ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދޮހަޔަކޫ ކޮންމެ އަހަރަކުވެސް ފެބްރުވަރީ މަހު އެކާވީސްވަނަ ދޮހާ. އެކަމަކުވެސް ކޮންމެ އަހަރަކުވެސް މި ދޮހާ އެބަ އުމަންކަން އެނގޭނޫ ދިވެހި ކުލަބުން މާދަރީ ބަހުގެ ދޮހަޔަށް އެދޮހާ ފާހަގަކެރާން ކަންކަން ތާވަލުކޮށް އާންމުކެރަން ހިސާބުން.
އޭރު އޮންނާނޫ މާދަރީ ބަހުގެ ދޮހާ ޖެހޭން ހަފުތާޔަކަށް ވެފާ. ދެން އެޖެހެނޫ ކަންތެކާ. ކުދުވެރީން، އެކުދޫން މާދަރީ ބަހުގެ ދޮހާ ކިޔާން ޅެމާ ފަރިއްސާ ބަންޖާ ދަސްކެރާން ފަށާންވޫ. ބެލެނިވެރީން ބަލާނޫ އެދޮހާ ލާން ޤައުމީ ހެދުން ލިބޭތޯ.
މިދިޔަ އަހަރު ލީހެދުން އޮންނާޅޭ ކިޔާފާ ތިބެތިބެފާ ހެދުން ހޭވަރަތޯ ބަލާލާން ހެދުން ލައްވަން އިރު އެހެދުން ބާރަ ވާޅަ. ނޯނުއްވާ އޮންނާނޫ ކުރަވެފާ. ދެން އެވޫ ދަންނަ އެންމެނަށް ގުޅާން ހޭވަރަ ހެދުމެއް ލިބޭތޯ. އެވަރުން ނުވެގެން ދެން އެވޫ ފޮތި ގަނެގެން ވެސް އެދޮހަޔަށް ތައްޔާރަވާން.
އާންމުކޮށް އެއް ފިހާރަޔުން ފޮތި ލިބިއްޖައްވާ ކަސަބަ ހޯދާން ޖެހޭނޫ ދެންހުރީ އެހެން ހުރިހައި ފިހާރަތެކަށް ދުއްވާން. ދެންއެވޫ ފަހައިދޭން މީހެއްވޭތޯ ބަލާން. އެޔޯވެސް އަނިއްކާ އަނިއް ހަ ކަންތެއް. ފަހަން މީހުން ކިތައްމަ ބައިވަރަ އޮޅެނަސް އެންމެންވެސް އޮޅޭނޫ އަވަދިނެތީގެން ދެލޯ މުދުނަށް ނަގައިގެން.
އެތެއް ވަރަކަށް އޮޅީއޮޅީގެން ހެދުން ފަހައިގެން ލިބޭނޫ ވިހި ވނަ ދޮހާ ނޯނުއްވާ އެރޭ. އެވަރުންވެސް މާދަރީ ބަހުގެ ދޮހާ ހުރިހާ ކުދޫންވެސް ތިބޭނޫ ނިކަން ނަލަވެގެން އައިޓަމް ހުށައަޅާން ތައްޔާރަ ވެގެން.
އާޅޭނޭ އަހަރިން ހިތަށް އަރައި މާދަރީ ބަހުގެ ދޮހާ އުމަންއިރޭ ކޮންމަހެނެއް ހަދާފާވެސް ދިވެހި ހެދުން ލާފާ މާދަރީ ބަހުގެ ދޮހާ ހައެއްކަ އައިޓަމު ހުށައެޅޫމާ އެޔޯ މާދަރީބަހަ ހިމާޔަތް ވޫބާއޭވެސް. ދެން ކޮންމަޔަކަސް މިޔޯ ކޮންމަ އަހަރަކު މާދަރީބަހުގެ ދޮހާ އަފޭމީހުން އޮޅޭން ޖެހެން ހާލު، އަފޭން ފޮނަދޫ މީހުންގެ ބަހުރުވަޔުން ކުރަގޮތަކަށް މި ކިޔައިދިނޫ.
