ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ނޫރީން – 4
މުނިއަވަސް ގްރެފިކްސް

އަދި އެމީހުންގެ ކައިވެނި ރޫޅެމުންދާކަން ޝަރަފަށް ވިސްނައިދޭން އޭނާ ބޭނުންވިއެވެ. ނަމަވެސް ޝަރަފް ހުރީ ދެން އިތުރަށް އަޑުއަހާ ގޮތަކަށް ނޫނެވެ.

ޝަރަފް އެނބުރިލިއެވެ. އަދި ނުރުންވެފައި ބުންޏެވެ. “މަގޭ ކައިރިއަށް ނާންނާތި.”

ދެން އޭނާ ގޭގެ މައިދޮރު ހުޅުވާލިއެވެ. ގޭތެރެއަށް ބާރު ވައިރޯޅިއެއް ވަދެގެން ދިޔައެވެ. ފެންޑާ މައްޗަށް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ.

ނޫރީން ބޭރަށް ނުކުތީ، ފަހަރުގައި ޝަރަފް މަޑުކޮށްފައި އެނބުރި އަތުވެދާނެކަމުގެ އުންމީދުގައެވެ. އެހެނަސް، ޝަރަފް ހިނގައިގަތީ ސައިކަލާ ދިމާލަށެވެ. ނޫރީން އޭނާގެ ފަހަތުން ދިޔައެވެ.

ޝަރަފް އިންތިހާއަށް ރުޅިއައިސްފައި އެނބުރި ބުންޏެވެ. “ގެއަށް ވަދޭ ހަމަ މިހާރު!”

އޭނާ އަތުގެ އިޝާރާތުން ކަންތައްތައް ކިޔައިދޭން މަސައްކަތް ކުރިއެވެ. ޝަރަފް ބާރަށް ދޮރު ލެއްޕިއެވެ. ދޮރު ތަޅުލެވުނު އަޑު އިވުނެވެ. ނޫރީން ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ސިކުންތުކޮޅަކަށް އޭނާއަށް ހީވީ ޝަރަފް އެއުޅެނީ އޭނާ ބިރުގަންނަވަން ކަމަށެވެ.

ނޫރީން ދޮރުގައި ޓަކި ޖެހިއެވެ. އެއްފަހަރުއެވެ. ދެފަހަރުއެވެ. ދެން އޭނާ ކޯލްބެލް ޖެހިއެވެ. ބިއްލޫރިގަނޑުގެ ތެރެއިން ގޭގެ ކޮރިޑޯގެ ބޮކި ދިއްލިފައި ހުރިތަން ނޫރީންއަށް ފެނެއެވެ. ދެން އޭނާއަށް ފެނުނީ ޝަރަފް އެތަނުން ދުރަށް ހިނގައިގަތްތަނެވެ. އޭނާ އެނބުރި ބަލައެއް ނުލިއެވެ. ތޫފާން އިތުރަށް ގަދަވަމުން ދިޔައެވެ. ނޫރީންގެ އަތުގައި ފޯނެއް، ފައިސާއެއް ނުވަތަ ގޭގެ ތަޅުދަނޑިއެއް ނެތެވެ. އޭނާގެ ފައިވާން އޮތީ ގޭތެރޭގައެވެ. އަދި އޭނާ އަޅައިގެން ހުރި ޝޯލް އޮތީ ދޮރު ކައިރީގައި އަޅުވާފައެވެ.

ނޫރީން ބާރަށް ދޮރުގައި ޓަކި ޖެހިއެވެ. ދޮރުގެ އަތްގަނޑުގައި ހިފާ އަނބުރަން މަސައްކަތް ކުރިއެވެ. އޭނާ އަރިމަތީ ދޮރާ ދިމާލަށް ދިޔައެވެ. ނަމަވެސް އެ ދޮރުވެސް ހުރީ ތަޅުލާފައެވެ. އެވަގުތު އިޔާން ރޮއެގަތް އަޑު އޭނާއަށް އިވުނެވެ. އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. އެ ކުޑަކުޑަ ދަރިފުޅު ހޭލެވި، ތޫފާނުގެ ބިރުވެރި އަޑުތަކުގެ ސަބަބުން ބިރުގަތީއެވެ.

