ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކީއްވެ؟ ފައިދާއަށް ބިނާވެފައިވާ ގުޅުންތަކުގެ ހަގީގަތް
މުނިއަވަސް ގްރެފިކްސް

ބައެއް ފަހަރު، އަހަރެމެންގެ އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގައި ދެކޭ މީހުންނަކީ އަހަރެމެންނަށް އިޚްލާޞްތެރިކަމެއް އޮވެގެން އުޅޭ ބަޔަކަށް ނުވެދާނެއެވެ. އެމީހުން އަހަރެމެންގެ ދިރިއުޅުމުގައި ދެމިތިބެނީ ހަމައެކަނި އެ ގުޅުމުގެ ސަބަބުން އެމީހުންނަށް ކޮންމެވެސް ފައިދާއެއް ނުވަތަ ލުޔެއް ލިބޭތީއެވެ.

ބައެއް ރަހުމަތްތެރިކަމާއި މަސައްކަތުގެ މާހައުލުގައި އުފެދޭ ގުޅުންތަކަކީ ބޭރުފުށުން ނުހަނު ވަރުގަދަ ގުޅުންތަކެއްގެ ގޮތުގައި ފެނުނު ކަމުގައިވިޔަސް، ކައިރިން ބަލާލުމުން އޭގެ ތެދުވެރިކަމާ މެދު ސުވާލު އުފެދެނީ ކީއްވެގެންތޯ ދުވަހަކުވެސް ހިތަށް އެރި ހެއްޔެވެ؟

އަހަރެމެންނާ ގުޅުން ބާއްވާ ކޮންމެ މީހަކީ އަހަރެމެންގެ އަގު ވަޒަންކުރާތީ އެކަން ކުރާ މީހެއް ނޫންކަން ގަބޫލުކުރަން ދަތިވި ނަމަވެސް، އެއީ ހަގީގަތެކެވެ. ބައެއް މީހުން ގުޅުން ބާއްވަނީ ހަމައެކަނި އެމީހުންގެ ފަސޭހައަކަށެވެ. އަހަރެމެންގެ ވަގުތާއި، އެހީތެރިކަމާއި، އިލްމާއި، ނުފޫޒާއި ނުވަތަ އަހަރެމެންގެ ފަރާތުން އެމީހުންގެ ދިރިއުޅުމަށް ލިބޭ މަންފާއެއްގެ ބޭނުމުގައެވެ.

މިކަން ވަގުތުން ދެނެގަތުމަކީ އަބަދު ފަސޭހަ ކަމެއް ނޫނެވެ.

އަހަރެމެން ގުޅުންތަކަށް ވަގުތާއި، މަސައްކަތާއި، އިހުސާސްތައް ހޭދަކުރަނީ އެއީ ދެފަރާތުން ވެސް އެއްވަރަކަށް ބާއްވާ ގުޅުމެއް ކަމަށް ހީކޮށްގެންނެވެ. އަހަރެމެން އަބަދުވެސް އެމީހުންނަށްޓަކައި ވަގުތު ހުސްކޮށް، އެހީތެރިކަން ފޯރުކޮށްދީ، ފުރުސަތުތައް ހޯދައިދީ، އަދި އެހެން މީހުންގެ ކާމިޔާބީތަކުގައި އުފަލުން ބައިވެރިވަނީ އަހަރެމެން ކުރާ އިހުތިރާމާއި ގަދަރު އެމީހުންގެ ފަރާތުން ވެސް ލިބޭނެ ކަމަށް އުންމީދު ކުރަމުންނެވެ.

ނަމަވެސް، ހުރިހާ ގުޅުމެއް ބިނާވެފައި އޮންނަނީ އެ އުސޫލަކުން ނޫނެވެ.

ބައެއް މީހުންނަކީ ގާތްކަން ދެއްކުމުގައި ނުހަނު ކުޅަދާނަ ބައެކެވެ. ބުނަންވީ ކީކޭކަމާއި، ގުޅަންވީ ވަގުތާއި، ވާހަކަދައްކާއިރު އެއީ ނުހަނު އަމިއްލަ ގާތް ވާހަކަތަކެއްގެ ގޮތުގައި ދައްކަން އެމީހުންނަށް އެނގެއެވެ. އެހެންނަމަވެސް، ވަގުތުން ލިބޭނެ މަންފާއެއް ނެތް ހާލަތެއް މެދުވެރިވުމުން، އެ ގާތްކަމަކީ ޝަރުތުތަކެއްގެ މަތީގައި އޮތް ކަމެއްކަން އިހުސާސްވާން ފަށައެވެ.

