އެދުވަސް ނިމުމުގެ ކުރިން، ނިހާ މަރާލި ޚަބަރު މުޅި މާލެތެރެއަށް ފެތުރިގެން ދިޔައެވެ. ޝާހިދާއި ނިހާ ދަންނަ މީހުންނަށް، އެހާ ކުއްލި ގޮތަކަށް ދެ ޒުވާނުންގެ ފުރާނަ ގެއްލިގެން ދިޔަ ސަބަބު ވިސްނައިގަންނަން އުނދަގޫވިއެވެ. ދެ އާއިލާ ވަނީ ކެތްނުކުރެވޭފަދަ ފުން ހިތާމައެއްގެ ތެރޭގައެވެ. ޤާތިލު ހޯދުމަށް ފުލުހުންނަށް ކުރިމަތިވެފައިވާ ޕްރެޝަރު ދިޔައީ ވަގުތަކަށްވުރެ ވަގުތެއް އިތުރުވަމުންނެވެ. ނަމަވެސް، ފުލުހުންގެ ތަހުޤީޤު ކޮޓަރީގައި އިން އިންސްޕެކްޓަރ ބަދުރު އިޤްބާލްގެ ވިސްނުން ހުއްޓެމުން ދިޔައީ އެންމެ މީހަކަށެވެ. އަނާޔާ ހަމީދަށެވެ.
ބަދުރު އޭނާގެ މޭޒު ދޮށުގައި އިނދެ، ދެ ހާދިސާ ހިނގި ތަނުން ނަގާފައިވާ ފޮޓޯތައް ބަލަމުން ދިޔައެވެ. ޝާހިދު ފެނުނީ ޗުއްޓީ ހޭދަކުރި ގޭގެ ރުކެއްގެ ބުޑުންނެވެ. ނިހާ ފެނުނީ އޭނާގެ އެނދު ކައިރިންނެވެ. ހާލަތު ތަފާތު ނަމަވެސް، ދޫކޮށްފައި ހުރި ސިއްރު ލިޔުންތަކުން އެ ދެ މަރުގެ ގުޅުމެއް ވާކަން ދޭހަވެއެވެ. ފުރަތަމަ އަކުރަކީ “އޭ” އެކެވެ. ދެވަނަ މެސެޖު މާ ބިރުވެރިއެވެ. އެއީ އަނާޔާގެ ނަމެވެ.
ބަދުރު ގޮނޑީގެ ފަހަތަށް ލެނގިލިއެވެ. “ސަލީމް!”
އޮފިސަރު ކޮޓަރިއަށް ވަނެވެ. “ލައްބަ، ސަރ؟”
“އަނާޔާ ހަމީދާ ބެހޭގޮތުން އަހަރެމެން އަތުގައި ހުރި ހުރިހާ އެއްޗެއް ގެނެސްދީ.”
“ހުރިހާ އެއްޗެއްތޯ؟”
“އޭނާ ދީފައިވާ ބަޔާންތަކާއި، އޭނާ ދަތުރުފަތުރުކޮށް އުޅުނު ގޮތާއި، ޝާހިދާއި ނިހާއާ އޮތް ގުޅުން. އަހަރެން ބޭނުމީ މުޅި މަންޒަރު ފުރިހަމައަށް ބަލަން.”
ސަލީމް ބޯޖަހައިލުމަށްފަހު ނުކުތެވެ. ބަދުރު އަނެއްކާވެސް ފޮޓޯތަކަށް ބަލައިލިއެވެ. ލެއިން ލިޔެފައިވާ ނަމަކީ ޤަތުލުކުރިކަމުގެ ފުރިހަމަ ހެއްކަކަށް ނުވެދާނެއެވެ. ނަމަވެސް އެއީ ދޫކޮށްލެވޭނެ ފަދަ އިޝާރާތެއް ނޫނެވެ.