ނޫރީން ބިއްލޫރިގަނޑުގައި އަތްތިލަ ޖައްސާލިއެވެ. އޭނާ ކޮޓަރިއާ ދިމާލަށް އިޝާރާތްކުރީ ގޭތެރޭގައި ތިބި މީހަކަށް ފެނިދާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ގޭގައި މަސައްކަތްކުރާ މީހުން މާ ކުރިން ގެއަށް ގޮސްފިއެވެ. އޭނާ އެހީއަކަށް އެދި ގޭގެ ގޭޓާ ދިމާލަށް ދުއްވައިގަތެވެ.

ވާރޭގެ ސަބަބުން ނޫރީންގެ އަންނައުނު ތެމި ފޯވިއެވެ. ގަދަ ވަޔާ ކުރިމަތިލަމުން، އޭނާ އެނބުރި މައި ދޮރާށި ކައިރިއަށް ގޮސް ދޮރުގައި ތަޅަން ފެށިއެވެ. ނޫރީންއަށް އޭނާގެ ދަރިފުޅު ރޯ އަޑު އިވެމުން ދިޔައެވެ. ނަމަވެސް ކުއްލިއަކަށް ހިމޭންވިއެވެ. އޭނާ އެންމެ ބިރުގަތީ އެ ހިމޭންކަމުގެ ސަބަބުންނެވެ.

މިވެސް ކިޔާލަން:  މީހޭ މަށަށް ދިން މަޤާމް – 1

ޝަރަފް އެނބުރި އައިއިރު ގާތްގަނޑަކަށް ތިން ގަޑިއިރު ވެއްޖެއެވެ. އޭނާ އައީ އާއިލީ ކަމެއްގައި އުޅެފައި، ކުރިއަށްވުރެވެސް ބޮޑަށް ރުޅިގަދަވެ ހިތްނުތަނަވަސްވެފައި ހުރެގެންނެވެ. އޭނާ ގޭގެ މައިގޭޓު ހުޅުވާލިއެވެ. އޭރު ނޫރީން މައި ދޮރު މައްޗަށް ވެއްޓި ޚަބަރު ހުސްވެފައި އޮތެވެ. އޭނާގެ ހެދުން ތެމި، އިސްތަށިގަނޑު މޫނުގައި ތަތްވެފައި އޮތްއިރު، ދެއަތްތިލަ ފިނިވެގެން ގޮސް ތުރުތުރުލައެވެ.

ކުޑަ ވަގުތުކޮޅަކަށް ޝަރަފް ގަނޑުވި ކަހަލައެވެ. ދެން އޭނާ އަވަސްއަވަހަށް ނޫރީންގެ ކައިރިއަށް ދިޔައެވެ. “ނޫރީން!”

އޭނާ ނޫރީންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭނާ ނޫރީން އަތްދަނޑިމައްޗަށް ލައިގެން އެތެރެއަށް ވައްދައި އެމްބިއުލާންސަށް ގުޅިއެވެ. ދެން ނިދާ ކޮޓަރިއާ ދިމާލަށް ދިޔައިރު، އިޔާން އޮތީ އޭނާގެ ތުއްތު އެނދުގައެވެ. އެ ކުޑަކުއްޖާގެ މޫނުމަތިން އެއްވެސް ކުލަވަރެއް ހަރަކާތެއްވެސް ނެތެވެ. ޝަރަފް ވަގުތުން އެހީތެރިކަމަށް ގޮވިއެވެ. އެމްބިއުލާންސް ގެނެވުނެވެ.

ނޫރީންއަށް ފަރުވާ ދެމުންދިޔައިރު، ޑޮކްޓަރުން އެ ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ނުހަނު ބުރަކޮށް މަސައްކަތްކުރަމުން ދިޔައެވެ.

