ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 37
މުނިއަވަސް ގްރެފިކްސް

ނާޖާއިޒު ފައިދާ

މިރުޒާގެ މުޅި އުމުރު ހޭދަކުރީ ނުރައްކާތަކެއް އޮތްކަން ނޭނގޭ މީހުން އެފަދަ މަޅިތަކަށް ވައްދައިގެންނެވެ. އޭނާގެ ވިޔަފާރީގެ ތެރެއަށް މީހުން ވަދެ، އެމީހުންގެ ދިރިއުޅުން ބަރުބާދުވަމުން ދިޔައިރު، އޭނާ އެކަމަށް ދިނީ “ފުރުސަތު” ނުވަތަ “ޑިމާންޑް” ގެ ނަމެވެ. ކޮންމެ މީހަކީވެސް އަމިއްލަ އިޚްތިޔާރުގައި ކަންކަން ކުރާ ބައެއް ކަމަށް ބުނެ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އަދި މިއަދު، ހަމަ އެ ނުބައި ދުނިޔެ ބޭނުންކޮށްގެން މީހަކު ވަނީ ވަޝިއްޔާގެ ދިރިއުޅުމުގެ ނިންމުން ނިންމާފައެވެ. އެމީހުން ވަނީ އޭނާގެ މިނިވަންކަމާއި، އަބުރާއި، ރައްކާތެރިކަން ފޭރިގެންފައެވެ. އަދި އޭގެ ހެކިތައް، އޭނާ އެންމެ ބޭނުންވާނެ މީހުންނަށް، އެބަހީ އޭނާގެ އާއިލާއަށް ވަނީ ފޮނުވާފައެވެ.

މިއީ ގަސްތުގައި ދީފައިވާ އަނިޔާއެކެވެ. އެމީހުން ބޭނުންވީ ހަމައެކަނި މިރުޒާއަށް ދެރައެއް ދޭކަށް ނޫނެވެ. އެމީހުން ބޭނުންވީ، އެހެން މީހަކަށް ލިބޭ އަނިޔާއެއް ހުއްޓުވުމުގެ އެއްވެސް ބާރެއް އޭނާގެ އަތުގައި ނެތްކަން އިޙުސާސްކޮށްދޭށެވެ. އެހެން މީހުންގެ ނިކަމެތިކަމުން ނާޖާއިޒު ފައިދާ ނަގައިގެން އުޅުނުއިރު އޭނާ ދުވަހަކުވެސް ފިކުރު ނުކުރާ ނިކަމެތިކަން އޭނާއަށް އިޙުސާސްކޮށްދޭށެވެ.

މިރުޒާގެ ފޯނު ވައިބްރޭޓްވިއެވެ. ނޭނގޭ ނަންބަރަކުން މެސެޖެއް އައެވެ.

“އޭނާގެ ބައްޕަގެ ޚަބަރު ލިބިއްޖެ ދޯ؟”

މިރުޒާ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. އަނެއް މެސެޖު އައެވެ.

“މިހާރު ކަލެއަށް ވިސްނޭނެ، ކަލޭ ލޯބިވާ ހުރިހާ އެއްޗެއް ބަރުބާދުކޮށްލުމަށް ކަލޭގެ ގައިގައި އަތްލާކަށް އަހަރެމެންނަކަށް ނުޖެހޭނެކަން. ދެން ކަލޭގެ ލޯބިވާ އަނބިމީހާ އަދި ދަރިފުޅު..”

މިރުޒާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔަ ކަހަލަ އިޙުސާސެއް ކުރެވުނެވެ.

އިބްރާހީމް ފޯނު އަތުލަން އުޅުމުން މިރުޒާ އެ ފޯނު ދުރަށް ޖެއްސިއެވެ. “ނޫން.”

“މިރުޒާ، އަހަންނަށް ދައްކަބަލަ.. ދީބަލަ.”

“އެމީހުން ބޭނުންވަނީ އަހަރެން ރުޅިއަރުވަން. އަހަރެންގެ ކޮންޓްރޯލް ގެއްލުވާލަން.”