*****
އަނާޔާ އޭނާގެ ކޮޓަރީގައި އިންދާ ޒިމާން އައެވެ. “އެތެރެއަށް ވަދެވިދާނެތަ؟”
އަނާޔާ އިސްއުފުލައި ބަލައިލިއެވެ. “އާނ، ވަދޭ.”
ޒިމާން އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ. “ފޯނަކަށް ޖަވާބެއް ނުދެމެއްނު.”
“ސޮރީ. ވާހަކަދައްކާހިތް ނުވީ.”
“އެންމެންވެސް ތިކަމާ ވަރަށް ކަންބޮޑުވޭ.”
އަނާޔާ ވަރުބަލި ހިނިތުންވުމެއް ދައްކައިލިއެވެ. “އަހަރެން ރަނގަޅު.”
ޒިމާން ފުންކޮށް އޭނާއަށް ބަލައިލިއެވެ. “ޔަޤީންތަ؟”
އަނާޔާ ބޯޖަހައިލިއެވެ. ޒިމާން އޭނާގެ ކުރިމަތީގައި އިށީނެވެ.
“ފުލުހުން ދަނީ އިތުރު ސުވާލުތައް ކުރަމުން. އެމީހުންގެ ވިސްނުން ހުރީ ހަމައެކަނި ދޮންތަޔާ ދިމާއަށްހެން ހީވަނީ.”
އަނާޔާގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. “ކީއްވެ؟”
“ނޭނގެ. ފަހަރެއްގައި އެރޭ އެންމެ ފުރަތަމަ ހަޅޭއްލަވައިގަތީ ދޮންތަ ކަމަށް ވާތީ ކަމަށް ވެދާނެ.”
“އެކަމަކު އޭގެ މާނައަކީ ޝާހިދުގެ މަރަކީ އަހަރެންގެ ޒިންމާއެކޭ ނޫނެއްނު.”
“އަހަންނަށް އެނގޭ.” ޒިމާން ބުންޏެވެ.
ވަގުތުކޮޅަކަށް ހަމަހިމޭންކަން ވެރިވިއެވެ.
“ހަމަ އަސްލުވެސް އެނގޭތަ؟” އަނާޔާ މަޑުމަޑުން އަހައިލިއެވެ.
ޒިމާން ހައިރާންވެފައި ބަލައިލިއެވެ. “އާނ، ޔަޤީނެއްނު.”
އަނާޔާ އިސްދަށަށް ޖެހިއެވެ. އޭނާ ބޭނުންވީ ޒިމާންގެ ބަސް ޤަބޫލުކުރާށެވެ. އެހެންނަމަވެސް، ހިތުތެރޭގައި ބޮޑުވަމުން އަންނަ ބިރުވެރިކަން ދުރެއް ނުކުރެވުނެވެ. ފުލުހުންނަށް ލޯގަނޑުގެ ހަޤީޤަތް އެނގިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އެ ބިރުވެރި މަޚްލޫޤާއި އޭނާއާ ދެމެދު އޮތް ގުޅުން ފެނިއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ އޭނާގެ ހަނދާނުގައި ނެތް ގޮތަކަށް، މި މަރުތަކާ އޭނާ އަމިއްލައަށް ގުޅިފައިވަނީ ހެއްޔެވެ؟
ޒިމާން އަނާޔާގެ އަތުގައި ހިފާލިއެވެ. “އަހަރެން މިދައްކާ ވާހަކަ އަޑުއަހާ. ދޮންތަ ތިހުރީ އެކަންޏެއް ނޫން.”
އަނާޔާ ބޯޖަހައިލި ނަމަވެސް، އޭނާގެ އިނގިލިތައް ހުރީ ގަނޑުފެންކޮޅެއް ފަދައިން ފިނިވެފައެވެ.