މީހެއްގެ އިޚްލާޞްތެރިކަމެއް ނެތްކަން އެނގޭ އެންމެ ފުރަތަމަ އެއް ނިޝާނަކީ، ތިބާ ނެތް ތަނުގައި އެމީހުން ތިބާއާ ބެހޭގޮތުން ދައްކާ ވާހަކަ ތަފާތުވުމެވެ. ދެބައޮޑުވުމާއި، ތިބާއާ ބެހޭ ނޭދެވޭ ވާހަކަތައް ގަބޫލުކުރުމާއި، އަދި ތިބާގެ އަގު ވައްޓާލުމަށް ދެކެވޭ ވާހަކަތަކުގައި ބައިވެރިވުމަކީ އެމީހެއްގެ އަސްލު ސޫރަ ހާމަވާ ކަމެކެވެ.

މިވެސް ކިޔާލަން:  ފެންނަން ނެތް ހަނގުރާމައެއް: ނަފުސާނީ ދުޅަހެޔޮކަން

މީގެ އިތުރުން، މިއަށްވުރެ އުނދަގޫ ހާލަތްތައް ވެސް ކުރިމަތިވެއެވެ.

ބައެއް މީހުން ތިބާއަކީ ވަރަށް ގާތް މީހެއް ކަމަށް ބުނަމުން، ތިބާދެކެ ނުރުހޭ ނުވަތަ ތިބާއަށް ހަސަދަވެރިވާ މީހުންނާއެކު ގިނަގުނަ ވަގުތުތައް ހޭދަކުރެއެވެ. އަދި އެމީހުން ދެއްކި ވާހަކަތައް ތިބާއަށް ކިޔައިދޭއެވެ. ނަމަވެސް، އެފަދަ ވާހަކަތަކާ ދެކޮޅަށް އެއްޗެއް ނުބުނީ ކީއްވެތޯ ސުވާލުކުރުމުން ދޭނީ އާންމު ޖަވާބެކެވެ…….

“މަށަށް ކުރެވޭނީ ކީއް؟ އެމީހުންގެ ވާހަކަތަކާއި ދެކޮޅަށް ނުވަތަ ހިތަށްއަރާ އެއްޗެއް މަށަކަށް ބަދަލެއް ނުކުރެވޭނެ. އެއީ އެމީހުންގެ ނިންމުމެއް.”

ހަގީގަތުގައި އެ ބުނަނީ ތެދެކެވެ. އެހެން މީހެއްގެ ރަހުމަތްތެރިކަމާއި ޚިޔާލަށް ނުފޫޒު ފޯރުވުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އަހަރެމެންގެ ހުރިހާ ހަނގުރާމައެއްގައި އެހެން މީހުން ބައިވެރިވެ، އަހަރެމެންގެ ދިފާއުގައި ކޮންމެ މީހަކާ ކުރިމަތިލާނެ ކަމަކަށް އުންމީދުކޮށްގެން ނުވާނެއެވެ.

ނަމަވެސް، މީހެއްގެ މިނިވަންކަމަށް އިހުތިރާމްކުރުމާއި، ތިމާ ކަމޭ ހިތާ ސަޕޯޓުކުރާ ކަމަށް ބުނާ މީހަކަށް ހިތްދަތިކަން ލިބޭ ފަދަ އަމަލުތަކަށް ތަކުރާރުކޮށް އަޅާނުލާ ދޫކޮށްލުމާ ދެމެދު ބޮޑު ތަފާތެއްވެއެވެ.

ވަކި ފަރާތަކަށް ނުޖެހި ހުރުމާއި، މީހެއްގެ ކަރާމާތަށް އުނިކަން އަންނަ އިރުވެސް އެކަމަށް ފަރުވާލެއް ނެތި ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި ގުޅުން ބޭއްވުމާ ދެމެދު ތަފާތެއްވެއެވެ.

ރަހުމަތްތެރިކަމުގައި އޮޅުންބޮޅުން އުފެދެނީ މި ހިސާބުންނެވެ.

ފަހަރުގައި އެމީހުން ހަގީގަތުގައި ވެސް ތިބާއަށް ސަޕޯޓު ކޮށްފާނެއެވެ. ނަމަވެސް ވަކި ބަޔަކާ ކުރިމަތިލާނެ ހިތްވަރު ނެތީއެވެ. ނުވަތަ މައްސަލަތަކުން ދުރުވުމަށް ބޭނުންވަނީއެވެ. މިކަހަލަ ހުރިހާ ގުޅުމަކީ މަކަރުވެރިކަމެއް ނޫނެވެ. އަދި އަހަރެމެންގެ ދިފާއުގައި ވާހަކަ ނުދައްކާ ކޮންމެ މީހަކީ ސިއްރުން އަހަރެމެންނާ ދެކޮޅަށް މަސައްކަތްކުރާ މީހެއް ވެސް ނޫނެވެ.

