ހެނދުނުގެ ރަންދޯދިތައް މުޅި ރަށުތެރެއަށް ފެތުރިގެން ދިޔައިރު، ނޫކުލައިގެ ސާފު މޫދު ވިދާގޮތުން ފެންނަނީ ބިއްލޫރިގަނޑެއްހެންނެވެ. ޗުއްޓީ ހޭދަކުރާ ގޭގެ ވަށައިގެން ހުރި ރުއްތަކުގެ ތެރެއިން ޖެހެމުންދިޔަ މަޑުމައިތިރި ވައިރޯޅިތަކާއި، ކައިރީގައިވާ ފަރަށް ބީއްސަމުންދިޔަ ރާޅުތަކުގެ އަޑު ހުޅުވިފައިވާ ކުޑަދޮރުން އެތެރެއަށް ވަންނަމުން ދިޔައެވެ.
އެހެން އެންމެންނަށް މިއީ ނުހަނު ހިތްގައިމު، ރީތި ހެނދުނެކެވެ. ނަމަވެސް އަނާޔާއަށް މިއީ ބަޔާންކުރަން ނޭނގޭ ފަދަ ބިރުވެރި ހުވަފެނަކަށްފަހު ވިދިގެން އައި ހެނދުނެކެވެ. އޭނާ އިނީ އެނދުގެ އަރިމަތީގައި އިށީނދެގެން، ލޯގަނޑުން އޭނާގެ ސޫރައަށް ބަލަހައްޓައިގެންނެވެ. އޭނާގެ ދިގު އިސްތަށިގަނޑު ދޫކޮށް ކޮނޑުމައްޗަށް އެޅިފައި އޮތްއިރު، އާންމުކޮށް ވިދާ އޭނާގެ ދެލޮލުން ފެންނަނީ ވަރުބަލިކަމެވެ. މުޅި ރޭ އޭނާއަށް ރަނގަޅަކަށް ނުނިދުނެވެ. ކޮންމެ ފަހަރަކު ލޯ މަރާލުމުންވެސް ސިފަވަނީ އެއް ސޫރައެކެވެ.
އަޅިކުލައިގެ، ފަނޑު ހަންގަނޑެކެވެ. ގަދަ ނޫކުލައިގެ އިސްތަށިގަނޑެކެވެ. އަދި މަރާލެވިފައިވާ ދެލޯ ހުޅުވާލުމާއެކު، އާދަޔާ ޚިލާފު ކްރިސްޓަލް ފަދަ އަލިގަދަ ވިދުމެއް އޭގެ ތެރެއިން ފެނިގެންދިޔަ މަންޒަރެވެ.
އަނާޔާ އޭނާގެ ނިތްކުރީގައި އަތް އުނގުޅާލިއެވެ. “އެއީ ހަޤީޤަތެއް. އަހަންނަށް އެނގޭ އެއީ ހަޤީޤަތެއްކަން.” އޭނާގެ އަމިއްލަ ނަފްސަށް ބުނެލިއެވެ.
ކުއްލިއަކަށް ދޮރުގައި ޓަކިޖަހާލި އަޑަށް އޭނާގެ ޚިޔާލުތައް މެދުކެނޑުނެވެ. “އަނާ؟ ހޭލައިފިންތަ؟” އެއީ ލީޒާއެވެ.
“އާނ، ވަދޭ.”
ލީޒާ އެތެރެއަށް ވަނީ ދެ ކޮފީ ތަށި ހިފައިގެންނެވެ. އޭނާ ހުރީ ހުދު ޓީޝާޓަކާއި ޖީންސެއްގައެވެ. އިސްތަށިގަނޑު އޮތީ ދޫކޮށް އައްސާލާފައެވެ.
“ތިހުރީ ވަރަށް ވަރުބަލިވެފަ.” މޭޒުމަތީގައި ތަށި ބަހައްޓަމުން ލީޒާ ބުންޏެވެ.