*****
އަނެއް ދުވަހުގެ ހެނދުނު، ބަދުރަށް އޭނާ އެދުނު ރިޕޯޓްތައް ލިބުނެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު އެ ކިޔަމުން ގޮސް، ބައެއް ކަންކަމަށް ހުއްޓުނެވެ. އަނާޔާ ހުރީ އެ ޗުއްޓީ ހޭދަކުރި ގޭގައެވެ. ބޭރުގައި ކަމެއް ހިނގައިގެން އުޅޭކަން އެންމެންނަށް އެނގުނީ އޭނާގެ ހަޅޭކުގެ އަޑަށެވެ. ޝާހިދުގެ ހަށިގަނޑު ފެނުމުގެ ކުރިންވެސް އޭނާއަށް އާދަޔާ ޚިލާފު ބިރުވެރިކަމެއް އިޙުސާސް ކުރެވުނެވެ. އަދި އެރޭގެ ކަންކަމާ ގުޅޭގޮތުން އޭނާ ދިން ބަޔާންތައް ފުރިހަމައެއް ނޫނެވެ. އަދި އެއަށްފަހު، ލެއިން ލިޔެފައިވާ އެ މެސެޖެވެ.
ބަދުރު ކަރުދާސްތައް މޭޒުމަތީގައި ބެހެއްޓިއެވެ. “އޭނާ މިތަނަށް ގެނޭ.”
*****
އަނާޔާ ޕޮލިސް ސްޓޭޝަނަށް އައިއިރު، ބަދުރު އިނީ އިންތިޒާރުގައެވެ. “އިށީނދޭ.”
އަނާޔާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. “އަހަންނަށް އަނެއްކާވެސް ތި ގެނައީ ކީއްވެ، އިންސްޕެކްޓަރ؟”
“އިތުރު ސުވާލުތަކެއް ކޮށްލަން.”
“ޝާހިދާ ބެހޭގޮތުންތަ؟”
“ޝާހިދާއި، އޭނާގެ މަރާ ގުޅިފައިވާ ކަންކަމާ ބެހޭގޮތުން.”
އަނާޔާ ބޯޖަހައިލިއެވެ. ބަދުރު ފައިލެއް ހުޅުވައިލިއެވެ.
“އަނާޔާއަށް ޝާހިދު ރަނގަޅަށް އެނގޭތަ؟”
“އަހަރެމެންނަކީ ރައްޓެހިން.”
“ވަރަށް ގާތްތަ؟”
“އެހާ ގާތެއް ނޫން.”
“އޭނާއާ އެއްވެސް މައްސަލައެއް ޖެހުނުތަ؟”
“ނޫން.”
“އޭނާ ދުވަހަކުވެސް ބިރުދެއްކިތަ؟”
“ނޫން.”
ބަދުރު މަޑުޖެހިލިއެވެ. “އެހެންވިއްޔާ، މި މަރުތަކާ ގުޅިގެން އަނާޔާގެ ނަން ފެންމަތިވާންވީ ކީއްވެ ކަމަށް ޤަބޫލުކުރެވެނީ؟”
އަނާޔާ އޭނާއަށް ބަލަހައްޓައިގެން އިނެވެ. “އަހަރެންގެ ނަން؟”
ބަދުރު މޭޒުމަތީގައި ފޮޓޯއެއް ބޭއްވިއެވެ. އަނާޔާއަށް ވަގުތުން އެއީ ކޮން އެއްޗެއްކަން އެނގުނެވެ. އެ ލިޔުންތަކެވެ. އެ ރަތް އަކުރުތަކެވެ. އޭނާގެ އަމިއްލަ ނަމެވެ. އޭނާގެ ކަރުބުޑު ބެދޭގޮތްވިއެވެ.
“ތީ ކޮންތާކުން ހޯދި އެއްޗެއް؟”
“އެއީ މިވަގުތު މުހިންމު ކަމެއް ނޫން.”
“އެ ލިޔުނީ ކާކު؟”
“އަހަރެންވެސް ބަލަން ބޭނުންވަނީ އެކަން.”
