ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ކްރިސްޓަލް ދެލޯ – ފުރަތަމަ ބައި
މުނިއަވަސް ގްރެފިކްސް

ހުޅުމާލޭގެ އެންމެ އެކަހެރި، ދުރު ކޮޅަށް ރޭގަނޑުގެ އަނދިރިކަން ވަނީ ވެރިވެގަނެފައެވެ. މީހުން ދިރިއުޅޭ އެންމެ ފަހު ގެތަކުގެ ސަފު ފަހަނައަޅައި ދިޔުމުން، ދެން އޮތީ ބޯ ރުއްގަނޑަކާއި، ގޮނޑުދޮށުގެ ވައިރޯޅީގައި ހެލިލަހެލި ހުރި ކުދި ގަސްތަކުން ފުރިފައިވާ ނުނިމި އޮތް ހުސް ބިމެއްގެ ދެމެދުން ދެމިގެން ގޮސްފައިވާ ހަނި މަގެކެވެ. މަގުމަތީގެ ގިނަ ބޮކިތައް ހުރީ ނިވިފައެވެ. އަނދިރިގަނޑު ފޫއަޅުވަމުން ދިޔައީ ހަމައެކަނި އޭނާގެ ކާރުގެ ހެޑްލައިޓުގެ އަލިންނެވެ.

އަނާޔާ ހަމީދު ގަޑިއަށް ބަލައިލިއެވެ. ގާތްގަނޑަކަށް އެގާރަ ޖަހަނީއެވެ.

“ދެން މާ ދުރެއް ނުވާނެ.” އޭނާ މަޑުމަޑުން ކިޔައިލިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު، އަނާޔާގެ ދެބެންގެދެދަރި ކުދިންނާއި ރައްޓެހިން މާލެއިން ނައްޓާލީ އެކީގައެވެ. އެމީހުންގެ މަންޒިލަކީ ރަށުގެ ހަމަހިމޭން ފަރާތުގައި ހުންނަ އާއިލީ ޗުއްޓީ ހޭދަކުރާ ފާމްހައުސްއެވެ. ދެ ދުވަހުގެ މި ޗުއްޓީ ރާވާފައިވަނީ ހަފުތާތަކެއް ކުރިންނެވެ. މޫދަށް ދިޔުމާއި، ދަންވަރުގެ މަޖާ ވާހަކަތަކާއި، ރަހުމަތްތެރިކަމުގެ ކްރިކެޓް މެޗަކާއި، އަދި ހުރިހާ ކަމަކަށްވުރެ ބޮޑަށް އަނާޔާގެ ޔުނިވާސިޓީ އިމްތިހާނު ނިމުން ފާހަގަކުރުމަށެވެ. އެހެން ކާރުތަކުގައި ޖާގަ އޮތް ނަމަވެސް، އަނާޔާ ބޭނުންވީ އެކަނި ކާރު ދުއްވާފައި ދާށެވެ.

ފުރަތަމަކޮޅު ހުރިހާ ކާރުތައް ދަތުރުކުރީ އެކުއެކީގައެވެ. ނަމަވެސް މަޑުމަޑުން އެހެން ކާރުތައް އޭނާގެ ލޯގަނޑުން ގެއްލެން ފެށިއެވެ. އޭނާއަށް އެކަނިވެވިއްޖެކަން އިޙުސާސްވީ ފޯނުގެ ސިގްނަލް ކެނޑެން ފެށި ހިސާބުންނެވެ.

ކުއްލިއަކަށް ކާރުގެ ހެޑްލައިޓް ދެފަހަރަކު ފިޔަޖަހައިލިއެވެ.

“މިހާރު ދެން ކީއްވާން މިއުޅެނީ؟” އޭނާއަށް ބުނެވުނެވެ.

ހަމަ އެއާއެކު ހެޑްލައިޓް އެއްކޮށް ނިވިއްޖެއެވެ.