ޝަރަފް ހުރީ ހޮސްޕިޓަލުގެ ކޮރިޑޯގައެވެ. އޭނާގެ އަތުގައި އޮތް އަގުބޮޑު ގަޑި ހިނގަމުންދިޔަ އަޑު އިވެއެވެ. އޭނާގެ މުޅި ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް، އާއިލީ ނަމުގެ އެއްވެސް އަގަކާއި ބޭނުމެއް ނެތްކަން އިޙުސާސްވިއެވެ. އޭނާގެ ނުފޫޒަކަށް ޑޮކްޓަރުގެ މޫނުމަތީގެ ކުލަވަރެއް ބަދަލެއް ނުކުރެވުނެވެ. އޭނާގެ މުއްސަނދިކަމަކަށް ނުވާނެ ކަމެއް ވާނެގޮތެއް ނުހެދުނެވެ. އޭނާގެ ބައްޕަގެ ބާރަކަށް ނަތީޖާ ބަދަލެއް ނުކުރެވުނެވެ.

އެންމެ ފަހުން ޑޮކްޓަރު އޭނާއާ ބައްދަލުކުރިއެވެ. “ވީ އާރ ވެރީ ސޮރީ މރ. ޝަރަފް..”

އިޔާން ނިޔާވެއްޖެއެވެ. މައިންބަފައިން އެނބުރި އަންނާނެ އިރަކަށް އިންތިޒާރުކުރި ތުއްތު ދަރިފުޅު ވަކިވެއްޖެއެވެ. އާއިލީ ކެއުންތަކުގައި އޭނާގެ މުސްތަޤުބަލާ ބެހޭގޮތުން ވާހަކަދެކެވުނު، އަގުބޮޑު ފަރުނީޗަރުން ކޮޓަރި ޒީނަތްތެރިކުރެވުނު، އަދި އެތައް ސަތޭކަ ތިމާގެ މީހުންނާ ފޮޓޯ ހިއްސާކުރެވުނު ކުޑަކުއްޖާ ދުނިޔެ ދޫކޮށް ދިޔައީއެވެ.

ޝަރަފް ޑޮކްޓަރަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާ ސުވާލުކުރިއެވެ. އޭނާ ކަންވީގޮތުގެ ތަފްސީލަށް އެދުނެވެ. އަދި އެ ހަޤީޤަތް ޤަބޫލުކުރަން އޭނާ އިންކާރުކުރިއެވެ. ނަމަވެސް މަރަކީ ބާރުގަދަ އާއިލާތަކާއެކު މުއާމަލާތުކޮށް ގޮތް ނިންމާ އެއްޗެއް ނޫނެވެ.

މިވެސް ކިޔާލަން:  މަނާކުރެވިގެންވާ ރޭ – ބާބު 01

ނޫރީންއަށް ހޭވެރިކަން ވުމުން އެ ޚަބަރު ދެވުނެވެ. އޭނާއަށް ވަގުތުން އެކަން ފަހުމެއް ނުވިއެވެ. އޭނާ ނަރުސް ކުއްޖާއަށް ބަލާލުމަށްފަހު، އޭނާގެ ނޯޓުފޮތް ނެގިއެވެ. އޭނާގެ އިނގިލިތައް ތުރުތުރުލަމުން ދިޔައެވެ. “މަގޭ ދަރިފުޅު؟”

ނަރުސް ކުއްޖާގެ ލޮލުން ކަރުނަ ފޭދުނެވެ. އޭނާ ނޫރީންގެ އަތުގައި ހިފިއެވެ. ނޫރީން އޭނާއަށް ބަލާލިއެވެ. އެވަގުތު ނޫރީންގެ ހިތް މުޅިން ކުދިކުދިވިއެވެ. އޭނާ މޫނުގައި އަތްއެޅިއެވެ. އޭނާގެ މުޅި ހަށިގަނޑު ބާރަށް ތުރުތުރުލަމުން ދިޔައެވެ. ނޫރީން އަޑެއް ލެއްވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް އަޑެއް ބޭރެއް ނުވިއެވެ.

އިރުގަނޑެއް ފަހުން ޝަރަފް ކޮޓަރިއަށް ވަނެވެ. އޭނާ މަޑުމަޑުން ނޫރީންގެ ކައިރިއަށް ދިޔައެވެ. “ނޫރީން..”

ނޫރީން ދުރަށް ޖެހުނެވެ. ޝަރަފް އޭނާގެ ކޮނޑުގައި އަތްލާން އުޅުމުން އޭނާ އެކަމަށްވެސް އިންކާރުކުރިއެވެ.

