އެ ދުވަހުގެ ހެނދުނު ފެށިގެން އައީ އާދަޔާ ޚިލާފު ކުއްލި އަވަސް އަރުވާލުމަކާ އެކުގައެވެ. އަނާޔާއަށް ހެނދުނުގެ ނާސްތާ ކިރިޔާ ނިންމައިލެވުނުތަނާހެން، ބޭރުގައި ކާރެއް މަޑުކޮށްލި އަޑު އިވުނެވެ. ކުޑަދޮރުން ބޭރު ބަލައިލިއިރު، ފެނުނީ ކާރުން ފައިބައިގެން އަންނަ އިންސްޕެކްޓަރ ބަދުރު އިޤްބާލެވެ. އޭނާ ގެއާ ދިމާއަށް ބަލައިލުމަށްފަހު، ފޯނު ޗެކްކޮށްލިއެވެ.
އަނާޔާ އަތުގައި ހުރި ޖޯޑު މޭޒުމަތީގައި ބެހެއްޓިއެވެ. “އިންސްޕެކްޓަރ ބަދުރު؟”
މަދު މިނެޓުކޮޅެއްގެ ތެރޭގައި އޭނާ އެތެރެއަށް ވަދެ، އާއިލާއަށް ސަލާމް ގޮވައިލުމަށްފަހު، އަނާޔާއާ ވަކިން ވާހަކަދައްކައިލަން އެދުނެވެ.
ދެމީހުން އެކަނިވުމުން އަނާޔާ އަހައިލިއެވެ. “ކަމެއް ގޯސްވީތަ؟”
“އަހަރެން މި ދިޔައީ އެ ސަރަހައްދާ ގުޅުންހުރި ބާ ރެކޯޑުތަކެއް ބަލަމުން.”
“ދެން؟”
“އަހަރެން އޮޅުންފިލުވަންޖެހޭ ކަންތައްތަކެއް އެބަހުރި. އެކަމަކު އަހަންނަށް ހީވަނީ މިކަމުގައި އަނާޔާއަށް އެހީތެރިވެވިދާނެހެން.”
އަނާޔާ ފުންކޮށް އޭނާއަށް ބަލައިލިއެވެ. “ކަމެއް ފެނުނީތަ؟”
“މާޒީގެ އެކްސިޑެންޓެއް. ސްކޫލް ބަހެއް އެތަނުގައި އެކްސިޑެންޓްވީ. އެ ހާދިސާއިން ސަލާމަތްވީ އެންމެ ކުއްޖެއް.”
އަނާޔާގެ މޭތެރޭގައި ބަޔާންކުރަން ނޭނގޭ ފަދަ ގޮތެއް ވެގެންދިޔައެވެ. “ސްކޫލް ބަހެކޭ؟”
“އާނ. އަދި އެ ދުވަސްވަރު ސްކޫލެއްގެ ޕްރިންސިޕަލަކު މަރައިލި މައްސަލައެއްވެސް ހިނގާފައިވޭ. މުޅި މައްސަލައިގެ ގުޅުން އަދި އަހަންނަކަށް ސާފެއް ނުވޭ.”
އަނާޔާ އިސްދަށަށް ޖަހައިގެން ތަޅުންގަނޑަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ވާހަކަތަކުން އޭނާގެ ހިތް ނުތަނަވަސްކުރުވިއެވެ. އޭނާއަށް ފެންނަމުންދިޔަ ބިރުވެރި މަންޒަރުތަކުގެ ތެރޭގައި ބަހެއްގެ ބައިތައް ފެނިފައިވެއެވެ. ކުޑަކުދިން ހަޅޭއްލަވާ އަޑާއި، ކަނު އަނދިރިގަނޑުގެ ތެރޭ ބަހެއް އެނބުރެމުންދިޔަ ވަގުތުގެ ބިރުވެރިކަން އިޙުސާސްކުރެވިފައިވެއެވެ. ނަމަވެސް އެ މަންޒަރުތައް ފެނުނީ ވަރަށް ކުރުކޮށެވެ. މާނަ ދެނެގަންނަން އުނދަގޫވާވަރަށެވެ.