“ޝުކުރިއްޔާ. އެއީ ކޮންމެ އަންހެން ކުއްޖަކުވެސް ހެނދުނު އަޑުއަހަން ބޭނުންވާނެ ވާހަކައެއް.” އަނާޔާ މަޖާވެލަމުން ބުންޏެވެ.
ލީޒާ ހީނގަތެވެ. “އަހަރެން މި ދައްކަނީ ސީރިއަސް ވާހަކައެއް. ރޭގަ އަނާ އެންމެން ބިރުގަންނަވާލީ. ޚާއްސަކޮށް ޒިމާން ހުރީ ވަރަށް ކަންބޮޑުވެފަ.”
އަނާޔާ ދުރަށް ބަލާލިއެވެ. “އޭނާ އެއްވެސް ވާހަކައެއް ބުނިތަ؟”
“އޭނާ ބޭނުންވި އަނާ ކައިރީގަ މަޑުކުރަން. އެކަމަކު އަހަރެން ބުނީ އަނާއަށް އަރާމު ބޭނުންވާނޭ.”
އަނާޔާ ކޮފީ ތަށި ނެގިއެވެ. “ލީޒާ، އަހަރެން އެއްޗެއް އަހާލަންތަ؟”
“އާނ، އަހާބަލަ.”
“ރޭގަ އަހަރެން ފެނުނުއިރު، ކާރު ކައިރިން އެއްވެސް އާދަޔާ ޚިލާފު ކަމެއް ފާހަގަކުރެވުނުތަ؟”
ލީޒާގެ ނިތްކުރިއަށް ރޫއެރިއެވެ. “އާދަޔާ ޚިލާފު؟ ކޮންކަހަލަ ކަމެއް؟”
“ކައިރީގަ މީހަކު ހުރިތަން؟ ނޫނީ ގަސްތަކުގެ ތެރެއިން މީހަކު ހިނގާފައި ދިޔަތަން؟”
“ނޫން. ކީއްވެ ތިހެން ތި އެހީ؟”
އަނާޔާ ފަސްޖެހުނެވެ. “ކަމެއް ނުވޭ. އަޅާނުލާ.”
ލީޒާ އޭނާގެ މޫނަށް ފުންކޮށް ބަލާލިއެވެ. “އަނާ، އަނާއަށް އެނގެއެއްނު ކޮންމެ ވާހަކައެއްވެސް އަހަރެން ކައިރީ ބުނެވިދާނެކަން؟”
އަނާޔާ މަޑުމަޑުން ހިނިތުންވެލިއެވެ. “އެނގޭ.”
އެހެންނަމަވެސް އޭނާ އެވާހަކައެއް ނުބުންޏެވެ. އަމިއްލަ ނަފްސަށްވެސް ފަހުމްނުވާ ކަމެއް އެހެން މީހަކަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ؟
މެންދުރުފަސް ވާން ކައިރިވިއިރު، ޗުއްޓީ ހޭދަކުރާ ގެ އޮތީ ވަރަށް ހަލަބޮލިވެފައެވެ. ޝާރިޤާއި ޒިމާން ވަނީ ފިރިހެން ކުދިންނާއި އަންހެން ކުދިންގެ މެދުގައި ރަހުމަތްތެރިކަމުގެ ކްރިކެޓް މެޗެއް ރާވާފައެވެ. އެންމެން އެއްވީ ގޭގެ ފަހަތުގައި އޮތް ހުސް ބިމަށެވެ. އެތަނަކީ ވިނަގަނޑާއި ގޮނޑުދޮށުގެ ހުދު ދޮންވެލިގަނޑު ގުޅޭ ހިސާބެވެ.
ފިރިހެން ކުދިން އޭރުވެސް އުޅެނީ ޤަވާއިދުތަކާމެދު ޒުވާބުކުރުމުގައެވެ.
