ވިއްކާ މުދަލުގެ އަގު
މިހާރު ވަޝިއްޔާ ދުވަސްތައް ގުނުން ހުއްޓާލައިފިއެވެ. އޭނާގެ ހަޔާތުގައި، ދޮރު ހުޅުވޭ ކޮންމެ ފަހަރަކާއި، ކޮޓަރިން ބޭރުން އިވޭ ފިޔަވަޅުތަކުގެ އަޑާއި، ދޮރުގެ ދަށުން ވައްދާ ކާނާގެ ތަށިތަކުން، އޭނާ ބަންދުވެފައި ހުރި ދުވަސްތަކުގެ ހިސާބު ބެލި ޒަމާނެއް ދިޔައެވެ. އަދި ކޮންމެވެސް މީހަކު އައިސް އޭނާ ސަލާމަތްކުރާނެ ވަގުތަކަށް އިންތިޒާރުކުރި ދުވަސްތަކެއްވެސް ދިޔައެވެ. ނަމަވެސް މިހާރު އެކަން ހުއްޓާލައިފިއެވެ.
އެ ކޮޓަރިއަށް ކިތައް ފިރިހެނުން ވަދެފައިވާކަމެއް އޭނާގެ ހަނދާނަކު ނެތެވެ. އެއް ބިރުވެރި ރެޔާއި އަނެއް ރޭ ވަކިކުރާކަށް އޭނާއަކަށް ނޭނގެއެވެ. މޫނުތައް ފުސްވެ، އަޑުތައް އެކުވެ، ވަގުތުގެ މާނަ ވަނީ ގެއްލިފައެވެ. އޭނާގެ އެތެރެހަށީގެ ކޮންމެވެސް އެއްޗެއް ވަނީ މުޅިން ހިމޭންވެ ހަލާކުވެފައެވެ.
ފުރަތަމަ ދުވަސްކޮޅު، އިވޭ ކޮންމެ ފިޔަވަޅެއްގެ އަޑާއެކު އޭނާގެ ހިތް ބާރަށް ތެޅިގަނެއެވެ. ނުދަންނަ އަޑެއް އިވުމުން މުޅި މީހާ ބިރުން ރޫރޫއަޅައެވެ. އޭނާ ރޮއި އާދޭސްކޮށް، އެކަމާ ދެކޮޅަށް މަސައްކަތްކޮށް، ސަލާމަތްވާނެ މަގެއް ހޯދަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް މިހާރު އޭނާ ގިނަ ވަގުތު ހުންނަނީ ހުސްކޮށް ހުއްޓިފައި ބަލަހައްޓައިގެންނެވެ.
ވަޝިއްޔާގެ ހަށިގަނޑު އެތަނުގައި ހުއްޓަސް، އޭނާގެ ސިކުނޑި ވަނީ އޭނާއަށް އަތްނުފޯރާ ފަށަށް ދުރަށް ގޮސްފައެވެ. އަދި އެ ޖަހާ އިންޖެކްޝަންތަކެވެ. މިހާރު ވަޝިއްޔާ އެއަށް އިންތިޒާރު ކުރަން ފަށައިފިއެވެ. އެއީ އޭނާއަށް ދެވެނީ ކޮން އެއްޗެއްކަން އެނގޭތީއެއް ނޫނެވެ. ނުވަތަ މި ދިރިއުޅުން ބޭނުންވެގެންނެއްވެސް ނޫނެވެ. އެކަމަކު، ހޭގައި ހުންނައިރު އުފުލަންޖެހޭ ބަރުދާސްތު ނުކުރެވޭ ފަދަ ވޭނުން ސަލާމަތްވުމަށްޓަކައެވެ. އެ މަސްތުގެ އަސަރު ކުރުމުން، ކޮޓަރި ތެރެއިން ފެންނަ ބިރުވެރިކަން ކުޑަވެއެވެ. އަޑުތައް ދުރުވެއެވެ. ބިރުވެރި ހަނދާންތަކުގެ ތޫނުކަން ކެނޑިގެންދެއެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް، އެ ހުރިހާ އިޙުސާސްތަކުން އޭނާ ދުރުކޮށްދެއެވެ.