އަނާޔާ އަނެއްކާވެސް ފޮޓޯއަށް ބަލައިލިއެވެ. ލޯގަނޑުގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ވެރިވީ އިންތިހާ ބިރުވެރިކަމާއެކުގައެވެ. ފާޚާނާގެ ފިނި ތަޅުންގަނޑުގެ އިޙުސާސް އަދިވެސް އޭނާގެ ފައިތިލައަށް ވާ ކަހަލައެވެ. ކޮޓަރީގެ ލޯގަނޑުގައިވި ލިޔުން ސިފަވާ ކަހަލައެވެ.
“އަހަރެން ތިޔެއް ނުލިޔަން.”
“ޔަޤީންތަ؟”
“އާނ!”
“އެހެންވިއްޔާ، ލެއިން ކަލޭގެ ނަން ލިޔެވިފައި އޮތް ގޮތް ކިޔައިދީބަލަ.”
“އަހަންނަކަށް ނޭނގެ.”
ބަދުރު ވަރަށް ފުންކޮށް އޭނާއަށް ބަލަން އިނެވެ. “ނޭނގެނީތަ؟ ނޫނީ ބުނަން ބޭނުން ނުވަނީތަ؟”
“އަހަންނަކަށް ހަމަ ނޭނގެ!” އޭނާގެ އަޑު ތުރުތުރުއަޅައިގަތެވެ.
ވަގުތުކޮޅަކަށް ބަދުރު އެއްޗެއް ނުބުނެ އިނެވެ. ދެން އޭނާ ކުރިއަށް ޖެހިލިއެވެ.
“އަނާޔާ، ދެ މީހަކު މަރުވެއްޖެ. އެމީހުންގެ އާއިލާތަކަށް ޖަވާބު ލިބެން ޖެހޭނެ. ކަމެއް އެނގޭނަމަ، މިހާރު މިއީ އެ ވާހަކަ ބުނަންވީ ވަގުތު.”
“އެމީހުންގެ މަރާ ބެހޭ އެއްވެސް ކަމެއް އަހަންނަކަށް ނޭނގެ.”
“އެހެންވިއްޔާ ހުރިހާ ހެއްކެއް އަނާޔާއާ ދިމާއަށް އިޝާރާތްކުރާ ސަބަބު އަހަންނަށް ވިސްނައިދީބަލަ.”
އަނާޔާ ދެފަރާތަށް ބޯހޫރައިލިއެވެ. “އަހަރެން އެއްވެސް މީހަކު ނުމަރަން.”
ބަދުރު ފައިލް ލައްޕައިލިއެވެ. “އަހަރެމެން ކަށަވަރުކުރަން މިއުޅެނީ އެކަން.”
ފަހުން، އޮފިސަރުން އެމީހުންގެ މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތު، އަނާޔާއަށް އިންޓަވިއު ރޫމުން ބޭރަށް ނުކުތުމުގެ ހުއްދަ ލިބުނެވެ. އޭނާ ކޮރިޑޯގެ ކުޑަދޮރު ކައިރީގައި ހުރެ ބޭރަށް ބަލަން ފެށިއެވެ. ހަވީރުގެ ފަނޑު އަލިކަން ސްޓޭޝަނުގެ ގޯތިތެރެއަށް އެޅިފައި އޮތެވެ. މީހުން ފައިލްތައް ހިފައިގެން މަޑުމަޑުން ވާހަކަދައްކަމުން އިމާރާތުގެ އެތެރެއަށާއި ބޭރަށް ހިނގަމުން ދިޔައެވެ.
އޭނާއަށް އިޙުސާސްކުރެވުނީ އެ ހުރިހާ ކަމަކާ މުޅިން ވަކިވެފައިވާ ފަދަ ގޮތެކެވެ. އޭނާގެ އަމިއްލަ ދިރިއުޅުން ރޫޅި، ސުންނާފަތިވަމުން ދިޔައިރުވެސް، ދުނިޔެ އޭގެ އާދައިގެ މަތިން ދައުރުވަމުން ދަނީއެވެ.
ބަދުރު ކައިރިއަށް އައެވެ. “އަނާޔާ.”
އަނާޔާ އެނބުރި ބަލައިލިއެވެ. “އަހަރެން މިހުރީ.”