ކާރު ވަށައިގެންވީ ބޯ އަނދިރިގަނޑެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. މަގާއި ދެފަރާތުގެ ހިޔަނިތައް ވަކިކުރަންވެސް ނޭނގޭ ވަރަށެވެ. އަނާޔާ ވަގުތުން ބުރަތްކަށް ފިތައިލިއެވެ. މަގުމަތީގެ ގާތަކުގެ މައްޗަށް ފުރޮޅުތައް ދަމައިގަތުމަށްފަހު ކާރު ހުއްޓުނެވެ.

“ޔާ ﷲ! މިގަޑިއަކު ނޫން.”

އޭނާ އަލުން ހެޑްލައިޓް ޖެއްސޭތޯ ބެލިއެވެ. އެއްވެސް އަލިކަމެއް ނުވިއެވެ. ޑޭޝްބޯޑުން ފަނޑު އަލިކަމެއް ފެންނަން ހުރި ނަމަވެސް، މައި ބޮކިތައް ހުރީ އަނދާފައެވެ. އޭނާ ޒިމާންއަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް ސްކްރީނުން ފެންނަން އޮތީ “ނޯ ސާވިސް” އެވެ.

އަނާޔާ ހިންދިރުވައިލިއެވެ. ފޯނުގެ ޓޯޗު ދިއްލުމަށްފަހު، އޭނާ ހަނދާން ހުރި އަނބުރާލާ ހިސާބު ފެނޭތޯ ކާރުން ފޭބިއެވެ. ރުއްގަސްތަކުގެ ތެރެއިން ވައިރޯޅި ދައުރުވަމުން ދިޔައީ ހިކި، ނުތަނަވަސް ގޮތަކަށެވެ. ކުދި ގަސްތަކުގެ އަނެއް ފަރާތުން ފަރުމައްޗަށް ބިންދައިލާ ރާޅުތަކުގެ އަޑު އިވެއެވެ. އާންމުކޮށް އިވޭ މި އަޑުތައްވެސް މިރޭ ހީވަނީ ބިރުވެރި، އާދަޔާ ޚިލާފު އަޑުތަކެއްހެންނެވެ. ހަނި އަނބުރާލުމެއް ފެނުމުން އޭނާ އެނބުރި ކާރާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ ފަހަތުގައި މީހަކު ހުރިކަމުގެ އިޙުސާސް ކުރެވުނެވެ.

މިވެސް ކިޔާލަން:  ރިހި ލޯބި - ޗެޕްޓަރ 19

އަނާޔާ ވަގުތުން ފަސްއެނބުރި ބަލައިލިއެވެ. އެއްވެސް އެއްޗެއް ނެތެވެ. އޭނާ ފޯނު އުފުލައިލުމަށްފަހު ރުއްގަނޑުގެ ތެރެއަށް އަލި އަޅުވައިލިއެވެ. އެ އަލިން ފެނުނީ ހަމައެކަނި ރުއްތަކުގެ ފަލަ ބުޑުތަކާއި، ގަސްތަކާއި، ދަށުގައިވާ ހުދު ދޮންވެއްޔެވެ. އެއްވެސް އިންސާނެއް، އެއްވެސް ހަރަކާތެއް ނެތެވެ.

“ހިތްބިރުގަންނަވަން ނޫޅޭ.” އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.

އޭނާ އަނެއްކާވެސް އެނބުރުނެވެ. ރުކެއްގެ ކައިރީގައި ހިޔަންޏެއް ހުއްޓެވެ. ފުރަތަމަ އޭނާއަށް ހީވީ އެއީ ފިރިހެނެއް ކަމަށެވެ. ނަމަވެސް ޓޯޗުގެ އަލި މައްޗަށް އެރިވަރަކަށް، އެ ސިފަ އާދަޔާ ޚިލާފަށް ދިގުވަމުން ދިޔައެވެ. އޭގެ ބޯ ހުރީ ރުކުގެ ފަންތަކަށްވުރެވެސް މަތީގައެވެ. އޭގެ ބޭރުފުށުގެ ބައްޓަން ރޭގަނޑުގެ އަނދިރިކަމާ އެކުވަމުން ދިޔައެވެ.