“އަޑުއަހާ، މިއީ ރަނގަޅު މެޗެއް.” ބެޓު ހިފައިގެން ހުރެ ޝާރިޤު އިޢުލާންކުރިއެވެ.
“މަކަރު ހެދުމެއް، މެދުތެރެއިން ޤަވާއިދު ބަދަލުކުރުމެއް ނޯންނާނެ.”
ލީޒާ އަތްއުރާލިއެވެ. “ކުރީ ފަހަރުވެސް ބަލިވުމުގެ ކުރިން ބުނީ ތިހެން.”
އެންމެން އެއްފަހަރާ ހީނގަތެވެ.
“މިއަދު ތަފާތުވާނެ.” ޝާރިޤް ޔަޤީންކަމާއެކު ބުންޏެވެ.
އަނާޔާ ހުރީ ނިހާގެ ކައިރީގައެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ އެ އުފާވެރި މާހައުލުގައި ބައިވެރިވެވޭތޯއެވެ. އިރުގެ އަލިކަމާއި، ހުނުމުގެ އަޑާއި، ރައްޓެހިންގެ އަޑުތަކުން އޭނާއަށް ހަމަޖެހުން ލިބެންވާނެއެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި ނުތަނަވަސްކަމެއް ވިއެވެ.
“ކުޅެން އުޅޭނީތަ ނޫނީ މުޅި ދުވަހު މޫދަށް ބަލަން ހުންނާނީތަ؟” ނިހާ އެހިއެވެ.
“މިދަނީ.”
ޓީމުތައް މަޤާމުތަކަށް ދިޔައެވެ. ފުރަތަމަ އޯވަރުތައް ދިޔައީ ހަޅޭކާއި މަޖަލުގެ ތެރޭގައެވެ. ޝާރިޤް ބައުންޑަރީއެއް ޖެހިއިރު، އޭގެ ކުޑަ އިރުކޮޅެއް ފަހުން ޒިމާން ނުބައިވިއެވެ. އަންހެން ކުދިން އުފާ ފާޅުކުރީ ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއް ކާމިޔާބުވީ ފަދައިންނެވެ. ދެން އައީ އަނާޔާގެ ކުޅުމުގެ ވަގުތެވެ.
“އެއްވެސް ދުލެއް ނުދޭނަން.” ބޯޅަ އެއްލަން ތައްޔާރުވަމުން ލީޒާ އިންޒާރު ދިނެވެ.
އަނާޔާ ހިނިތުންވެލިއެވެ. “އަހަރެން ދުލަކަށް ނޭދެން.”
ފުރަތަމަ ބޯޅަ އައެވެ. އޭނާ ރީތިކޮށް ޖެހުމުން ބޯޅަ ދިޔައީ ދަނޑުގެ އަރިމައްޗަށެވެ. ފިރިހެން ކުދިން ބޯޅަ ފަހަތުން ދުއްވައިގަތެވެ. ދެވަނަ ބޯޅަ މާ ބާރެވެ. އަނާޔާއަށް އެ ބޯޅައިގައެއް ނުޖެހުނެވެ.
“ބަލައިގެން!” ނިހާ ގޮވާލިއެވެ.
އަނާޔާ ހަށިގަނޑު ހަމައަކަށް އަޅުވާލިއެވެ. ދެން އައީ ތިންވަނަ ބޯޅައެވެ. އޭނާ ބެޓު މަޅައިގަތުމާއެކު، ސީދާ ބޯޅައިގައި ޖެހުނެވެ. ބޯޅަ އުދުހިގެން ގޮސް ބައުންޑަރީއާ ދިމާއަށް ދިޔުމުން އެންމެން ހަޅޭއްލަވައިގަތެވެ. ނަމަވެސް ވިކެޓުތަކުގެ ދެމެދުގައި އޭނާ ދުއްވައިގަތް ވަގުތު، އުއްމީދު ނުކުރާ ފަދަ ކަމެއް ހިނގިއެވެ.
