‘ގަދަ ވިއްސާރަ ރެއެއްގައި މިފްޒާލް އޭނާގެ ރަށަށް ދެއެވެ. ވަރުބަލިކަމާއެކު ގޭގައި ނިދާފައި އޮއްވާ ދޮރުގައި މީހަކު ޓަކިދޭ އަޑުއިވި އޭނާގެ ވަރުބަލިވެފައި ނަފުސު ހޭލައްވައިލައެވެ. ޤަބޫލުކުރަން ދަތި އެތަކެއް ކަންތައްތަކަކާއި މިފްޒާލަށް ކުރިމަތިލާން ޖެހެއެވެ.’
މިއީ ބައިސްކޯފް އެޕްގައި މިހާރު ޝާއިޢުކޮށްފައިވާ ފިލްމު “ގިނިހިލަ’އިގެ ކުރު ތަޢާރަފެކެވެ.
‘މިއަދު’ ނޫހުން އޭރު ބާއްވަމުން ގެންދިޔަ ކްރިސްޓަލް އެވޯޑުގެ އެންމެ މޮޅު ވިޒުއަލް އިފެކްޓްސް އެވޯޑް ހޯދާފައިވާ ފިލްމު “ގިނިހިލަ” އަކީ 2003 ވަނަ އަހަރު ރިލީޒްކޮށްފައިވާ ދިވެހި ބިރުވެރި ފިލްމެކެވެ. ހިންދީފިލްމު “ރާޒް” ގެ ނަކަލެކެވެ. ޑައިރެކްޓް ކޮށްފައިވަނީ އޭރުގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރު އީސާ ޝަރީފް އެވެ. ޕްރޮޑިއުސްކުރީ ‘އީއެމްއޭ ޕްރޮޑަކްޝަންސް’ ސްޓޫޑިއޯ އިންނެވެ.
ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ޢަލީ ސީޒަން (މިފްޒާލް އާމިރް)، މަރިޔަމް ނިޝާ (ސަޖުނާ)، ރީކޯ މޫސާ މަނިކް (ހަކީމް)، ނިޢުމާ މުޙައްމަދު (ސުހާނާ)، ޝީރީން ޢަބްދުލް ވާހިދު (ޒޭބާ) އެވެ.
ތާރު އެޅި ލިންކްރޯޑެއް ނެތް ދުވަސްވަރު، ހައްދުންމަތީ ގަންފޮނަދޫ ސަރަހައްދުގައި ކުޅެފައިވާ މި ފިލްމުން ހައްދުންމަތީ ގަމު ބޮޑުފެންގަނޑު (ޕަރީ ފެންގަނޑު) އަދި މާންދޫ ރުއްގަނޑު ތެރޭގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދެވެ.
ހަނދާންތައް އައުކޮށްލުމަށް އަނެއްކާވެސް ބަލައިލަން ރަނގަޅު ފިލްމެއް މިހާރު މިވަނީ ބައިސްކޯފު އެޕްގައި ހިމަނާފައެވެ.
