ތަޢާރަފް

ބުޝް ބީންސްއަކީ ފެބޭސީ އާއިލާގެ ގަހެކެވެ. މިއާއިލާއަށް ނިސްބަތްވާ ތަފާތުވައްތަރުގެ ތޮޅީގެ ތެރެއިން މިވައްތަރަކީ، 50- 35 ސެންޓިމީޓަރުގެ އުސްމިނަށް ހެދޭ ތޮޅިއެކެވެ. އޮށް އިންދާތާ 28- 25 ދުވަސްވުމުން މިގަހުގައި އަޅާ ވައިލެޓްނޫކުލައިގެ މާތައް ފޮޅެން ފަށައެވެ. މިވައްތަރުގެ ގަހުގައި އަޅަނީ 35- 25 ސެންޓިމީޓަރު ދިގުމިނުގެ ފަނޑުފެހިކުލައިގެ ތޮޅިއެކެވެ.

 

މިތޮޅި ބިންނަވަރު ވަނީ އޮށް އިންދާތާ 40 – 45 ދުވަސް ވުމުންނެވެ. މިވައްތަރުގެ ތޮޅިއަކީ ތޮޅި އާއިލާގެ އެހެނިހެން ވައްތަރުތަކުގެ ތޮޅިއާއި ހިލާފަށް ތިރިކޮށް ހެދޭ ގަހެއްކަމުން، ހެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ލުއި ދަނޑިފަދަ ތަކެތި ލިބުން ދަތި ރަށްރަށުގައިވެސް ފަސޭހަކަމާއިއެކު ހައްދާލެވިދާނެ ތޮޅިއެކެވެ. ނަމަވެސް އެކަށީގެންވާ ވައި ނިވަލެއްނެތް ބިމެއްގައިނަމަ ވައިގަދަ މޫސުމުގައި ގަސް ވެއްޓުނަނުދީ ހިފެހެއްޓުމަށްޓަކައި ގަސް ކައިރީގައި ކުރު ދަނޑިއެއް ޖެހިދާނެއެވެ. ދިގުކޮށް ވެލަށް ހެދޭ ތޮޅިގަހަށްވުރެ ބުޝް ބީންސްގެ އުމުރުކުރުވެފައި ތޮޅި ލިބޭވަރު މަދެވެ.

 

ބިންތައްޔާރުކުރުމާއި މުޑުވައްކުރުން

އެހެނިހެން ގިނަ ތަރުކާރީގެ ބާވަތްތަކެކޭވެސް އެއްފަދައިން، ބުޝް ބީންސްވެސް ރަނގަޅަށް ހެދޭނީ، ކަޅުފަސްފަށަލަ ބޯ ފެންބޮޑުނުވާ، އެހެނަސް މެދުމިންވަރަކަށް ގިނައިރު ފެން ހިފަހައްޓައިދޭ ކަޅުކުލަގަދަ ފަހުގައެވެ. ބުޝް ބީންސް އިންދަން ރަނގަޅީ ބެޑްގައެވެ. މިގޮތުން ބެޑް ތައްޔާރުކުރާއިރު ބެޑްގެ ފަސްގަނޑު ޖަހާނީ 8 އިންޗި ފުންމިނަށެވެ. އެއްބެޑުގައި 2 ބުރިއަށް ގަސްހެއްދުމުން ކާނާދީ ބަލަހައްޓަން ފަސޭހަވެފައި، ބިމުގެ ބޭނުން ފުރިހަމައަށް ހިފޭނެއެވެ. ދެބަރިއަށް ގަސްއިންދާއިރު ބެޑްގެ ފުޅާމިނުގައި ބަހައްޓާނީ 3 ފޫޓެވެ. ބެޑްގެ ދިގުމިން ބޭނުންވަރަކަށް ބެހެއްޓިދާނެއެވެ.

 