“އަހަންނާއެކު ހިނގާ.”
“ކޮންތާކަށް؟”
“އަނެއްކާވެސް އެތެރެއަށް. މަޝްވަރާކޮށްލަން ޖެހޭ ބައެއް ކަންކަން އެބަހުރި.”
އަނާޔާ އޭނާގެ ފަހަތުން ދިޔައެވެ. ކޮޓަރިއަށް ވަދެވުނުއިރު، ލީޒާ އިނީ އެތެރޭގައެވެ.
އަނާޔާ ހުއްޓުނެވެ. “ލީޒާ؟”
ލީޒާ އޭނާއަށް ބަލައިލި ނަމަވެސް، ހިނިތުންވުމެއް ނުދެއްކިއެވެ.
“މިތާ ކީއްކުރަނީ؟” އަނާޔާ އެހިއެވެ.
ބަދުރު އޭނާގެ ގޮނޑީގައި އިށީނެވެ. “ތަހުޤީޤަށް މުހިންމު މަޢުލޫމާތުތަކެއް ލީޒާ ވަނީ ހިއްސާކޮށްފައި.”
އަނާޔާ ލީޒާއަށާއި އިންސްޕެކްޓަރަށް ބަލައިލިއެވެ. “ކޮން މަޢުލޫމާތެއް؟”
“އަހަރެމެން މި މަޝްވަރާކުރަނީ އެކަމާ.”
ލީޒާ ހަމަހިމޭނުން އިނެވެ. އަނާޔާއަށް ކުއްލި ފިނިކަމެއް އިޙުސާސް ކުރެވުނެވެ.
“ލީޒާ، މީ ކޮން ކަމެއް؟”
އޭނާގެ އެކުވެރިޔާ އިސްދަށަށް ޖެހިއެވެ. ބަދުރު އަނެއްކާވެސް ފައިލް ހުޅުވައިލިއެވެ.
“އަނާޔާ، ޝާހިދު އަދީލްގެ މަރުގައި ކަލޭގެ ބައިވެރިވުމެއް ވާކަމާމެދު ވަރަށް ސީރިއަސް ސުވާލުތަކެއް އެބަހުރި.”
“އަނެއްކާވެސްތަ؟ އަހަރެން އޭނާ ނުމަރާ ވާހަކަ ބުނެފީމެއްނު.”
“ކަލޭ ދިން ބަޔާންތަކަކުން މުޅިން ސާފެއް ނުވޭ.”
“ދެން އަހަރެން ކީއްކުރަންވީ؟ އަހަރެން ނުކުރާ ކަމަކަށް އިޢުތިރާފުވާންވީތަ؟”
ބަދުރުގެ މޫނުމަތީގެ ސީރިއަސްކަން ބަދަލެއް ނުވިއެވެ. “އަހަރެން ބޭނުމީ ހަޤީޤަތް.”
“އެހެންވިއްޔާ އެ ހަޤީޤަތް ހޯދާބަލަ!”
އެ ބަސްތައް ކޮޓަރީގެ އެތެރޭގައި ގުގުމައިގެން ދިޔައެވެ. ބަދުރު ދޮރު ކައިރީގައި ހުރި ސަލީމާ ދިމާއަށް ބަލައިލިއެވެ.
“އޮފިސަރު.”
ސަލީމް ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އަނާޔާ ވާނުވާ ނޭނގިފައި ބަލައިލިއެވެ. “ކިހިނެއް މިވަނީ؟”
ބަދުރު ކޮޅަށް ތެދުވިއެވެ. “އަނާޔާ ހަމީދު. ޝާހިދު އަދީލް މަރާލިކަމުގެ ތުހުމަތުގައި ކަލޭ މިހާރު މިވަނީ ހައްޔަރުކުރެވިފައި.”
