މިޒަމާނުގެ ތާރީޚުގެ ތެރެއިން 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ސިފައިންކޮށްފައިވާ ތަޖުރިބާއަކީ ހަނދާނުން ފޮހެވިގެން ދާނެ ކަމެއް ބާއޭ ހިތަށް އަރައެވެ. ދުވަސްތައް ހަފުތާތަކަށް، ހަފުތާތަށް މަސްތަކަށް މަސްތައް އަހަރުތަކަކަށް ބަދަލުވަމުންގޮސް އެޢުދުވާނަށް ބާވީހަކަށް އަހަރު ވޭތުވެ ދިޔައިރު، މިހާރު އެދުވަހަކީ ހުރަވީ ދުވަސް، ޝަހީދުންގެ ދުވަސް، ރާއްޖެ އިސްލާމްވި ދުވަސް ފަދައިން ނަޞްރުގެ ދުވަހުގެ ނަމުގައި ފާހަގަ ކުރެވޭދުވަހެކެވެ. ނަމަވެސް އަދި މިއަދުވެސް އެޢުދުވާނުގައި ހަށިގަނޑާއި ފުރާނަޔަށް ނުބަލާ އިސްލާމްދީނާ ދިވެހިޤައުމާ ރައްޔިތުންގެ ޙައްޤުގައި ޖިހާދުކުރި ދިވެހި ދަރިން ސިފައިންގެ ތެރޭގައި އެބަތިއްބެވެ.

މިޒަމާނުގެ ތާރީޚުގެ ތެރެއިން 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ސިފައިންކޮށްފައިވާ ތަޖުރިބާއަކީ ހަނދާނުން ފޮހެވިގެން ދާނެ ކަމެއް ބާއޭ ހިތަށް އަރައެވެ. ދުވަސްތައް ހަފުތާތަކަށް، ހަފުތާތަށް މަސްތަކަށް މަސްތައް އަހަރުތަކަކަށް ބަދަލުވަމުންގޮސް އެޢުދުވާނަށް ބާވީހަކަށް އަހަރު ވޭތުވެ ދިޔައިރު، މިހާރު އެދުވަހަކީ ހުރަވީ ދުވަސް، ޝަހީދުންގެ ދުވަސް، ރާއްޖެ އިސްލާމްވި ދުވަސް ފަދައިން ނަޞްރުގެ ދުވަހުގެ ނަމުގައި ފާހަގަ ކުރެވޭދުވަހެކެވެ. ނަމަވެސް އަދި މިއަދުވެސް އެޢުދުވާނުގައި ހަށިގަނޑާއި ފުރާނަޔަށް ނުބަލާ އިސްލާމްދީނާ ދިވެހިޤައުމާ ރައްޔިތުންގެ ޙައްޤުގައި ޖިހާދުކުރި ދިވެހި ދަރިން ސިފައިންގެ ތެރޭގައި އެބަތިއްބެވެ.

ނޮވެމްބަރ 3 ގެ ޢުދުވާނުގައި ދުޝްމިނުން މާލެ އަރައި ސިފައިންގެ މައިމަރުކަޒަށް ޙަމަލާ ދިންވަގުތު ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޙަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރާ މިހާރުގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް މޫސާޢަލީ ޖަލީލާ މިނޫނަސް މިފަދަ އެތައް ބޭފުޅުންނެއް ހިމެނެއެވެ. ނަމަވެސް މިދެންނެވި ދެބޭފުޅުންގެ ޚިދުމަތް ޚާއްޞަގޮތެއްގައި ފާހަގަކުރާއިރު އެޢުދުވާނުގައި ޖިހާދުކޮށް ޝަހީދުވި އަބްޠާލުންގެ ހަނދާންތައްވެސް ފާހަގަ ކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމުގައި ދެކެމެވެ. މީގެ އިތުރުން އެދުވަހު ސިފައިންގެ އެކިދަރަޖައިގެ އެކިއެކި ބޭފުޅުންނާއި، އާންމުކޮށް ހުރިހާ ސިފައިން އެކުރެއްވި ހިތްވަރާ ކޮށްދެއްވި މަތިވެރި ޚިދުމަތަށް އައްސަރިބަހާއި ސާބަސް ދަންނަވާލާފައި ނޫނީ ކުރިޔަށް ދިއުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ދެކެމެވެ.

ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާއަކީ ނުރައްކާތެރި ޙަމަލާއެކެވެ. ކުއްލިއަކަށް ރޭގަނޑެއްގެ ދަންވަރުގެ ފަހުގެ ވަގުތުގައި އަރާމު ނިދީގައި މުޅިޤައުމު ނިދާފައިވަނިކޮށް ހަތިޔާރާއެކު މާލެއަރައި ދުޝްމިނުން ބަޑިތަޅައިގަތުމުން ލިބުނު ބިރުވެރިކަމުގައި މާލެތެރޭގައި ރައްޔިތުން ތިބީ ގުޑިލާންވެސް ނުކެރިފައެވެ. ސިފައިންގެއިންބޭރުގައި ތިބި ސިފައިން އެކިއެކި މިންވަރަށް އެކިއެކި މަސައްކަތްތައް ކުރަމުން ގެންދިޔައެވެ. އޭގެ ތެރެއިންވެސް އެންމެ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި މިފާހަގަ ކުރަނީ ބަޑިގުދަނުގެ މުހިންމު ބައެއްގެ ތަޅުދަނޑި ސިފައިންގެއިން ބޭރުގައި ވަނިކޮށް ސިފައިންގެއަށް ގެނެސްދެއްވުމަށް ސިފައިންގެ ދެބޭފުޅަކު ވެވަޑައިގަތް ޤުރުބާނީއެވެ.

އޭރުގެ ސިޔާސަތު އޮތްގޮތުން ބަޑިގުދަނުގެ އެއްބައިގެ އެތަޅުދަނޑިއަކީ އެއިރު ސިފައިންގެ ވެރިޔާގެނާއިބުގެ ޚާއްޞަ ބެއްލެވުމުގެ ދަށުގައި އޮންނަ ތަޅުދަނޑިއެކެވެ. ނަމަވެސް ކަމެއް ދިމާވެއްޖެ ނަމަ ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ތަކެތި ލިބޭގޮތަށް އޮންނަނީ އިންތިޒާމް ކުރެވިފައެވެ. އެހެންކަމުން ހަމަލާ ފެށިގެން ވަކިހިސާބަކަށް ދިޔައިރު، އެތަޅުދަނޑި ސިފައިންގެއަށް އޮތީ ގެންނަން ބޭނުންވެފައެވެ.އެކަމުގައި މިހާރުގެ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދުދީދީ އާއި ވައިސް ޗީފްއޮފް ޑިފެންސް ފޯސްގެ ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރުގެ މަތިވެރި ޚިދުމަތަކީ މިޤައުމު މިގޮތުގައި ދެމި އޮތްހާ ހިނދަކު އެޚިދުމަތަށް ޝުކުރު އަދާވެވެން ޖެހޭވަރުގެ މަތިވެރި ޚިދުމަތެކެވެ. އަތުގައި އެއްވެސް ހަތިޔާރެއް ނެތި، ތިމާމެންގެ ހަށިގަނޑާ ފުރާނަ ސަލާމަތް ކުރެވޭނެ ވަސީލަތެއް ނެތި ދީނަށްޓަކާ، ޤައުމަށްޓަކާ އަދި ރައްޔިތުންގެ ޙައްޤަށްޓަކައި އެކޮށްދެއްވި މުހިންމު މަސައްކަތެވެ. އެމިޝަން ކާމިޔާބު ނުކުރެވިއްޖެނަމަ ނުރައްކަލާ ގެއްލުން އޮތީ މުޅިޤައުމަށެވެ.

