މިއީ ގިނަރައިވެރިމަހާ ޚިލާފަށް މާފުނުގައި އުޅޭމަހެކެވެ. ޢާއްމުގޮތެއްގައި އުޅެނީ 40 މީޓަރަށްވުރެ ފުން ފަރުތަކުގައެވެ. ވުމާއެކު ދިވެހި މަސްވެރިންނަށާއި ފަރުފަޅަށްއެރި ފިނާއުޅޭ މީހުންނަށް މިއީ ގިނައިން ފެންނަ މަހެއް ނޫނެވެ. މިއީ އިންޑިއާ ކަނޑުގެ ބޮޑު ސަރަޙައްދަށް ބެހިފައިވާ މަހެއްކަމުގައިވިޔަސް މިބާވަތް ރެކޯޑްކުރެވިފައިވަނީ ވަރަށް މަދުންނެވެ. ދިވެހި މަސްވެރިން ރޭގަޑު ނަނުފައްތައިގެން ކުރާ ކެޔޮޅުކަމުގައި މިބާވަތް ވަރަށް މަދުން ބޭނިފައިހުރުމަކީ އެކަށީގެންވާ ކަމެކެވެ.

 

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 12 އާއި 14 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު ނުވަތަ 9 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ވިދާ ފިޔާތޮށިކުލައެކެވެ. މަހުގެ ދެފަރާތުގައި މަހުގެ ދިގަށްވާގޮތަށް ރަންކުލައިގެ ރޮނގުތަކެއް ފާޅުކޮށް ފެންނަން ހުރެއެވެ. ކަރުތާފަތްމަތި ރަތްކުލައިގެ ފުޅާ ރޮނގެއް ބޮލުގެ ހުރަހަށް ހުރެއެވެ. ބުރަކަށިމަތީ ކޮތަރިބައިގެ ދެކަށިދޭތެރޭ ދުލިފަށް ހުންނަނީ ރަތްކުލައިގައެވެ. މިއީ 22 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

 

މިއީ ދިވެހި މަސްވެރިންނަށް ގިނައިން ފެންނަ މަހަކަށް ނުވުމާއެކު މިމަހަށް ދިވެހިން ކިޔާއުޅޭނަމެއް ރެކޯޑްކުރެވިފައި ނެތުމާއެކު މަހުގައި ހުންނަ އެންމެ ފާހަގަކުރެވޭ ސިފައަށްބަލައި، މަހަށްކިޔާ ސައިންޓިފިކްނަމާ ގުޅޭގޮތުން މިމަހަށް “ރަންރޮނގު ރައިވެރިމަސް” ކިޔާނަންދީފައިވަނީއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.