“އެހެންވިއްޔާ އެމީހުން ބޭނުންވާ ފުރުސަތު ނުދީ.”

މިރުޒާ އިސްއުފުލާ ބަލާލިއެވެ.

“އެމީހުންގެ އަތްދަށުގައި ވަޝިއްޔާ އެބަހުރި.”

“އަހަރެމެން އޭނާ ހޯދާނަން.”

“ދެން މި ވިޔަފާރި ސަލާމަތް ކުރާކަށް ބޭނުމެއް ނޫން.”

އިބްރާހީމް ނުރުހިފައި ބުންޏެވެ. “ކަލޭ ތިޔަ ބުނަނީ ކީކޭ؟”

“އަހަރެމެންގެ ނަމާއި ގުޅުންތައް ބޭނުންކޮށްގެން ކުށެއް ނެތް މީހުންނަށް އަނިޔާކުރާ މީހުންގެ ކަންކަން ފޮރުވައިދިނުމުގައި އަހަރެން ދެން ދެމިއެއް ނުހުންނާނަން.”

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 31

“މިކަހަލަ ނާޒުކު ވަގުތެއްގައި ތިފަދަ ނިންމުންތަކެއް ނުނިންމޭނެ. ތިކަމުގަ އަހަރެންނާ އަހަރެންގެ އެތައް ދުވަހެއްގެ މަސައްކަތްވެސް ބަރުބާދުވެ ބަނގުރޫޓުވާނެ މިރުޒާ!”

“މި ހުރިހާ ކަމެއް ކުރިމަތިވީ، އަނިޔާ ލިބޭނެ މީހުންނާމެދު ފިކުރު ކުރުމެއް ނެތި އަހަރެން އެތައް އަހަރެއް ވަންދެން ނިންމި ނިންމުންތަކުގެ ސަބަބުން.”

އިބްރާހީމްގެ މޫނުމަތިން ސީރިއަސްކަން ފެނުނެވެ. “ވިސްނައިގެން އުޅޭތި. މީގެ ތެރޭގައި ކަލެއަށް ހީވާ ވަރަށްވުރެ ބާރުގަދަ މީހުން އެބައުޅޭ.”

“އެހެންވިއްޔާ އެއީ ކޮން ބައެއްކަން އަހަންނަށް ބުނެދީ.”

“ކަލެއަށް ހީވަނީ އެއީ އެހާ ފަސޭހަ ކަމެއްހެންތަ؟”

“ނޫން. އެކަމަކު އަހަރެމެންނަށް އެއްވެސް އެއްޗެއް ނޭނގޭކަމަށް ހެދިގެން ވަގުތު ބޭކާރު ކުރެވިއްޖެ.”

މިރުޒާ މޭޒު ކައިރިއަށް ގޮސް ލެޕްޓޮޕް ހުޅުވާލިއެވެ. އޭނާގެ އަތް ތުރުތުރުލަމުން ދިޔަ ނަމަވެސް، އޭނާގެ ވިސްނުން ހުރީ ވަރަށް ސާފުކޮށް ކަމެއް ނިންމައިގެންނެވެ. އޭނާ ކުރިން ސިއްރުކޮށްފައި ހުރި ފައިލްތައް ހުޅުވާލިއެވެ. އެއީ އެޕާޓްމަންޓްތަކާއި، ކަންކަން އިންތިޒާމުކުރާ މީހުންނާއި، ފައިސާގެ މުއާމަލާތްތަކާއި އޭނާގެ ނަމުގައި މަސައްކަތްކުރި މީހުންގެ ރެކޯޑްތަކެވެ. އޭނާ މުޅި އުމުރު ހޭދަކުރީ އޭނާގެ މަސައްކަތްތައް ވަކިވަކި ބައިތަކަށް ބަހާލައިގެން، އަމިއްލަ ރައްކާތެރިކަން ކަށަވަރު ކުރުމުގައެވެ. މިއަދު އެ ރެކޯޑްތަކަކީ ވަޝިއްޔާ ގެންދިޔަ މީހުން ހޯދޭނެ ހަމައެކަނި މަގެވެ.