އެނުރައްކާތެރި ދަނޑިވަޅުގައި ކަންހުރިގޮތަށް ބަލާއިރު ފެންނަނީ ވަރަށްވެސް ބިރުވެރި މަންޒަރެކެވެ. ދުޝްމިނުންތިބީ ސިފައިންގެ މައިމަރުކަޒު ވަށާލާ ރުކުރުވާ ލައިގެން ޒަމާނީ ހަތިޔާރާއެކު ހަމަލަދީދީއެވެ. ރައީސް އޮފީހުގެ ހުޅަނގު ދެކުނު ކަންމަތިން އޭރުގެ ފުލުސްއޮފީސް ހުރި ދިމާލަށް ޙަމަލާދެމުންދިޔައެވެ. ބަނޑޭރިގޭ ގޭޓާ ދާދި ކައިރީ ހުރި ދޮށިމޭނާ ބިލްޑިންގެ ފަހަތުން އަދި އެބިލްޑިންގ ގެ އެތެރެއިން ސިފައިންގެ މައިގޭޓަށް، ބަނޑޭރިގެއަށް ޙަމަލާދެމުން ދިޔައެވެ. ސިފައިންގެ ހުޅަނގު ދެކުނުކަން ގޮއްވާލައިގެން ސަރަޙައްދުން ދުޝްމިނުން ހަމަލާދެމުންދިޔައީ ރާއްޖޭގެމައްޗަށް އަތްގަދަ ކުރެއްވިއްޖެނަމަ ލިބެން އޮތް ފުރުސަތުތަކަށް ފެންބޮވައިގެންފައިވާ ޙާލެއްގައެވެ. އަނެއްކޮޅުން ދުޝްމިނުންނަށް ރައްދު ޙަމަލާ ދިނުމުގައި ސިފައިން ކެނޑިނޭޅި ދިޔައީ ޙަމަލާތައް ބަދަލު ކުރަމުންނެވެ. ޝަހީދު ކޯޕްރަލް ޙުސައިންއާދަމް އޭނާގެ އަތުގައި އޮތް ދެމެގަޒިނުން ދުޝްމިނުންނާއި ޙަމަލާދީ ޝަހީދުވީ އެނުރައްކާތެރި ވަގުތުކޮޅުގެ ތެރޭގައެވެ. އެނުރައްކާތެރި ވަގުތުގައި ސިފައިންގެއިން ހަތިޔާރު ހުސްވުމުގެ ކުރިން ބަޑިގުދަނުގެ ދެވަނަ ބައިގެ ތަޅުދަނޑި ސިފައިންގެއަށް ގެނައުން އޮތީ ވަރަށް ބޮޑު މުހިންމު ކަމަކަށް ވެފައެވެ. އިތުރު ހަތިޔާރާ ވަޒަން ބޭނުންވާތީއެވެ.

މިނުރައްކާތެރި ވަގުތުގައި އިއްތިފާގުން ސިފައިންގެއަށް ޖެނެރަލް އިބްރާހީމް މުޙައްމަދުދީދީ ގުޅުއްވީ މިތަޅުދަނޑި ސިފައިންގެއަށް ގެނައުމަށް އިންތިހާއަށް ބޭނުންވެފައި ވަނިކޮށެވެ. އެވަގުތު އޭރުގެ މޭޖަރ މުޙައްމަދު ޒާހިރު، އިބްރާހީމް މުޙައްމަދުދީދީއަށް ބަޑިގުދަނުގެ ދެވަނަ ބައިގެ ތަޅުދަނޑި ސިފައިންގެއަށް ގެނެސް ދެއްވުމަށް ވިދާޅުވީ އެދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. މިޙަވާލުވި ޤައުމީ މަސްއޫލިއްޔަތާއިގެން އިބްރާހީމް މުޙައްމަދު ދީދީ ނުކުމެވަޑައިގަތީ ވަރުގަދަ ޢަޒުމަކާއި ވަރުގަދަ އީމާނަކާއެކުގައެވެ. ޤައުމަށްޓަކާ ކޮށްދެވޭ އެންމެފަހުގެ ޚިދުމަތަކީ މިއީ ކަމުގައިވިޔަސް ފަރުވާލެއް ނެތްކަމުގެ ރޫޙުގައެވެ.

ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދުދީދީ ވިދާޅުވާ ގޮތުގައި ސްކޫލު ކުއްޖެއްގެ ޔުނިފޯމް ތުރުކުރައްވައިގެން ތަޅުދަނޑި ހޯދަން ކުރެއްވިމަސައްކަތަކީ ވަރަށްވެސް ނުރައްކާތެރި މަސައްކަތެކެވެ. ތަޅުދަނޑި ބަލާ އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާގެ ނައިބު ހުންނަވާ މއ.ކިނބިގަސްދޮށުގެއަށްދާން ގޮސް ގެ ކައިރިއަށް ދެވުނުއިރު ކިނބިގަސްދޮށުގޭ ކުރިމަތިން ރީދޫމާގޭ ފާރުކައިރީ ޝަހީދުވެފައި އޮތީ ކުޑަނެވި ތުއްތުމަނިކެވެ. ވަރަށް އެކުވެރި ގާތް ބޭފުޅެކެވެ. އެތެރޭގެ ޙާލަތެއް ނޭގެއެވެ. އެތެރޭގައި ހަތިޔާރުއެޅި ދުޝްމިނުން ތިބިނަމަ ދޮރު ހުޅުވާލާތަނުން އެމީހުންގެ ޙަމަލާ އަމާޒުވާނެއެވެ. ދުޝްމިނުން ބޭރުގައި ހިނގާލަހިނގާލާ ތިބީ އެތާ ދާދި ކައިރީގައެވެ. ކިރިޔާ ޝައްކެއްވިޔަސް އެމީހުން ކޮށްފާނެކަމެއް އޮޅިވަޑައެއް ނުގަންނަވައެވެ. ފުރަތަމަ ކިނބިގަސްދޮށުގެއަށް ވަތްއިރު ގޯތިތެރޭގައި ލާންސްކޯޕްރަލް މުޙައްމަދު ސަލީމް (އުންބެ ސަލީމް) އާއި ޕްރައިވެޓް ދެމާސަލީމް ދެއަތް ފުރަގަހަށްލާ ބަނދެފައި ގޯތި ތެރޭގައިތިއްބާ ފެނިވަޑައިގަތެވެ. އެފަހަރު ބޭރަށް ނުކުމެވަޑައިގަތީއެވެ. ނަމަވެސް އެހެން ހަދައިގެން މިމަސައްކަތް ކާމިޔާބު ނުވާނެތީ ދެވަނަ ފަހަރަށްވެސް އެގޭތެރެއަށް ވަދެވަޑައިގަތީއެވެ.

