް ވަނީ ގްރޫޕް އޭއިން ސެމީފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންވެފަ އެވެ.

މި ގުރޫޕްގެ މެޗެއް ދެން އޮންނާނީ 11 ވަނަ ދުވަހު އެވެ. ރާއްޖެ ގަޑިން 14:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ދިވެހިރާއްޖެ އެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ހޯދަން ބޭނުންނަމަ ދިވެހިރާއްޖެއިން ތިން ލަނޑުގެ ތަފާތުން މި މެޗު ކާމިޔާބުކުރަން ޖެހެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top