“އަހަރެން ކައިރީ މި ވާހަކަ ތި ބުނީ ކީއްވެ؟” އޭނާ އެހިއެވެ.
“އަނާޔާ އެތަނުގެ ވާހަކަ ބުނީމަ. އަދި އެތަނުގައި އަނާޔާއަށް ދިމާވި ކަންތަކަކީ އާދައިގެ އެކްސިޑެންޓެއް ނޫންކަމަށް އަހަންނަށް ޤަބޫލުކުރެވޭތީ.”
އަނާޔާ އިސްއުފުލައި ބަލައިލިއެވެ. “މިހާރު އަހަރެންގެ ވާހަކަ ޤަބޫލުކުރަންތަ؟”
ބަދުރު ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. “އަނާޔާއަށް ކޮންމެވެސް ކަމެއް ދިމާވިކަން އަހަރެން ޤަބޫލުކުރަން. އަހަރެން ބޭނުންވަނީ އެއީ ކޮން ކަމެއްކަން ހޯދަން.”
*****
އެ ދުވަހުގެ މެންދުރުފަހު، އަނާޔާ ހުރީ އޭނާގެ ކޮޓަރީގައި ހުރި ލޯގަނޑު ކުރިމަތީގައެވެ. ލޯގަނޑުން ފެންނަމުންދިޔަ އޭނާގެ ސޫރައިން ވަރުބަލިކަން ފެންނަން ހުއްޓެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅު ވަނީ އޭނާގެ ކިބައިގައި ކުރިން ހުރި ޔަޤީންކަމާއި ސާބިތުކަން ފޭރިގެންފައެވެ. ސުވާލުކުރުމާއި، ހައްޔަރުކުރުމާއި، ދޫކޮށްލުމުގެ އިތުރުން، އޭނާއަށް ދިމާވި ކަންކަމުގެ ހަޤީޤަތް ނޭނގޭ މީހުންގެ ނިންމުންތަކާއި ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފައިވެއެވެ.
އެހެންނަމަވެސް، މުޅި އުމުރުދުވަހު ބިރުން ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ މަޚްލޫޤު އަނެއްކާވެސް ފެނިއްޖެއެވެ. އެ ހުރިހާ ކަމެއް ފެށުނީ އެ އަނދިރި ރެއަށްވުރެ މާ ކުރިން ކަމަށް އެ މަޚްލޫޤު ވަނީ ބުނެފައެވެ. އެ ބަސްތައް އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. “ހަނދާންކުރަން ތި ބިރުގަންނަނީ ކީއްވެ؟”
އޭނާ ލޯ މަރައިލިއެވެ. ސިކުނޑީގެ ތެރެއަށް ސްކޫލް ބަސް ސިފަވެގެން އައެވެ. ގަސްތަކުން ވަށައިލެވިފައިވާ މަގެކެވެ. ބޯ ވާރެއެވެ. ކުޑަކުދިންގެ ބިރުވެރި ހަޅޭކުގެ އަޑެވެ. ދެން ކަނު އަނދިރިކަމެވެ.
އޭނާ ކުއްލިއަކަށް ލޯ ހުޅުވައިލިއެވެ. “ނޫން.” އޭނާ ސިއްރުސިއްރުން ބުނެލިއެވެ.
“އަހަރެން މިކަން އެނގެން ބޭނުން.”
އެވަގުތު އޭނާގެ ފޯނު ވައިބްރޭޓް ވިއެވެ. ބަދުރުގެ މެސެޖެކެވެ. “އަހަރެން މިހިރީ ބޭރުގަ. ތައްޔާރުތަ؟”
އަނާޔާ އަތްދަބަސް ނަގައިގެން ކޮޓަރިން ނުކުތެވެ.