ޖެނެރަލް އިބްރާހީމް މުޙައްމަދުދީދީ ވިދާޅުވާ ގޮތުން ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރާ ދެބޭފުޅުން ތަޅުދަނޑި ހިފައިގެން ސިފައިންގެއަށް ވަޑައިގަތީ އާދެވޭ ހިސާބު ސިފައިންގެއަށް އަންގަވަމުންނެވެ. ސިފައިންގެއާ ހަމައަށް އައުމަށްޓަކާ ވަރަށް ގިނަ ބުރަތަކެއް އުފުއްލެވިއެވެ. މާލޭގެ އެކިހިސާބުން ފެންނަ ތަމަޅަ ބާޣީންގެ ޓާގެޓަކަށްނުވެ ސިފައިންގެއާހަމައަށް ވާސިލުވާން ޖެހެއެވެ. އެގޮތުން އެންމެ ސަލާމަތްތެރި މަގެއްކަމުގައި ޚިޔާރު ކުރެއްވީ ގޭގޭތެރެއިން ފާރުފާރުގެ މަތިން ހުރަސްކޮށް ސިފައިންގެއާ ހަމައަށް ވަޑައިގަތުމެވެ. ދެބޭފުޅުން އެކުއެކީގައި ވަޑައިގަންނަވާނަމަ ދުޝްމިނުންނަށް ޝައްކުވެދާނެތީ ދެބޭފުޅުން އިޚްތިޔާރު ކުރެއްވިކަމަށްވަނީ ދެމަގެކެވެ. އެންމެ އުނދަގޫފުޅުވެ ވަޑައިގަތް ކަމަށްވަނީ އެސްޖެހިގޭ ދެކުނުންހުރި ފެން ތާނގީގެ ސަރަޙައްދުގައިވާ ގާތްގަނޑަކަށް 15 ވަރަކަށް ފޫޓުގެ އުސް ފާރެއް ގިނިކަންޏާ ހުރަސްކޮށް އެސްޖެހި ގެއަށް ވަޑައިގަތުމަށެވެ. ފާރު ހުރި ގޮތުންނެވެ. އެތަނުގެ ތެރޭގެ ޖާގަ ހުރިގޮތުންނެވެ. ނަމަވެސް ކުރެއްވިމަސައްކަތުން ހީނުކުރާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަން ޙާސިލް ކުރެއްވުނު ކަމަށްވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީ ތަޅުދަނޑި ސިފައިންގެ ފާރުމަތިން އެއްލީ އެސްޖެހިގޭ (މިހާރުގެ އެސްޖެހި ގެލެރީ) ކުރިމަތީގައި ހުންނަވާފައެވެ. އިބްރާހީމްދީދީ ވިދާޅުވާގޮތުންނަމަ ތަޅުދަނޑި ގޮސްޖެހުނީ ގަހެއްގައެވެ. ނަމަވެސް އެދިމާލަކީ ގަހެއް ހުންނަ ހިސާބެއް ނޫނެވެ. އެހެންކަމުން ގަސްހުރިހިސާބު ބަލަންޖެހުމުން ތަޅުދަނޑި ހޯދަން މަސައްކަތް ކުރިމީހުން ބަލަމުންގެންދިޔައީ ލަޅުދަނޑި އޮތްހިސާބާ ވަރަށް ވަރަށް ދުރު ހިސާބެކެވެ. ތަޅުދަނޑި ސިފައިންނަށް ލިބުނީ އިބްރާހިމްދީދީ ސިފައިންގެއަށް އެއްލެވިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ. ސިފައިންނަށް ތަޅުދަނޑި ލިބުމުން ސިފައިންގެ ޙަމަލާތައް އިތުރަށް ވަރުގަދަ ވެގެން ދިޔައެވެ. ސިފައިންނަށް އިތުރު ހިތްވަރު ލިބުނެވެ. އެހިސާބުން އާރޫޙަކާ ގަދަ ހިއްވަރަކާއެކު ސިފައިން މަސައްކަތްކޮށް އާޚިރުގައި ނަޞްރު ލިބިގެން ދިޔައީ ދިވެހި ސިފައިންނަށެވެ. އިންޑިޔާ ސިފައިން ރާއްޖެ އައިއިރު ދުޝްމިނުން ފިލަންވެގެން ދިއުމަށް ޕްރޮގްރެސް ލައިޓުގައި ގާދޫކޮލުން ނުކުންނަނީއެވެ.