ވަގުތުކޮޅަކަށް އެ ޖުމްލައިގެ މާނަ ވިސްނައިގަންނަން އޭނާއަށް އުނދަގޫވިއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ބަސްތަކުގެ އަސަރު އޭނާގެ ހިތަށް ސިހުން ގެނުވިއެވެ. “ނޫން..”
ސަލީމް ބިޑި ހިފައިގެން ކައިރިއަށް އައެވެ.
“އާދޭސްކޮށްފައި ބުނަން، ތިހެން ނަހަދާ.” އަނާޔާ ސިއްރުސިއްރުން ބުނެލިއެވެ.
އަނާޔާ ބަދުރާ ދިމާއަށް ބަލައިލިއެވެ. “އަހަރެން އެކަން ނުކުރާކަން އިންސްޕެކްޓަރަށް އެނގޭނެ.”
އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ.
“އިންސްޕެކްޓަރ، އަހަންނާ ދިމާއަށް ބަލާބަލަ! އަހަރެން ޝާހިދެއް ނުމަރަން!”
ސަލީމް މަޑުމަޑުން އޭނާގެ އަތުގައި ހިފިއެވެ. ދަގަނޑު ބިޑި އޭނާގެ އަތުގައި އެޅުވުނެވެ. އަނާޔާ ބިޑިއަށް ބަލަހައްޓައިގެން ހުއްޓެވެ. ކްރިކެޓް މެޗު ތެރޭގައި އޭނާގެ އަތުގައި މީހަކު ހިފެހެއްޓިކަމުގެ އިޙުސާސް އަނެއްކާވެސް ހަނދާނަށް އައެވެ. އޭނާގެ އަތްތިލައިގައި އެޅުނު އާދަޔާ ޚިލާފު ބާރާއި، ވިދާ ދެލޮލުގެ ވެރި ބިރުވެރި ސޫރަ މަތިން ހަނދާންވިއެވެ. މިހާރު އެ ހިފެހެއްޓުން ހަޤީޤަތަކަށް ވެއްޖެއެވެ. އަދި އޭނާ އެވަނީ ބަންދުވެ، ގައިދީއަކަށް ވެފައެވެ.
“އާދޭސްކޮށްފައި ބުނަން، މިއީ ކޮންމެވެސް އޮޅުމެއް.” އޭނާގެ އަޑު ކެނޑެމުން ދިޔައެވެ.
ބަދުރު އޭނާއަށް ބަލައިލިއެވެ. “އެހެންވިއްޔާ އަހަރެމެން އެކަން އޮޅުންފިލުވާނަން.”
ނަމަވެސް އެ ބަސްތަކުން ލިބުނު އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ.
*****
އެރޭ، އަނާޔާ އޮތީ ގޮޅީގެ ހަނި އެނދުގައެވެ. ކޮޓަރިން ދުވަނީ ޑިސްއިންފެކްޓަންޓާއި ބާ ސިމެންތީގެ ވަހެވެ. ދޮރުގެ މަތީގައި ހުރި ފަނޑު ބޮކީގެ އަލިން ތަޅުންގަނޑުމައްޗަށް ދިގު ހިޔަނިތައް އެޅިފައި އޮތެވެ. އޭނާ ކާޕެޓް ރަޖާގަނޑު ގަޔާ ދިމާއަށް ދަމައިލިއެވެ.
އޭނާ މިތަނަށް ގެނެސްދިން ހުރިހާ އަޖައިބު ކަންތައްތަކެއްގެ މަތިން އަނެއްކާވެސް ހަނދާންވާން ފެށިއެވެ. ފަޅު މަގާއި، އަޑިގަނޑާއި، އެ ބިރުވެރި މަޚްލޫޤެވެ. ކްރިކެޓް މެޗާއި، ނުފެންނަ އަތްތަކެވެ. ޝާހިދުގެ ހަށިގަނޑާއި، ލޯގަނޑުގައި ހުރި ލެއެވެ. ނިހާގެ މަރާއި، އަދި މިހާރު މި އަތުގައި އެޅުވިފައިވާ ބިޑިއެވެ.