އެ ލިބޭ ލުޔަކީ ކުޑަ ވަގުތުކޮޅެއްގެ ކަމެއް ނަމަވެސް، ވަޝިއްޔާ މިހާރު އެ މަސްތުގެ ހާލަތުގައި ހުންނަން ބޭނުންވެއެވެ. ކުރިން އެ ގަތް ބިރަށްވުރެ ބޮޑަށް ވަޝިއްޔާ މިހާރު ބިރުގަނެ ހަމައިގައި ހުންނަ ގަޑިތަކުގައި ޖެހިލުންވަނީ މި ކަމަށެވެ. މި ދެވިހިފުމަށެވެ. އަދި މިހާރު އޭނާ ބަންދުކޮށްގެން އުޅޭ މީހުންނަށް މި ބަދަލު ވަރަށް ރަނގަޅަށް ފާހަގަވިއެވެ.
ވަޝިއްޔާ ހާސްވާ ވަގުތާއި، އެކަހެރިވާ ވަގުތާއި، އެއްވެސް ސުވާލެއް ނެތި މަޑުމަޑުން އަތް ދިއްކޮށްލާނެ ވަގުތު އެމީހުންނަށް އެނގެއެވެ. އެ މަސްތަށް އޭނާ ބަރޯސާވަމުންދާ މިންވަރު އެމީހުން ދެނެގަތެވެ. އޭނާ ކޮންޓްރޯލްކުރުން ފަސޭހަވެގެން ދިޔައީ އޭނާ އެމީހުންނަށް އިތުބާރު ކުރާތީއެއް ނޫނެވެ. އެކަމަކު، އޭނާގެ ހިތްވަރު ބަލިކޮށްލުމަށްފަހު، އޭނާ ކޮންޓްރޯލްކުރަން ގެންގުޅޭ އެއްޗަށް އޭނާ މުޅިން ބަރޯސާކުރުވީތީއެވެ. އެއީ ރޭވިގެން ކުރި ކަމެކެވެ. އެމީހުން ވަޝިއްޔާ ހަމައެކަނި ބަންދުކޮށްލީއެއް ނޫނެވެ. އޭނާގެ އުޅުމަށް ބަދަލުތައް ގެނެސް، އޭނާއަށް ދުނިޔެއަކީ ހަމައެކަނި އެ ގޮޅިކަމުގައި ވިސްނޭ މިންވަރަށް އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ހަލާކުކޮށްލީއެވެ.
އެއްދުވަހެއްގެ މެންދުރުފަހު، އަންހެނަކު ބައިވަރު ކޮތަޅުތަކެއް ހިފައިގެން ކޮޓަރިއަށް ވަނެވެ.
“ތެދުވޭ. ކަލެއަށް ދޭން އެއްޗެހިތަކެއް އެބަހުރި.”
ވަޝިއްޔާ އެއްވެސް ޖަވާބެއް ނުދީ ބަލަހައްޓައިގެން އިނެވެ.
އެ އަންހެންމީހާ އެނދުމަތީގައި ކޮތަޅުތައް ބެހެއްޓުމަށްފަހު، އޭގައި ހުރި އެއްޗެހި ނަގަން ފެށިއެވެ. ހެދުންތަކާއި، ލޭސް ބުރާ ޖަނގިޔާ، ބާރު ޓޮޕުތަކާއި، އަގުބޮޑު ގަހަނާގެ އިތުރުން މޭކަޕް ސާމާނާއި ސެންޓު ފުޅިތަކެވެ.
ވަޝިއްޔާ ހިމޭންކަމާއެކު ބަލަން އިނެވެ.
“މި ހެދުން ލާބަލަ.”
އެ އަންހެންމީހާ ދެއްކީ ވަރަށް ބޮޑަށް ހަށިގަނޑު ހާމަވާ ފަދަ ހެދުމެކެވެ.