އަނާޔާއަށް ފަހަތަށް ޖެހިގަނެވުނެވެ. “ނޫން..”

އެ ސޫރައަކަށް އެއްވެސް ހަރަކާތެއް ނާދެއެވެ. އޭގެ މޫނެއް ވަކިކުރާކަށް ނޭނގެއެވެ. ފެންނަނީ ހަމައެކަނި ދިގު، ކަޅު ހިޔަންޏެކެވެ.

އޭނާ ދުއްވައިގަތެވެ. ކާރާ ހަމައަށް ދެވި، ޑްރައިވަރު ސީޓަށް ވެއްޓިގަނެ ތަޅުދަނޑި އަނބުރައިލިއެވެ. އިންޖީނު ހިނގައިގަތެވެ. ނަމަވެސް ހެޑްލައިޓެއް ނުދިއްލުނެވެ. ޑޭޝްބޯޑުގެ ފަނޑު އަލީގައި އޭނާ މަޑުމަޑުން ކާރު ދުއްވަން ފެށިއެވެ.

އިރުކޮޅަކުން ކުރިމަތިން އަނބުރާލާތަން ފެނުނެވެ. އެ ދިމާއަށް އަނބުރައިލެވުމުން ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް، ކުއްލިއަކަށް ބާރު އަޑަކާއެކު ކާރު ގޮސް އެއްޗެއްގައި ޖެހުނެވެ. ކާރު ހުއްޓުނީ ރުކެއްގެ ބުޑުގައެވެ.

“ޕްލީޒް، ޕްލީޒް، ސްޓާޓްވޭ!” އޭނާ ނޭވާ އަވަސްވަމުންދާ ހާލު ބުންޏެވެ.

އޭނާ ކާރު ފަހަތަށް ޖެއްސިއެވެ. އެވަގުތު އަނެއްކާވެސް އެހެން އެއްޗެއްގައި ޖެހި ކާރަށް ލޮޅުމެއް އެރިއެވެ. އެއީ ވާނެ ގޮތެއް ނޫނެވެ. އޭނާގެ ފަހަތުގައި އޮތީ ހުސް މަގެކެވެ.

ފޯނުގެ ޓޯޗު ދިއްލައިގެން އޭނާ ބޭރަށް ނުކުތެވެ. ކާރުގެ ފަހަތު ބަމްޕަރު ޖެހޭ ހިސާބުގައި ހުރީ ދެވަނަ ރުކެކެވެ. ކުރިމައްޗަށް ބަލައިލިއިރު، އެއްކަލަ އަނބުރާލާ ހިސާބު އޮތީ ތަންކޮޅެއް ދުރުގައެވެ. އަނާޔާގެ ކަރުހިއްކައިގަތެވެ. އަނެއްކާވެސް ކުރިއަށް ދުއްވައި އަނބުރައިލިއެވެ. އަނެއްކާވެސް ކާރު ޖެހުނީ ރުކުގައެވެ. އެއް ރުކެއްގައެވެ. ނުވަތަ ހަމަ އެއާ ވައްތަރު ރުކެއްގައެވެ. ފަހަތަށް ބަލައިލިއިރު މަގު އޮތީ ސީދަލަށް، ހުސްކޮށް، އަދި ހަމަހިމޭންކޮށެވެ. އެއްވެސް އަނބުރާލާ ތަނެއް ނެތެވެ. ހީވަނީ މުޅި ރަށް އޭނާގެ ވަށައިގެން ބެދެމުންދާހެންނެވެ.

