ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށާއި، ކަސްރަތުކޮށް ހަށިގަނޑު ބައްޓަންކުރުމަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި ފަހަކަށް އައިސް “ކްރިއޭޓިން” ސަޕްލިމެންޓަކީ ވަރަށް ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ އެއްޗެކެވެ. މީގެ ކުރިން މައިގަނޑު ގޮތެއްގައި ބޮޑީބިލްޑަރުންނާއި ފިރިހެން އެތުލީޓުންގެ މެދުގައި މަޤުބޫލު މި ސަޕްލިމެންޓަކީ މިހާރު އަންހެނުންނާއި އާންމު ދިރިއުޅުމުގައި ކަސްރަތުކުރާ ގިނަ ބަޔަކުވެސް ކޮންމެ ދުވަހަކު ބޭނުންކުރަމުން އަންނަ އެއްޗަކަށް ވަނީ ވެފައެވެ. ނަމަވެސް އުފެދޭ ސުވާލަކީ، އެންމެން މި ބޭނުންކުރާ ކްރިއޭޓިންއަކީ ހަޤީޤަތުގައިވެސް އެ ބުނާހާ ފައިދާހުރި އެއްޗެއް ހެއްޔެވެ؟
ދުނިޔޭގެ މަޝްހޫރު ލައިފްސްޓައިލް މަޖައްލާއެއް ކަމަށްވާ “އެލް” ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ކްރިއޭޓިންއަކީ އިންސާނާގެ މަސްތަކާއި ސިކުނޑީގެ ސެލްތަކަށް ހަކަތަ ފޯރުކޮށްދިނުމަށް ހަށިގަނޑުގައި ޤުދުރަތީ ގޮތުން ވެސް އުފައްދާ މާއްދާއެކެވެ. މީގެ އިތުރުން ރަތް މަހާއި ކަނޑުމަހުގެ ބާވަތްތަކުން ވެސް މި މާއްދާ ލިބެއެވެ. ނަމަވެސް، ސަޕްލިމެންޓެއްގެ ގޮތުގައި މިއަށް ބޮޑު ސަމާލުކަމެއް ލިބެން ފެށީ އޭގެ ސަބަބުން ކަސްރަތުކުރުމުގެ ޤާބިލުކަން އިތުރުކޮށްދީ، މަސްތައް ވަރުގަދަކޮށްދޭތީއެވެ.
ސިއްޙީ އަދި ފިޓްނަސް މާހިރުން ފާހަގަކުރާ ގޮތުގައި، ކްރިއޭޓިންއަކީ ސައިންޓިފިކް ގޮތުން އެންމެ ގިނައިން ދިރާސާކުރެވި، އޭގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ އެއް ސަޕްލިމެންޓެވެ. އަންހެނުންނަށް ބަލާއިރު، މި ސަޕްލިމެންޓުގެ ސަބަބުން ހަމައެކަނި މަސްތައް ބޮޑުވުމުގެ ބަދަލުގައި، ހަށިގަނޑުގެ ވަރުބަލިކަން ކުޑަކޮށްދިނުމަށާއި، ކަސްރަތަށްފަހު މަސްތައް އަވަހަށް ފަސޭހަވުމަށް އެހީތެރިވެދެއެވެ. އަދި އުމުރުން ދުވަސްވުމުން މަސްތަކާއި ކަށިތައް ބަލިކަށިވުމުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، ސިކުނޑީގެ މަސައްކަތްތަކާއި ހަނދާން ވަރުގަދަކުރުމަށްވެސް މީގެ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބޭކަން ދިރާސާތަކުން ދައްކައެވެ.
އާންމުކޮށް ދެކެވޭ ވާހަކަތަކާ ޚިލާފަށް، ކްރިއޭޓިން ބޭނުންކުރުމަކީ ހަމައެކަނި ފަލަވާ ނުވަތަ ހަށިގަނޑުގައި ފެންބޮޑުވާ ކަމެއް ނޫން ކަމަށާއި، އެއީ މަސްތަކުގެ ސެލްތަކަށް ފެން ދަމައިގަނެ، މަސްތައް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ދިމާވާ ވަގުތީ ކަމެއް ކަމަށް މާހިރުން ބުނެއެވެ.
އެހެންކަމުން، ރަނގަޅު ކާނާއާއި ޤަވާއިދުން ކުރާ ކަސްރަތާއެކު، ކްރިއޭޓިން ބޭނުންކުރުމަކީ ހަޤީޤަތުގައިވެސް އޭގެ ފައިދާ ހަށިގަނޑަށް ކުރާނެ ކަމެކެވެ. ނަމަވެސް، ކޮންމެ ސަޕްލިމެންޓެއްވެސް ބޭނުންކުރަން ފެށުމުގެ ކުރިން، އެމީހެއްގެ ސިއްޙީ ހާލަތަށް ބަލައި ޑޮކްޓަރެއްގެ ނުވަތަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