އޭނާގެ ދެއަތަށް ކުއްލި އިޙުސާސެއް ވިއެވެ. އެއީ މީހަކު އޭނާގެ ދެއަތުގައި މުލައްދަނޑީގައި ބާރަށް ހިފަހައްޓައިފިކަމުގެ އިޙުސާސެވެ. އަނާޔާ ހުއްޓުނެވެ. ސިކުންތެއްގެ ކުޑަ މިންވަރަކަށް ނަމަވެސް، އޭނާގެ ހަންގަނޑުގައި އިނގިލިތަކެއް ބާރުވަމުންދާކަން އޭނާއަށް އިޙުސާސްވިއެވެ. އެ ފިއްތާލުމަކީ ހީވި ހީވުމެއް ނޫނެވެ. އަދި ބެޓުގައި އާދައިގެ ގޮތަކަށް ހިފަހައްޓައިގެން ހުރުމުގެ އިޙުސާސެއްވެސް ނޫނެވެ. ކޮންމެވެސް މީހަކު ނުވަތަ ކޮންމެވެސް އެއްޗެއް އޭނާގެ ގައިގައި ހިފަހައްޓައިގެން އެބަހުއްޓެވެ.
އޭނާ ތިރިއަށް ބަލާލިއެވެ. އެތަނަކު އެއްވެސް މީހަކު ނެތެވެ. އޭނާގެ އިނގިލިތައް އަމިއްލައަށް ބާރުވިއެވެ. ފިނި އަސަރެއް އަތްތިލައިން ފެށިގެން އުޅަނބޮށްޓާ ހަމައަށް ދަތުރުކުރިއެވެ.
“އަނާޔާ! ދުވޭ!”
ނިހާގެ އަޑު އިވުމާއެކު އޭނާ ހޭވެރިކަން ވިއެވެ. އަނާޔާ އަނެއްކޮޅު ވިކެޓާ ދިމާއަށް ދުއްވައިގަތް ވަގުތު، ބޯޅަ ގޮސް ޝާރިޤްގެ އަތަށް އަރައިފިއެވެ. އޭނާ ވަގުތުން ވިކެޓާ ދިމާއަށް ބޯޅަ އެއްލިއެވެ.
އަނާޔާ އަނބުރާލަން އުޅުނު ނަމަވެސް، އޭނާގެ ސިކުނޑިއަށް ވިސްނުމުގެ ކުރިން އޭނާގެ ހަށިގަނޑު ހަރަކާތްކޮށްފިއެވެ. އޭނާގެ ދެއަތް ކުއްލިއަކަށް ހަރަކާތްކޮށްލިއެވެ. ބޯޅަ އޭގެ މިސްރާބު ބަދަލުކޮށްލިއެވެ. އެ ބޯޅަ ގޮސް ޖެހުނީ ވިކެޓާ އެތައް ފޫޓެއް ދުރުން ބިމުގައެވެ.
ވަގުތުކޮޅަކަށް މުޅި މާހައުލު ހިމޭންވިއެވެ. ދެން ލީޒާ ހަޅޭއްލަވައިގަތެވެ.
“އައުޓެއް ނުވޭ! ޝާރިޤަށް ވިކެޓް ވައްޓައެއް ނުލެވުނު!” އަންހެން ކުދިން އުފަލުން ފުންމައިގަތެވެ.
ޝާރިޤް ހުރީ ބޯޅައަށް ބަލަހައްޓައިގެން ހައިރާންވެފައެވެ. “އެއީ ކޮން ކަމެއް؟”
އަނާޔާ ގަދަކަމުން ހިނިތުންވެލިއެވެ. “ހުޝިޔާރުކަން.”
“ހުޝިޔާރުކަމޭ؟” ޝާރިޤް އަނެއްކާވެސް ބުންޏެވެ. “އެ ބޯޅަ އައީ ސީދާ ވިކެޓާ ދިމާއަށް!”