ވަޝިއްޔާ އެ ހެދުމަށް ބަލާލުމަށްފަހު އަމިއްލަ ނަފްސަށް ބަލާލިއެވެ. “ކީއްކުރަން؟”
“ކަލެއާ ބައްދަލުކުރަން ބަޔަކު އަންނާތީ.”
“ކޮން ބައެއް؟”
އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި، އެ އަންހެންމީހާ ހެދުން އޭނާގެ ކައިރީގައި ބޭއްވިއެވެ.
“ފެންވަރައިގެން ތައްޔާރުވޭ. ކަލޭ ފެންނަންވާނީ ވަރަށް ފުރިހަމަކޮށް.”
ވަޝިއްޔާ އެ ގޮތުގައި އިނީއެވެ.
އެ އަންހެންމީހާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ކަންތައް ބޮޑުނުކޮށް ބުނާގޮތް ހަދާ.”
އެއްދުވަސްވަރެއްގައި ނަމަ، ވަޝިއްޔާ މިކަމުގެ ތަފްސީލަށް އެދޭނެއެވެ. އޭނާ ހުރީ ކޮންތާކުތޯއާއި، އެއީ ކޮން ބައެއްތޯއާއި، އޭނާއަށް މިހެން ހަދަނީ ކީއްވެގެންތޯ ސުވާލުކުރާނެއެވެ. ނަމަވެސް މިހާރު އޭނާ އެއްވެސް ސުވާލެއް ނެތި ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ.
މި ބަދަލުތައް ގެންނަނީ އޭނާ ރީތިކޮށްދޭކަށް ނޫނެވެ. އެއީ އޭނާ ބަލަން ފައިސާދޭ މީހުންނަށް އޭނާ ކަމުދާނެ ގޮތަކަށް ބެހެއްޓުމަށެވެ. ވަޝިއްޔާގެ އިސްތަށިގަނޑު ރީތިކޮށް، ލޮލުގެ ވަށައިގެން ހުރި ވަރުބަލިކަން މޭކަޕުން ފޮރުވައިލިއެވެ. ކަރާއި އަތުކުރީގައި މީރުވަސްދުވާ ސެންޓު ޖެހިއެވެ. އެ އަންހެންމީހާ އިޚްތިޔާރުކުރި ހެދުމަކީ، އާދައިގެ ހާލަތެއްގައި ނަމަ ވަޝިއްޔާ ދުވަހަކުވެސް ލާން ބޭނުންވާނެ ފަދަ ހެދުމެއް ނޫނެވެ.
ލޯގަނޑު ކުރިމަތީގައި ހުއްޓުނުއިރު، އަމިއްލަ މީހާ ވަކިކުރާކަށްވެސް އޭނާއަކަށް ނޭނގުނެވެ. ލޯގަނޑުން ފެންނަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައި ހުރި ސޫރައެކެވެ. ހެދުންތައް އަގުބޮޑެވެ. މޭކަޕް ފުރިހަމައެވެ. އަދި އިސްތަށިގަނޑު އޮތީ ރީތިކޮށް ފުނާ އަޅާ ދޫކޮށްލާފައެވެ. އެކަމަކު އޭނާގެ ދެލޮލުން ފެންނަނީ ހުސްކަމެވެ.
“ވަރަށް ރީތި.” ހެދުން ރީތިކޮށްލަމުން އެ އަންހެންމީހާ ބުންޏެވެ.
ވަޝިއްޔާ ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ. “މިއީތަ އެމީހުން ބޭނުންވާ ގޮތަކީ؟”
އެ އަންހެންމީހާ މަޑުޖެހިލިއެވެ. “ކޮން ބައެއް؟”
“މިތަނަށް އަންނަ މީހުން.”
ހިނދުކޮޅަކަށް އެ އަންހެންމީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެއަށްފަހު ފަހަތަށް ޖެހިލިއެވެ.
“މާގިނަ އިރެއް ނުވެ ކަލެއަށް ތިކަން ވިސްނޭނެ.”
ވަޝިއްޔާ ލޯގަނޑާ ދުރަށް އެނބުރުނެވެ.