*****
ބަދުރު ހުރީ އޭނާގެ ކާރު ކައިރީގައެވެ. “ހަމަ ޔަޤީންތަ ދާން ބޭނުންކަން؟” އޭނާ އެހިއެވެ.
އަނާޔާ ބޯޖަހައިލިއެވެ. “އަހަރެން އެތަނަށް ގެންގޮސްދީ.” ބަދުރު ދޮރު ހުޅުވައިދިނެވެ.
ސިޓީގެ ތޮއްޖެހުމުން ނުކުމެގެން ދިޔަވަރަކަށް، މަގުތައް ހަމަހިމޭންވަމުން ދިޔައެވެ. އިމާރާތްތައް މަދުވެ، ފެހިކަން ގަދަ ގަސްތަކާއި ވިނަގަނޑުތައް ފެންނަން ފެށިއެވެ. އުޑުމަތި ބަނަވެފައިވާއިރު، ގަސްތަކުގެ ތެރެއިން ފިނި ރޯޅިތައް ދައުރުވަމުން ދިޔައެވެ.
ވަރަށް ގިނައިރު ވަންދެން ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ބަދުރު ދޭތެރެއަކުން އަނާޔާއަށް ބަލައިލައެވެ.
“ކޮން ވިސްނުމެއްގަ؟”
“ހުރިހާ ކަމަކާ މެދު.”
“ތީ ވަރަށް ބޮޑުވަރު.”
އަނާޔާ ފަނޑު ހިނިތުންވުމެއް ދިނެވެ. “ވަރަށް ބޮޑުވަރު.”
ބަދުރު އަނެއްކާވެސް މަގަށް ސަމާލުކަން ދިނެވެ. “އަނާޔާ، އާދަޔާ ޚިލާފު އެއްވެސް ކަމެއް ފެނިއްޖެނަމަ ނުވަތަ ހަނދާންވެއްޖެނަމަ އަހަންނަށް ބުނެދޭންވާނެ.”
“ބުނާނަން.”
“އަދި ބޭކާރު ނުރައްކާތަކަށް ހުށަހެޅިނުގަންނާތި.”
އަނާޔާ އޭނާއަށް ބަލައިލިއެވެ. “އިންސްޕެކްޓަރ ތި ކަންބޮޑުވަނީ އަހަންނާމެދުތަ؟”
“އަހަރެން ކަންބޮޑުވަނީ ތަހުޤީޤާމެދު.”
“ހަމައެކަނި ތަހުޤީޤާމެދު؟”
ބަދުރު އަނެއްކާވެސް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ލުއި ހިނިތުންވުމެއް ފެނުނު ނަމަވެސް، އެއްވެސް ޖަވާބެއް ނުދެއެވެ.
އަނާޔާ ކުޑަދޮރާ ދިމާއަށް އެނބުރުނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ކުރިމަތިން ފެންނަމުންދިޔަ މަގު ދަންނަ ތަނަކަށް ވާން ފެށިއެވެ. އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ގެއްލިގެން ދިޔައެވެ.
ހަނި މަގުން ކުރިއަށް ގޮސް، ކުރިން ފެނުނު ސަރަހައްދު ފެންނަން ފެށުމުން އަނާޔާ ކުރިއަށް ޖެހިލިއެވެ. “މިތަނަށް މަޑުކުރޭ.”
ބަދުރު ކާރުގެ ދުވެލި މަޑުކޮށްލިއެވެ. “މީތަ އެތަނަކީ؟”
އަނާޔާ ގަސްތަކާ ދިމާއަށް ބަލައިލިއެވެ. “އާނ.”
އޭނާ މަގުގެ އެއްފަރާތުގައި ކާރު ޕާކުކުރިއެވެ. ދެމީހުން ކާރުން ފޭބިއެވެ. އެތަނުގެ ވައި ފިންޏެވެ. މަގުގެ ދެފަރާތުގައި އުސް ގަސްތައް ހުރިއިރު، އެ ގަސްތަކުގެ ގޮފިތައް ވަޔާއެކު މަޑުމަޑުން ހެލެމުން ދިޔައެވެ. އޭގެ އަނެއް ފަރާތުގައި އޮތީ ތިރިއަށް ފައިބައިގެންދާ ފުން އަނދިރިގަނޑެކެވެ.