“ހުރިހާ އެންމެންނަށް ގުޅާ.” އޭނާ ބުންޏެވެ.

އިބްރާހީމް އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ކާކަށް؟”

“ކޮންމެ ޕްރޮޕަޓީ މެނޭޖަރަކަށް. އިންތިޒާމުކުރާ ކޮންމެ މީހަކަށް. ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އަހަރެމެންގެ ތެރެއިން ބުކިން ހެދި ކޮންމެ މީހަކަށް. އަހަރެން ބޭނުމީ ނަންތަކާއި، ތާރީޚްތަކާއި، ފޯނު ނަންބަރުތަކާއި އަދި އަހަރެމެންގެ ނެޓްވޯކާ ގުޅުންހުރި ކޮންމެ ހަރަކާތެއް ހިނގި ތަނެއްގެ މަޢުލޫމާތު.”

“އެމީހުން އެ މަޢުލޫމާތު ނުދީފިއްޔާ؟”

“އެމީހުންގެ ގާތުގައި ބުނޭ އަހަރެން މިހާރު މިއީ އެދުމެއް ނޫނޭ، މިއީ އަމުރެކޭ.”

އިބްރާހީމް އިރުކޮޅަކު އޭނާއަށް ބަލަން ހުއްޓެވެ. “ކަލޭ ތިޔަ އުޅެނީ މުޅި ވިޔަފާރި ފަޅާއަރުވާލަންތަ؟”

“އެކަން ކުރަން ޖެހިއްޖެއްޔާ އެކަންވެސް ކުރާނަން.”

“ކަލޭގެ އަތުން ހުރިހާ އެއްޗެއް ބޭރުވެދާނެ.”

މިރުޒާ އޭނާއަށް ބަލާލިއެވެ. އޭނާގެ މޫނުމަތިން ކުރިން ފެންނަ ބޮޑާކަމެއް މިހާރަކު ނެތެވެ.

“ކަލެއަށް ހީވަނީ އަހަރެންގެ އަތުގައި މިހާރު ބާކީ އޮތީ ކޮން އެއްޗެއްހެން؟”

މިވެސް ކިޔާލަން:  އިވްރިޝާ – އެޕިސޯޑް 12

މިރުޒާ އަނެއްކާވެސް ލެޕްޓޮޕަށް ސަމާލުކަން ދިނެވެ. އައު މެސެޖެއް އައެވެ. މިފަހަރު އެއްވެސް ލިޔުމެއް ނެތެވެ. އޮތީ ހަމައެކަނި ފޮޓޯއެކެވެ. މިރުޒާ ވަގުތުން އެ ފޮޓޯއެއް ނުހުޅުވައެވެ. އޭނާގެ ނޭވާ އަވަސްވަމުން ދިޔައިރު، އިރުކޮޅަކު މަޑުކޮށްލުމަށްފަހު ސްކްރީނަށް ފިތާލިއެވެ. އެއީ ވަޝިއްޔާ އެނދެއްގެ އަރިމަތީގައި އިށީނދެގެން އިން ފޮޓޯއެކެވެ. އޭނާ އިނީ ކެމެރާއަށް ފުރަގަސްދީގެން، ހިމަ ފޮތިގަނޑަކުން ހަށިގަނޑު ނިވާކޮށްގެންނެވެ. އޭނާގެ ދެލޮލުން ފެންނަނީ މާޔޫސްކަމެވެ. ހީވަނީ އޭނާގެ ވަށައިގެންވާ މާހައުލުން ސަލާމަތްވުމަށްޓަކައި އޭނާގެ އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުރިހެންނެވެ.

ފޮޓޯގެ ތިރީގައި ކުރު މެސެޖެއް އޮތެވެ.

“އޭނާ އެ އިންތިޒާރު ކުރަނީ މީހަކަށް. އޭނާ މާ ގިނައިރު އިންތިޒާރުގައި ނުބައިންދާ.”