ޒިމާން ހީނގަތެވެ. “ފެންނަ ފެނުމަށް ބަލާއިރު ދޮންތަ އެއްރެއިން މިވަނީ ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ބަދަލުވެފަ.”
އެންމެން މަޖާކޮށް ވާހަކަ ދައްކަމުން ދިޔަ ނަމަވެސް، އަނާޔާ އެ އަޑުތަކަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާ ބަލަމުން ދިޔައީ އޭނާގެ ދެއަތަށެވެ. ކޮންމެވެސް ފަރާތަކުން އެ ދެއަތުގައި ހިފަހައްޓައިގެން ހުރިކަން އޭނާއަށް ޔަޤީންވެއެވެ. އޭނާއަށް އެހީތެރިވާކަށް ނޫނެވެ. މަގުދައްކާކަށްވެސް ނޫނެވެ. ހަމައެކަނި ހިފަހައްޓައިގެންނެވެ. ހީވަނީ އޭނާގެ ފަހަތުގައި ސީދާ މީހަކު ހުރެގެން ހިފެހެއްޓިހެންނެވެ.
މެޗު ނިމުމަށްފަހު، އަނާޔާ އެންމެންނާ ދުރަށް ގޮސް ގޮނޑުދޮށާ ދިމާއަށް ހިނގައިގަތެވެ. ކަނޑު އޮތީ މަޑުމައިތިރިކޮށެވެ. ކުދި ރާޅުތައް ފަޅުތެރެއިން އައިސް ހުދު ދޮންވެލިގަނޑަށް ބީއްސާލުމަށްފަހު ފޭދިގެން ދެއެވެ. އޭނާ ރުކެއްގެ ދަށުގައި އިށީނދެ، އޭނާގެ އަތުގެ ކުޑަހުޅަށް ބަލާލިއެވެ. އެއްވެސް ނިޝާނެއް ނެތެވެ. ޒަޚަމެއް ނުވަތަ ރަތްވެފައިވާ ތަނެއްވެސް ނެތެވެ. މީހަކު އޭނާގެ ގައިގައި ބީހުނުކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް އެ އިޙުސާސް އޭނާގެ ހިތަކުން އަދި ހަށިގަނޑަކުން ފިލައިގެނެއް ނުދެއެވެ.
އޭނާ ދެލޯ މަރާލިއެވެ. ވޭތުވެދިޔަ ރޭގެ ހަނދާންތައް ސާފުކަމާއެކު އޭނާގެ ސިކުނޑިއަށް ވެރިވިއެވެ. އެ ނިމުމެއް ނެތް މަގެވެ. އެ ބިޔަ ސޫރައެވެ. އަނދިރިގަނޑުގެ ތެރެއިން އެ ރުއްގަނޑުގެ ކައިރިފަށުން ވެއްޓިގެން ދިޔަ ބިރުވެރި ވަގުތެވެ. އަދި އެންމެ ފަހުން، އެ ކްރިސްޓަލް ލޮލުގެ ވެރި ބީރައްޓެހި ސޫރައެވެ.
“ތީ ކާކު؟” އޭނާ މަޑުމަޑުން ބުނެލިއެވެ.
ކުއްލިއަކަށް ރުއްތަކުގެ ފަންތައް ތެޅުވިގެން ދިޔައީ ޖެހިލި ބާރު ވައިރޯޅިއަކުންނެވެ. އަނާޔާ ލޯ ހުޅުވާލިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ގަސްތަކުގެ ކައިރީގައި މީހަކު ހުރިހެން އޭނާއަށް ހީވިއެވެ. ދިގު، ކަޅު ހިޔަންޏެކެވެ. އޭނާ ވަގުތުން ތެދުވިއެވެ.