އެ ދުވަހު އޭނާގެ އަތްފައި ހުރީ ބަނދެފައެއް ނޫނެވެ. އެއްވެސް މީހަކު އޭނާ ކޮޓަރީގައި ތަޅުލާފައެއްވެސް ނެތެވެ. އޭނާއަށް ކޮރިޑޯތަކުގައި ހިނގާލުމާއި، ސިޓިންގ ރޫމުގައި އިށީނދެލުމާއި، އަދި މުޅި ސިޓީ ފެންނަން ހުރި ބޮޑު ކުޑަދޮރުން ބޭރަށް ބަލާލުމުގެ ފުރުސަތުވެސް އޮތެވެ. ބަލާބެލުމަށް ހީވަނީ އޭނާއަށް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް ދީފައިވާހެންނެވެ. ނަމަވެސް ކޮންމެ ދޮރެއްގެ ކައިރީގައި މީހަކު ފާރަޔަށް ހުރެއެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ބަޔަކު ފާރަލަމުން ދިޔައެވެ. އޭނާގެ ހުރިހާ ހަޤީޤީ މިނިވަންކަމާއި އަމިއްލަވަންތަކަން އަދި މުދަލެއް ވަނީ އަތުލާފައެވެ. ފޯނެއް ނެތެވެ. ފައިސާއެއް ނެތެވެ. އަދި އަމިއްލަ އައިޑީ ކާޑެއް ޕާސްޕޯރޓެއްވެސް ނެތެވެ. އޭނާ ހުރީ ކޮން ތަނެއްގައި ކަމެއްވެސް ނޭނގެއެވެ.
އެ މިނިވަންކަމަކީވެސް އެމީހުން ރާވާފައިވާ ރޭވުމުގެ ބައެކެވެ. އެކަމާ ދެކޮޅަށް ހަނގުރާމަ ނުކުރާ އަސީރަކު ދުނިޔެއަށް ދައްކާލުމުގެ ގޮތް ތަފާތެވެ. މަޑުމައިތިރިކޮށް ހުރި، ރީތި ހެދުން އަޅާފައިވާ، އަދި އެއްވެސް ހިފަހައްޓާލުމެއް ނެތި ހަރަކާތްތެރިވާ އަންހެނަކު ފެނުމުން، އެއީ އަމިއްލަ އިޚްތިޔާރުގައި އެ ދުނިޔެއަށް ވަދެގެން އުޅޭ މީހެއްގެ ސިފަ ޖެއްސިދާނެއެވެ.
ކެމެރާތަކުން ރެކޯޑުކުރަމުން ދިޔައީ އެކަން އިންތިޒާމުކުރާ މީހުން ދައްކަން ބޭނުންވާ މަންޒަރުތަކެވެ. އެމީހުންގެ ބިރުދެއްކުންތަކާއި، އިންޖެކްޝަންތަކާއި، ވަރުބަލިކަމާއި، އަދި އެ ރީތި ސޫރައިގެ ފަހަތުގައިވާ ބިރުވެރިކަމެއް ކެމެރާއަކަށް ނާރައެވެ.
އެމީހުން އުފައްދަމުން ދިޔައީ ދޮގު މަންޒަރެކެވެ. އަދި ވަޝިއްޔާ ވަމުން ދިޔައީ އެމީހުން ވިއްކާ މުދަލުގެ ބަޔަކަށެވެ.
*****
އިރުއޮއްސުނުތާ މާގިނަ އިރުތަކެއް ނުވަނީސް، އެ ނެޓްވޯރކުގެ ކަންކަން ބަލަހައްޓާ ބޮސް އެތަނަށް އަތުވެއްޖެއެވެ. އޭނާ ސިޓިންގ ރޫމް ތެރޭގައި ހިނގައިލަމުން އެތަނުގެ އިންތިޒާމުތައް ބަލައިލިއެވެ. އަދި ވަޝިއްޔާ ތައްޔާރުކުރުމާ ހަވާލުވެ ހުރި އަންހެންމީހާއާ ވާހަކަދެއްކިއެވެ.