އެ މުހިންމު ދަނޑިވަޅުގައި ސިފައިންގެ ތެރެއަށް ތަޅުދަނޑި ފޯރުކޮށް ނުދެވުނުނަމަ މިޤައުމުގެ މިނިވަންކަން ގެއްލި، ހިޖުރައިން 965 ވަނައަހަރުގެ ޝަޢުބާމަހު 1 ވަނަދުވަހު ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް މިރާއްޖެ ދިޔަ ފަދައިން، މިއަދު މިރާއްޖެ އޮތީހީ ތަމަޅައިގެން ހާއްޔަކަށް ވެފައެވެ. މިރަށްތަކުން ލިބޭ ފައިދާ މީގެކުރިން އަހަރުން އަހަރަށް އޮޅުދޫކަރައިގެ ކޯއްޓޭއަށާއި އުތުރުކަރައިގެ ގޯވާގައިހުރި ޕޯޗްގީޒު ގަވަރނަރ އަށް ފޮނުވާފަދައިން، މުއްލިކުލަމަށް އަހަރުން އަހަރަށް ޖިޒީއާއި ވެދުން ހިފައިގެން ދިވެހި އޮޑިފަހަތުގައި ދަތުރުކުރަން އޮތީހި ދިވެހިންނަށް ޖެހިފައެވެ.

އެހެންކަމުން ބްރިގޭޑިއަރ ޖެނެރަން އިބްރާހީމް މުޙައްމަދުދީދީއާއި އޭނާއާއެކު އެދުވަހު އެހީތެރިވެ ވަޑައިގެންނެވި ބްރިގޭޑިއަރ ޖެނެރަލް ފަރުހަތު ޝަހީރުގެ އެމަތިވެރި ޚިދުމަތަކީ ޝަރަފުވެރިކަމާއެކު ބަލައިގަންނަޖެހޭ ވަރަށްވެސް ޚާއްޞަ ޚިދުމަތެކެވެ. ދެއްވަންޖެހޭ އެންމެ މަތިވެރި ޝަރަފުގެ ޙައްޤުދާރުންގެ ގޮތުގައި އެބޭފުޅުން ފާހަގަ ކުރެވެއެވެ. އެދުވަހު ސިފައިންނަށް ލިބުނު ނަޞްރުގައި މިބޭފުޅުންގެ ޙިއްސާ ވަރަށް މަތީ ދަރަޖައަކަށް ގުޅިފައިވެއެވެ. އެބޭފުޅުން، އެބޭފުޅުންގެ އެމަސައްކަތުން ދައްކުވައިދިނީ ސިފައިން ޤައުމަށްޓަކާ ކޮންމެފަދަ ޤުރުބާނީއެއްވެސް ވާންޖެހިދާނެކަމެވެ. މިއީ މިއަދުގެ ސޯލްޖަރުން އެމަތިވެރި ހިތްވަރުން ހިތްވަރު ހޯދަންޖެހޭ ކަމެކެވެ. އެޝަޚްސިއްޔަތުން ނަމޫނާއަކަށް ބަލައިގަންނަން ޖެހޭ ކަމެއްވެސްމެއެވެ. މިކަމުން ހިތުގައި ކަށަވަރު ކުރަންޖެހޭ ކަމަކީ މާތްﷲ ސިފައިންކުރާ މިފަދަ ކޮންމެ ކަމެއްގައި ނަޞްރާ ތައުފީޤް މިންވަރު ކޮށްދެއްވާނެކަމެވެ. މިއަދުވެސް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީއާއި ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރަކީ ޤައުމަށްޓަކާ ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް ކޮނޑުފުޅުގައި އަޅުއްވައިގެން ޤައުމީ ޚިދުމަތުގައި ދެމިތިއްބެވި ޚާދިމުންނެވެ. އެއްބޭފުޅަކީ ދިވެހި ޢަސްކަރިއްޔާގެ ސަދަން ކޮމާންޑުގެ ކޮމާންޑަރެވެ. އަނެއްބޭފުޅަކީ ދިވެހި އަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ. އެދުވަހެކޭ މިއަދެކޭ އެބޭފުޅުންގެ ޚިދުމަތަކަށް އެޢަޒުމަކަށް ބަދަލެއް ނާދެއެވެ. އައްސަރިބަހާއި ސާބަސް.!

 

ލިޔުނީ: ޖަޢުފަރު ޢަބްދުއްރަޙުމާން
މަސްދަރު: އައްޑަނަ މަޖައްލާ

 

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.