“ކާކު؟” އެއްވެސް ޖަވާބެއް ނައެވެ. އޭނާ ގަސްތަކާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އެ ސޫރަ ވަނީ ގެއްލިފައެވެ.
އެރޭ، އެންމެން އެއްވީ ކާ މޭޒު ކައިރިއަށެވެ. ޗުއްޓީ ހޭދަކުރާ ގޭގެ ތެރޭގައި ހުރީ ތާޒާކޮށް ތައްޔާރުކޮށްފައިވާ ގަރުދިޔައާއި، ބަތާއި، ތެލުލި މަހުގެ މީރުވަހެވެ. އެންމެންގެ މެދުގައި މަޖާ ވާހަކަތައް ދެކެވެމުން ދިޔައިރުވެސް، އަނާޔާ އިނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ.
ޒިމާނަށް އެކަން ފާހަގަކުރެވުނެވެ. “ދޮންތަ ހާދަ މަދުން ތި ކަނީ.”
“އަހަރެން މާ ބޮޑަކަށް ބަނޑުހައެއް ނުވޭ.”
“ކޮންމެވެސް އެއްޗެއް ކާންވާނެ. މުޅި ދުވަހު ތިހުރީ ވަރުބަލިވެފަ.”
“އަހަރެން ރަނގަޅޭ، ޒިމާން.”
ޒިމާން ގޮނޑީގައި ލެނގިލިއެވެ. “ދޮންތަ އަބަދުވެސް ބުނަނީ ތިހެން.”
އަނާޔާ އޭނާއަށް ބަލާލިއެވެ. “އަހަރެން ކީކޭ ބުނަންވީ؟”
“ދޮންތައަށް އުނދަގޫކުރާ ކޮންމެ ކަމެއްގެ ވާހަކަ.”
އަނާޔާ އިސްދަށަށް ޖަހާލިއެވެ. ވަގުތުކޮޅަކަށް ނަމަވެސް، ހުރިހާ ވާހަކައެއް އޭނާއަށް ކިޔައިދޭން ހިތަށް އެރިއެވެ. ފަހަރެއްގައި ޒިމާން ޤަބޫލުކޮށްފާނެއެވެ. ހިނގައިދިޔަ ކަންތައްތައް ދެނެގަތުމަށް އޭނާ އެހީތެރިވެދީފާނެއެވެ. އެހެންނަމަވެސް، އެ ބީރައްޓެހި މީހާއާ ބެހޭގޮތުން އެހުމުން ހެނދުނު އެންމެން ބަލައިލި ގޮތް އޭނާގެ ހަނދާނަށް އައެވެ. އެމީހުން ހީކުރާނީ މިއީ ހުވަފެނަކުން ބިރުގެންފައި ހުރި ހުރުމެއް ކަމަށެވެ.
“އަހަންނަށް ބޭނުންވަނީ ހަމައެކަނި ނިދި.” އޭނާ ބުންޏެވެ.
ޒިމާން ބޯޖަހާލި ނަމަވެސް، އޭނާ އެކަން މުޅިން ޤަބޫލުކުރިހެނެއް ހިއެއް ނުވެއެވެ.
ފަހުން، އެންމެން އެމީހުންގެ ކޮޓަރިތަކަށް ދިޔުމުން، އަނާޔާ ފާޚާނާގެ ލޯގަނޑު ކުރިމަތީގައި އެކަނިމާއެކަނި ހުއްޓިލިއެވެ. އޭނާ މޫނުގައި ފިނި ފެން ފޮދެއް އުނގުޅާލިއެވެ. އިސްއުފުލާލި ވަގުތު، އޭނާގެ ސަމާލުކަން ކަމަކަށް ހުއްޓުނެވެ. ލޯގަނޑުން ފެންނަ އޭނާގެ ސޫރަ ފެންނަނީ މުޅިން އާދައިގެ ގޮތަކަށެވެ. ދެން، ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އެ ސޫރައިގެ ދެލޯ ބަދަލުވިހެން ހީވިއެވެ. އެ ދެލޮލުގެ ތެރެއިން ފަނޑު ނޫކުލައިގެ އައްޔެއް ފިޔަޖަހާލިއެވެ.