“އޭނާ ތައްޔާރުވެގެންތަ ހުރީ؟”
“ޔެސް ބޮސް.”
“ކުރަންޖެހޭ ކަންކަން އޭނާއަށް ސާފުވެ އޮޅުންފިލައިފިތަ؟”
“މިހާރު އޭނާ މާ ގިނަ ސުވާލުތަކެއް ނުކުރޭ.”
ސޯފާގައި ހިމޭނުން އިށީނދެގެން އިން ވަޝިއްޔާއަށް އޭނާ ނަޒަރު ހިންގައިލިއެވެ.
“ރަނގަޅު.. އޭނާ ބަރާބަރަށް ޓްރެއިންކޮށްފަ ބަހައްޓާ.. ފޮޓޯތައް އަލުން ނަގަން ޖެހޭ.”
އެ އަންހެންމީހާ ބޯޖަހައިލިއެވެ.
“އަދި އޭނާ އެހެން ކޮޓަރިތަކަށް ނުދާކަން ޔަގީންކުރާތި.”
“ލައްބަ، ޔެސް ބޮސް އެނގިއްޖެ..”
އެ ފިރިހެންމީހާ ވަޝިއްޔާއާ ގާތަށް ޖެހިލިއެވެ.
“މިހާރު ހާލު ކިހިނެއް؟ އުނދަގުލެއް ވޭތަ؟ ހިތްހަމަޖެހޭތަ؟”
ވަޝިއްޔާ އޭނާއަށް ބަލައިލިއެވެ. އެއީ ކިހާ ތާކުންތާކުނުޖެހޭ ސުވާލެއް ހެއްޔެވެ؟ އެ ވަގުތު އޭނާގެ ގާތަށް ހިނިވެސް އައެވެ. ހިތްހަމަޖެހިގެން ހެއްޔެވެ؟ އޭނާ ވަނީ ވަގަށް ނަގައި، މަސްތުވާތަކެތިދީ، ޖިންސީ އަނިޔާކޮށް، އޭނާގެ ނުރުހުމުގައި ފިލްމުކޮށްފައެވެ. އޭނާއަށް ލިބުނު ބޮޑު އިހާނެތިކަމުގެ މަންޒަރުތައް އޭނާގެ އާއިލާއަށް ވެސް ވަނީ ފެނިފައެވެ. އެއްވެސް މީހަކު އޭނާ ހޯދަން މަސައްކަތް ކުރަމުންދާކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް، މި ބީރައްޓެހި މީހާ އެ ސުވާލުކުރަނީ އޭނާގެ ހާލު ރަނގަޅުތޯއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ.
އޭނާ ވަޝިއްޔާގެ މޫނަށް ބަލައިލިއެވެ. “ކަންކަމުގައި މިހާރު ތި ދެނީ ވަރަށް ބޮޑު އެއްބާރުލުމެއް.”
ވަޝިއްޔާ އޭނާގެ އަތަށް ބަލައިލިއެވެ. އޭނާގެ ހިމޭންކަމަކީ އެއްބަސްވުން ކަމުގައި އެމީހާ ނިންމިއެވެ. މުޅި މި މަންޒަރުގައި އެންމެ ބިރުވެރި ކަމަކީ އެއީއެވެ. އޭނާގެ ފަރާތުން ދެކޮޅުވެރިކަމެއް ނުފެނުމަކީ ރުހުން ކަމަށާއި، ކަރުނައެއް ނެތުމަކީ ޤަބޫލުކުރުން ކަމަށާއި، މަސްތުގެ ސަބަބުން ހަށިގަނޑަށް ވާނުވާ ނޭނގުމަކީ ބޭނުންވުން ކަމުގައި އެމީހުން މާނަކުރަން ފެށިއެވެ. އޭނާގެ ކުށެއް ނެތް ވޭނާއި ތަކުލީފުތައް، އެމީހުން ބޭނުންވާ ފަދަ އަމިއްލަ ހަޑިމުޑުދާރު ވާހަކައަކަށް ބަދަލުކޮށްލައިފިއެވެ.
(ނުނިމޭ)