އަނާޔާ ކާރާ ދުރަށް ފަހަތަށް ޖެހުނެވެ. އޭނާގެ އަތުގައި ފޯނު އޮތްއިރު އަތް ތުރުތުރުއަޅައެވެ. އަލިގަނޑު ރުކުގެ ބުޑުން މައްޗަށް ގޮސް، ފަންތަކުގެ މައްޗަށް ފެތުރިފައިވާ ހިޔަންޏަކަށް ހުއްޓުނެވެ. މަޑުމަޑުން އެ ހިޔަނި އުފުލި، ރުކުގެ މަތީގައި އިންސާނެއްގެ ސިފައިގައި ކޮޅަށް ހުއްޓުނެވެ.

މިވެސް ކިޔާލަން:  ވޭނުގާ - އަށާރަވަނަ ބައި

އެ ސޫރައިގެ ދިގު އަތް އޭނާއާ ދިމާއަށް ދިއްކޮށްލިއެވެ. އެހާ ދުރަށް އަތް ފޯރާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ނަމަވެސް އަތް ދިގުވަމުން އައި ވަރަކަށް، ދުރުމިނަކީ އެއްވެސް އެއްޗެއް ނޫން ފަދައިން އެ އަތް ކައިރިވަމުން އައެވެ.

ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް އަނާޔާގެ އަޑެއް ބޭރެއް ނުވިއެވެ. ދެން އޭނާގެ ފައި އޭނާއަށް ކިޔަމަންވިއެވެ. މަގު ދޫކޮށް ރުއްތަކުގެ ތެރެއަށް އޭނާ ދުއްވައިގަތެވެ. ކުދި ގޮފިތަކާއި ވެލިގަނޑު ފޫއަޅުވަމުންނެވެ. އެ ސޫރަ އޭނާގެ ފަހަތުން އައެވެ. އޭނާއަށް އިވެމުން ދިޔައީ ހަމައެކަނި ވައިގެ އަޑާއި އަމިއްލަ ހިތުގެ ބާރު ތެޅުމެވެ.

ފުއްޕާމޭ ފަޅައިގެންދާ ވަރުވިއެވެ. ފައިވާން ކަހާލިއެވެ. ކުރިމަތިން ރުއްގަނޑު ނިމޭ ހިސާބަށް ދެވުމުން ހުއްޓެން މަސައްކަތް ކުރި ނަމަވެސް، ވެލިގަނޑުން މައްޗަށް އަރާފައި އޮތް ހިލަގަނޑެއްގައި އަޅައިގަނެ އޭނާ އަރި އަޅައިލިއެވެ. އެއްލިގަނެގެން ގޮސް އަރިމަތިން އޭނާގެ ފައި ނައްޓާލިކަން އޭނާއަށް އިޙުސާސް ކުރެވުނެވެ. ތިރީގައި އޮތީ ފުން ކަނޑެވެ. އޭނާގެ އަނގައިން ބާރު ހަޅޭކެއްގެ އަޑު ނުކުތެވެ.

އެއްވެސް ހިފެހެއްޓުމެއް ނެތި، ކަނޑުގެ އަނދިރި ފުން ލޮނުގަނޑާ ދިމާއަށް އޭނާ ވެއްޓެމުން ދިޔައެވެ. ނަމަވެސް، ކުއްލިއަކަށް އޭނާގެ އުނަގަނޑުގައި ވަރުގަދަ އަތަކުން ހިފަހައްޓައިލިއެވެ. އަނާޔާ ވެއްޓެމުން ދިޔަ ދިޔުން ހުއްޓުނެވެ.

އޭނާ އެލިފައި އޮތީ ކަނޑުގެ މަތީގައެވެ. ކަނޑާއި އުޑާ ދެމެދުގައެވެ. އޭނާގެ ދަށުގައި އެއްވެސް ވާގަނޑެއް ނެތެވެ. އޭނާ ހިފަހައްޓައިގެން ހުރި މީހަކު ހުރީ ހުސް ވައިގެ ތެރޭގައި ކޮޅަށެވެ.