ޝަރަފް ކަންވީގޮތް ކިޔައިދޭން ފެށިއެވެ. މޫސުން އެހާ ގޯސްވާނެކަމަށް އުންމީދު ނުކުރާ ކަމަށް ބުންޏެވެ. އޭނާ ހުރީ ރުޅިއައިސްފައިކަމަށް ބުންޏެވެ. ނޫރީން އެހާ ގިނައިރު ބޭރުގައި ބައިންދަން ގަސްދު ނުކުރާކަމަށް ބުންޏެވެ. އިޔާން ހޭލާނެކަމެއް ނޭނގޭ ކަމަށް ބުންޏެވެ. އޭނާ އެތައް ވާހަކައެއް ދެއްކިއެވެ.

ނޫރީން އެ ހުރިހާ ވާހަކައެއް އަޑުއެހިއެވެ. އެއަށްފަހު ނޯޓުފޮތް ހުޅުވާލިއެވެ. އޭނާގެ އަތުލިޔުން ހުރީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

“ކަލޭ އަހަރެން ބޭރުގައި ބަންދުކުރީ.”

ޝަރަފަށް ހިންދިރުވާލެވުނެވެ. “އަހަންނަށް ނޭނގުނީ..”

ނޫރީން އަލުން ލިޔުނެވެ. “އަހަރެން އެތެރެއަށް ވައްދައިދިނުމަށް އެދި އާދޭސްކުރިން.”

ޝަރަފް ގާތަށް ޖެހިލިއެވެ. “އަހަރެން މާފަށް އެދެން.”

ނޫރީން އަނެއް ސަފުހާ އުކާލިއެވެ. “އިޔާން ރޮމުންދިޔަ.”

ޝަރަފް ލޯ މަރާލިއެވެ. “އަހަންނަށް އެނގޭ.”

ނޫރީން ސީދާ ޝަރަފްގެ ލޮލަށް ބަލާލިއެވެ. ދެން އޭނާ ލިޔުނެވެ.

“އޭނާވެސް ހުރީ ކަލޭގެ އިންތިޒާރުގައި.”

ޝަރަފްގެ އަތުގައި ދޭނެ ޖަވާބެއް ނެތެވެ. އެމީހުންގެ ދަރިފުޅު އަނބުރާ ގެނެސްދެވޭނެ ފަދަ އެއްވެސް އުޒުރެއް ނެތެވެ. އެރޭގެ ހާދިސާ ބަދަލުކޮށްލެވޭނެ ފަދަ އާއިލީ ތަނަވަސްކަމެއް ނެތެވެ. މާޒީ ފޮހެލެވޭނެ ފަދަ ނުފޫޒެއްވެސް ނެތެވެ. އަދި، އޭނާގެ އަނބިމީހާ ގޭގެ ބޭރުގައި ހުރެ، ދަރިފުޅާ ހަމައަށް ދިއުމަށް އާދޭސްކުރަމުންދިޔަ މަންޒަރު ހިތުން ފޮހެލެވޭނެފަދަ މާފަކަށް އެދުމެއްވެސް ނެތެވެ.