އަނާޔާ މަޑުމަޑުން ހިނގައިގަތެވެ. ކޮންމެ ފިޔަވަޅަކާއެކު އެ ބިރުވެރި ރޭގެ ހަނދާންތައް އޭނާގެ ކުރިމައްޗަށް އަންނަމުންދިޔަ ކަހަލައެވެ. އަނދިރިކަމެވެ. ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓުމެވެ. ވެއްޓެމުންދިޔަ އިޙުސާސެވެ. އަދި އެ ކްރިސްޓަލް ދެ ލޮލެވެ.
ބަދުރު އޭނާގެ ފަހަތުން ހިނގަމުން ދިޔައެވެ. “މީތަ އެ މަޚްލޫޤު ފެނުނު ތަނަކީ؟”
އަނާޔާ ބޯޖަހައިލިއެވެ. “އަހަރެން ވެއްޓުމުގެ ކުރިން.”
“އެއީ ކޮން ސިފައެއްގަ ހުރި އެއްޗެއް؟”
“އަޅިކުލައިގެ ހަންގަނޑެއް. ގަދަ ނޫކުލައިގެ އިސްތަށިގަނޑެއް. އޭގެ ދެލޯ ހީވަނީ ކްރިސްޓަލްތަކެއްހެން. އަލި ދޫކުރަމުން ދިޔަ.”
“އެ އެތި ވާހަކަދެއްކިތަ؟”
“ފުރަތަމައަކު ނޫން.”
“އަތްލިތަ؟”
އަނާޔާ ބަދުރަށް ބަލައިލިއެވެ. “އެ އެތި އަހަރެން ސަލާމަތްކުރީ.”
ބަދުރު އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. “ހަމަ ޔަޤީންތަ؟”
“އަހަރެން ދިޔައީ ވެއްޓެމުން. ހިފަހައްޓާނެ އެއްވެސް އެއްޗެއް ނެތް. ދެން ކޮންމެވެސް އެއްޗެއް އަހަރެންގެ ގައިގައި ހިފެހެއްޓީ. މައްޗަށް ބަލައިލިއިރު، އެ އެތި ހުރީ އެތަނުގައި.”
ބަދުރު އެތާނގެ ކައިރިފަށަށް ބަލައިލިއެވެ. “ދެން އޭގެ ފަހުންވެސް ފެނުނުތަ؟”
“އާނ.”
“ކޮންތާކުން؟”
“ޗުއްޓީ ހޭދަކުރާ ގެ ކައިރިން. އަދި ފަހުން..” އަނާޔާ ހުއްޓައިލިއެވެ.
“ފަހުން ކީއްވީ؟”
އަނާޔާ ފަސްޖެހުނެވެ. “އަހަރެންގެ ކޮޓަރިންވެސް ފެނުނު.”
ބަދުރު މަލާމާތެއް ނުކުރެއެވެ. އަދި އެ ވާހަކަ ދޮގެއްވެސް ނުކުރެއެވެ. “އެ އެތި ކީކޭ ބުނީ؟”
“ބުނީ މި ހުރިހާ ކަމެއް ފެށުނީ މިތަނުގެ މާ ކުރިންނޭ. އަދި އަހަރެން މިހިރީ ހަނދާންކުރަން ބިރުންނޭ.”
އޭނާ އެތަނާ ދިމާއަށް ބަލައިލިއެވެ. “ވެދާނެ ކުރީގެ އެ ބަސް އެކްސިޑެންޓާ މިކަމާ ގުޅުމެއް އޮތީ ކަމަށްވެސް.”
“ވެދާނެ.”
އަނާޔާ އަނެއްކާވެސް އެތާނގެ ކައިރިފަށާ ދިމާއަށް ޖެހިލިއެވެ. ނަމަވެސް ބަދުރު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. “ބަލައިގެން.”
