ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޑައިރެކްޓަރު އީސާ ޝަރީފު 22 އަހަރަށް ފަހު ފިލްމީ ދާއިރާއަށް އައީ “ކީއްވެ؟”

ދިވެހި ސިނަމާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރު އަދި ފަންނާނު އީސާ ޝަރީފު، ފީޗާ ފިލްމު ޑައިރެކްޓުކުރުމާ 22 އަހަރު ވަންދެން ދުރުގައި ހުރުމަށްފަހު އޭނާގެ އައު ފިލްމު “ކީއްވެ؟” އާއެކު އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އީސާ ޝަރީފަކީ ދިވެހި ފިލްމީ ދާއިރާގައި އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް، ސްކްރީންރައިޓަރެއް، އެޑިޓަރެއް، ޅެންވެރިއެއް، މިއުޒީޝަނެއް އަދި ކުރެހުންތެރިއެއްގެ ގޮތުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ވަރަށް ހުނަރުވެރި ފަންނާނެކެވެ. އޭނާ މީގެ ކުރިން ޑައިރެކްޓްކޮށްފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ވައުދު”، “ޒަޚަމް”، “އެދުވަސް ހިންގައްޖެ”، “ގިނިހިލަ” އަދި އާފަތިސް އެވޯޑުގެ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމު އޭނާއަށް ހޯދައިދިން ތާރީޚީ ކާމިޔާބު ފިލްމު “ފަތިސްހަނދުވަރު” ހިމެނެއެވެ.

މި އައު ފިލްމު “ކީއްވެ؟” އިން ފެނިގެންދާ އެންމެ ޚާއްސަ އެއް ކަމަކީ “ފަތިސްހަނދުވަރު” އިން ބޮޑު މަގުބޫލުކަމެއް ހޯދި ޓީމު އަލުން ގުޅުމެވެ. އެގޮތުން މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކު އަދި ޕްރޮޑިއުސަރު އަސްލަމް ރަޝީދު މި ފިލްމުގައި އީސާ ޝަރީފާއެކު ވަނީ މަސައްކަތް ކޮށްފައެވެ. މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ހުސައިން މުނައްވަރެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔުނު ކާމިޔާބު ސްކްރީންރައިޓަރު މަހުދީ އަހުމަދު ހާމަކުރި ގޮތުގައި، މި ފިލްމުގެ ސްކްރިޕްޓް އެކުލަވައިލުމުގައި އީސާ ޝަރީފާއެކު ކުރެވުނީ ވަރަށް ތަފާތު އަދި ފުން ތަޖުރިބާއެކެވެ. މަހުދީ ބުނި ގޮތުގައި ފިލްމުގެ ފުރަތަމަ ޑްރާފްޓް ނިންމުމަށްފަހު އީސާ ޝަރީފް ދުވަހުން ދުވަހަށް ގުޅައި، ސީންތަކާއި ކެރެކްޓާތަކުގެ އިތުރުން ވާހަކައިގެ ކުދިކުދި ތަފްސީލުތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ. އަދި އީސާ ޝަރީފަކީ އަމިއްލައަށްވެސް ސްކްރީންރައިޓަރަކަށް ވުމުން، ކުޑަ ބަދަލަކުންވެސް މުޅި ވާހަކައަށް ކުރާނެ އަސަރު ވަރަށް ރަނގަޅަށް ދަންނަ ކަމަށް މަހުދީ ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  "ކީއްވެ؟" ގެ ހިތުގެ ތެޅުމަށް ޝީލާ ނަޖީބު ވީ "ކީއްވެ؟"

މީގެއިތުރުން ފިލްމުގައި މޫސާ މަނިކު ކުޅޭ “ސިރާޖު” ގެ ކެރެކްޓާއަށް އޭނާގެ ފަރާތުން ލިބުނު ޚިޔާލުތަކާއި، އީސާ ޝަރީފުގެ ފަންނީ އިރުޝާދުތަކާއެކު ސްކްރީންޕްލޭ އިތުރަށް ފުރިހަމަވެގެން ދިޔަކަން މަހުދީ ފާހަގަކުރިއެވެ. ޑައިރެކްޓަރެއްގެ ގޮތުގައި އީސާ ޝަރީފު ދެއްކި އަދަބުވެރިކަމާއި، ލިޔުންތެރިޔާގެ ވިސްނުމަށް ދިން އިހުތިރާމަކީ މަސައްކަތް އިތުރަށް ފުރިހަމަވާން މެދުވެރިވި މައިގަނޑު ސަބަބެވެ.

ދިވެހި ފިލްމީ ދާއިރާގެ ރަންޒަމާނެއް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅަދާނަ ޑައިރެކްޓަރެއްގެ މި އެނބުރިއައުމަކީ ދިވެހި ސިނަމާގެ ގިނަ ބެލުންތެރިންތަކެއް އެ ކަމަކަށް ކެތްމަދުވެފައިވާ، އަދި ބޮޑު އުންމީދުތަކެއް ގުޅިފައިވާ ކަމެކެވެ. ނޮވެމްބަރު 25 ގައި “ކީއްވެ؟” ސްކްރީނަށް އަންނައިރު، މިއީ ދިވެހި ފިލްމީ ތާރީޚުގައި ލިޔެވިގެންދާނެ އަނެއް ޚާއްސަ ސޮފުހާއަށް ވެގެންދާނެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top