އަނާޔާ ގަނޑުވިއެވެ. އޭނާ ކައިރިއަށް ޖެހިލިއެވެ. އެ އަލިކަން ގެއްލުނެވެ. އޭނާ އަމިއްލަ ސޫރައަށް އެތައް ސިކުންތެއް ވަންދެން ބަލަން ހުރުމަށްފަހު، މަޑުމަޑުން އަތް ނަގައި ލޯގަނޑުގައި ޖައްސާލިއެވެ. ލޯގަނޑުން ފެންނަ ސޫރަވެސް ހަމަ އެގޮތަށް ހެދިއެވެ. އޭނާ ބިއްލޫރިގަނޑުގައި އަތްލިއެވެ. ފިންޏެވެ. އާދައިގެ ގޮތެކެވެ. އެއްވެސް ކަމެއް ނުވިއެވެ.
“އަހަރެން މޮޔަވަނީ.” އޭނާ މަޑުމަޑުން ބުންޏެވެ.
އޭނާ ފާޚާނާގެ ބޮކި ނިއްވާލުމަށްފަހު ކޮޓަރިއަށް ދިޔައެވެ. އަނދިރި ކޮޓަރީގެ ކުޑަދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ފަރުދާތައް ވައިރޯޅިއާއެކު މަޑުމަޑުން ހެލެމުން ދިޔައެވެ. އަނާޔާ އެނދަށް އަރައި، ކުއިލްޓް ދަމާލިއެވެ. އޭނާ ލޯ މަރާލިއެވެ.
ނަމަވެސް ގޭގެ ބޭރުގައި، ރުއްތަކުގެ އަނެއްފަރާތުގައި، ހަނދުވަރުގެ އަލީގައި މީހަކު ހުއްޓިގެން ހުއްޓެވެ. އޭގެ ގަދަ ނޫކުލައިގެ އިސްތަށިގަނޑު ވައިގެ ތެރޭގައި ވިހުރެމުން ދިޔައެވެ. އޭގެ މޫނުމަތިން އެއްވެސް ޝުޢޫރެއް ނުފެނެއެވެ. މަޑުމަޑުން، އޭގެ ދެލޯ ހުޅުވާލިއެވެ. ކްރިސްޓަލް ފަދަ އަލިގަދަ ދެ ދަންމަރު ފަދައިން، އެ ދެލޮލުން އަނދިރިގަނޑު އަލިކޮށްލިއެވެ. އެ ސޫރަ އަނާޔާގެ ކޮޓަރީގެ ކުޑަދޮރާ ދިމާއަށް ބަލާލިއެވެ. ދެން އޭގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
“އަދިއެއް ނޫން.” އެ ސޫރަ މަޑުމަޑުން ބުނެލިއެވެ.
އަދި ގޭގެ އެތެރޭގައި، އަނާޔާގެ އިނގިލިތައް އެނދުގެ ބެޑްޝީޓުގައި ބާރަށް ހިފަހައްޓާލިއެވެ. އޭނާއަށް އަނެއްކާވެސް ހުވަފެން ފެންނަން ފެށިއެވެ. ނަމަވެސް މިފަހަރު އެ ހުވަފެނަކީ އެ ބީރައްޓެހި ސޫރައާ ބެހޭ ހުވަފެނެއް ނޫނެވެ. އެއީ ސަލާމަތަށް އެދި ހަޅޭއްލަވަމުންދިޔަ އަންހެނެއްގެ ހުވަފެނެކެވެ. އަދި އޭނާގެ ނަމުން ގޮވަމުންދިޔަ ބިރުވެރި އަޑެކެވެ.
“އަނާޔާ.”
(ނުނިމޭ)
