މިމަހުގެ 5 އިން 17 އަށް ބަނގްލަދޭޝްގައި ބޭއްވި ޓެކްނޯ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގެ ޗެންޕިއަންކަން 10 ވަނަ ފަހަރަށް ހޯދައިފި އެވެ. ޖެހިޖެހިން 3 ވަނަ ފަހަރަށް އިންޑިއާއިން ސާފްގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު ފައިނަލް މެޗުގައި ޕާކިސްތާނުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ޕާކިސްތާނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި ހާފުގައި ފެނުނު ހަމައެކަނި ލަނޑު ޕާކިސްތާނުން ކާމިޔާބުކުރީ ހާފުގެ އިތުރު ވަގުތުގަ އެވެ. ޕާކިސްތާނަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލްމްގީރު ގާޒީ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭރިޔާތެރެއަށް ޖައްސާލި ބޯޅައެއް ހޯދައި، ކީޕަރުގެ ބޯމަތިން ގޯލުގެ ދުރުކަނަށް ވައްދާލައިގެން ނެވެ.
ސާފްގެ ފުޓްބޯޅައިގެ ރަސްކަން ކުރަމުންދާ އިންޑިއާއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ރޭވުންތެރިކަމަށް ބަދަލު ގެނެސް ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވި ގޮސްފައިވެ އެވެ.
ފަހަތުން އަރައި އެއްވަރުކޮށް އިންޑިއާއިން މޮޅުވި މި މެޗުގައި އިންޑިއާއިން ޖެހި ފުރަތަމަ ލަނޑު ޖެހީ 60 ވަނަ މިނިޓްގައި ސުހައިލް އަހްމަދު ބަޓް އެވެ. އޭނާ މި ލަނޑު ޖެހީ ޕާކިސްތާން ހާފުގެ ތެރެއިން ޕާކިސްތާނު ކުޅުންތެރިއަކު ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ލިބުނު ފްރީކިކް އޭރިޔާތެރެއަށް ފޮނުވާލި ވަގުތު ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ފައުލާއި ގުޅިގެން ޕާކިސްތާން ކުޅުންތެރިޔާއަށް ރަތް ކާޑެއް ދައްކާފައިވެ އެވެ.
ފަހު ހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނު އިންޑިއާއިން ލީޑު ނެގީ މެޗުގެ ފަހު ވަގުތުގައި ލިބުނު ކޯނަރަކުން ނެވެ. ޕާކިސްތާންގެ ގޯލު ކުރިމައްޗަށް އަބްދުލް ރަބީހް ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި އިންޑިއާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސަންދީޕް މަންޑީ އެވެ.
މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ އަދި ރަނަރަޕްކަން ޕާކިސްތާން ހޯދި މި މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ދިވެހިރާއްޖެ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އިންޑިއާ ޓީމުގެ ސުހައިލް އަހްމަދު ބަޓް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ އިންޑިއާގެ ކީޕަރު އަރަސް އަންވަރު ޝެއިޚް އެވެ.