އަނާޔާ އޭނާގެ އަތަށް ބަލައިލިއެވެ. “އަހަރެން ނުވެއްޓޭނެ.”
“އަހަރެން އެއްވެސް ރިސްކެއް ނަގާކަށް ބޭނުމެއް ނޫން.”
އަނާޔާ ޝުކުރުވެރި ބެލުމަކުން ބަލައިލިއެވެ. ދެން ގަސްތަކާ ދިމާއަށް އެނބުރެމުން ބުންޏެވެ. “ބަދުރު، ސުވާލެއް ކޮށްލަންތަ؟”
“ކޮށްބަލަ.”
“އެހެން މީހަކު ކުށްވެރިވާ ގޮތަށް ހަދާފައި، ބަޔަކު ނުބައި ޖަރީމާތަކެއް ހިންގާފައިވާކަން އެނގިއްޖެނަމަ، އޭރުންވެސް ފެންނަން ހުރި ހެކިތަކަށް އިތުބާރު ކުރާނަންތަ؟”
“އަހަރެން އެ ހެކިތައް އަލުން ތަހުޤީޤު ކުރާނަން.”
“އަމިއްލައަށް ހެދުނު ގޯސް ޤަބޫލުކުރަން ޖެހުނަސް؟”
“ޚާއްސަކޮށް އެފަދަ ހާލަތެއްގައި.”
އަނާޔާ ވަރަށް ގިނައިރު ވަންދެން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ވަރަށް ރަނގަޅު.”
އެވަގުތު ފަހަތުން މަގުމަތިން ފަނޑު އަޑެއް އިވުނެވެ. ބަދުރު އެނބުރި ބަލައިލިއެވެ. ދުރުން ވެހިކަލެއް ފެންނަން އޮތެވެ. އެ ވެހިކަލް ކައިރިވަމުން އައި ވަރަކަށް ދުވެލި މަޑުކޮށްލުމަށްފަހު، އެމީހުން ފަހަނައަޅައި ދިޔައެވެ. ބަދުރު އެ ކާރު އަނބުރާލައިފައި ދަންދެން ބަލަން ހުއްޓެވެ.
“އެއީ ދަންނަ ކާރެއްތަ؟” އަނާޔާ އެހިއެވެ.
“ނޫން.”
“ދެން ކީއްވެ ތިހާ ވަރަށް ތި ބެލީ؟”
“އަހަރެމެން ފެނުމުން އޭގެ ދުވެލި މަޑުކޮށްލީމަ.”
އޭނާ އަނެއްކާވެސް މަގަށް ބަލައިލިއެވެ. އަނާޔާއަށް އާދައިގެ ނުތަނަވަސްކަމެއް ވެރިވިއެވެ. “ބަޔަކު އަހަރެމެންގެ ފަހަތުން އަންނަނީ ކަންނޭނގެ.”
“ވެދާނެ.”
ބަދުރު އޭނާގެ ފޯނު ނަގައި، ސަލީމަށް ގުޅައި މަޑުމަޑުން އެމީހުން ތިބި ތަން ބުނެދިނެވެ. އަދި އެމީހުންގެ ފަހަތުން އެއްވެސް ބަޔަކު އާދޭތޯ ބަލައިދިނުމަށް އެދުނެވެ. ފޯނު ބޭއްވިއިރު، އަނާޔާ ހުރީ އެއްވެސް ހަރަކާތެއް ނެތި ހުއްޓިފައެވެ.
“ކީއްވީ؟” އޭނާ އެހިއެވެ.
“އަހަންނަށް ކަމެއް ހަނދާންވެއްޖެ.”
“ކޮން ކަމެއް؟”
“އަހަރެން ވެއްޓުނު ރޭ. އެ މަޚްލޫޤު ހުރީ ބިމުގައެއް ނޫން. އިންސާނަކު ހުންނަ ގޮތަކަށް ނޫން ހުރީ. އެ އެތި ހުރީ ވައިގެ ތެރޭގައި.”
