ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާފޫރުތޮޅީގެ އިސްތިހާރަކާ ގުޅިގެން ބޮލީވުޑް ތަރިއަކާއި ރެގިއުލޭޓަރުގެ ކުރިމަތިލުމެއް

ކާފޫރުތޮޅީގެ އިސްތިހާރެއްގެ މައްސަލައިގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރަކާއި އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ އެންމެ އިސް ކޮމިޝަނަރާ ދެމެދު ޤާނޫނީ ހަނގުރާމައެއް ފެށިއްޖެއެވެ. މި މައްސަލައިގައި ކޯޓުން ނިންމާ ނިންމުމަކީ، އިސްތިހާރުކުރުން މަނާކޮށްފައިވާ ބްރޭންޑްތައް ނުސީދާ ގޮތެއްގައި އިސްތިހާރު ކުރުމުގައި ކުންފުނިތަކަށް އޮތް އިމަކީ ކޮބައިކަން ކަނޑައެޅިގެންދާނެ ކަމެކެވެ.

އިންޑިއާގައި ބާވަތްތަކާއި ދުންފަތުގެ އިސްތިހާރުކުރުން މަނާކޮށްފައި އޮތް ނަމަވެސް، މިފަދަ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން ސޯޑާ، ފެން ނުވަތަ ބިއްލޫރި ސާމާނުގެ ނަމުގައި އެމީހުންގެ ބްރޭންޑްތައް ނުސީދާކޮށް (ސަރޮގޭޓް އެޑްވަަޓައިޒިންގް) އިސްތިހާރުކުރާ މައްސަލައިގައި ކަމާބެހޭ އިދާރާތަކުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ.

މިއީ އަމިއްލަ ޒާތުގައި ވަކި ވިޔަފާރިތަކެއް ކަމަށް ކުންފުނިތަކުން ބުނި ނަމަވެސް، ސިއްޙީ މާހިރުން ބުނަނީ މިއީ އިސްތިހާރުކުރުން މަނާކޮށްފައިވާ އަސްލު ބްރޭންޑްތައް މީހުންގެ ހަނދާނަށް ގެނައުމަށް ކުރާ ކަމެއް ކަމަށެވެ. މިފަދަ އިސްތިހާރުތައް މުޅިން މަނާކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް އެކުލަވައިލުމުގެ މަސައްކަތް 2024 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދަނީ ކުރަމުންނެވެ.

ބޮލީވުޑްގެ ތަރިން ހިމެނޭ މި މައްސަލައިގައި، އެކްޓަރު އަޖޭ ދޭވްގަން ވަނީ މަހާރާޝްތުރާ ސްޓޭޓްގެ ފުޑް އޮތޯރިޓީއާ ދެކޮޅަށް ދަޢުވާކޮށްފައެވެ. ރޮއިޓާސްއަށް ލިބިފައިވާ ކޯޓު ލިޔުންތަކުގައިވާ ގޮތުން އަޖޭ ދަޢުވާކުރަނީ “ވިމަލް” ކާފޫރުތޮޅީގެ އިސްތިހާރުތަކުން ފެނުން ހުއްޓާލުމަށް އޭނާއަށް އަންގާފައިވަނީ ގޯސްކޮށް ކަމަށް ބުނެއެވެ.

މަހާރާޝްތުރާގެ ފުޑް ސޭފްޓީ ކޮމިޝަނަރު ތުކާރާމް މުންދޭ ވަނީ އޮގަސްޓް މަހު އަޖޭ ދޭވްގަން، ޝާހްރުކް ޚާން އަދި ޓައިގަރ ޝްރޮފްގެ ކިބައިން “ވިމަލް” ކާފޫރުތޮޅީގެ އިސްތިހާރުތަކުން ފެނުން ހުއްޓާލުމަށް އެދިފައެވެ. އޭނާގެ ދަލީލަކީ އެ ބްރޭންޑަކީ މަހާރާޝްތުރާގައި މަނާކޮށްފައިވާ “ޕާން މަސާލާ” އަށް މަޝްހޫރު ބްރޭންޑަކަށް ވުމެވެ.