މިރުޒާ ލެޕްޓޮޕް ލައްޕާލިއެވެ. އެގޮތަށް އޭނާ ދެކޭކަށް އޭނާގެ ހިތަކަށް ކެތެއް ނުވިއެވެ. ނަމަވެސް އެކަން ދޫކޮށްލާފައި ދާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

ކޮލަމްބޯގެ ކޮންމެވެސް ތަނެއްގައި ވަޝިއްޔާ ދިރި އެބަހުއްޓެވެ. ކޮންމެވެސް ތަނެއްގައި އޭނާ އެ އިންތިޒާރު ކުރަނީ ފިޔަވަޅެއްގެ އަޑަށެވެ. ނުވަތަ ދޮރަކަށެވެ. އޭނާގެ ބައްޕަ އޭނާ ހޯދުން ހުއްޓާލިކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި އޭނާ އިތުބާރުކުރި މީހާ ހާސް މޭލު ދުރުގައި ހުރެ، އޭނާގެ ސަބަބުން ވީ ބޮޑު ހަލާކާ ކުރިމަތިލަމުންދާ ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އަދި މިރުޒާއަށް އެހެން ކަމެއްވެސް އެނގެއެވެ. ވަޝިއްޔާގެ މި ވޭނަށް ނިމުމެއް އަންނާނެ ވަގުތެއް ނިންމުމުގެ ބާރު މިކަމުގެ ފަހަތުގައި ތިބި މީހުންނަށް އޭނާ ދީފިނަމަ، އޭނާއާއި އެ ނުލަފާ މީހުންނާ އެއްވެސް ތަފާތެއް ނުހުންނާނެއެވެ.

އޭނާ އަނެއްކާވެސް ފޯނު ނެގިއެވެ. މިފަހަރު އޭނާ ގުޅީ، އެތައް އަހަރެއް ވަންދެން އޭނާ ދުރުގައި ހުރި މީހަކަށެވެ. އެއީ ކޮލަމްބޯގެ ކުށްވެރިންގެ ނެޓްވޯކްތައް އެންމެ ރަނގަޅަށް ދަންނަ، އަދި އިބްރާހީމްގެ ވަށައިގެން ތިބި މީހުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫންކަމަށް އެތައް ފަހަރަކު އޭނާއަށް އިންޒާރު ދީފައިވާ މީހެކެވެ.

ފޯނު ކަނެކްޓްވުމާއެކު، އެއްވެސް ސަލާމެއް ނެތި މިރުޒާ ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެން ބޭނުންވަނީ އަންހެނަކު ހޯދަން.”

“ކާކު؟”

“އޭނާގެ ނަމަކީ ވަޝިއްޔާ. އޭނާ ވަނީ އެޕާޓްމަންޓަކުން ވަގަށް ނަގާފައި. އަހަންނަށް ޤަބޫލުކުރެވެނީ އޭނާ ބަހައްޓާފައި ހުރީ މިދެންނެވި ވިއުގައާ ގުޅުންހުރި ތަނެއްގައި ކަމަށް.”

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 8

އިރުކޮޅަކު ހަމަހިމޭންކަން އޮތެވެ.

“މިރުޒާ، ކަލޭ ތިޔަ އުޅެނީ ކޮން ކަމެއްގެ ތެރެއަށް ވަދެގެން؟”

“އަހަރެން މާ ކުރިން ހުއްޓުވަން ޖެހިފައިވާ ކަމެއްގެ ތެރެއަށް.”

“ކަލެއަށް އެނގޭތަ ތިޔަ އެދެނީ ކޮން ކަމެއް ބަލަންކަން؟”

“އާނ.”

“ކަލޭ ތިޔަ ކަންކަން ހޯދާކަން މީހުންނަށް އެނގޭނެ.”

“އެނގުނަދީ.”

“އަދި މީގެ ނަތީޖާ ކަލެއާ ހަމައަށް އަތުވެއްޖެއްޔާ؟”

މިރުޒާ އޭނާގެ ފޯނުގައި އޮތް ފޮޓޯއަށް ބަލާލިއެވެ.