ބަދުރު އޭނާއަށް ބަލައިލިއެވެ. “އުދުހެނިކޮށްތަ ފެނުނީ؟”
އަނާޔާ ބޯޖަހައިލިއެވެ. “އަދި އޭގެ ދެލޯ..” އޭނާގެ އަޑު މަޑުވިއެވެ.
“ދެ ލޮލަށް ކީއްވީ؟”
“އެ ދެ ލޮލުން އަހަންނާ ދިމާއަށް އަލި ދޫކުރި. އެ އަލިކަން ކައިރިވަމުން އައިސް، އަހަރެން ވަށައިލި.”
ބަދުރު ސަމާލުވެ ހުރެ ބަލަމުން ދިޔައެވެ. “ދެން ކީއްވީ؟”
“ހަނދާނެއް ނެތް.” އަނާޔާ އިސްދަށަށް ޖެހިއެވެ. “ހަނދާންކުރަން އުޅޭ ކޮންމެ ފަހަރަކު، ކޮންމެވެސް އެއްޗެއް އަހަރެން ހުއްޓުވާ ކަހަލަ އިޙުސާސެއް ވަނީ.”
ބަދުރު ކައިރިއަށް ޖެހިލިއެވެ. “މާ ބޮޑަށް ގަދަކަމުން ހަނދާންކުރަން ނޫޅޭ.”
“އެކަމަކު އަހަންނަށް އެނގެން އެބަޖެހޭ. ޝާހިދު މަރުވެއްޖެ. ނިހާ މަރުވެއްޖެ. އަދި އެންމެން ހީކުރަނީ އެމީހުން މަރައިލީ އަހަރެން ކަމަށް.”
“އަހަރެމެން އެކަމުގެ ޒިންމާ އުފުލަންޖެހޭ އަސްލު މީހާ ހޯދާނަން.”
އަނާޔާ އޭނާއަށް ބަލައިލިއެވެ. “އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ އިންސާނަކަށް ނުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟”
ބަދުރު އެއްވެސް އެއްޗެއް ނުބުނެ ހިމޭންވިއެވެ. ބުއްދި ޤަބޫލުކުރާ ފަދަ އެއްވެސް ޖަވާބެއް އޭނާގެ އަތަކު ނެތެވެ.
ވައިގަދަވާން ފެށިއެވެ. އަނާޔާ އަނެއްކާވެސް ގަސްތަކާ ދިމާއަށް ބަލައިލިއެވެ. އެވަގުތު، ގަސްތަކުގެ ތެރެއިން ފަނޑު ނޫކުލައިގެ އައްޔެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ނޭވާ ހުއްޓުނު ފަދައެވެ. “ބަދުރު..”
ބަދުރުވެސް އޭނާ ބަލާ ދިމާއަށް ބަލައިލިއެވެ. “ކީއްވީ؟”
“އެތަނަށް ބަލާބަލަ.”
ގަސްތަކުގެ ދެމެދުގައި އަޅިކުލައިގެ ސޫރައެއް ހުއްޓެވެ. ގަދަ ނޫކުލައިގެ އިސްތަށިގަނޑު ވަޔާއެކު ވިހުރެމުން ދިޔައެވެ. ކްރިސްޓަލް ދެލޯ ވިދަމުން ދިޔައެވެ.
ބަދުރު އެއްކޮށް އެ ދިމާއަށް އެނބުރުނެވެ. ވަރަށް ކުރު ހިނދުކޮޅަކަށް، އިންސާނެއްގެ ބައްޓަން އޭނާއަށް ފެނުނެވެ. ދެން އެ ސޫރަ ގެއްލިގެން ދިޔައެވެ. އޭނާ އެ ހުސް ތަނަށް ބަލަހައްޓައިގެން ހުއްޓެވެ.