އޭނާގެ ކައިރީގައި ހުރި ސޫރަ މުޅިންހެން ކަޅު ނަމަވެސް، އެ ހިފެހެއްޓުމުގައި ވަރުގަދަ ހަޤީޤަތެއް ވިއެވެ. ރޭގަނޑުގެ އަނދިރިކަން އޭނާގެ ފައިދަށުގައި ހަރު ބިމަކަށް ވެފައިވާ ފަދައިން، އޭނާ މަޑުމަޑުން އަނާޔާ މައްޗަށް އުފުލައިލިއެވެ.

ބަރު އަޑަކުން އަނާޔާގެ ކަންފަތްދޮށުގައި ބުނެލިއެވެ. “ތިބާގެ ހިތުގެ ތެޅުން ވަރަށް ބާރު.”

އެމީހުން ރުއްގަނޑާ ދިމާއަށް މަޑުމަޑުން އެރިއެވެ. ވިލާގަނޑެއްގެ ފުރަގަހުން ހަނދު ނުކުމެ، އެ ބީރައްޓެހި މީހާގެ މޫނު ހާމަވެގެން ދިޔައެވެ.

އޭނާގެ ހަމުގެ ކުލަ އާދަޔާ ޚިލާފު ގޮތެއް ހުއްޓެވެ. އަޅި ކުލައެކެވެ. ސީދާ، ގަދަ ނޫކުލައިގެ އިސްތަށިގަނޑު އޭނާގެ މޫނުމައްޗަށް ފައިބާފައި އޮތެވެ. އޭނާގެ ތުންފަތުގައި ފަނޑު ނޫކުލައެއް ހުއްޓެވެ. އޭނާގެ ދެލޯ ހުރީ މަރައިލެވިފައެވެ.

އަނާޔާ ނޭވާލާންވެސް ނޭނގިފައި ބަލަހައްޓައިގެން ހުއްޓެވެ. އަނާޔާގެ ފައި ބިމުގައި ޖެހެންދެން އެ ބީރައްޓެހި މީހާ އޭނާ މަޑުމަޑުން ތިރިކޮށްލިއެވެ. ހަނދުވަރުގެ އަލި އޭނާގެ މޫނުމައްޗަށް އެޅި، އެ އަލި ދުރަށް ދިޔަ ވަގުތު، އޭނާ ލޯ ހުޅުވައިލިއެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - އަށާރަވަނަ ބައި

އެ ދެލޮލުން ފެންނަމުން ދިޔައީ ނޫ ހުދު ކުލައިގެ އައްޔެކެވެ. އެއީ އެއްވެސް އެއްޗެއްގެ ހިޔަންޏެއް ނޫނެވެ. ހަނދުވަރުގެ ދިހުމެއްވެސް ނޫނެވެ. އެ އަލިކަން އަންނަނީ އޭނާގެ އެތެރެއިންނެވެ. އިރުގެ އަލީގައި ބަބުޅާ ބިއްލޫރިގަނޑެއް ފަދައިން ސާފު އަދި ތޫނު އައްޔެކެވެ. ކްރިސްޓަލް ފަދަ ދެލޮލެވެ.

އަނާޔާގެ ހަށިގަނޑުން ހުރިހާ ވަރެއް ދޫވެގެން ދިޔައެވެ. މުޅި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. ރުއްތައް ފުސްވެ، އަނދިރިކަން އޭނާގެ ވަށައިގެން އެނބުރިގަތެވެ. އޭނާގެ ހޭވެރިކަން ނެތުނެވެ.

*****

އަނާޔާއަށް އަލުން ލޯ ހުޅުވައިލެވުނުއިރު، އޭނާ އޮތީ ޗުއްޓީ ހޭދަކުރާ ގޭގެ އެނދުމަތީގައެވެ. އޭނާގެ ނިތްކުރިމަތީގައި ފިނި ފޮތިގަނޑެއް އަޅާފައި އޮތެވެ. ލީޒާ އޭނާގެ ކައިރިއަށް ގުދުވެގެން އިންއިރު، މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުރި ޒިމާން ކައިރީގައި ހުއްޓެވެ.