މިވެސް ކިޔާލަން:  ފަހު ވަޢުދު - 1

ކަށުނަމާދުގެ ކަންތައްތައް ކުރިއަށް ދިޔައީ މަޑުމައިތިރިކަމާ އެކުގައެވެ. ވަހީދު އާއިލާއިން ހުރިހާ ކަމެއް އިންތިޒާމުކުރީ އެމީހުންގެ އާދައިގެ މަތިން ވަރަށް ފުރިހަމައަށެވެ. ޒިޔާރަތްކުރި މީހުންނާއި، ހިތާމައިގައި ބައިވެރިވި މީހުންނާއި، ރަސްމީކޮށް ތައުޒިޔާ ކީ މީހުން ތިއްބެވެ. އިއްޒަތްތެރި ބޭފުޅުން ވަޑައިގަތެވެ. އެކި ރަށްރަށުން ތިމާގެ މީހުން އައެވެ. އާއިލާގެ މެންބަރުން ކަމާބެހޭ ފަރާތްތަކާ ވާހަކަދެއްކިއެވެ. އެ ހާދިސާއަކީ ހިތާމަވެރި، ގޭތެރޭގައި ހިނގި އެކްސިޑެންޓެއްގެ ގޮތުގައި ވަރަށް ބަލައިގެން ސިފަކުރިއެވެ. އެއްވެސް މީހަކު އެކަމުގައި ހުތުރު އަޑެއް އަރާކަށް ބޭނުމެއް ނުވިއެވެ. އެއްވެސް މީހަކު ސުވާލު އުފެދޭކަށް ބޭނުމެއް ނުވިއެވެ. އަދި ހަމަ ޔަގީނުންވެސް، އާއިލާގެ ނަމާ ފަރުވާކުޑަކުރުމާ ގުޅުވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވިއެވެ. ނަމަވެސް، ހިތާމައަކީ ނުފޫޒުގަދަ އާއިލާތަކުން ދޭ އިރުޝާދުތަކަށް ތަބާވާ އެއްޗެއް ނޫނެވެ.

ނޫރީން ހުދު ހެދުމެއްގައި އޭނާގެ މަންމަގެ ކައިރީގައި އިނެވެ. އޭނާގެ ނޯޓުފޮތުގެ އެހީގައިވެސް އެއްވެސް ވާހަކައެއް މިހާރު ނުދައްކައެވެ. ކާ އެއްޗެއްވެސް ނުކައެވެ. އޭނާގެ ގިނަ ވަގުތު ހޭދަކުރީ އަތުގައި އޮތް އިޔާންގެ ކުޑަ ފޮޓޯގަނޑަށް ބަލާށެވެ. މީހުން އައިސް ތައުޒިޔާ ކިޔަމުން ދިޔައެވެ. ބައެއް މީހުން އޭނާއާއެކު އިޚްލާޞްތެރިކަމާއެކު ރޮއެ ހެދިއެވެ. އަނެއް ބަޔަކު ސިއްރުސިއްރުން ވާހަކަދެއްކިއެވެ. ވީގޮތް އޮޅުންފިލުވަން އެމީހުން ބޭނުންވިއެވެ. ނޫރީން ބޭރުގައި ހުރީ ކީއްވެގެން ހެއްޔެވެ؟ ކުޑަކުއްޖާ އެކަނި ބާއްވާފައި އޮތީ ކީއްވެގެން ހެއްޔެވެ؟ ޝަރަފް ދިޔައީ ކޮންތާކަށް ހެއްޔެވެ؟

ޖަވާބުތައް ހުރީ ފުރިހަމަ ނުވެއެވެ. ބައެއް މީހުން ބުނަމުން ދިޔައީ އޭނާ ބަލާނެ ފިރިއަކު ހުރީތީ ނޫރީން ޝުކުރުވެރިވާން ޖެހޭނެ ކަމަށެވެ. އަނެއް ބަޔަކު ބުނީ މުއްސަނދި އާއިލާތަކުގައި މިފަދަ ކަންކަން ހިނގާނެ ކަމަށާއި، އެއީ ސިއްރެއްގެ ގޮތުގައި ބާއްވަން ޖެހޭނެ ކަމަށެވެ. ބައެއް ތިމާގެ މީހުން، ހިތާމައިގެ ދުވަސްތައް ނިމުމުން އަލުން ގެއަށް ދިއުމަށްވެސް ލަފާދިނެވެ.

“ތިމާގެ މުސްތަޤުބަލާމެދު ވިސްނާ.” އަންހެނަކު އޭނާ ގާތު ބުންޏެވެ.

ނޫރީން އޭނާއަށް ބަލައިލިއެވެ. އޭނާގެ މުސްތަޤުބަލު އެ ކުޑަކުޑަ ކަށްވަޅުގައި ފަސްލެވިފައިވާކަން އެ އަންހެންމީހާއަށް އިޙުސާސް ކުރެވޭބާވައޭ ނޫރީންގެ ހިތަށް އެރިއެވެ.

ކަށުނަމާދަށްފަހު، ތިންވަނައަށް ވީ ދުވަހު ނޫރީން އަނބުރާ ގެއަށް ދިޔައެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top