މިވެސް ކިޔާލަން:  ކޮންމެ އަޑަކީ ގުޅުމެއްގެ ތެރެއަށް ވައްދަންޖެހޭ އަޑެއް ނޫން!

އެހެންނަމަވެސް، އެއް ކަމެއް ތަކުރާރުވާނަމަ، އަދި ހަމައެކަނި ތިބާގެ ފަރާތުން އަޅާލުން ލިބިފައި އަނެއް ފަރާތުން ތިބާގެ އިހުސާސްތަކަށް އެއްވެސް ގަދަރެއް ނުކުރާނަމަ، އެ ގުޅުމާ މެދު އަލުން ވިސްނާލުމަކީ ބުއްދިވެރި ކަމެކެވެ.

މައްސަލައަކީ ހަމައެކަނި އެއް ހާދިސާއެއް ނޫނެވެ. މައްސަލައަކީ ކަންކަން ތަކުރާރުވާ ގޮތެވެ.

މަސައްކަތުގެ މާހައުލުގައި އޮންނަ ގުޅުންތައް ވެސް މިފަދައިން އޮޅުންބޮޅުން ވެދާނެއެވެ. މަސައްކަތުގެ ތެރެއިން އުފެދޭ ގާތްކަމަކީ އިޚްލާޞްތެރިކަން ކަމަށް ހީކުރެވިދާނެއެވެ. މީހުން ހިނިތުންވުމާއެކު ވާހަކަދައްކައި، އެހީތެރިކަން ހޯދައި، ގުޅުމުގެ ފައިދާ ނަގާއިރު، އޭގެ ފަހަތުގައި އެއްވެސް އަމިއްލަ ގަދަރެއް ނެތިދާނެއެވެ.

މަސައްކަތުގެ ކޮންމެ ގުޅުމަކީ ރަހުމަތްތެރިކަމަކަށް ވާކަށް ނުޖެހެއެވެ. ނަމަވެސް، ފުރުސަތުތަކާއި އެހީތެރިކަން ހޯދުމަށްޓަކައި ގަސްދުގައި ގާތްކަން ދައްކައި، ބޭނުން ފުދުމުން އެ ގުޅުން އެއްލާލުމަކީ މުޅިން ތަފާތު ކަމެކެވެ.

އަހަރެމެން ދަސްކުރަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ، ހުރިހާ ރަޙްމަތްތެރިކަމަކީ ގަދަރާއި ލޯތްބެއް ނޫންކަމާއި، ގާތްކަމަކީ އިޚްލާޞްތެރިކަމެއް ނޫންކަމާއި، އަދި ގިނައިން ވާހަކަދެއްކުމަކީ ހަގީގީ އަޅާލުމެއް ނޫންކަމެވެ.

ގުޅާ ކޮންމެ މީހަކީ ތިބާގެ ހާލު ބަލަން ގުޅާ މީހެއް ނޫނެވެ. މަސައްކަތާ ބެހޭގޮތުން ސުވާލުކުރާ ކޮންމެ މީހަކީ ތިބާގެ ކުރިއެރުމަށް އެދޭ މީހެއް ނޫނެވެ. އަދި ތިބާގެ އަމިއްލަ ވާހަކަތައް އެނގޭ ކޮންމެ މީހަކީ އެ ވާހަކަތައް އަމާނާތްތެރިކަމާއެކު ހިފަހައްޓާނެ މީހެއް ވެސް ނޫނެވެ.

މީގެ މާނައަކީ ހުރިހާ މީހުންނާ މެދު ޝައްކުކޮށް، ހިތްނުބައިކުރުމެއް ނޫނެވެ. މީގެ މާނައަކީ ވިސްނުންތެރިވުމެވެ.

ކޮންމެ ވާހަކައެއްގެ ފަހަތް ހޯދައި، އެންމެންގެ އުޅުން މޮނިޓަރުކޮށް، ކޮންމެ ދެބަސްވުމަކީ އިޚްލާޞްތެރިކަމުގެ އިމްތިހާނަކަށް ހަދާކަށް ނުޖެހެއެވެ. އަހަރެމެން ކުރަންޖެހޭ ކަމަކީ، ގުޅުންތަކުގައި އަހަރެމެންގެ މަގާމު ދެނެގަނެ، އުންމީދުތައް މިންކޮށް، ވަކިވަކި ގުޅުންތަކަށް އަހަރެމެން ހޭދަކުރާ މިންވަރާ މެދު ސަމާލުވުމެވެ.