ދެބެޑް ދޭތެރޭގައިވެސް 3 ފޫޓް ބެހެއްޓުމުން ފުދޭނެއެވެ. ބެޑަށް އަޅާ ފެން ދެފަރާތުން ފައިބައިގެން ދިއުން މަދުކުރުމަށްޓަކައި ބެޑްގެ ކައިރިފަށް ކުޑަކޮށް އުސްކޮށްހުންނަ ގޮތަށް ބެޑްތައްޔާރުކުރާށެވެ. ބެޑްގެ ފަސްގަނޑުޖަހައި އެއްވަރުކޮށްލުމަށްފަހު ގެރިގުއި ނުވަތަ ޔުނިގްރޯ ފަދަ ޤުދުރަތީ ގަސްކާނާއެއް ބެޑްގެ މައްޗަށް ވިއްސާލާ އުދަލިން ފަސްގަނޑު ޖަހާގޮތަށް ބެޑްގެ ފަސްގަނޑާއި އެއްކޮށްލާށެވެ. އެއަށްފަހު ބެޑް އަލުން ރަނގަޅަށް އެއްވަރުކޮށްލާ، ބެޑަށް ރަނގަޅަށް ފެންދީ ބެޑް ތެންމާލާށެވެ. ބޮޑަށް ކާދު އަޅާނީ މޮޅު ފަސްގަނޑެއްނަމަ އަކަމީޓަރަކަށް 2.5 ކިލޯ އަދި ދެރަ ފަސްގަނޑެއްނަމަ ކޮންމެ އަކަމީޓަރަކަށް 5 ކިލޯގެ ނިސްބަތުންނެވެ. އޮށް އިންދާނީ ތައްޔާރުކުރި ބެޑްގައި ދެބަރިއަށް ވާގޮތަށް ބެޑްގެ ދެއަރިމަތީގައެވެ. ދެބަރިދޭތެރޭގައި 20 އިންޗި އަދި ދެގަސް ދޭތެރޭގައި 1 ފޫޓުގެ ދުރުމިން ހުންނަވަރަށް އޮށްއިންދާށެވެ. ރަނގަޅު މުޑުވައް އޮށް ނަމަ 6- 4 ދުވަހުން ފަޅާނެއެވެ. ފެންފޮދެއްގެ ތެރެއަށް އޮށްތައް އަޅާލާފައި ރޭގަނޑު ބެހެއްޓުމަށްފަހު ޖެހިގެންއަންނަ ދުވަހު އޮށް އިންދުމުން ގަސްފެޅުން އަވަސްވެފައި ރަނގަޅުވާނެއެވެ.

 

ތޮޅިއަށް ކާން ދިނުން

ތޮޅީގެ އެހެނިހެން ވައްތަރުތަކެކޭ އެއްފަދައިން ބުޝް ބީންސްއަކީވެސް ޅައުމުރުގައި ވަރަށް ގިނައިން ނައިޓްރިޖަން ބޭނުންވާ ގަހެކެވެ. ގަސްފަޅާތާ 10 ދުވަސްވުމުން ގަހަކަށް 10 ގްރާމްގެ މަގުން ނައިޓްރިޖަން ގިނައިން ހިމެނޭ މިކްސް ކާނާއެއް ދޭންވާނެއެވެ. އަދި ހަމަ މި މިންވަރަށް ގަސްފަޅާތާ 25 ވަނަ ދުވަހު ކުރިން ބުނެވުނު ފަދަ ކާނާއެއް ދޭންވާނެއެވެ. ތޮޅިގަހުގައި މަލާއި މޭވާ އެޅުން ގިނަކުރުމަށްޓަކައި ގަސްފަޅާތާ 40 ވަނަ ދުވަހާއި 55 ވަނަ ދުވަހު 20 ގްރާމް ފޮސްފަރަސް ގިނައިން އެކުލެވޭ މިކްސް ކާނާއެއް ދޭންވާނެއެވެ. ބިމަށް ކާނާއަޅާއިރު ފުރަތަމަ ފަހަރު ގަސް ވަށައިގެން ކާނާ އެޅިދާނެއެވެ. އަދި ދެވަނަ ފަހަރު ގަހުގެ އެއްފަރާތުން ފަޅި ބުރެއް ގޮތަށް އެއްއިންޗި ފުންމިނުގެ ރޮނގެއް އެޅުމަށްފަހު އެރޮނގަށް ކާނާ އެޅިދާނެއެވެ.

 

މިއަށްފަހު ދެން ކާނާއަޅާނީ ގަހާއި 7 އިންޗި ދުރުމިނުގައި ގަސްބަރި އޮތްގޮތަށް ދިގަށް ރޮނގެއް އެޅުމަށްފަހު އެރޮނގު ތެރެއަށެވެ. މިގޮތަށް ކާނާއަޅާއިރު އަޅާނީ ގަހަކަށް ކާނާ ދޭ މިންވަރު ބެލުމަށްފަހު ހުރިހާ ގަހަކަށް ވާވަރަށެވެ. ގަސްތަކަށް ކާނާއެޅުމަށްފަހު ވަގުތުން ފެންދީ ފަސްގަނޑު ރަނގަޅަށް ތެންމާލަންވާނެއެވެ.

