އިލްޔާސް ވަހީދުގެ “އައި ފިލްމްސް” އިން އަލަށް އުފައްދާ ފީޗާ ފިލްމު ”ބަވަތި”ގެ ދިގު ޓްރެއިލަރ ނުވަތަ ތިއެޓްރިކަލް ޓްރެެއިލަރ މިމަހު 12ވާ ހުކުރު ދުވަހު އާއްމުކޮށް ރިލީޒްކުރުމަށް ނިންމައިފި އެވެ.
“ބަވަތި”ގެ ޑައިރެކްޓަރ އިލްޔާސް ވަހީދު، މުނިއަވަސް އަށް ބުނީ ހުކުރުދުވަހުގެ ރޭ 08:30 ގައި މީސްމީޑިޔާއަށް ޓްރެއިލަރ ދޫކޮށްލާނެ ކަމަށެވެ. މީގެ އިތުރުން ހަމަ އެރޭ ވީޓީވީ ސިނަމާ ޕްރޮގްރާމުގައިވެސް މި ޓްރެއިލަރ ދައްކާނެކަމަށް އިއްލެ ބުނެއެވެ.
މިއަހަރު ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ރޭ ރިލީޒް ކުރުމަށް ނިންމާފައިވާ “ބަވަތި” އަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ.
ފިލްމު “ބަވަތި”ގައި މުހިންމު ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ އިފްނާޒް ފިރާގެވެ. އިފްނާޒަކީ ދިޓީވީގެ އިތުރަށް ދި ވީޓީވީގައިވެސް ބައެއް ޝޯތައް ހުށައަޅާދީފައިވާ ޕްރެޒެންޓަރެވެ. މީގެ އިތުރުން އިފްނާޒަކީ ބައެއް އިޝްތިހާރުތަކުންވެސް ފެންނަ ފަންނާނެކެވެ.
ހުކުރުދުވަހުގެ ރޭ ރިލީޒްކުރާ ދިގު ޓްރެއިލަރ އިން ފިލްމު ”ބަވަތި”އިން ފެނިގެންދާނެ އެތަކެއްގެ މަންޒަރުތަކެއް ކުރު ޚުލާސާއެއްގެ ގޮތުގައި ފެނިގެންދާނެއެވެ.