“މިހާރުވެސް މިއޮތީ އައިސްފައި.”

މިރުޒާ ފޯނު ކަނޑާލުމަށްފަހު ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ބޭރުން ފެންނަނީ އާދައިގެ މަތިން ދުވަމުންދާ ކޮލަމްބޯގެ ދިރިއުޅުމެވެ. ކާރުތައް ދުވަނީއެވެ، ފިހާރަތަކުގެ ބައްތިތައް ދިއްލިފައި ހުއްޓެވެ. މީހުން ރެސްޓޯރެންޓްތަކުގައި ހީނ ސަމާސާ ކުރަނީއެވެ. ހަމަ އެ ސިޓީގެ ކޮންމެވެސް ތަނެއްގައި، ޒުވާން އަންހެނަކު ސަލާމަތްކުރާނެ މީހެއްގެ އިންތިޒާރުގައި އިންކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ.

އެތައް އަހަރެއް ވަންދެން މިރުޒާ ޤަބޫލުކުރީ ފައިސާއިން ކޮންމެ ދޮރެއް ހުޅުވޭނެ ކަމަށާއި، ބިރުދެއްކުމުން ކޮންމެ ދުޝްމަނަކު ދުރުގައި ބެހެއްޓޭނެ ކަމަށެވެ. ނަމަވެސް މިރޭ އޭނާއަށް އެނގުނީ އެ އެއްޗެހީގެ އެއްވެސް އަގަކީ ކޮބައިކަމެވެ.

ބަޔަކު ކުރި އިހާނެތި ކަމެއްގެ ސަބަބުން ބައްޕައަކު އޭނާގެ އަމިއްލަ ދަރިފުޅު ދޫކޮށްލައިފިއެވެ. އޭނާ ނުދަންނަ ބަޔަކު އޭނާގެ އަމިއްލަ ދުނިޔެ ބޭނުންކޮށްގެން އެ އަންހެންކުއްޖާއާ ހަމައަށް ފޯރައިފިއެވެ. އަދި އޭނާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރި އަންހެންކުއްޖާ މިއަދު އެވަނީ އޭނާއަށް ދޭ އިންޒާރެއްގެ ގޮތުގައި ފޮޓޯއަކަށް ބަދަލުވެފައެވެ.

މިރުޒާ އޭނާގެ ނިތްކުރި ފިނި ބިއްލޫރިގަނޑުގައި ޖައްސާލިއެވެ.

“ކެތްކޮށްލާ، ވަޝިއްޔާ.” އޭނާ މަޑުމަޑުން ބުނެލިއެވެ.

އޭނާގެ އަޑު އޭރު ހުރީ ތުރުތުރުއަޅާ ބެދިފައެވެ. “މިދަނީ.”

އެހެނަސް، ވަޝިއްޔާ ހޯދުމަކުން އެކަނި ނުފުދޭނެކަން ފުރަތަމަ ފަހަރަށް މިރުޒާއަށް ވިސްނުނެވެ. ވަޝިއްޔާ ސަލާމަތްކޮށްގެން ގެއަށް ގެނައި ކަމުގައިވިޔަސް، އާއިލާއިން އޭނާއަށް މަރުހަބާ ކިޔާނެކަމުގެ ނުވަތަ އެ ވީޑިއޯތައް ފޮހެވިގެންދާނެކަމުގެ އެއްވެސް ޔަގީންކަމެއް އޭނާއަކަށް ނުދެވޭނެއެވެ. އަދި ދުނިޔެ އޭނާއާމެދު އޯގާތެރިވާނެކަމުގެ ކަށަވަރުކަމެއްވެސް ނެތެވެ. އޭނާއަށް ވެވޭނެ ހަމައެކަނި ވަޢުދަކީ، އޭނާ ދޫކޮށްނުލާނެކަމުގެ ވަޢުދެވެ. އަދި މިފަހަރު، މިރުޒާ އެކަން ވަޝިއްޔާއަށް ސާބިތުކޮށްދޭން ޖެހޭނެއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top