 

ފޯލިއަރ ފާރޓިލައިޒަރ ނުވަތަ ދިޔާގަސްކާނާ ސްޕްރޭކުރުން

ގަސްފަޅާތާ 1 ހަފްތާވުމުން މެކްސިކްރޮޕް ނުވަތަ ބޭފޮލަން ފަދަ ފޯލިއަރ ގަސްކާނާއެއް ގަސްތަކަށް ސްޕްރޭކޮށްލަންވާނެއެވެ. މި 2 ވައްތަރުވެސް ބޭނުންކުރާނީ 5 ލިޓަރ ފެނަށް 10 އެމް.އެލް ގެ ނިސްބަތުންނެވެ. 60- 50 ދުވަސްވަންދެން ހަފްތާއަކު 1 ފަހަރު މިފަދަ ކާނާއެއް ގަސްތަކަށް ސްޕްރޭކުރުމުން ގަހުގެ ހެދުމާއި، ގަހުގެ އުފެއްދުންތެރިކަން ބޮޑަށް ރަނގަޅުވާނެއެވެ. ތޮޅިގަސްތަކުން އާންމުކޮށް ފެންނަ، ނައިޓްރިޖަން އާއި އަޔަން މަދުވުމުގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ހައްލުވަމުން ނުދާނަމަ 5 ލިޓަރ ފެނަށް 5 ގްރާމް އެމޯނިއަމް ސަލްފޭޓް އަދި 5 ގްރާމް ފެރަސް ސަލްފޭޓް ރަނގަޅަށް އެއްކުރުމަށްފަހު މިމައްސަލަތައް ހައްލުވަންދެން ހަފްތާއަކު 1 ފަހަރު ގަސްތަކަށް ސްޕްރޭކުރާށެވެ.

 

ތޮޅި ހެއްދުމުގައި ދިމާވާ ކާނާ މަދުވުމުގެ ބައެއް މައްސަލަތައް

ނައިޓްރިޖަން މަދުވުން: ނައިޓްރިޖަން މަދުވުމުން މުޅިގަސް މަޑުފެހިކުލައަށް ބަދަލުވެއެވެ. އަދި ގަހުގެ ތިރީފަތްތައް ރީނދޫވެ، ބޮޑުވަރުވުމުން ފަތްތައް ހިކި މަޑުމުށި ކުލައަކަށް ބަދަލުވެއެވެ. އަދި ދެފަތްވަޅު ދޭތެރެ ކައިރިވެ ގަސްހެދުން ހުއްޓޭގޮތް ދިމާވެއެވެ.

 

އަޔަން މަދުވުން: އަޔަން މަދުވުމުން ޅަފަތްތައް މަޑުމަޑުން ރީނދޫވެ އެންމެ ފަހުން ހުދުވެއެވެ.

 

ތޮޅިއަށް އާންމުކޮށް ގެއްލުންދޭ ފަނިފަކުސާތައް

ލީފްމައިނާ: ލީފްމައިނާ އަށް ބައެއް ދިވެހިން ސޮއިފަނި ކިޔާއުޅެއެވެ. މިފަނި ގަހަށް ގެއްލުންދެނީ ފަތްތަކުގެ ދުލިދަށުން ކޮނެ ފަތުގެ އެތެރެ ކައިގެންނެވެ. މިމައްސަލަ މާބޮޑަށް ދިމާވާނަމަ 5 ލިޓަރ ފެނަށް 14 އެމް.އެލް ޑައިމެތޮއޭޓް އެއްކުރުމަށްފަހު ގަސްތަކަށް ސްޕްރޭކޮށްލާށެވެ.

 

ބްލެކް ބިން އެފިޑްސް: މިއީ ކޫޑީގެ ވައްތަރެކެވެ. މިވައްތަރުގެ ކޫޑިއަޅަނީ ގަހުގެ ތޮޅިއާއި ގަހުގެ ޅަކުރިތަކުގައެވެ. މިކޫޑި ގަސްތަކަށް ގެއްލުންދެނީ ގަހަށް އެސޮރުމެންގެ ހޮނޑުހަރާ ގަހުން ދިޔަބޮއެގެންނެވެ. މިމައްސަލަ މާބޮޑަށް ދިމާވާނަމަ ޑައިމެތޮއޭޓް ފަދަ އިންސެކްޓިސައިޑެއް ސްޕްރޭކޮށްލުމުން މިމައްސަލަ ހައްލުވާނެއެވެ.

 

ތޮޅިބިނުން

ތޮޅި ބިންނަން ރަނގަޅީ ކޮންމެ 5- 4 ދުވަހަކުން ހަވީރު ނުވަތަ ހެނދުނު ފިނީގެ ވަގުތުގައެވެ. ތޮޅި ބިނުމުގައި މާބޮޑަށް ހަރުވިޔަނުދީ ބިނުން މުހިންމެވެ. އަދި ތޮޅި އަޅާފައި އިންނަ ތަނޑުގައި ހުންނަ އެހެން މާތަކަށް ވީހާވެސް ގެއްލުން ނުވާނެގޮތަކަށް ތޮޅި ބިންނަން ސަމާލުކަންދޭށެވެ.

 

ނޯޓް: މިއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން 2015 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ލީފްލެޓެއްގައި ހުރި މަޢުލޫމާތު ތަކެކެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.