އޭނާ ދެއަތުން މޫނު ފޮރުވައިލިއެވެ. އަހަރެން މޮޔަވަނީ ހެއްޔެވެ؟
ގޮޅީގެ އެންމެ އެތެރޭ ކަނުން މަޑު އަޑެއް އިވުނެވެ. އަނާޔާ ދެއަތް ތިރިކޮށްލިއެވެ. ދަގަނޑު ދޮރުގެ ބޭރުގައި މީހަކު ހުއްޓިގެން ހުއްޓެވެ. ފަނޑު، އަޅި މޫނެކެވެ. ގަދަ ނޫކުލައިގެ އިސްތަށިގަނޑެކެވެ. އަދި ކްރިސްޓަލް ފަދައިން ވިދަވިދާ ހުރި ދެ ލޮލެވެ.
އަނާޔާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. “ކަލޭ..”
އެ ސޫރައަކަށް އެއްވެސް ހަރަކާތެއް ނާދެއެވެ.
“ކަލޭ އަހަންނަށް މިހެން ތި ހަދަނީ ކީއްވެ؟”
ހަމަހިމޭންކަމެވެ. “އެމީހުން މަރާލީ ކަލޭތަ؟”
އެ ކްރިސްޓަލް ދެލޮލުގެ ވިދުން ގަދަވެގެން ދިޔައެވެ. ދެން އޭނާގެ ކަންފަތަށް އަޑެއް އިވުނެވެ. “އަހަންނަށް ކަލެޔަށް އެހީތެރިވެވިދާނެ.”
އަނާޔާ ހައިރާންކަމާއެކު އެ ސޫރައަށް ބަލަހައްޓައިގެން ހުއްޓެވެ. “އެހީތެރިވެވިދާނެޔޭ؟”
“އާނ.”
“ކިހިނެއް؟”
އެ ސޫރަ އޭގެ ބޯ ތިރިކޮށްލިއެވެ. “އަހަންނަށް އިތުބާރުކުރޭ.”
އަނާޔާ ދަގަނޑު ތޭރިތަކާ ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. “ކަލެޔަކީ ކާކު؟”
ނަމަވެސް އެ ސޫރަ އޭރު އަނދިރީގެ ތެރެއަށް ގެއްލެން ފަށައިފިއެވެ. ބާކީ ހުރީ ހަމައެކަނި ފަނޑު ނޫ އަލިކޮޅެކެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ އަލިކޮޅުވެސް ގެއްލިގެން ހިނގައްޖެއެވެ.
އަނާޔާ ހަރަކާތެއް ނެތި ހުއްޓިގެން ހުރީ، މިއީ ހަމަ އޭނާއަށް ހީވި ހީވުމެއްތޯ ނުވަތަ ހަޤީޤަތެއްތޯ ޔަޤީން ނުވެފައެވެ. ނަމަވެސް، ފުރަތަމަ ފަހަރަށް އޭނާއަށް އިޙުސާސް ކުރެވުނީ އެ ނުރައްކާތެރި ބާރު ހަމައެކަނި އޭނާ ބިރުގަންނަވަން އުޅެނީ ނޫންކަމެވެ. އެއީ މި ދަތި ހާލަތުން ސަލާމަތްވާނެ މަގެއް ދައްކަން އުޅޭ ފަރާތެއް ކަމެވެ.
އަދި ޖަލުގެ ފާރުތަކުން ބޭރުގައި، އިންސްޕެކްޓަރ ބަދުރު އިޤްބާލަށްވެސް ވިސްނެން ފަށައިފިއެވެ. އަނާޔާގެ މައްޗަށް ކުރެވިފައިވާ މި ތުހުމަތަކީ، އޭނާއަށް ކުރިން ހީކުރެވުނު ވަރަށްވުރެ މާ ބޮޑަށް އޮޅުންބޮޅުން ބޮޑު، އަދި ސިއްރުތަކުން ފުރިގެންވާ މައްސަލައެއް ކަމެވެ.
(ނުނިމޭ)
