ނަކަލު ކޮށްފައިވާ ލަވަތަކުގެ ވާހަކަ، ވައިގައި ހިފާފައިވާ ދުވަސްކޮޅަކަށް ވުމާއިއެކު މިފަހަރުވެސް މި ގެނެސްދެނީ އެފަދަ ލަވައެކެވެ. މިފަހަރުގެ ލަވައަކީ ދިވެހި ފިލްމު “ހަދިޔާ” ގެ އެންމެ ހިތްގައިމު އެއް ލަވަ ކަމަށްވާ “މިރާއްޖޭގެ ސާފު ވައިލިބި…” ލަވަކެވެ.
މި ލަވައަށް ބަލައިލާއިރު، މިއީ ތަމަޅަ ލަވައެއްގެ ރާގަށް، ޢަލީ ރަމީޒް ކިޔާފައިވާ ލަވައެކެވެ. ވަރަށް ނޭވާ ދިގުކޮށް ކަޑިތައް ހިފަހައްޓާލައިގެން ކިޔާފައިވާ ހިތްގައިމު ލަވައެކެވެ. ރާއްޖޭގެ ރީތި ތިމާވެށީގެ ވާހަކަތައް ދެކެވޭ ލަވައެކެވެ.
ނަމަވެސް މި ލަވައިގެ ވީޑިއޯ އަކީވެސް ‘މަންޒަރުން މަންޒަރަށް’ ނަކަލުކޮށްގެން ހަދާފައިވާ ވީޑިއޯއެކޭ ބުނެވޭނެ ފުރުޞަތު އެބައޮތެވެ. ލަވައިގެ ކާސްޓުން ހޮވާފައިވާ އުމުރުފުރާ ދާދި އެއްވަރެވެ. ލަވައިގެ ވީޑިއޯ ނަގާފައިވާ ލޮކޭޝަން، ޑައިރެކްޝަން ދާދި އެއްގޮތެވެ. ތަމަޅަ ލަވައިގައި ކިޔާ އެއްޗެއްގެ މާނަ އަޅުގަނޑަށް ނޭނގުނަސް، ދައްކާ މަންޒަރުން ދޭހަވަނީ ލަވައިގެ ޅެންވެރިކަމުގައި ބޭނުންކޮށްފައިވަނީ ދާދި އެއްކަހަލަ ވާހަކަތަކެއް ކަމުގައެވެ. ގޫގްލް ޓްރާންސްލޭޓަރ ގެ އެހީގައި ޗެކްކޮށްލުމުން އެކަން ޔަޤީންވެސް ކުރެވިއްޖެ އެވެ.
ދިވެހި ލަވަ: “މިރާއްޖޭގެ ސާފު ވައިލިބި…”
ތަމަޅަ ލަވަ: “މަނިލް އިންދާ ކާދަލަންދްރި…”
ދެލަވަ އެއްކޮށްލައިގެން ވީޑިއޯއެއް ތައްޔާރުކުރެވިފައި ނެތަސް، ދެ ލަވަ ބަލައިލުމުން ހުރި އެއްގޮތްކަމާއި ފަރަޤު ވަޒަންކޮށްލެވޭނެ އެވެ.