“އެ މަންޒަރު ފެނުނުތަ؟” އަނާޔާ ސިއްރުސިއްރުން އެހިއެވެ.
ބަދުރު ވަގުތުން ޖަވާބެއް ނުދެއެވެ. “އާނ.”
އަނާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ފެނުނުހޭ؟”
“ކޮންމެވެސް އެއްޗެއް ފެނުނު.”
އަނާޔާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ފުރަތަމަ ފަހަރަށް، ޤަބޫލުކުރަން ދަތި މި ހަޤީޤަތް ފެނުނު ހަމައެކަނި މީހަކީ އޭނާ އެކަންޏެއް ނޫނެވެ. ބަދުރު ގަސްތަކާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އަނާޔާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ. “ނުދޭ.”
އޭނާ އަނާޔާއަށް ބަލައިލިއެވެ. “ކީއްވެ؟”
“އަހަންނަށް ހީވަނީ އެ އެތި ބޭނުމެއް ނޫންހެން އަހަރެމެން އޭގެ ފަހަތުން ދާކަށް.”
ދެމީހުން ހިމޭނުން ތިއްބެވެ. އެވަގުތު، ވައިގެ ތެރެއިން އަޑެއް އައި ކަހަލައެވެ. ބާރެއް ނޫނެވެ. ބިރުވެރި ގޮތަކަށްވެސް ނޫނެވެ. ނަމަވެސް ވަރަށް ސާފުކޮށެވެ. “ޖަވާބުތައް ވަނީ ހަމައެކަނި މާޒީއަކު ނޫން.”
އަނާޔާ ގަސްތަކުގެ ދެމެދުގައިވާ އަނދިރިގަނޑާ ދިމާއަށް ބަލައިލިއެވެ. ބަދުރަށްވެސް އެ އަޑު އިވުނެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން އަނާޔާއަށް ބަލައިލިއެވެ.
“އަނާޔާ.. އަހަރެމެންނަށް މި ވަދެވުނީ ކޮންފަދަ ކަމެއްގެ ތެރެއަށް؟” އެ ސޫރަ ގެއްލިގެން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރެ އޭނާ ބުންޏެވެ.
“އަހަންނަކަށް ނޭނގެ.”
ނަމަވެސް އޭނާގެ ހިތުގެ އަޑިން ޤަބޫލުކުރެވުނީ، ދެން ލިބޭ ޖަވާބަކުން ހުރިހާ ކަމެއް ބަދަލުކޮށްލާނެ ކަމެވެ.
ދެމީހުން އެނބުރި ކާރާ ދިމާއަށް ހިނގައިގަތްއިރު، މަގުގެ ތަންކޮޅެއް ދުރުގައި ޕާކުކޮށްފައި އޮތް ވެހިކަލެއް އެމީހުންނަކަށް ފާހަގައެއް ނުކުރެވުނެވެ. އެ ވެހިކަލްގެ އެތެރޭގައި ހުރި މީހަކު ދިޔައީ އެ ދެމީހުންނަށް ފާރަލަމުންނެވެ.
ފޯނެއް ނަގައި، އޭނާ މެސެޖެއް ފޮނުވައިލިއެވެ. “އެމީހުން އަނެއްކާވެސް އެ ގަސްތައް ކައިރިއަށް ހިނގައްޖެ.”
ވަގުތުން ޖަވާބު އައެވެ. “އެހެންވިއްޔާ އެމީހުންނަށް ހަޤީޤަތް ހޯދުމުގެ ކުރިން އަހަރެމެން ހަރަކާތްތެރިވާން ޖެހޭނެ.”
އެ މީހާ ގަސްތަކާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އަދި އަނދިރިގަނޑުގެ ތެރެއިން، ދެލޯ ހުޅުވިގެން ދިޔައެވެ. އެއީ ކްރިސްޓަލް ފަދަ ނޫކުލައެއް ނޫނެވެ. އެއީ ލޭ ފަދަ ގަދަ ރަތްކުލައެކެވެ.
(ނުނިމޭ)
