ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގާފަރު ޗެމްޕިއަންކަން ހޯދައިފި  
ހިންމަފުށި ކައުންސިލްގެ އިދާރާ - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބޭއްވި އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ސެންޓްރަލް ޒޯން 1 ގެ ޗެމްޕިއަންކަން ގާފަރު ހޯދައިފި އެވެ. ސެންޓްރަލް ޒޯން 1 ގެ ފައިނަލް މެޗު ހިންމަފުށީގައި ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ގާފަރާއި ބޮޑުފޮޅުދޫ އެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ގާފަރުން ނެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން ރަނގަޅު ދެ ފުރުސަތެއް ފަހިކުރިއިރު، ފުރަތަމަ ހަމަލާ ބޭރަށް ދިޔައީ ގޯލު ދަނޑީގައި ޖެހިފަ އެވެ. މި ހާފުގައި ބޮޑުފޮޅުދޫން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ގާފަރު ކީޕަރު ފައްޔާޒް ފަޔާޒް ދިފާއުކުރިއިރު، އޭގެ އިރުކޮޅެއް ފަހުން ގާފަރުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބޮޑުފޮޅުދޫ ކީޕަރު ޔަޒްދާން ޢަލީ ވެސް ދިފާއުކުރި އެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމުން ވެސް ފަހިކުރި މި މެޗުގެ ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތައް ހޯދީ ގާފަރުން ނެވެ. ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ދެ ޓީމުންކުރެ ޓީމަކަށް މި ހާފުގައި ކުރެވިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލަނޑު ޖެހުމަށް މަސައްކަތްކުރިވަރަށް ޑިފެންސްކުރުމަށް ވެސް ދެ ޓީމުން އިސްކަންދިން މި މެޗުގައި ދެ ޓީމުގެ ކީޕަރުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގައި ވެސް ލަނޑު ޖެހުމަށް ދެ ޓީމުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް މި ހާފުގައި ވެސް ގިނަ ފުރުސަތުތައް ހޯދީ ގާފަރުން ނެވެ.

މިވެސް ކިޔާލަން:  ކެޔޮދޫ އާއި ދަރަނބޫދޫ އަދި ކުޑަހުވަދޫ އާއި ނިލަންދޫ ސެމީއަށް

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެން ނެވެ.

ޕެނަލްޓީ ޝޫޓްއައުޓް ގާފަރުން ކާމިޔާބުކުރީ 3-4 އިން ނެވެ.

ހިންމަފުށި ކައުންސިލްގެ އިދާރާ – އެފްބީ

3-4 އިން މެޗު ކާމިޔާބުކޮށް ސެންޓްރަލް ޒޯން 1 ގެ ޗެމްޕިއަންކަން ގާފަރު ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރު ޓީމުގެ ނާއިހް މުފީދު އެވެ.

މި މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ބޮޑުފޮޅުދޫ ޓީމުގެ އަޙްމަދު މާއިން މުޙައްމަދެވެ. މުބާރާތުގެ މޯސްޓް ޕްރޮމިޝިންގް ޕްލޭޔާރގެ މަގާމް ހޯދީ ހިންމަފުށި ޓީމުގެ މުޙައްމަދު ޔުއާން ބިން ޝިފާޒް އަޙްމަދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ބޮޑުފޮޅުދޫ ޓީމުގެ އަޙްމަދު މާއިން މުޙައްމަދު، ބޮޑުފޮޅުދޫ ޓީމުގެ މުޙައްމަދު ޝިރުހާން، ގާފަރު ޓީމުގެ ޝާމިން މުޙައްމަދު ނަސީރު، ގާފަރު ޓީމުގެ ޝަނާން ރަޝާދު އަދި ގާފަރު ޓީމުގެ ގޯލްކީޕަރު ފައްޔާޒް ފަޔާޒެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ގާފަރު ޓީމުގެ ކޯޗު އަޙްމަދު ނިޝާން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގާފަރު ޓީމުގެ ފައްޔާޒް ފަޔާޒެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top