ޝާހްރުކް ޚާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު “ކިންގް” ގެ ދިގުމިނަކީ 3 ގަޑިއިރާއި 17 މިނެޓް ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ޝާހްރުކްގެ ފިލްމެއް ތިން ގަޑިއިރަށްވުރެ ދިގުވާ ފުރަތަމަ ފަހަރެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމަކީ 2 ގަޑިއިރާއި 35 މިނެޓުގެ ފިލްމެއްކަމަށް ކުރިން އަޑު ފެތުރިފައިވީ ނަމަވެސް، އެމެރިކާގެ ޓިކެޓް ބުކިން ޕްލެޓްފޯމެއް ކަމަށްވާ “ފެންޑޭންގޯ” ގައި މިހާރު މި ފިލްމުގެ ވަގުތު ލިސްޓުކޮށްފައިވަނީ މިއަށްވުރެ ދިގުކޮށެވެ.
ތިން ގަޑިއިރަށްވުރެ ދިގު ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު
ނޮވެމްބަރު 26 ގެ ލިސްޓިންއަށް ބަލާއިރު، “ކިންގް” ގެ ދިގުމިނަކީ 3 ގަޑިއިރާއި 17 މިނެޓެވެ. ނަމަވެސް، ފިލްމު ސެންސަރު ބޯޑުން ފާސްކޮށް ރަސްމީކޮށް މިކަން ކަށަވަރުކުރާއިރު މި ވަގުތަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ފިލްމުގެ ވަގުތު މިގޮތުގައި ހިފެހެއްޓިއްޖެނަމަ، މިއީ 2006 ވަނަ އަހަރު ނެރުނު “ކަބީ އަލްވިދާ ނާ ކެހެނާ” (3 ގަޑިއިރާއި 13 މިނެޓް) އަށްފަހު، ޝާހްރުކްގެ ފިލްމެއް ތިން ގަޑިއިރަށްވުރެ ދިގުވާ ފުރަތަމަ ފަހަރެވެ.
ޝާހްރުކްގެ ކެރިއަރުގެ ކުރީކޮޅުގައި އޭނާ ވަނީ ވަރަށް ގިނަ ދިގު ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން 2000 އާއި 2006 އާ ދެމެދު ނެރުނު “މުހައްބަތޭން”، “ކަބީ ޚުޝީ ކަބީ ޣަމް”، “ދޭވްދާސް”، “ކަލް ހޯ ނާ ހޯ”، “ވީރް-ޒާރާ” އަދި “ސްވަދޭސް” އަކީ ތިން ގަޑިއިރަށްވުރެ ދިގު ފިލްމުތަކެވެ. މީގެ ތެރެއިން 3 ގަޑިއިރާއި 35 މިނެޓުގެ “މުހައްބަތޭން” އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ދިގު އެއް ފިލްމެވެ.
“ކިންގް” އާ ބެހޭގޮތުން
މި ފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ދީޕިކާ ޕަޑުކޯން، ސުހާނާ ޚާން، ރާނީ މުކަރްޖީ، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، ޖައިދީޕް އަހްލާވަތު، ޖެކީ ޝްރޮފް، ރާގަވް ޖުޔަލް އަދި އަރުޝަދު ވަރުސީ ހިމެނެއެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމަކީ މި އަހަރު އެންމެ އިންތިޒާރު ކުރެވޭ އެއް ފިލްމަށްވާއިރު، ފިލްމު ސިނަމާތަކަށް އަންނާނީ 24 ޑިސެމްބަރު 2026 ގައެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކުށްވެރިންގެ ނުރައްކާތެރި ދުނިޔެއެއްގެ ތެރޭގައި ޝާހްރުކް ޚާންގެ ކެރެކްޓާއިން އޭނާގެ ދަރިފުޅު (ސުހާނާ ޚާން) އަށް މަގުދައްކައިދޭ ގޮތުގެ މައްޗަށެވެ. އަބީޝެކް ބައްޗަން ފެނިގެންދާނީ ފިލްމުގެ ވިލަންގެ ރޯލުންނެވެ.