މުމްބާއީ ހައިކޯޓުގައި ހިނގަމުންދާ މި މައްސަލައަކީ މުސްތަޤުބަލުގައި މިފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތުގެ މިސާލަކަށް ވެގެންދާނެކަމަށް ޤާނޫނީ ވަކީލު އަނޫޖް ތިވާރީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި މައްސަލައިގެ ސަބަބުން، ހުރަސްތައް އެޅުމުގެ ކުރިން އިދާރާތަކުން އަމަލުކުރާ އުސޫލުތަކުގެ އިންސާފުވެރިކަމާއި، ނުސީދާ އިސްތިހާރެއްގެ ގޮތުގައި ބެލެވޭނީ ކޮން މިންގަނޑުތަކަކަށްކަން ކަށަވަރުވެގެންދާނެއެވެ.

ވިމަލް ކާފޫރުތޮޅީގެ ޔޫޓިއުބް ޗެނަލްގައި މީގެ ދެ އަހަރު ކުރިން އާންމުކޮށްފައިވާ އިސްތިހާރެއްގައި، އަޖޭ ދޭވްގަން އެ އުފެއްދުން ބޭނުންކުރުމަށްފަހު އެހެން ތަރިންނާއެކު އުފާ ފާޅުކޮށް، އެކަކު އަނެކަކަށް ކުލަ ޖަހާ މަންޒަރު ފެނެއެވެ. ހިންދީ ބަހުން ތައްޔާރުކޮށްފައިވާ މި އިސްތިހާރަށް 107 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، އެހެން ބަސްބަހުން އަޑުއަޅާފައިވާ ކްލިޕްތަކަށްވެސް އެތައް މިލިއަން ވިއުސްއެއް ލިބިފައިވެއެވެ.

އަޖޭ ދިފާޢުގައި ބުނެފައިވަނީ ކާފޫރުތޮޅިއަކީ އެ ސްޓޭޓްގައި މަނާ އެއްޗެއް ނޫން ކަމަށާއި، މަނާކޮށްފައި ނުވާ އުފެއްދުމެއް އިސްތިހާރުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް ކޮމިޝަނަރު މުންދޭ ވިދާޅުވީ މިފަދަ އިސްތިހާރުތަކަކީ އާންމު ސިއްޙަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

ޕާން މަސާލާއަކީ އަނގަޔަށް ޖެހޭ ކެންސަރަށް މަގުފަހިވާ އެއްޗެއް ކަމަށް ސިއްޙީ މާހިރުން ބުނެއެވެ. އިންޑިއާގެ ޕާން މަސާލާ މާކެޓަކީ އަހަރަކު 5 ބިލިއަން ޑޮލަރުގެ ބޮޑު ވިޔަފާރިއެކެވެ. މަހާރާޝްތުރާގައި މިއީ މަނާ އެއްޗެއް ނަމަވެސް، އެހެން ސްޓޭޓްތަކުގައި ދުންފަތާނުލައި ވިއްކާ ޕާން މަސާލާއަކީ އާންމުކޮށް ވަކިން ވިއްކާ ދުންފަތްކޮޅަކާއެކު ބޭނުންކުރާ އެއްޗެކެވެ.

މި މައްސަލައިގައި އަޖޭ ދޭވްގަނާ ދެކޮޅަށް ހުކުމެއް އަތުވެއްޖެނަމަ، އެއީ ބޮލީވުޑްގެ ތަރިންނަށް މާލީގޮތުން ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. ސަބަބަކީ ބައެއް ތަރިންގެ އާމްދަނީގެ 30 އިންސައްތައަކީ މިފަދަ އިސްތިހާރުތަކުން ލިބޭ ފައިސާ ކަމަށްވާތީއެވެ. ބައެއް ފިލްމީ ތަރިން މިފަދަ ގެއްލުންދެނިވި ތަކެތި އިސްތިހާރުކުރުމަށް އިންކާރުކުރި ނަމަވެސް، ގިނަ ތަރިންނަށް މިއީ ނުސީދާ އިސްތިހާރެއްކަން އެނގޭކަމަށް ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top