ބަނގްލަދޭޝްގައި މިހާރު ކުރިޔަށްދާ ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ފައިނަލްގެ ޖާގައެއް ޕާކިސްތާން ހޯދައިފި އެވެ.
ދިވެހިރާއްޖެ އާއި އިންޑިއާ ހިމެނުނު ގުރޫޕްގެ ބީގެ ދެވަނަ ޓީމުގެ ގޮތުގައި ޕާކިސްތާން ސެމީ ފައިނަލުން ޖާގަ ހޯދީ 3-0 އިން ދިވެހިރާއްޖެ ބަލިކޮށްފަ އެވެ. މިއީ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ދިވެހިރާއްޖޭގެ މައްޗަށް ޕާކިސްތާން ހޯދި ފުރަތަމަ މޮޅެވެ.
މުބާރާތް ބާއްވާ ބަނގްލަދޭޝްގެ މައްޗަށް ޕާކިސްތާނު ކުރި ހޯދީ މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑުން 1-0 އިން ނެވެ.
މި މެޗުގައި މޮޅަށް ކުޅެ ގިނަ ފުރުސަތުތައް ހޯދީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ބަނގްލަދޭޝްއިން ނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ބަނގްލަދޭޝްއަށް ހިފިފައެއް ނުވެ އެވެ. ބަނގްލަދޭޝްގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ޕާކިސްތާން ކީޕަރު ދިފާއުކޮށްފައިވާއިރު، ޑިފެންސްކޮށް ކައުންޓާރ އެޓޭކަށް އިސްކަންދިން ޕާކިސްތާނުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފަ އެވެ.
މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ފެނުނީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. ބަނގްލަދޭޝްގެ އޭރިޔާތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ޕާކިސްތާނަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުލް އަރުޝަދު އެވެ. ތިރިތިރިން އަރުޝަދު ފޮނުވާލި ބޯޅަ ގޮސް ގޯލުގެ ތެރެއަށް ވަނީ ބަނގްލަދޭޝްގެ ކީޕަރު މަހްދީ ހަސަންގެ އަތް ކައިރިން ނެވެ.
މި ލަނޑަށްފަހު ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައިވެ އެވެ.
މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ. މި ދެ ޓީމު ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗު 3-2 އިން ކާމިޔާބުކުރީ އިންޑިއާ އެވެ. ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެ ގަޑިން 19:00 ގައެވެ.