“މާތް ﷲ އަށް ޙަމްދުހުރި. އަނާ ހޭއަރައިފި.” ލީޒާ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ކީއްވެގެންތަ މިއުޅެނީ؟ އަނިޔާއެއް ވިތަ؟” ޒިމާން އަވަސްއަވަހަށް އެހިއެވެ.

އަނާޔާ އެމީހުންނަށް ބަލައިލިއެވެ. ދޮރުމަތީގައި ޝާރިޤާއި، ނިހާ އަދި ޝާހިދު ތިއްބެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ ހަމަޖެހުމާއި ހައިރާންކަމުގެ އަސަރެވެ.

“އަހަރެން މިތަނަށް އައީ ކިހިނެއް؟” އޭނާ މަޑުމަޑުން އަހައިލިއެވެ.

ޒިމާން ނިތްކުރި އަރުވައިލިއެވެ. “ދޮންތަ ގުޅީމެއްނު ލީޒާއަށް. މަގު އޮޅިއްޖެޔޭ ކިޔާފައި ލޮކޭޝަން ފޮނުވީމެއްނު. އަހަރެންނާއި ޝާރިޤް ދިޔައީ އަނާ ބަލައި. ކާރު ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނީ.”

އަނާޔާގެ ދެލޯ ބޮޑުވިއެވެ. “އަހަރެން.. އަހަރެން ގުޅީއޭ؟”

“އާނ. ކީއްވެ ތިހެން ތި ބަލަނީ؟” ލީޒާ އެހިއެވެ.

އެތަނުގައި އެއްވެސް ސިގްނަލެއް ނެތެވެ. އޭނާގެ ހަނދާނަށް އައީ ނިވިފައިވާ ހެޑްލައިޓްތަކާއި، ނިމުމެއް ނެތް މަގާއި، އޭނާއާ ދިމާއަށް އަތް ދިއްކުރި ބިރުވެރި ހިޔަންޏެވެ. އަދި ކަނޑުމަތިން އޭނާ އުފުލައިލި، އަޅިކުލައިގެ ބީރައްޓެހި މީހާއެވެ.

“ތިޔައިން މީހަކަށް އެހެން މީހަކު ފެނުނުތަ؟” އޭނާ އަހައިލިއެވެ.

“ކޮންތާކުން ކާކު ފެންނަންވީ؟” ޝާރިޤް ރައްދު ދިނެވެ.

އަނާޔާއަކަށް ޖަވާބެއް ނުދެވުނެވެ. އޭނާ އަމިއްލަ ދެއަތަށް ބަލައިލިއެވެ. އެ އަތް އަދިވެސް ތުރުތުރުއަޅައެވެ. ފަހަރެއްގައި އޭނާ ހޭނެތުނީ ކަމަށް ވެދާނެއެވެ. އަދި އެ ހުރިހާ ކަމަކީ ފެނުނު ހުވަފެނަކަށްވެސް ވެދާނެއެވެ. ނަމަވެސް އެންމެ ސުވާލެއް އޭނާގެ ސިކުނޑިން ފިލައިގެން ނުދިޔައެވެ. އެއީ ހަމައެކަނި ހުވަފެނެއްނަމަ، އެ ކްރިސްޓަލް ފަދަ ދެލޯ އެހާ ސާފުކޮށް އޭނާގެ ހަނދާނުގައި ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ އަދި ހަމަ އެވަގުތު، ކޮޓަރީގެ ކުޑަދޮރުން ބޭރުގައި، ހަމަހިމޭން ރުއްތަކުގެ އަނދިރީގެ ތެރެއިން، ފޮރުވިފައިވާ ނޫކުލައިގެ ދެލޯ އެ ގެއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

(ނުނިމޭ)

ނޯޓް
މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ހަޤީޤީ ތަންތަނާއި ޚިޔާލީ ތަންތަން ގުޅުވާފައިވާނެއެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top