މިވެސް ކިޔާލަން:  ފެންނަން ނެތް ހަނގުރާމައެއް: ނަފުސާނީ ދުޅަހެޔޮކަން

ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރީތި އަޚްލާގާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުމަކީ މުހިންމު ސިފަތަކެވެ. އިސްލާމްދީން ވަނީ ދެބައޮޑުވުމާއި، ޝައްކުކުރުމާއި، މީހުންގެ އަގުވެއްޓޭ ފަދަ ވާހަކަތައް ދެއްކުން ނަހީކުރައްވާފައެވެ. ހިތްހެޔޮ މީހަކަށް ވުމުގެ މާނައަކީ ތަކުރާރުކޮށް މީހުން އަމިއްލަ ފައިދާއަށް ތިބާގެ ބޭނުން ހިފަން ދޫކޮށްލުމެއް ނޫނެވެ. މާފުކުރުމަކީ ބުއްދީގެ ބޭނުން ނުހިފުމެއް ނޫނެވެ. އަދި ރީތި އަދަބު އަޚްލާގު ހިފެހެއްޓުމަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށްޓަކައި ހިފަހައްޓަންޖެހޭ އިންތަކާއި މިންތައް ދޫކޮށްލުމެއް ވެސް ނޫނެވެ.

ހަގީގީ ގުޅުންތައް މިނެކިރަންވާނީ މީހަކު އަހަރެމެންނާ ކިތައް ފަހަރު ގުޅާތޯ ނުވަތަ ކިހާ ފަސޭހައިން ވާހަކަދައްކާތޯ ބަލައިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި، ހަގީގީ މިންގަނޑަކީ އަހަރެމެން ނެތް ތަނުގައި އެމީހުން އަހަރެމެންނާ މެދު ކަންތައް ކުރާ ގޮތާއި، ދައްކާ ވާހަކައެވެ. އަދި ކަންކަން އެމީހުންނަށް ފަސޭހަ ނޫން ހާލަތްތަކުގައި ވެސް އެމީހުންގެ އިހުތިރާމް އެގޮތުގައި ދެމިއޮވޭތޯ ބެލުމެވެ.

އަހަރެމެންގެ އިޚްލާޞްތެރިކަމަކީ ދުވަހަކުވެސް ހެދުނު ގޯހެއް ނޫނެވެ. ނުބައި މީހެއްގެ ކިބައިން އުންމީދުތަކެއް ކުރެވުމަކީ ލިބުނު ފިލާވަޅެކެވެ.

އަހަރެމެންނަށް މާޒީގެ ހަނދާންތަކާއި ރީތި ވަގުތުތަކުގެ އަގު ވަޒަންކުރެވިދާނެއެވެ. އެހެންނަމަވެސް، އެ ގުޅުމަކުން ދުރުވުމުގެ އިޚްތިޔާރު އަހަރެމެންނަށް އޮންނަންވާނެއެވެ. ހިތުގެ ދޮރުތައް ބަންދުކޮށްގެން ހުރެމެ، ބޭރުފުށުން އަދަބުވެރިކަން އިސްކުރެވިދާނެއެވެ. އަމިއްލަ ދިރިއުޅުމުގެ އެންމެހައި ކަންކަމަށް ވަދެވޭނެ ފުރުސަތު ނުދީ، މަސައްކަތުގެ މާހައުލުގައި ބާއްވަންޖެހޭ އިހުތިރާމް ބޭއްވިދާނެއެވެ.

ކޮންމެ މީހަކީ ދުޝްމަނަކަށް ހަދާކަށް ނުޖެހެއެވެ. ކޮންމެ މީހަކާ ކުރިމަތިލާކަށް ވެސް ނުޖެހެއެވެ. އަދި ކުރިން ދިން ފުރުސަތުތަކާއި ވަގުތު މިހާރު ނުދެނީ ކީއްވެގެންކަން ކޮންމެ މީހަކަށް ބަޔާންކޮށްދޭކަށް ވެސް ނުޖެހެއެވެ.

ބައެއް ފަހަރު، ހޭލުންތެރިވުމަކީ ބައެއް ގުޅުންތަކަށް ދޭ ސަމާލުކަން ކުޑަކޮށް، ކުރާ އުންމީދުތައް މަދުކޮށް، ދުރުމިނެއް ބެހެއްޓުންކަން ދަސްކުރުމެވެ.

އަދި އެއީ އެންމެ ރަނގަޅު ގޮތް ވެސް މެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top